މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 11

އެވަގުތު މީހަކު ފަހަތުން އައިސް ކޮނޑުގައި އަތްޖައްސާލިހެން ހީވެގެން އާޒިމް ފަސް އެނބުރި ބަލާލިއެވެ. ފަހަތުގައި ނީނާ ހުއްޓިލައިގެން ހުއްޓެވެ. އާޒިމް ގާތުގައި ނުދާށޭ ބުނުމުގެ ގޮތުން ބޮލުން އިޝާރާތް ކޮށްލިއެވެ. އާޒިމް ނީނާގެ އަތުގައި ހިފައިގެން މަޑުމަޑުން ގޮސް އެނދުގައި ބޭންދިއެވެ. އަދި ނީނާގާތުގައި އޮށޯތުމަށް ބުނެލިއެވެ. ނީނާ އޮށޯވެލިއެވެ. އާޒިމް ނީނާގެ މަގަތުގައި މަޑުމަޑުން އިށީންދެލިއެވެ. އަދި ނީނާގެ ގައިމަތީގައި ރަޖާ ގަނޑު އަޅާދިނެވެ. އަދި ނީނާގެ ބޮލުގައި އޯގާތެރިކަމާއެކީގައި ފިރުމާލިއެވެ. ވަގުތުކޮޅަކަށް ނަމަވެސް ބަރުވެފައިވާ ނީނާގެ ހިތަށް ލުއިކަމެއް ލިބުނެވެ. އަދި މަޑުމަޑުން ނިދުނެވެ.

އިރުގެ ދޯދިތައް މުޅި ރަށުތެރެއަށް ފެތުރިގެން އައި އިރު ނިނާއަށް އޮތީ ނިދިފައެވެ.  ސިހިފައި ނީނާއަށް ހޭލެވުނީ މީހެއްގެ ހިލަމެއްވީހެން ހީވެގެންނެވެ. އޭރު ފާތުން އައިސް ނީނާގެ ކައިރީގައި އިށީންނަނީއެވެ. ނީނާ ކިހިނެއްތޯ ފާތުން ސުވާލުކޮށްލިއެވެ. ކުޑަކޮށް ރަނގަޅުކަމަށް ނީނާ ބުނެލީ ކުރަކިވެފައިވާ އަޑަކުންނެވެ. ފާތުން އެއައީ ނީނާބަލާ ސައިބޯންވެގެންނެވެ. ގެސްޓު ހައުސްއަށް ސައިގެންދަން ނީނާއަށް އުނދަގޫ ވާނެތީ މިއަދު އާޒިމާއި އިއްބެ ސައިބޯން ދިޔައީ ފާތުން މެންގެއަށެވެ. ނީނާ ގާތުގައި ތައްޔާރުވެލައިގެން އައުމަށް ބުނެފައި ފާތުން ބޭރުގައި މަޑުކޮށްލިއެވެ. ފާތުން ނުކުތުމުން ފާހާނާއަށް ނީނާ ވަނެވެ.

ތައްޔާރުވެލައިގެން ނުކުތް އިރުވެސް ނީނާގެ މޫނުމަތިން މާޔޫސްކަމާއި، ހިތާމައިގެ އަސަރުތައް ނުފިލައެވެ. ގިނައިން ރުއިމުގެ ސަބަބުން ލޯކައިރި ދުޅަވެފައިވެއެވެ. ނީނާ ނުކުތުމުން ފާތުންއާއި ދެމީހުން ހިނގައިގަތެވެ. ނީނާއާއި ފާތުން އައިސް ކާކޮޓަރިއަށް ވަންއިރު އިއްބެ އާއި އާޒިމާއި ފާތުންގެ ބައްޕަ ކާ މޭޒު ކައިރީގައި ސައިބޯން ތިއްބެވެ. އެމީހުން ދިޔައީ ވަރަށް މަޖާ ވާހަކައެއް ދައްކަމުނކަން އެނގުނީ އިއްބެ ޖަހާލި ހިނގަނޑުގެ ސަބަބުންނެވެ. އާޒިމްވެސް އިނީ ހެވިފައެވެ. ފާތުންމެން އައުމުން ބައްޕަ ގާދިރު ތެދުވެގެން ހިނގައްޖެއެވެ. ގާދިރު ތެދުވި ގޮނޑީގައި ނީނާގޮސް އިށީންދެލިއެވެ. ފާތުން އައިސް ކަޅު ސައިތައްޓެއް ނީނާގެ ގާތުގައި ބަހައްޓާލާފައި ޖެހިގެން ހުރި ގޮނޑީގައި އިށީންދެލިއެވެ.  އާޒިމްގެ ނަޒަރު ހުއްޓިފައިވަނީ ނީނާއާއި ދިމާލަށެވެ. އާޒިމް ބަލާކަން ނީނާއަށް ފާހަގަވިނަމަވެސް މާ ބޮޑަކަށް އަޅައެއްނުލައެވެ. ނީނާއަށް އެއްޗެއްކާން ވަރަށް އުނދަގުލެވެ. އެހެންކަމުން ސައިތަށި އެކަނި ބޯލައިގެން ތެދުވިއެވެ. އެވަގުތު ފާތުން މަޑުކުރަން ބުނުމުން ގޭތެރެސާފުކޮށްލަން ޖެހޭ ކަމަށްބުނެފައި ނުކުމެގެން ހިއްޖެއެވެ.

ނީނާއަށް ކޮށްފައިވާ އަސަރު އާޒިމަސް އިހުސާސް ކުރެވެއެވެ. އެހެންކަމުން ސައިބޮއިލައިގެން އާޒިމްވެސް ނުކުތެވެ. ނީނާ އޭރު މަޑުމަޑުން ހިނގާފައި ގެއާ ދިމާލަށް ދަނީއެވެ. އާޒިމްގޮސް ނީނާއާއި އަރާ ހަމަކޮށްފިއެވެ. ނީނާއަށް ގޮވާލުމަށްފަހު ނީނާކުރެން ހާލު އަހާލިއެވެ. ކުރުގޮތަކަށް ރަނގަޅޭ ނީނާ ބުނެލިއެވެ. ރޭގައި ކަންތައްވީ ގޮތް ނީނާގެ ހަނދާނަކުން ނުފިލައެވެ. އާޒިމްގެ އެހީތެރިކަމަށް ނީނާއަށް އެދެވުނީ ބޭއިޚްތިޔާރުގައެވެ. މީހެއްގެ އެހީތެރިކަން ނީނާއަށް ނުހަނު ބޭނުންވި ވަގުތުގައި އާޒިމް ހުރުމުން ނީނާ އާޒިމަށް ޝުކުރު އަދާކުރަން ބޭނުންވެއެވެ. ނަމަވެސް ޝުކުރު އަދާކުރާނީ ކޮންގޮތަކަށް ކަމެއް ނީނާގެ ސިނކުޑިއަކަށް ނާދެއެވެ. އާޒިމް ނީނާއާއި ދޭތެރޭ އެހާ ރަނގަޅަށް ކަންތައްކުރަނީ ކީއްވެބާއޭ ނީނާގެ ހިތުގައި ސުވާލު އުފެދެއެވެ. އާޒިމްގެ އޯގާތެރިއަތުން ނީނާގެ ގައިގައި އަބަދުމެ އަބަށް ފިރުމަން ނީނާ ބޭނުންވެއެވެ. މި ހިޔާލުތަކުން ނީނާއަށް ނުކުމެވުނީ އާޒިމްގެ ފޯނު ރިންގުވާ އަޑު އިވުމުންނެވެ. އާޒިމް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އަދި މައީ އޭ ކިޔާ ވަރަށް އުފަލުން ހުރެ ވާހަކަ ދައްކަން ފެށިއެވެ. ހައިރާންވެފައި ނީނާ އާޒިމަށް ބަލާލިއެވެ. އާޒިމް ވާހަކަ ދައްކަނީ އަންހެން ކުއްޖަކާކަން ނީނާއަށް ޔަގީނެވެ. ވާހަކަދެއްކި ގޮތުން އެއީ ކިހާވަރެއްގެ ގާތްމީހެއްކަން ނީނާއަށް ފާހަގަވިއެވެ. މައިޝާއަކީ އާޒިމްގެ ގާތް ރައްޓެއްސެކެވެ. ކުޑައިރުންފެށިގެން ދެމީހުން އުޅެނީ ވަރަށް ގާތް ކޮށެވެ. މައިޝާ އެގުޅީ ކައިވެނި ކުރަން އުޅޭ ވާހަކަ ބުނުމަށެވެ. އާޒިމް ވަރަށް އުފާވިއެވެ. އަދި މައިޝާއަށް މަރުހަބާވެސް ކިޔެވެ. 

މައިޝާ ފޯނު ބާއްވާފައި އެނބުރެލި އިރު ޒާހިރު ހުރީ މައިޝާގެ ފަހަތުގައެވެ. "ކާކު ގުޅީ" ޒާހިރު ސުވާލުކޮށްލިއެވެ. އެއި އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް، މައިޝާ ޒާހިރުގައިގައި ބައްދާލަމުން ބުނެލިއެވެ. " އަހަރެން ކައިވެނި ކުރަން އުޅޭ ވާހަކަ ބުނަންވެގެން" ހަމަ އެސިކުންތުގައި މައިޝާ ބުނެލިއެވެ. ޒާހިރުގެ ގައިގައި ބައްދާލައިގެން ހުރިއިރު މައިޝާ ހުރީ ހެވިފައެވެ. ޒާހިރު ކައިވެނި ކުރަން އެއްބަސްވުމުން މައިޝާއަށް ލިބުނީ ބަޔާންކޮށްދޭން ނޭނގޭ އުފާވެރިކަމެކެވެ. ޒާހިރުދެކެ މައިޝާ ވަރަށް ލޯބިވެއެވެ. މިހާ ދުވަސް ވީއިރު ކައިވެނި ނުކޮށްހުރި އިރުވެސް ޒާހިރު ދޫކޮށްލާން މައިޝާ ބޭނުންނުވި ސަބަބަކީ އެއީއެވެ، އެންމެފަހުން މައިޝާގެ ހުވަފެންތަކުގައި ކުލަ ޖެހެނީއެވެ. ކައިވެނި އޮތީ މާދަމާއެވެ. ކުރަން ހުރި ތައްޔާރީތައް ގިނަކަމަށްބުނެ މައިޝާ ފޯނުން މީހަކާ ގުޅާލިއެވެ. އެއީ ޑެކަރޭޝަންގެ ކަންތަކުގައެވެ. މައިޝާ ހީވަނީ އަވިއްސެއްހެންނެވެ. ތެޅިފޮޅެވެނީއެވެ. ކައިވެނީގެ ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ގެންދަން މައިޝާ ބޭނުންވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކައިވެނިކުރާ ދުވަހަކީ އަންހެން ކުއްޖެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއްދުވަހެވެ. އެމީހަކު އެންމެ ލޯބިވާ މީހާއާއި އަބަދުގެ އަބަދަށް ގުޅޭ ދުވަހެވެ. ކައިވެންޏަކީ ދެލޯބިވެރިންގެ ދެމެދުގައިވާ ލޯބީގެ ގުޅުން އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކާ ޖަހާލެވޭ ބާރުގަދަ ގޮށެކެވެ. 

މައިޝާ ދިޔުމުން ޒާހިރު ފޯނު ނަގާ ނީނާއަށް ގުޅާލިއެވެ. ނީނާގެ ހަބަރެއް ނުބެލޭތާ ދުވަސްގަނޑެއް ވެއްޖެއެވެ. ފަހަރެއްގައިވެސް ޒާހިރު މައިޝާއާއި ކައިވެނި ކުރަން ބޭނުންވަނީ ލޯތްބަކުން ނޫނެވެ. ޒާހިރުގެ ނަޒަރު ހުއްޓިފައިވަނީ މައިޝާގެ ބައްޕަގެ މުދާގަނޑަށެވެ. އަދި ނީނާއާއި ކައިވެނި ކުރަން ބޭނުންވަނީވެސް ފައިސާއަށްޓަކައެވެ. ކޮޓަރި ތެރޭގައި ހުރި ނީނާގެ ކޮއްކޮގެ ކިޔަވާ ފޮތްތައް ހިފައިގެން ބޭރަށް ނުކުތީ އުކާލުމަށެވެ. އެވަގުތު ނީނާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގައި އޮތް ނަމްބަރު ފެނިފައި ނީނާ ފެންކަޅިވިއެވެ. އަދި ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. " ޒާހިރު" ނީނާ ޒާހިރުއޭ ކިޔާ ގޮވާލިއަޑު އިވުނީ އާޒިމް އައިސް އެހިސާބަށް އެރިތަނާއެވެ. އާޒިމް ކުޑަކޮށް ފިޔަވަޅު މަޑުޖައްސާލީ ނީނާ ފޯނުން ވާހަކަ ދައްކާ ނިމުނީމާ ވަންނާށެވެ.

ނީނާ ރޯ އަޑު އާޒިމަށް އިވެންފެށިއެވެ. މާމަ ގެ ވާހަކަ އާއި ކޮއްކޮގެ ވާހަކަ ޒާހިރުއަށް ކިޔާދޭން ފެށިއެވެ. އަދި ޒާހިރު ނެތުމުން އެކަނިވާ ވާހަކަވެސް ނީނާ ބުންޏެވެ. ޒާހިރުގާތުގައި އަވަހަށް އައުމަށް ނީނާއެދުނެވެ. އަދި ނީނާއާއި އަވަހަށް ކައިވެނި ކުރަން ބޭނުންވާ ވާހަކަވެސް ނީނާ ބުންޏެވެ. މި ހުރިހާ ވާހަކައެއް އަޑުއަހަން ބޭރުގައި މަޑުކޮށްލައިގެން ހުރި އާޒިމްގެ ހިތަށް ހީވީ މީހަކު ހަންޖަރެއް ހަރާލި ހެންނެވެ. އާޒިމްގެ ދެލޯ ފެންކަޅިވިއެވެ. އެހެންކަމުން ނީނާގެ ކުރިމައްޗަށް ނުގޮސް އަނބުރާލާފައި އާޒިމް ދިޔައީ ގެއަށެވެ. ނީނާ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ޒާހިރު ހުރީ ހައިރާންވެފައެވެ. ކުރިން ނީނާ އެއްގޮތަކަށްވެސް ކައިވެނި ކުރާކަށް ޤަބޫލެއްނޫނެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ނީނާ އެކަނިވެރިކަން ފިލުވާދޭނެ ބައިވެރިޔަކު ބޭނުންވާނެއެވެ. އަދި ޒާހިރު ނޫން މީހަކާ ނީނާއަކަށް ކައިވެންޏެއް ނުވެސް ކުރެވޭނެއެވެ. "ޒާހިރު" މައިޝާ ގޮވާލިއަޑަށް ޒާހިރު ސިހިފައިފައި ބަލާލިއެވެ. "ހިނގާބަލަ ،ތިރިއަށް ބައްޕަމެން އެބަތިބި އައިސް" ބޯ ޖަހާލާފައި އެބަދަމޭ ބުނުމަށްފަހު ޒާހިރު ހިނގައިގަތެވެ. 

ފޯނު ބާއްވާފައި ނީނާ ދެލޯ ފުހެލިއެވެ. މިވަގުތު ނީނާ ވަރަށް އެކަނިވެރިއެވެ. އަޅާލާނެ އެއްވެސް މީހަކު ނެތެވެ. ޒާހިރު ނޫން މީހަކާ ނީނާއަކަށް ކައިވެންޏެއް ނުކުރެވޭނެއެވެ. އެހެންކަމުން ލޯބިނުވިޔަސް ނީނާ ބޭނުންވަނީ ޒާހިރުއާއި ކައިވެނި ކުރާށެވެ. އޭރުން ނީނާ ބަލާނެ މީހަކު ހުންނާނެއެވެ. އެކަނިވެގެން އުޅޭކަށް  ނުޖެހޭނެއެވެ. ލޯބިނުވިޔަސް ކައިވެނި ކުރީމާ ލޯބިވެވޭނެ ކަމަށް މާމަ އަބަދުވެސް ބުނެއެވެ. އެގޮތަށް ނީނާވެސް ގަބޫލުކުރާނީއެވެ. މިހެން ހިތަށް އަރާފައި މަސައްކަތާއިގެން ކުރިއަށްދިޔައެވެ. މާމަ ކޮޓަރިއާއި ކޮއްކޮ ކޮޓަރި ސާފުކޮށް ނިމުނީއެވެ. އެތަންތަނުގައިވާ ބައެއް އެއްޗެއް ނީނާ އުކާލީއެވެ. ނަމަވެސް މުހިއްމު ބައެއް ލިޔެ ކިޔުންތަކާއި، ކޮއްކޮއަށް ޔޫނުސް ދީފައިހުރި ބައެއް އަންނައުނުތައް ބެހެއްޓިއެވެ. އެތަކެތި އައުކަމުން ޔޫނުސްއަށް ލެވޭނެތިއެވެ. މަސައްކަތް ނިންމާލުމަށްފަހު ނީނާ ދިޔައީ ބަދިގެއަށެވެ. ހެނދުނު ރަނގަޅަށް ސައިނުބޮވުނީމައި ޖޫސް ތައްޓެއް ތައްޔާރުކޮށްލުމަށެވެ. މެންދުރުގެ ވަގުތުކަމުން އަވިބާރުވެފައި ހޫނުވެސް ގަދައެވެ. އެހެންކަމުން ނީނާ ހުރީ ކަރުހިއްކައިގަނެފައެވެ. ފިނިއެއްޗެއް ބޮއިލާން ނުހަނު ބޭނުންވެފައެވެ. ބަދިގޭގައި ނީނާ ހަރަކާތްތެރިވަމުން ދިޔައިރުވެސް ބޮލުގައި ރިހޭކަން ފާހަގަވިއެވެ. އޮއްޓަރުހުރި އެއްޗެއް ނުކައި ގިނައިރު ހުރެވުމުން ކަމަށް ނީނާއަށް ވިސްނުނެވެ. އެހެންކަމުން ނޫޑުލިސް ޕެކެޓެއް ތައްޔާރުކޮށްލުމަށް ތެއްޔެއް ބަލާ ގޯތިތެރެއަށް ނުކުތް ވަގުތެވެ. ނީނާގެ ބޮލަށް އެރި ތަދު ބޮޑުވެގެން ހުރިތަނަށް ނިނާ ވެއްޓިއްޖެއެވެ. އެވަގުތަކީ ޔޫނުސް ވެސް އައިސް ނީނާމެންގޭ ގޮތިތެރެއަށްވަތް ވަގުތެވެ. ނީނާ ދައްތާއޭ ކިޔާފައި ޔޫނުސް ބާރަކަށް ދުއްވައިގަތެވެ. ޔޫނުސް އައީ ނީނާ ބުނެގެން ގަމީސްތައް ބަލާއެވެ.                               
(ނުނިމޭ)


(މިވާހަކައަކީ ހަފްތާއަކު އެޕިސޯޑެއް ނެރޭގޮތަށް ޝާއިޢު ކުރެވޭ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ