މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 9

މެންދުރުގެ ހޫނުގަދަ ވަގުތެވެ. އިރުގެ އަލި ދޯދިތައް މޫދަށް އެޅުމުން ރީތި ބެބުޅުމެއް ފެނެއެވެ. މާ ދުރުނޫން ހިސާބުގައި ޅަފުރައިގެ ކުދިން މޫދަށް އެރި މަޖާ ނަގަނީއެވެ. އިއްބެއާއި އާޒިމް އިނީ އަތިރިމަތީގައި ހުރި ޖޯލިފަތިގައި އިށީންދެލައިގެންނެވެ. ދެމީހުންގެ މަޝްވަރާ ކުރަމުން ދިޔައީ އިއްބެގެ ކައިވެނީގެ ކަންތަކުގައެވެ. ފާތުންގެ މައިންބަފައިން ބޭނުންވަނީ އެރަށުގައި ކައިވެނި ކުރާށެވެ. އަދި ކައިވެނި ކޮށްގެން އެރަށުގައި ދިރިއުޅޭށެވެ. އެހެންނަމަވެސް އިއްބެ ބޭނުންވަނީ ފާތުން ގޮވައިގެން މާލެ ދާށެވެ،ސަބަބަކީ އިއްބެ ވަޒީފާ އަދާކުރަމުންދަނީ މާލޭގައި ކަމަށްވާތީއެވެ. މިކަމާމެދު ފާތުންގެ މައިންބަފައިން ރުއްސާނެ ގޮތަކާމެދު ވާހަކަދައްކަން ތިއްބެވެ. އިރުކޮޅަކުން އާޒިމްގެ ފޯނު ރިންގުވާން ފެށިއެވެ. އާޒިމް ފޯނުނަގާ ކަންފަތުގައި ޖަހާލާފައި ހަލޯއޭ ބުނެލީ ޖޯލީން ތެދުވަމުންނެވެ. ހަމަ އެ ސިކުންތުގައި އާޒިމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އާޒިމްގެ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ، އަދި އަތުގައި އޮތް ފޯނު ވެއްޓުނީ ބޭ އިޚްތިޔާރުގައެވެ.

އާޒިމް ދުއްވައިގަތީ ކުރިމަތީގައި މޫދާއި ދިމާލަށެވެ. ނީނާގެ ކޮއްކޮ ނާހިދު ގެއްލިގެން ނުފެނިގެން އުޅޭ ވާހަކަ އެތަނުގައި މޫދައް އެރި އުޅުނު ކުއްޖަކު ގޮވާފައި ބުނުމުންނެވެ. އާޒިމް ދުއްވައިގަތްތަން ފެނި އިއްބެއަށްވެސް އެދިމާލަށް ހިނގައިގަނެވުނެވެ. އާޒިމް ގޮސް އަރާހަމަ ކުރުމުން ނާހިދުގެ އެކުވެރިއެއް ކަމުގައިވާ ޔޫނުސް ވަރަށް ހާސްވެފައި ނާހިދު ފެންނަން ނެތް ވާހަކަ ރޮވިފައި ބުނެލިއެވެ. ބަލާކަށް ނުހުރެ އާޒިމް މޫދަށް ފުންމާލިއެވެ. އަދި ނާހިދު ފެނޭތޯ އޭނާއަށް ފީނުނު ހިސާބަކަށް ފީނައިގެން ފެނޭތޯ ބެލިއެވެ. ނަމަވެސް އާޒިމަކަށް ނާހިދު ފެނޭގޮތެއް ނުވިއެވެ.

ގޯތި ތެރޭގައި ނީނާއިނީ ފަންކޮޅެއް ހިފައިގެން އިލޮށި މަށާށެވެ. ކައިރީގައި އިށީންދެލައިގެން މާމަވެސް އިނެވެ. " މާމާ، މިއަދު ވަރަށް އެހެންކަހަލަ ދުވަހެއް، ފާޑެއްގެ ގޮތެއްވެފަ ހުންނަނީ، ހީވަނީ ކޮންމެސް ކަމެއް ވާން އުޅެނީއޭ.. ވިސްނުމެއްގެތެރޭ އިނދެފައި ނީނާ ބުނެލިއެވެ. " ތިޔައީ ދަރިފުޅަށް ހީވާގޮތް، ގިނައިރު ނުކައި އުޅެންޏާވެސް ފާޑު ފާޑުގެ ގޮތްގޮތްވާނެއޭ މާމަ ބުނަމެއްނު.. މާމަ މިހެން ބުނުމުން އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. އެވަގުތު ފާތުންވެސް އައިސް ނީނާގެ ގާތުގައި އިށީންދެލިއެވެ. މާމާ މި ފާތުން އުޅެނީ މީހާކާއި އިންނަން، މާމަ ގާތުގައި ނުބުނޭތަ؟ ސަމާސާ ރާގަކަށް ނީނާ ބުނެލިއެވެ. " ތެދެއްތަ! ފާތުންގެ ބޮލުގައި ފިރުމާލަމުން މާމަ އަހާލިއެވެ. ފާތުން ބޯޖަހާލާފައި ހޫމްމް އޭ ބުނެލިއެވެ. "ނީނާވެސް ދެން އަވަހަށް ޒާހިރުއާއި އިންނަންވީއޭ!! މާމަ މިހެން ބުނުމުން ނީނާގެ މޫނުމަތި އޮއްސިއްޖެއެވެ. އެކަން ފާތުންއަށް ފާހަގަވިއެވެ. އެއްޗެއް ނުބުނެ ނީނާ އިނުމުން ފާތުން ވާހަކަ ދައްކަން ފެށިއެވެ. " ކޮބާތަ އެސޮރު ގޭގައި ނޫޅެނީތަ؟ އާ!! މުދަށް ގޮއްސަވީ، ސްކޫލު ބަންދު ދުވަހެއް ނައިސްގެނެއްނު ހުންނަނީ،، އާނ، އެސޮރު މާ ކުރާހިއްވާ ކަމެއް ވިއްޔާ،، އަބަދުވެސް ކިޔާނީ ޑައިވަރަކަށޭ ވާނީ...ހިނިގަނޑެއް ޖަހާލާފައި މާމަ ބުނެލިއެވެ.

ނީނާ ދައްތާ! ނީނާ ދައްތާ!!! ހާސްވެ ވަރުބަލިވެފައި ހުރި ޔޫނުސް ގޯތިތެރެއަށް ވަދެގެން އައިސް ނީނާއަށް ގޮވަންފެށިއެވެ. ޔޫނުސް ހުރީ ތެމި ފޯވަފައެވެ. ބާރަށް ދުވެފައި އައިކަމުގެ ފާހަގަ ގައިގައިހުރި ވެލިން ހާމަކޮށްދިނެވެ. " ނާހި "ނާހިދު ޔޫނުސްއަށް ބުނެވުނީ ވަރަށް އުނދަގުލުންނެވެ. ހާސްވެހުރެ ނީނާ ސުވާލުކުރަން ފެށިއެވެ. ނާހިދުއަށް ކިހިނެއްވީ؟ ޔޫނުސްގެ ދެކޮނޑުގައި ތަޅުވައިގަނެފައި ނީނާ ސުވާލުކުރިއެއެވެ. އޭރު ޔޫނުސްއަށް ހުރީ ރޮވިފައެވެ. އޭރު މާމަ ވެސް ފާތުންވެސް ހުރީ ވާނުވާ ނޭންގިފައެވެ. ނީނާ ހާސްވެގެން ތެޅިގަނެވުނެވެ. ކޮބާ ނާހިދު! ޔޫނުސް ރީތިކޮށް ބުނެބަލަ ވެގެން އުޅޭ ގޮތެއް.. " މަރުކަޒު... މަރުކަޒަށް އާޒިމްބެ ގޮއްސި ގޮވައިގެން... ޔޫނުސްއަށް ވަރަށް އުނދަގުލާއެކު ބުނެވުނެވެ. ނީނާއާއި ޔޫނުސް އެދިމާލަށް ދުއްވައިގަތެވެ. މާމަ ގޮވައިގެން މަޑުމަޑުން ފާތުންވެސް މަރުކަޒާއި ދިމާލަށް ހިނގައިގަތެވެ. 

އާޒިމްއާއި އިއްބެ ހާސްވެފައި ފަރުވާދޭ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. މޫދަށް އެރި އުޅުނު ނިހާދުގެ ގާތް އެކުވެރިންތައްވެސް އެތަނުގައި ތިއްބެވެ. ނީނާއާއި ޔޫނުސް ދުވެފައި އައިސް މަރުކަޒު ތެރެއަށް ވަނެވެ. އަދި ނާހިދު ކޮބައިތޯ ސުވާލުކުރަން ފެށިއެވެ. ވާނުވާ ނޭންގި ހުރެ ނީނާއަށް ރޮވެނީއެވެ.  އާޒިމްގާތުގައި ނާހިދު ކޮބައިތޯ، ކިހިނެއްވީތޯ ސުވާލުކުރަން ފެށިއެވެ. ނީނާ ހާސްވެގެން ތެޅެނީއެވެ. ފަރުވާދޭ ކޮޓަރީގެ ދޮރު ހުޅުވާލާފައި ޑޮކްޓަރު ބޭރަށް ނުކުތެވެ. އެވަގުތު އެންމެން އެދިމާލަށް ހިނގައިގަތެވެ. " ސޮރީ ނީނާ! ނާހިދު ސަލާމަތެއް ނުކުރެވުނު!! ވަރަށް އަސަރާއެކު ޑޮކްޓަރަށް ބުނެވުނެވެ. އެވަގުތަކީ ފާތުންއާއި މާމައަށްވެސް މަރުކަޒަށް ވަދެވުނު ވަގުތެވެ. މާމައަށް އެ އަޑު ވަރަށް ސާފުކޮށް އިވުނެވެ. އުމުރުން ދުވަސްވެފައިވާ މާމައަށް އެއަޑު އަހާކަށް އެހާ ފަސޭހައެއް ނުވިއެވެ. މާމަ ހަބަރު ހުސްވެގެން ހުރިތަނަށް ވެއްޓުނީއެވެ. ކައިރީގައި ހުރި ފާތުންއަށް މާމަ ހިފައްހައްޓާލެވުނީ އިއްބެގެ އެހީތެރިކަމާއެކީގައެވެ. ނީނާގެ ގައިން ވަރު ދޫވެގެން އެތަނަށް ތިރިވީއެވެ. ޔޫނުސް އާއި ނާހިދުގެ އެކުވެރިންތަކަށްވެސް ރޮވުނެވެ. ޔޫނުސްގެ ކަރު އެލި، ފާރުގައި ބޯ ޖައްސާލުމަށްފަހު ލޯ މަރާލިއެވެ. ޔޫނުސްގެ ލޮލުން ކަރުތައް ފައިބައިގަތެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ކުޑައިރުންސުރެއް ފެށިގެން މިހާ ހިސާބަށް އައިއިރު އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާ ދުނިޔެދޫކުރީއެވެ. ނާހިދުގެ އެންމެ ގާތް އެކުވެރިއަކީ ޔޫނުސްއެވެ. ގޭގައި ކާނެ އެއްޗެއް ނުލިބިގެން އުޅުނަސް ޔޫނުސްގެ މަންމަމެން ނާހިދު ގެނެސްގެން ކާންދޭނެއެވެ. ޔޫނުސްގެ މަންމައާއި ބައްޕަގެ ހުންނަނީ ޔޫނުސްއެކަންޏެވެ. އިތުރު ދަރިއެއް ނުހުރެއެވެ. އެމީހުންގެ ދެވަނަ ދަރިއެއްގޮތަށް ދެކިގެން އުޅުނު ކުއްޖަކީ ނާހިދުއެވެ. އަބަދުވެސް އެދެކުދިން އުޅެނީ އެއްކޮށެވެ.ނާހިދުއަކީ ނިކަމެތި ކުއްޖަކަށްވާތީ އެދެމައިން ނާހިދުއަށް އަބަދުވެސް ހެޔޮކޮށް ހިތައެވެ. ޔޫނުސްގެ މަންމައާއި ބައްޕަވެސް އެ ޚަބަރުލިބިގެން އައިސް މަރުކަޒުތެރެއަށް ވަނެވެ. ޔޫނުސްގެ މަންމައައިސް ނީނާ ގާތުގައި އިށީންދެ ނީނާ މަސަލަސްކުރެވޭތޯ ބެލިއެވެ. އާޒިމްގެ މޫނުމަތިންވެސް މާޔޫސްކަމާއި ހިތާމަ ފެންނަން ހުއްޓެވެ. އާޒިމަށް އެންމެ އުނދަގޫކުރުވަނީ ނީނާ ރޯތަން ފެންނާތީއެވެ. ޔޫނުސްގެ ބައްޕަ ޔޫނުސް ހަމައަކަށް އެޅުވޭތޯ ބަލަނީއެވެ. ރަށު އެންމެން ކަހަލަ ގޮތަކަށް މަރުކަޒުދޮށަށް އެއްވެތިއްބެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ވަރަށްވެސް ހިތާމަވެރި ދުވަހެކެވެ. މުޅި އުމުރު ދުވަހު، މުޅި ހަޔާތް ގުރުބާންކުރަމުން އަންނަ ދައްތަގެ އެންމެ ލޯބިވާ ކޮއްކޮ ދުނިއެއިން ވަކިވީއެވެ. މާމާއޭ ކިޔާލާފައި ގޮވާލަން ހުރި ހަމައެކަނި ފިރިހެން މާމަ ދަރިފުޅެވެ. ދަރިއެއްގޮތަށް ދެކިގެން އުޅުނު އެ ހެޔޮލަފާ ދަރިފުޅެވެ، އެންމެ ގާތް އެކުވެރިޔާއެވެ. ހުރިހާ އެންމެންނާ އެފަދަ ގޮތަކަށް ވަކިވެގެންދާނެކަމަށް އުއްމީދު ކުރާނީ ކާކު ހެއްޔެވެ. 

ކަށުކަމާކެމީގެ ކަންތައް ނިމުނު އިރުވެސް މާމަ ހެއެއް ނާރައެވެ. އޭރުއްސުރެއް އެއްޗެއް ނުކައި ހުރުމުން ފާތުން ދިޔައީ ނީނާ ގޮވައިގެން ކާށެވެ. އާޒިމާއި އިއްބެ މަޑުކުރީ މާމަ ގާތުގައެވެ. މިވަގުތު ނީނާއަށް އެމީހުންގެ އެހީތެރިކަން ވަރަށް ބޭނުންވާނެއެވެ. ކޮއްކޮ ވަކިވެގެން ދިޔުމާއެކު މާމަވެސް އެނދުމަތިވާން ޖެހުނީއެވެ. އިއްބެއާއި އާޒިމްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މޮޅިވެރިކަމެވެ. އެކުވެރިއަކަށް ހިތާމައެއް މެދުވެރިމުން ކޮންމެ މީހަކުވެސް ހިތާމަ ކުރާނެކަން ކަށަވަރެވެ. އެހެންނަމަވެސް އާޒިމްގެ ހިތުގައި ހިނގަމުންދަނީ އެހެން ޝުޢޫރުތަކެކެވެ. މި ހުރިހާ ކަމެއް ހިނގައި ދިޔައިރު ޒާހިރު ކޮބައިބާއެވެ. ޒާހިރުގެ ހަބަރެއް ނުވަނީ ކީއްވެބާއެވެ. އެންމެ ކުޑަމިނުން ނީނާގެ ހަބަރެއް ބަލާލަންވެސް ގުޅާލިކަމެއް އާޒިމަށް އެނގިފައެއް ނެތެވެ. 

"އާޒިމް އެއްޗެއް ކާލަން ދާންހިނގާ" އާޒިމްގެ ކޮނޑުގައި އަތް ޖައްސާލުމަށްފަހު އިއްބެ ބުނެލިއެވެ. އާޒިމް ތެދުވި ވަގުތު ނީނާއާއި ފާތުންވެސް އައިސް މާމަ ބާއްވާފައިއޮތް ކޮޓަރިއަށް ވަންނެވެ. ނީނާގެ މޫނު ފެނިފައި އާޒިމަށް ވަރަށް ފުން އަސަރެއް ކުރިއެވެ. ރޮއި ރޮއި އެފަކީރުގެ މޫނުވަނީ ރަތްވެފައެވެ.ލޯވަނީ ދުޅަވެފައެވެ. މޫނުމަތީގައި އެއްވެސް ހިނިތުންވުމެއް ނެތެވެ މީހާ މުޅިން މިލާ މޯޅިވެފައެވެ. ރީތި ދެލޮލުގައި ކަރުނައިގެ އަސަރު ނުފިލާ ހުއްޓެވެ. ދެލޯ ހުންނަނީ ފެންކަޅިވެފައެވެ. ނީނާގެ މޫނަށް ބަލަހައްޓައިގެން އާޒިމަށް ހުރެވުނެވެ. އާޒިމް، އިއްބެ ދެވަނަ ފަހަރަށް އާޒިމަށް ގޮވާލިއެވެ. ސިއްސައިގެންގޮސް އާޒިމް ހޫމް އަޅުވާލިއެވެ. އެވަގުތު ނީނާއަށްވެސް އާޒިމާއި ދިމާލަށް ބަލާލެވުނެވެ. އާޒިމްގެ ހަމްދަރުދީއިން ފުރިގެންވާ މޫނު ފެނުމުން ނީނާ އިތުރަށް ދެރަވިއެވެ. ދާގޮތަށް އާޒިމްގެ ގައިގައި އޮޅުލައިގަންނަން ބޭނުންވިއެވެ. އެހެންނަމަވެސް އެހިތްވަރެއް ނީނާގެ ނެތެވެ. ނީނާއަށް ކޮށްފައިވާ އަސަރު ފެނިފައި އާޒިމްއަށް ކެތްކުރެވެނީއެއް ނޫނެކެވެ. ނީނާގެނެސް އާޒިމްގެ މެޔާ ގާތްކޮށްލާ ހިތްވަރުދޭން ބޭނުންވެއެވެ. އަދި ނީނާއަށް ހުރިހާ އުފަލެއްދޭން ބޭނުންވެއެވެ.

ގަޑީން ރޭގަނޑު އަށެއް ޖެހީއެވެ. ނީނާ އަދިވެސް އިނީ މަރުކަޒުއެވެ. މާމަ ހޭ އެރި ނަމަވެސް ހާލު ވަރަށްދެރައެވެ. ވާހަކަ ދެއްކެނީ ކިރިޔާއެވެ. ކެވެނީއެއް ނޫނެވެ. މާމަގެ ހާލާއި ދޭތެރޭ ވިސްނާފައި ނީނާ ވަކީން ކަންތައް ބޮޑުވިއެވެ.މާމަވެސް ނީނާ ދޫކޮށްލާފައި ގޮސްދާނެކަމުގެ ބިރު ނީނާއަށް ހީވާނީއެވެ. މި ވިސްނުމުގެ ތެރޭގައި އިންދާ އާޒިމްއައިސް ކައިރިގައި އިށީންދެލިއެވެ. ނީނާ އާޒިމާއި ދިމާލަށް ބަލާލިއެވެ. އަދިވެސް އެ މޫނުމަތީގައިވަނީ ހިތާމައިގެ އަސަރެވެ. އާޒިމް ކުޑަކޮށް ހީލުމުން ނީނާވެސް ހީލެވޭތޯ މަސައްކަތް ކުރިއެވެ. ނީނާގެ ހިތުގައި އާޒިމާއި ދޭތެރޭގައި އިތުރަށް ހަމްދަރުދީ އާއި ކުލުނު އުފެދިއްޖެއެވެ. މިއަދު ހަތަރުދަމުހެން  އާޒިމް އެއުޅެނީ ނީނާގެ ކައިރީގައެވެ. ކާން، ފެންވަރާލަން ނޫނީ ގެއަކަށް ނުދެއެވެ. އެނޫން ހުރިހާ ވަގުތެކެވެ. އާޒިމަކީ ހާދަހާ އޯގާތެރި އިންސާނެކެވެ. މީހުނަށް އަޅާލާ އެހެންމީހުންގެ އިހުސާސްތައް ދަންނަ މާތް އިންސާނެކެވެ. އާޒިމާއި ދޭތެރޭގައި ނީނާގެ ހިތުގައިވާ ލޯބިވަނީ އިތުރެވެ. އާޒިމް ފެންނަ ކޮންމެ ވަގުތަކު ނީނާ އުފާވެއެވެ. ހިތްހަމަޖެހެއެވެ. އަބަދުވެސް އެގޮތަށް ކައިރީގައި ހުރުމަށް ހިތް އެދެވެއެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ. މިފަދަ ކޮންމެ ވަގުތެއްގައި ނީނާއަށް ވަރަށް އުނދަގޫ ކުރުވައެވެ. ނީނާ ކިތަންމެ ބޭނުންވިޔަސް އާޒިމް ލިބޭނީ ކިހިނެއް ހެއްޔެވެ. "ޒާހިރު" ކުއްލިއަކަށް ނީނާއަށް ޒާހިރު ނެތްކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. މިހުރިހާ ކަމެއް ވެގެން އުޅޭއިރު ޒާހިރު ކޮބައިބާވައެވެ. ރަށުގައި ނެތީބާވައެވެ. އިރު އިރުކޮޅާ ޒާހިރު ރަށުން ފުރައިގެން ދިޔުމުގެ ބޭނުމަކީ ކޮބައިބާވައެވެ. ޒާހިރުގެ ފޯނަށް ގުޅޭތޯވެސް ނީނާ މަސައްކަތް ކުރިއެވެ. ނަމަވެސް ފޯނު ނިވާލާފައެވެ. ޒާހިރަކީ އޭނާގެ އަމިއްލަ އުސޫލުތައް ގެންގުޅޭ މީހެކެވެ. އޭނާ އޭރަކު ބޭނުންވާ ގޮތަކަށް ކަންތައް ކުރާނެއެވެ. ކަމެއް ކުރުމުގެ ކުރިން ނޫނީ ރަށުން ބޭރަށް ދިޔަސް ނީނާ ގާތު ބުނާނީ އޭނާ ހިތަށް އެރިއްޔާއެވެ. 

"ޝުކުރިއްޔާ!!" ނީނާ އާޒިމް ގާތު ބުނެލިޔެވެ. "ކޮންކަމަކަށް؟" އާޒިމް ސުވާލު ކުރިއެވެ. އާޒިމް ނީނާގާތު ހޮސްޕިޓަލުގައި އިނީ ދެއްކުންތެރި ކަމެއްނެތިއެވެ. އާޒިމް އަކީ އޯގާތެރި އިންސާނެކެވެ. ”އާޒިމް މިއަދު ތިކޮށްދިނީ ވަރަށް ހެޔޮކަމެއް.، އާޒިމް ނެތްނަމަ އަހަރެންނަށް އަހަރެންގެ ކޮއްކޮގެ މަސްގަނޑުވެސް ނުފެނުނީސް ކަންނޭނގެ." ނީނާ ފެންކަޅިވެފައި ހުރެ ވާހަކަދެއްކިއެވެ. "ދެން އެހާބޮޑަށް ދެރަނުވޭ!.. ނިހާދުއަކީ މައުސޫމު ކުއްޖެއް، އެފަދަ ކުއްޖަކަށް ﷲ ސުވަރުގެ މިންވަރު ކުރަށްވާނެ އިން ޝާ ﷲ" އާޒިމް ނީނާ މަސަލަސް ކުރެވޭތޯ ބެލިއެވެ. ނީނާގެ ކޯތާފަތް މައްޗަށް ޖަމާވެފައިވާ ކަރުނަތަށް އާޒިމްގެ އަތުން މަޑުމަޑުން ފުހެލަދިނެވެ. ނީނާއަށް އެވަގުތު ކުރެވުނީ މީގެ ކުރިން ދުވަހަކުވެސް ކުރެވިފައި ނުވާ އިހުސާސެކެވެ. އޯގާތެރިކަމާއި އަޅާލުމުގެ އެ ފިރުމާލުމުގެ ސަބަބުން ނީނާގެ ހިތުގައިވާ ރިހުންތައް ވަގުތުކޮޅަކަށް ނަމަވެސް ފިލައިގެން ދިޔަކަހަލައެވެ. ބޭއިޚްތިޔާރުގައި ނީނާއަށް އާޒިމްގެ ކޮނޑުގައި  ބޯއަޅާލެވުނެވެ.

(ނުނިމޭ)


(މިވާހަކައަކީ ހަފްތާއަކު އެޕިސޯޑެއް ނެރޭގޮތަށް ޝާއިޢު ކުރެވޭ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ