މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 10

"ޝުކުރިއްޔާ!!" ނީނާ އާޒިމް ގާތު ބުނެލިޔެވެ. "ކޮންކަމަކަށް؟" އާޒިމް ސުވާލު ކުރިއެވެ. އާޒިމް ނީނާގާތު ހޮސްޕިޓަލުގައި އިނީ ދެއްކުންތެރި ކަމެއްނެތިއެވެ. އާޒިމް އަކީ އޯގާތެރި އިންސާނެކެވެ. ”އާޒިމް މިއަދު ތިކޮށްދިނީ ވަރަށް ހެޔޮކަމެއް.، އާޒިމް ނެތްނަމަ އަހަރެންނަށް އަހަރެންގެ ކޮއްކޮގެ މަސްގަނޑުވެސް ނުފެނުނީސް ކަންނޭނގެ." ނީނާ ފެންކަޅިވެފައި ހުރެ ވާހަކަދެއްކިއެވެ. "ދެން އެހާބޮޑަށް ދެރަނުވޭ!.. ނިހާދުއަކީ މައުސޫމު ކުއްޖެއް، އެފަދަ ކުއްޖަކަށް ﷲ ސުވަރުގެ މިންވަރު ކުރަށްވާނެ އިން ޝާ ﷲ" އާޒިމް ނީނާ މަސަލަސް ކުރެވޭތޯ ބެލިއެވެ. ނީނާގެ ކޯތާފަތް މައްޗަށް ޖަމާވެފައިވާ ކަރުނަތަށް އާޒިމްގެ އަތުން މަޑުމަޑުން ފުހެލަދިނެވެ. ނީނާއަށް އެވަގުތު ކުރެވުނީ މީގެ ކުރިން ދުވަހަކުވެސް ކުރެވިފައި ނުވާ އިހުސާސެކެވެ. އޯގާތެރިކަމާއި އަޅާލުމުގެ އެ ފިރުމާލުމުގެ ސަބަބުން ނީނާގެ ހިތުގައިވާ ރިހުންތައް ވަގުތުކޮޅަކަށް ނަމަވެސް ފިލައިގެން ދިޔަކަހަލައެވެ. ބޭއިޚްތިޔާރުގައި ނީނާއަށް އާޒިމްގެ ކޮނޑުގައި ބޯއަޅާލެވުނެވެ. ނީނާގެ ބޮލުގައި އާޒިމް ފިރުމާލިއެވެ. ނީނާގެ ލޯ މަޑުމަޑުން މެރެމުން ދިޔައެވެ. އަދި ވަގުތުކޮޅަކަށް ނަމަވެސް ނީނާއަށް ނިދިއްޖެއެވެ.

ނީނާއަށް ލޯ ހުޅުވާލެވުނީ ނަރުސް ކުއްޖަކު އައިސް ގޮވާލުމުންނެވެ. ނީނާއަށް އޮވެވުނީ އާޒިމްގެ ކޮނޑު މަތީގައިކަން ނީނާއަށް ރެއަކާލީ ދެނެވެ. އިރުކޮޅެއްނުވެ އާޒިމަށްވެސް ހޭލެވިއްޖެއެވެ. މިއޮތީ ބޭސް ސިޓީ 2 އައިވީ ފުޅީގެ، ނީނާގެ އަތަށް ނަރުސް ކުއްޖާ ބޭސް ސިޓީ ދިއްކޮށްލިއެވެ. "ގެނޭ އަހަރެން ގެނެސްދޭނަން” ބޭސް ސިޓީގައި ހިފުމަށްފަހު އާޒިމް ބުނެލިއެވެ. ނީނާ ކުޑަކޮށް ހީލާފައި ޝުކުރުއަދާކޮށްލިއެވެ. އާޒިމް ދިޔުމުން އާޒިމްގެ ހިޔާލުތައް ނީނާގެ ސިކުނޑި ވަށާލިއެވެ. ހިނދުކޮޅަކަށް ނަމަވެސް ހަލާކުވެފައިވާ ނީނާގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. މާމަ އެހާލުގައި އޮންނަތަން ފެނުމަކީ ނީނާއަށް ކެތްކުރެވޭނެ ކަމެއް ނޫނެކެވެ. މާމަގެ ހާލު އަދިވެސް ރަނގަޅެއް ނޫނެވެ.

"ދަރިފުޅާ" ކުރަކި އަޑަކުން މާމަ ނީނާއަށް ގޮވާލިއެވެ. މާމަގެ މަގަތުގައި އެނދުގައި ބޯ އަޅާލައިގެން އޮތް ނީނާ މާމައާއި ދިމާ ބަލާލިއެވެ. އެވަގުތު އެއްވެސް އެއްޗެއް ނުބުނެ ނީނާގެ ބޮލުގައި މާމަ ފިރުމާލިއެވެ. މާމަގެ ދުލުން އެއްޗެއް ކިޔާކަން ނިނާއަށް ފާހަގަވިއެވެ. ނީނާ މާމަގެ މޫނަށް ބަލަން އިނީ ހާސްވެފައެވެ. ދަރިފުޅާ ކިޔާފައި ގޮވާލުން ފިޔަވާ އިތުރު އެއްވެސް އެއްޗެއް މާމަ ނުބުނެއެވެ. ނީނާ މާމައަށް އަނެއްކާވެސް ގޮވާލިއެވެ. އޭރުވެސް މާމަ އެއްޗެއް ނުބުނެ އޮތް ދިމާލަށް ބަލަހައްޓައިގެން އޮތެވެ. މަޑުމަޑުން މާމަގެ ހަރަކާތް ހުއްޓޭހެން ނީނާއަށް ފާހަގަވާން ފަށައިފިއެވެ. ނަރުސް ކުއްޖަކަށް ގޮވުމަށް ދުވެފައި ނުކުތެވެ. އޭރު މާމަ ބާރަށް ނޭވާލަމުން ގެންދެއެވެ. ނަރުސް ކުއްޖާ އާއި ނީނާއާއި ދެމީހުންނަށް އެތަނަށް ވަދެވުނު ވަގުތު މާމަގެ ފަހު ނޭވާ މި ފާނަވަނިވި ދުނިޔެއަށް ދޫކޮށްލައިފިއެވެ. ނީނާ ބާރަކަށް ހަޅޭ ލަވައިގަތެވެ. އަދި އަނގަމތީގައި އަތް އަޅާފައި އަޑުން އަޑު ނަގާފައި ރޯން ފެށިއެވެ. އައިވީ ހިފައިގެން އައިސް އާޒިމްއަށް އާދެވުނީ ހަމަ އެވަގުތުއެވެ. ނީނާގެ ގައިގައި ހިފައްހައްޓާލައިގެން އާޒިމް ހުއްޓެވެ. ނީނާގެ ރުއިން މަޑެއް ނުވެއެވެ. މިފަދަ ދުވަހެއް ނީނާގެ ހަޔާތަށް އަންނާނެ ކަމަކަށް ނީނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ފުރަތަމަ ލޯބިވާ މަންމައެވެ. ދެން ކޮއްކޮ އެވެ. ދެން މާމައެވެ. ހިތާމައިގެ މައްޗަށް ހިތާމައެވެ. ނީނާއަށް ހަމަ ރޮވެނީއެވެ. މިވަގުތު ނީނާގެ ގާތުގައި ހުރީ އާޒިމް އެކަންޏެވެ. ނީނާގެ ގާތްތިމާގެ މީހަކުވެސް ނެތެވެ. މާމަގެ ކަށުކަމާކެމީގެ ކަންތައް ކުރުމަށް ސަހަރާއަށް ގެންދިޔުމަށް މާމަ ނެރުނެވެ. ފާތުން އާއި އިއްބެވެސް އެތަނަށް އަތުވެއްޖެއެވެ. ޔޫނުސްގެ މަންމައާއި ބައްޕަވެސް އަތުވެއްޖެއެވެ. ފާތުންނާއެކީގައި ފާތުންގެ މަންމަ އާއި ބައްޕަވެސް އައެވެ. ފާތުން އާއި އިއްބެ އަށް އެ ހަބަރު ދިނީ އާޒިމެވެ. ނީނާއަށް އެހީތެރިވާނެ އެތަށް ބަޔަކު އެބަ ތިއްބެވެ. ލޭގެ ގުޅުމަށްވުރެއް އިންސާނިއްޔަތު ކަމުގެ ކުލުނަކީ މާ މާތް އެއްޗެކެވެ. ހުރިހާ ކަމެއްގައި އެމީހުން އެހީތެރިވެދިނެވެ. 

މާމަ ވަޅުލައި ހުރިހާ ކަމެއް ނިމުމުން ނީނާ ގޮވައިގެން ފާތުން އައި ގެއަށެވެ. ނީނާގެ އެކަނިވެރިކަން އިންތިހާއަށް ބޮޑުވެއްޖެއެވެ. ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ބަލާލި ކޮންމެ ދިމާލަކުން މާމައާއި ކޮއްކޮގެ ހަނދާންތަކެވެ. މަރުވެފައިވާ މައްޔިތަކު ފަދައިން މަޑު ހިނގުމެއްގައި ނީނާ ގޮސް މާމަގެ ކޮޓަރިއަށް ވަނެވެ. މާމަގެ ނިދާ އެނދުމަތީގައި ހުރި މާމަ ބޭނުންކުރާ ތަކެތީގައި އަތް ކާތަމުން ދިޔައެވެ. މާމަގެ ބާލީސް ނަގައި މޭގައި ޖައްސާލިއެވެ. އެހިނދު ނީނާއަށް އަޑުން އަޑު ނަގާ ރޯން ފެށުނެވެ. ހަގީގަތުގައިވެސް ނީނާ އެކަނިވެރިވެއްޖެއެވެ. އެ އިހުސާސްކުރެވޭ ކޮންމެ ފަހަރަކު އަދި ވަކިން ބޮޑަށް ރޮވެއެވެ. މާމަގެ އެނދުމަތީގައި މަޑުމަޑުން ނީނާ އޮށޯވެލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ނީނާގެ ބަރުވެފައިވާ އެސްފިޔަތައް ތިރިވެއްޖެއެވެ. ރޮއި ރޮއި އެފަކީރުގެ ހާލެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. ކުއްލިއަކަށް ނީނާގެ ދިރިއުޅުމަށް މިފަދަ ދުވަހެއް އަންނާނެ ކަމަށް ފަހަރެއްގައިވެސް ހީކުރެވިފައެއް ނެތެވެ. ހިނދުކޮޅެއްގެ ތެރޭގައި ނީނާގެ މުޅި ދިރިއުޅުން ބަދަލުވީއެވެ. އެކަނިވެރިކަމުގެ ސާލެއް މުޅި ގައިގައި ވަށާލީއެވެ. 

ގޭގައި ހުރި އާޒިމަށް ނީނާއެކަނި ގެއަށް ދާން ދޫކޮށްލެވުނީތީ އެކަމާ ހިތާމަކުރަނީއެވެ. ނަމަވެސް ނީނާ އެކަނިދާން ދޫކޮށްލީ ނީނާ އެކަނިވާން ބޭނުންވާ ވާހަކަ ބުނުމުންނެވެ. އެހެންނަމަވެސް އާޒިމަށް ކެތްކުރެވެނީކީ ނޫނެވެ. ނީނާގެ ގާތަށްދާން ބޭނުންވަނީއެވެ. ސިޓީންގރޫމްގައި ހުރި ސޯފާގެ ތެރެއަށް ވެއްޓިފައި އޮތް އާޒިމްގެ ހިތަށް އުނދަގޫ ކުރަމުން ދަނީ ކެތްކުރެވޭ ވަރަކަށް ނޫނެވެ. ނީނާ ރޯނެ ވަރު އާޒިމަށް އިހުސާސް ކުރެވެއެވެ. ނީނާގެ އެކަނިވާނެވަރު ހިތަށް އަރާފައި އާޒިމްގެ ހިތަށް އުނދަގޫވަނީއެވެ. ސޯފާއިން އާޒިމް ތެދުވިއެވެ. އަދި ބޭރަށް ނުކުތެވެ. މި މަންޒަރު ބަލަން ކޮޓަރީ ދޮރުކައިރީގައި ހުރި އިއްބެވެސް އާޒިމްގެ ފަހަތުން ދިޔައެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ނިނާމެންގޭ ގޯތި ތެރެއަށް އާޒިމް ވަދެގެން ދިޔައީ ފުދޭ ވަރަކަށް ބާރަށެވެ. އާޒިމް ހުއްޓި ދޮރުގައި އަތް ޖައްސާލިއެވެ. އެވަގުތު ވަރަށް ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. ގޭތެރެއަށް ނަޒަރު ހިންގާލިއިރު ގެތެރެހުރީ ދިއްލާފައެވެ. ނީނާގެ ކޮޓަރީގެ ދޮރު ހުރީ ލައްޕާފައެވެ. އާޒިމް ދޮރު ހުޅުވާފައި ބަލާލިއިރު ކޮޓަރީގައި ނީނާ ފެންނާކަށް ނެތެވެ. ހާސްކަމާއެކު ދެ ގޯޅިތެރޭގައި ހުރި އަނެއް ކޮޓަރީގެ ދޮރު ހުރީ ހުޅުވިފައެވެ. އާޒިމް އެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ދޮރާ ކައިރިވަމުންގޮސް އާޒިމްގެ ފިޔަވަޅުތައް ކުއްލިއަކަށް ހުއްޓުނެވެ. ހުރިތަނަށް މީހާ ގަނޑުވިކަހަލައެވެ. ބުދެއްހެން އާޒިމްގެ ލޯކުރިމަތިން ފެންނަމުންދިޔަ މަންޒަރަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މަޑު ފިޔަވަޅެއްގައި ކޮޓާރިއަށްވަދެ ނީނާ ނިދާފައި އޮތް އެނދުގެ މަގަތުގައި އިށީންދެލިއެވެ. ނީނާގެ މޫނުމަތިން ފެންނަން ހުރި ހިތާމައިގެ އަސަރުފެނިފައި އާޒިމް ދެރަވިއެވެ. ނީނާގެ ގައިމަތީގައި ރަޖާ ގަނޑު އަޅާ ދިނުމަށްފަހު ނުކުންނަތް ހިނގައިގަތެވެ. އެވަގުތު މީހަކު ފަހަތުން އައިސް ކޮނޑުގައި އަތްޖައްސާލިހެން ހީވެގެން އާޒިމް ފަސް އެނބުރި ބަލާލިއެވެ.

(ނުނިމޭ)


(މިވާހަކައަކީ ހަފްތާއަކު އެޕިސޯޑެއް ނެރޭގޮތަށް ޝާއިޢު ކުރެވޭ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 3 years ago

ހާދަ ހިތްގައިމު ވާހަކައެކޭ މީ! ފައިނު އޮންލައިން ޓީމް އިން އަހަރެމެން ގޭގެ ބޭއްތިއްބުމަށް ތިކުރާ މަސައްކަތައް ޝުކުރިއްޔާ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ