މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 12

ޔޫނުސް ގޮސް ނިނާ ހިފެހެއްޓުމުގެ ކުރިއަށް ބިންމައްޗަށް ވެއްޓިއްޖެއެވެ. ނީނާގެ ދެކޮނޑުގައި ހިފާ ތަޅުވާލާފައި ޔޫނުސް ގޮވަން ފެށިއެވެ. ހާސްވެ ހަދާނެ ގޮތެއް ނޭންގިފައި ޔޫނުސްއަށް ހުރެވުނީއެވެ. އިރުކޮޅަކުން ފެންތައްޓެއް ގެނެސް ނީނާގެ މޫނުގައި އުނގުޅާލިއެވެ. ފާތުން ނީނާއަށް ގޮވަމުން ބަދިގެ ފަރާތަށް އަންނަ އަޑު އިވުނެވެ. ނީނާ ވެއްޓިފައި އޮތް މަންޒަރުފެނިފައި ފާތުންވެސް އެދިމާލަށް ދުއްވައިގަތެވެ. ނީނާގެ މޫނުގައި ފެންފޮދެއް އަނެއްކާވެސް އުނގުޅާލިއެވެ. އިރުކޮޅަކުން ނީނާ ހޭވެރިކަން ވެއްޖެއެވެ. އަދި ވަރަށް ބޮޑަށް ބޮލުގައި ރިއްސާ ވާހަކަ ބުނެލިއެވެ. ނުކައި ގިނައިރު ހުރުމުގެ ސަބަބުން ބޮލުގައި ރިއްސަނީ ކަމުގައި ފާތުންވެސް ނިންމިއެވެ. ނީނާ ގާތުގައި އަރާމުކޮށްލަން ބުނެފައި ނޫޑުލިސް ކައްކަން ދިޔައީ ފާތުންއެވެ.

ސިޓީންރޫމްގައި އިށީންދެލައިގެން އާޒިމް އިނީ އޮފީހުގެ މަސައްކަތެއް ކުރާށެވެ. މިހާރު އާޒިމްމެން އެރަށުން ފުރާ ދުވަސްވެސް ކައިރިވަނީއެވެ. ގެސްޓު ހައުސްގެ ހުރިހާ ދިރާސާތަކެއްކޮށް ނިންމާލެވިއްޖެއެވެ. ދެން ޖެހޭނީ ރިޕޯޓު ތައްޔާރުކުރާށެވެ. މާލެއަށް ގޮސްވެސް ރިޕޯރޓު ނިންމާލެވޭނެއެވެ. އާޒިމްގެ ސިކުނޑީގެ ތެރޭގައި އެނބުރެމުން ދަނީ ނީނާގެ ހިޔާލުތަކެވެ. ނީނާ ޒާހިރު ގާތުގައި ބުނި ވާހަކަ އާޒިމްގެ ހިތަށް އުނދަގޫ ކުރަމުން ދަނީއެވެ. ނީނާ ހަމަ އަސްލުވެސް ޒާހިރުއާއި ކައިވެނިކުރަން ބޭނުންވަނީ ހެއްޔެވެ؟ ޒާހިރުފަދަ އަނިޔާވެރިއަކާ އެކީގައި ނީނާގެ ދިރިއުޅުން ވޭތު ކުރާނީ ކިހިނެއްހެއްޔެވެ؟ ނީނާގާތުގައި ލޯބިވާ ވާހަކަ ބުނަންވީ ބާވައެވެ. އޭރުން ނީނާ ހިތްހަމަ ނުޖެހިދާނެއެވެ.  މިފަދަ އެތަށް ސުވާލުތަކަކެއް އާޒިމްގެ ސިނކުޑި ބަރާކުރަމުން ދިޔައެވެ. އެންމެފަހުން ލެޕްޓޮޕް ލައްޕާލުމަށްފަހު ބޭރަށް ނުކުތެވެ. ޒާހިރުގެ ގާތުގައި ނީނާ ބުނި ވާހަކަ އާޒިމްގެ ކަންފަތުގައި ރިޕީޓްވަމުން ދަނީއެވެ. އެންމެފަހުން އަތް މުއްކަވާފައި ފާރުގައި ބާރަށް ޖަހާލިއެވެ. އާޒިމްގެ އަތަށް ވަރަށް ތަދުވިއެވެ. އެހެންނަސް ނީނާގެ ހިޔާލުތަކެއް އާޒިމްއަކާ ވަތްކެއް ނުވެއެވެ. 

އާޒިމްގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. އެކޮޅުންގުޅީ އާޒިމްގެ މަންމައެވެ. "ދަރިފުޅާ! އާޒިމްގެ މަންމަ ވާހަކަ ދައްކަން ފެށިއެވެ. " ދަރިފުޅު ހާލު ކިހިނެއްތަ؟ އަދިވެސް މިކޮޅަށް އަންނާކަށް ނުވޭތަ؟ މާދަމާ އަކީ ކޮން ދުވަހެއްކަން އެނގޭތަ؟ މައިޝާ ކައިވެނި ކުރާއިރު އާޒިމް ނެތީމާ އެ މަންޖެ ހުރީ ވަރަށް ދެރަވެފަ؟ އާޒިމްގެ މަންމަ ފަތިވަރެއް އަމުނާލިއެވެ. " ލައްބަ މަންމާ! މައި އަޅުގަނޑަށް ގުޅިއޭ! ވަރަށް އަވަހަށް ދާނަން އިރާދަކުރެއްވިއްޔާ! މިހާރު ހުރިހާ މަސައްކަތެއްވެސް ނިމިއްޖެ! މަޑުމައިތިރިކަމާ އަދަބުވެރިކަމަކީ އާޒިމްގެ މަންމަ ހަރީހާ އާޒިމަށް ދަސްކޮށްދިފައިވާ އަޚުލާޤެވެ. އުމުރުން ކިތަންމެ ބޮޑުވިޔަސް މަންމައާއި އާޒިމް ވާހަކަ ދައްކަނީ ރީތި ބަހުންނެވެ. " ކޮބާ އިބްރާހީމް، އޭނަގެ ހާލު ރަނގަޅުތަ؟ އަނެއްކާވެސް ހަރީރާ ސުވާލުކޮށްލިއެވެ. " މިވަގުތު ގޭގަ ނޫޅޭ! މަންމަ އަށް އެނގޭތަ އިއްބެ އުޅެނީ މިރަށުން ކުއްޖެއް ހޯދައިގެން." ސަމާސާ ގޮތަކަށް އާޒިމް ބުނެލިއެވެ. "ތިހެންވއްޔާ މާލެ އަންނައިރު މަންމައަށްވެސް ފެންނާނެތާ! އިރުކޮޅަކަށް މަންމައާއި ވާހަކަ ދައްކާލުމުން އާޒިމްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. 

ދެކޮޅަށް ފުރޮޅިލަ ފުރޮޅިލައި އޮތް ނީނާ އޮތީ ނިދި ނައިސްގެންނެވެ. މާމައާއި ކޮއްކޮ މަތިން ހަނދާންވާވަރުންނެވެ.  މިހާރު އެގޭގައި އުޅެނީ ނީނާ އެކަންޏެވެ. ފޯނު ނަގައި ޒާހިރުއަށް ގުޅާލަން ހިތަށް އެރިއެވެ. ގަޑި ބަލާލިއިރު އަދި ގަޑިން ދިހައެއް ޖަހަނީ އެވެ. ޒާހިރު އަކީ އެހާ އަވަހަށް ނުނިދާނެކަން ނީނާއަށް އެނގެއެވެ. ޒާހިރުގެ ނަންބަރަށް ގުޅާލާފައި ފޯނު ކަންފަތުގައި ޖައްސާލިއެވެ.އިރުކޮޅަޅުކުން ހަލޯ އޭ ބުނެލިއަޑު އިވުނެވެ. އިވުނީ އަންހެން ކުއްޖެއްގެ އަޑެވެ. ނީނާގެ ދެލޯ ބޮޑުވިއެވެ. ނީނާ އިރުކޮޅަކު ވާހަކަ ނުދައްކާ މަޑުކޮށްލިއެވެ. އިތުރަށް ޔަގީންކޮށްލުމުގެ ނިޔަތުގައެވެ. އަނެއްކާވެސް ހަލޯއޭ ބުނެލިއެވެ. ހަމަ އެއަޑެވެ. ނިނާ އެއްޗެއް ނުބުނެ ފޯނު ކަނޑާލިއެވެ. އަދި ޒާހިރުގެ ނަންބަރުތޯ ޔަގީންކޮށްލިއެވެ. އާއެކެވެ.އެއީ ޒާހިރު އަބަދުވެސް ގުޅާ ނަންބަރެވެ. ވީއިރު އަންހެން ކުއްޖަކު ފޯނު ނަގަންވީ ކީއްވެބާވައެވެ.  ޒާހިރު ކޮބައިބާވައެވެ. އެތައް ސުވާލުތަކަކުން ނީނާގެ ސިކުނޑި ތޮރުފަމުންދިޔައެވެ. 

"ކާކު ގުޅީ" ޒާހިރު އައިސް މައިޝާގެ އަތުން ފޯނު އަތުލިއެވެ. އަދި ނީނާގެ ނަންބަރު ފެނިފައި ޒާހިރު ހާސްވިއެވެ. މައިޝާއަށް އެނގިދާނެތީއެވެ. އެއީ ރަށުން، ރަށު ކުއްޖެއް.."ކޮން ނީނާއެއް؟ އަނެއްކާވެސް މައިޝާ ސުވާލުކޮށްލިއެވެ. " އެއީ ކޮއްކޮއެއް.. މާމަ މެންގޭ ކުއްޖެއް؟ އަނެއްކާވެސް ޒާހިރު ދޮގެއް ހަދާލިއެވެ. އިތުރަކަށް އެއްވެސް ސުވާލެއް މައިޝާއެއް ނުކުރެއެވެ. ހިނިތުންވެލާފައި ދާން ހިނގާށޭ ބުނެލިއެވެ. އެވަގުތު ޒާހިރުއާއި މައިޝާމެން ތިބީ ޕާޓީއެއްގައެވެ. އެދެމީހުންގެ ކައިވެނީގެ ކުރިން އާއިލާގެ ފަރާތުން ދޭ ޕާޓީއެކެވެ. ޕާޓީގައި ހުރިއިރުވެސް މައިޝާ ހުރީ ވަރަށް އުފާވެފައެވެ. ޒާހިރުދެކެ މައިޝާ ވަރަށް ލޯބިވެއެވެ. ޕާޓީގައި މައިޝާގެ ބައްޕަގެ ވިޔަފާރީގެ އެކުވެރިންނާއި، މައިޝާގެ ގާތް ރައްޓެހިންނާއި، މައިޝާގެ މަންމަގެ ރައްޓެހިންނާއި އަވައްޓެރިންނަށް ދަޢުވަތު ދިނެވެ. ޕާޓީގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލި ކަމުގައިވިޔަސް މުއްސަނދި ކަމާއި ފޯރާކަން ފެންނަން އެބަހުއްޓެވެ. އެންމެން ލާފައި ތިބި ހެދުމުންނާއި، އަޅާފައިވާ ގަހަނާތަކުންވެސް އެކަން ޔަގީންވެއެވެ. 

އަނެއްކޮޅުން ޒާހިރު ގުޅާނެ ކަމުގެ އިންތިޒާރުގައި އޮތް  ނީނާ ސިއްސައިގެން ދިޔައއީ މީހަކު ދޮރުގައި ތަޅާއަޑު އިވުމުންނެވެ. މަޑުމަޑުން ނުކުމެ ގޭގެ ދޮރު ހުޅުވާލިއިރު އާޒިމް ބޭރުގައި ހުރިތަން ފެނުނެވެ. އެގަޑީގައި އާޒިމް އެތާނގައި ހުރިތަން ފެނުމުން ނީނާ ހައިރާންވިއެވެ. އާޒިމް މިވަގުތު މިތާ ކީއްކުރަނީ؟ ހައިރާންވެފައި ހުރެ ނީނާ އަހާލިއެވެ. އާޒިމް އެއްޗެއް ނުބުނެ އިރުކޮޅަކު ހުއްޓިލައިގެން ހުއްޓެވެ. ބުނާނެ އެއްޗެއް ނޭންގިފައި އިރުކޮޅެއްވަންދެން އާޒިމަށްވެސް ހުރެވުނީއެވެ. މި މި މިއައީ ނީނާގެ ހާލު ބަލާލަން؟ އަޅައަޅައިގަންނަ ގޮތަކަށްހުރެ އާޒިމް ބުނެލިއެވެ. " މިހާރު ރަނގަޅު؟ ނީނާ ބުނެލިއެވެ. އެކަމަކު އާޒިމަށް ކިހިނެއް އެނގުނީ އަހަރެން ބަލިވި ކަމެއް؟ ހައިރާންވެފައި ހުރެ ނީނާ އަހާލިއެވެ. އާޒިމް ވިސްނާލިއެވެ. ހަމަ އަސްލުވެސް ނީނާ މިއަދު ބަލި ހެއްޔެވެ؟ މަސައްކަތުގައި އުޅުނުއިރު ހުރީ ހަމަ ރަނގަޅަށެވެ. ފަހުން އަނެއްކާ ނީނާއަށް ކިހިނެއްވީބާވައެވެ. ބުނާނެ އެއްޗެއް ނޭނގި ފުން ހިޔާލެއްގެ ތެރޭގައި އާޒިމަށް ހުރެވުނެވެ. "އާޒިމް" އަނެއްކާވެސް ނީނާ ގޮވާލިއެވެ. " އެ، އާ ނީނާއަށް ކިހިނެއްވީތަ މިއަދު، އާޒިމް އޮޅުންފިލުވަން ބޭނުންވިއެވެ. "ދެންމެއެއްނު ތިބުނީ އަހަރެން ބަލިވިކަން އެނގުނޭ!! ހައިރާންވެ ހުރެ ނީނާ އަނެއްކާވެސް އަހާލިއެވެ. " އާ ފާތުން ބުނީ ހަމައެކަނި ބަލިވި ވާހަކައޭ..ވީ ވީ ގޮތެއް ނުބުނެއޭ.. އާގަންނަމުން މަޑުމަޑުން އާޒިމް ބުނެލިއެވެ. " މާބޮޑު ކަމެއްނުވޭ ނުކައި މާގިނަ އިރު ހުރީމައި ބޮލުގައި ރިއްސަންފެށީ ދެންވީ ގޮތެއް ނޭނގުނު، ޔޫނުސް ބުނީ އަނބުރައިގަތީޔޯ! ހިނިތުންވެލާފައިހުރެ ނީނާ ޖަވާބުދިނެވެ.

ދެންދަނީ ވަރަށް ލަސްވެއްޖެއެއްނު! މިހެން ބުނެފައި އާޒިމް ހިނގައިގަތީއެވެ. ނީނާ އެއްޗެއް ބުނުމަށް ފުރުސަތުވެސް ނުދީއެވެ." އަޖައިބެއް"  ނީނާއަށް ބުނެވުނެވެ. އާޒިމް އުޅުނު ގޮތުން ނީނާވެސް ހުރީ ހައިރާންވެފައެވެ.މިއީ ދުވަހަކުވެސް އާޒިމްގެ ފަރާތުން ނީނާއަށް ފެނުނު ސިފައެއްނޫނެކެވެ. އާޒިމަށް ކިހިނެއްވެފަބާއޭ ހިތާހިތާ ސުވާލުކޮށްލަމުން ނީނާ ގެއަށްވަދެއްޖެއެވެ.
އާދުވަހެކެވެ. މައިޝާ މެންގޭ ތެރޭގައި މީހުން ހޭބޯނާރާ އުޅުނީ ކައިވެންޏަށް ތައްޔާރުވުމަށެވެ. މައިޝާވެސް އެކި ދިމަދިމާލަށް ދުވާތަން ފެނެއެވެ. ކައިވެނި އޮތީ ދަރުބާރުގޭ ބިއްލޫރި މާލަމުގައެވެ. އެތަން ތައްޔާރުކުރުމަށްޓަކައި، ބޭނުންވާނެ އެއްޗެހި އެއްކުރުމުގައި މައިޝާވެސް ބައިވެރިވިއެވެ. ވަރު ވަރުން ނޯކަރުން ލާފައި ތިބޭ އިރުވެސް މައިޝާ ބޭނުންވަނީ އޭނާގެ ކައިވެނީގެ އެންމެހާ ކަންތައްތައް އަމިއްލައަށް ކުރާށެވެ. އެކަމާ މައިޝާގެ މަންމަ ރަޤީބާވެސް ހުރީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް ދަރިފުޅުގެ އުފަލަކަށް ހުރަސް ނާޅަން އެއްޗެއް ނުބުނެ ހުރީއެވެ. ރަޤީބާއަކީ މައިޝާގެ މަންމައެވެ. މައިޝާގެ ކައިވެނީގެ ކަންތަކުގައި ހަރީރާވެސް އަމަލީ ގޮތުން ބައިވެރިވަމުން  ދިޔައެވެ. ހަރީހާއަކީ މައިޝާގެ ބޮޑުމަންމައެވެ. އެއީ ރަޤީބާގެ ފިރިމީހާ ހަމީދުއާއި ހަރީރާގެ ފިރިމީހާ ޖަލީލަކީ އެއްބަނޑު އެއްބަފާ ދެމީހުންނެވެ. މައިޝާގެ ކައިވެނީގެ އުފަލުގައި ބައިވެރިވާން މައިޝާގެ ގާތް އެނެމެންވެސް އެބަ ތިއްބެވެ. އާޒިމް އަދި އިއްބެ ފިޔަވައެވެ. އެންމެ ގާތް ރަހުމަތްތެރިޔާގެ އިތުރުން އާޒިމަކި މައިޝާގެ ކަޒިން ބޭބެވެސް މެއެވެ. އިއްބެގެ މަންމަ ޒައިނަބުވެސް  ހަފްލާގެ ތައްޔާރީތަކުގައި ބައިވެރިވިއެވެ. އިއްބެގެ މަންމައަކީ އެ އާއިލާގެ ބޮޑު ދައްތައެވެ.

ކައިވެނީގެ ވަގުތު ކައިރިވާ ވަރަކަށް މައިޝާގެ ހިތް ބާރަށް ތެޅެމުންދެއެވެ.ކިތަންމެ ގިނަ ދުވަހު ޒާހިރުއާއި އެކީގައި އުޅުނުކަމުގައި ވިޔަސް ކައިވެނީގެ ވަގުތު ޖެހެމުންދިޔަ ވަރަކަށް މައިޝާއަށް ކުރެވެމުންދިޔައީ ތަފާތު އިހުސާސެކެވެ. މިއީ އަންހެންކުއްޖެއްގެ ހަޔާތަށް އަންނާނެ އެންމެ ބޮޑު އެއްދުވަހެވެ. 

(ނުނިމޭ)


(މިވާހަކައަކީ ހަފްތާއަކު އެޕިސޯޑެއް ނެރޭގޮތަށް ޝާއިޢު ކުރެވޭ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ