މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

އަލިފުށީގެ ކުލީބިންތަކަށް ލިބެންޖެހޭ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އޭސީސީން އަންގައިފި

ރ. އަލިފުށީގައި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ކުލީބިންތަކުން ދައުލަތަށް ލިބެންޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ރަށު ކައުންސިލަށް އަންގައިފިއެވެ.

ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް އެ ފައިސާތަކާއި ގުޅުންހުރި އެކި މުއައްސަސާތަކަށް އަންގާފައިވާކަމަށް މިއަދު އޭސީސީންވަނީ ބުނެފައެވެ. އެގޮތަށް އެންގި ތަންތަނުގެ ލިސްޓުގައި އަލިފުށި ކައުންސިލްވެސް ވަނީ ހިމެނިފައެވެ. 

އޭސީސީން ބުނެފައިވަނީ، އަލިފުށިން 10 ފަރާތަކަށް ދޫކޮށްފައިވާ ޖުމުލަ 12 ބިމަކުން 2020 ސެޕްޓެމްބަރ މަހާއިހަމައަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ޖުމުލަ 1،414،560.37 ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށެވެ. އެހެންކަމުން އެފައިސާ ކުލީގެ އެއްބަސްވުމުގެ ތެރޭގައި ހިމަނައިގެން ހޯދުމަށް އިއްޔެ އަލިފުށި ކައުންސިލަށް އަންގާފައިވާނޭކަމަށް އޭސީސީން ބުނެފައިވެއެވެ. 

މިކަމާއި ގުޅޭގޮތުން އަލިފުށި ކައުންސިލްގެ ރައީސް އާދަމް އިމްރާނަށް ގުޅާލުމުން "ފައިނު އޮންލައިން" އަށް ވިދާޅުވީ، އެއީ ކައުންސިލްގެ ދެވަނަ ދައުރުގައި ދޫކޮށްފައިވާ ބިންތަކެއް ކަމަށާއި އެބިންތަކުން ލިބެންޖެހޭ ކުލި ނުލިބިވަނީ ތަފާތު އެކި މައްސަލަތައް އޭގެތެރޭގައި ހިމެނޭތީ ކަމަށެވެ. 

އޭނާ ވިދާޅުވީ، ކައުންސިލްގެ މިދައުރުގެ މަސައްކަތްތައް ފަށައިގަތުމަށްފަހު އެންމެ އިސްކަމެއްދީގެން ކުރަމުންދާ އެއް މަސައްކަތަކީ އެ ބިންތަކުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން އެ ކަންކަން ހިނގާފައިވާ ގޮތާއި މައްސަލަތައް ހައްލު ކުރުމުގައި ދިމާވެފައިވާ ދަތިތައް ވަރަށް ބޮޑަށް ދިރާސާ ކޮށްފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރީގެ ކައުންސިލްތަކުންވެސް އެކަން ހައްލު ކުރުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ. 

އޭނާވިދާޅުވީ، އެ ބިންތަކަކީ ވަގުތީގޮތުން އެއްބަސްވުމަކާއިއެކު ދެވަނަ ދައުރުގެ ކައުންސިލުން ދޫކޮށްފައިވާ ބިންތަކެއް ކަމަށާއި އެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވެ މިހާ ދުވަސް ހޭދަވެގެން ދިޔައިރު ވެސް އޮތީ އެއްބަސްވުންތައް އާ ނުކުރެވި ކަމަށެވެ. އެހެންނަމަވެސް މިހާރު ވެސް އެބިންތައްދަނީ ބޭނުން ކުރެވެމުން ކަމަށާއި އަދި އެގޮތަށް އެކަން ހިނގާފައިވަނީވެސް ސަބަބުތަކެއް ހުރުމުން ކަމަށާއި އާންމު ފަރުދުންނާއި ގުޅުންހުރި އެފަދަ ކަންކަމަކީ ވަރަށް ބޮޑަށް ބަލަންޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެބިންތަކުގައި އަޅާފައިވާ ހަރުގެވަޅުތަކުގައި ބަނދެފައި އޮންނަ ބޮޑެތި އުޅަނދުތަކަކީ ކުރު މުއްދަތެއްގައި ތަން ސާފުކުރުމަށް އެންގިނަމަވެސް އެހާ އަވަހަށް ނަގާ އެކަންކަން ނިންމަން ދަތިވާނެ ކަމެއްކަމަށްވާތީ އެކަމުގައި ގިނަ ކަންތައްތަކަކަށް ބަލަންޖެހޭ ކަމަށެވެ. 

އިމްރާން ވިދާޅުވީ، ކުލީ ބިންތައް ނޭދެވޭގޮތުގައި ބޭނުންކުރުމާއި ބިންތަކުން ފައިސާ ނުލިބުމުގެ މައްސަލައަކީ އެރަށުގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއްކަމަށެވެ. އެހެންކަމުން، އެލްޖީއޭގެ ލަފާގެ މަތިން މިކަމަށް ހައްލެއް ހޯދުމަށް ޕްލޭންތަކެއް ކުރެވި މަސައްކަތް ކުރެވެމުންދާކަމަށެވެ. އަދި މިކަމަކީ ރަށުގެ ރައްޔިތުންތަކެއްގެ މަސްލަހަތު ހިމެނޭ ކަމެއްކަމުން، އެކަމުގައި އެފަރާތްތަކާއިއެކު ބައްދަލުކޮށް މަޝްވަރާތައް ކޮށްގެން، ނުލިބިވާ ފައިސާ ހޯދޭނެ އެދެވޭ ގޮތްތަކެއް ރާއްވަވާނޭ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. 

ކުލި ނުލިބިވާ 12 ބިމުގެ ޖުމުލަ ބޮޑުމިން އުޅެނީ 74000 އަކަފޫޓުގައެވެ. އަލިފުއްޓަކީ ވަޑާމުގައި މަޝްހޫރު ރަށެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ