މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 13

ކައިވެނީގެ ވަގުތު ކައިރިވާ ވަރަކަށް މައިޝާގެ ހިތް ބާރަށް ތެޅެމުންދެއެވެ.ކިތަންމެ ގިނަ ދުވަހު ޒާހިރުއާއި އެކީގައި އުޅުނުކަމުގައި ވިޔަސް ކައިވެނީގެ ވަގުތު ޖެހެމުންދިޔަ ވަރަކަށް މައިޝާއަށް ކުރެވެމުންދިޔައީ ތަފާތު އިހުސާސެކެވެ. މިއީ އަންހެންކުއްޖެއްގެ ހަޔާތަށް އަންނާނެ އެންމެ ބޮޑު އެއްދުވަހެވެ. 

ފިޔާތޮށި ކުލައިގެ ފޮތިން ދަރުބާރުގޭގެ ބިއްލޫރި މާލަން ވަނީ އެއްކޮށް ޒީނަތްތެރިކޮށްލެވިފައެވެ. އާއިލާގެ މީހުންނާއި އެކުވެރިންނާއި ވިޔަފާރިވެރިން ކައިވެނި ހަފްލާގައި ބައިވެރިވިއެވެ. ބޮޑު ފަސްބައެއް ލެވިފައިވާ ހުދުކުލައިގެ އަތްދިގު ވެޑިން ޑްރެސްގައި މައިޝާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ހެދުމުގެ އަތްދިގުވެފައި .ހެދުމުގައި ހަރުކުރެވިފައިވަނީ އެންމެ ފަހުގެ ބްރޭންޑް ތަކުގެ މިނާ އާއި ރޭންދާ ބޭނުންކޮށްގެންނެވެ. އެގެ އިތުރުން މައިޝާގެ މޫނުމަތިންފެންނަމުންދިޔަ ރީތި ހިނިތުންވުމުގެ ސަބަބުން މައިޝާ ފެންނަލެއް މާބޮޑަށްވެސް ފުރިހަމައެވެ. މައިޝާ ބިއްލޫރި މާލަމަށް ވަދެގެން އައިރު އެންމެންނަށްވެސް ތިބެވުނީ ކަޅިޖަހާނުލާ ބަލައްހައްޓައިގެންނެވެ. ޒާހިރުގެ ހާލަކީ ވެސް އެއީ އެވެ. މައިޝާއާއި ދިމާލަށް ހެވިފައި ބަލަހައްޓައިގެން ހުރެވުނު ގޮތެއްވެސް ޒާހިރުއަކަށް ނޭންގުނެވެ. ކަޅުކުލައިގެ ސޫޓުގައި ޒާހިރު ފެންނަލެއްވެސް ވަރަށް ސްމާޓެވެ. އުމުރުން ކިތަންމެ ބޮޑު ނަމަވެސް ޒާހިރުގެ މޫނުމަތިން ޒުވާންކަމުގެ އަސަރުތައް ނުފިލައެވެ. ކައިވެނީގެ ވަގުތުޖެހި ދެ ލޯބިވެރިން އަބަދުގެ އަބަދަށް ގޮށް ޖަހާލެވުނީ ޒާހިރުގެ " އަނބިގަބޫލުކޮށްފިން ޖުމްލައިންނެވެ" ކައިވެނި ކުރެވެމުންދިޔައިރު ހަތަރު ފަރާތުން ފޮޓޯތައް ނެގެމުންދިޔައީ މައިޝާގެ އެދުމުގެ މަތިންނެވެ. މައިޝާ ބޭނުންވީ ކައިވެނީގެ ހުރިހާ މަންޒަރެއް ފަހުން ބެލޭނޭ ގޮތަކަށް ރައްކާކުރެވިފައި ހުންނާށެވެ. 

އެއްކޮޅުން ކައިވެނިކޮށް ނިމުނު އިރު އަނެއްކޮޅުން ކައިވެންޏަށް ތައްޔާރުވަމުންދަނީއެވެ. އިއްބެ ބޭނުންވަނީ އާދައިގެ ގޮތަކަށް ކައިވެނީގެ ކަންތައް ނިންމާލާށެވެ. ކިތަންމެ މުއްސަދި ވިޔަސް އިއްބެއަކީ ވަރަށް އާދައިގެ ދިރިއުޅުމަށް ލޯބިކުރާ މީހެކެވެ. ބޮޑު ޕާޓީއެއް ބޭއްވުމަކީ އިއްބެ ނަޒަރުގައި ދެއްކުންތެރިކަމެވެ. ބޮޑު ޕާޓީއެއް ނުބޭއްވިޔަސް ކައިވެނި ކުރެވިދާނެ ނޫން ހެއްޔެވެ. މިއީ އިއްބެ އަބަދުވެސް ބުނަމުން ދިޔަ ވާހަކައެކެވެ. އިއްބެގެ މަންމައާއި ބައްޕައަކީވެސް ވަރަށް އާދައިގެ ގޮތަކަށް ދިރިއުޅެމުންދާ ދެމީހުންނެވެ. އިއްބެ ހިތްއެދޭ ގޮތެއް އެދެމީހުންނަށްވެސް އެންމެ ރަނގަޅުކަމުގައި ބުންޏެވެ. ފާތުންގެ ކައިވެނީގެ ތައްޔާރީތަކުގައި އެންމެ ގާތުގައި އުޅުނީ ނީނާއެވެ. އަދި ހަމަ އިއްބެގެ އެންމެ ގާތުގައި އުޅުނީ އާޒިމްއެވެ. ފާތުންގެ ކައިވެނި ކުރެވުމުން ނީނާ ވަރަށް އެކަނިވާނެއެވެ. އެހެންނަމަވެސް ޒާހިރު ނިނާއާއި ކައިވެނި ކުރަން އަންނާނެ ކަމުގެ އުއްމީދުގައި ދުވަސް ގުނާލަގުނާލައި ނީނާއަށް ހުރެވެއެވެ. 

އިއްބެއާއި ފާތުންގެ ކައިވެނީގެ ތައްޔާރީތައް ވަރަށް ފޯރިއާއެކު ފާތުން މެންގޭގައި ކުރެވެމުންދެއެވެ. ކައިވެނީގެ ހަފްލާ އޮތީ އާޒިމް މެން ތިބޭ ގެސްޓުހައުސްގެ ޓެރަސްމަތީގައެވެ. ނީނާއެކޭ އެއްގޮތަށް އާޒިމްވެސް ކައިވެނީގެ ތައްޔާރީތަކުގައި އިއްބެއާއި އެކީގައި އުޅެމުންދެއެވެ. ޓެރަސް މަތި ޒީނަތްތެރިކުރުމުގައި ދެމީހުންގެ ހިއްސާވެސް ފުރިހަމައަށް ލިބެމުން ދިޔައެވެ. އާޒިމްގެ ނަޒަރު ގިނަ ފަހަރަށް ހުއްޓިފައި ހުންނަނީ ނީނާއާއި ދިމާލަށެވެ. އެއްބައި ފަހަރު ނީނާއަށް ބަލަހައްޓައިގެން ހުއްޓާ ކައިރީގައި ހުންނަ މީހާ ގައިގައި އަޅައި ގަނެފައި ވެއްޓޭ ފަހަރުވެސް އާދެއެވެ. މިފަދަ ދަނޑިވަޅުތަކުގައި އާޒިމް ގެ އަމިއްލަ ނަފްސަށް ހެވޭ ފަހަރުވެސް އާދެއެވެ. އިއްބެއާއި ފާތުންގެ ކައިވެނީގެ ހަފްލާއަށް ތައްޔާރުކުރެވިފައިވަނީ ފަނާއި ގަހުގެ ފަތް ބޭނުންކޮށްގެންނެވެ. އެހެންކަމުން ކައިވެނީގެ ހަފްލާ ބާއްވާތަން ފެންނަލެއް ވަރަށްވެސް ފެއްސެވެ.އަދި ވަރަށް ހިތަގައިމުވެސް މެއެވެ. އާޒިމާއި ފާތުންގެ އިތުރުން ތައްޔާރީތަކުގައި ނީނާމެން ގުރޫޕް ކުދިންވެސް ބައިވެރިވިއެވެ. ޓެރަސްގެ ހޮޅިދަނޑީގައި ލައިޓު ހަރުކުރަން ހުރި އާޒިމްގެ ފޯނަށް މެސެޖެއް އައުމުން ފޯނު ބަލާލިއެވެ. މެސެޖު ފޮނުވީ މައިޝާއެވެ. މައިޝާގެ ކައިވެނީގެ ފޮޓޯތައް އާޒިމަކަށް އަދި ނުފެނެއެވެ. ކައިވެނިކުރި ރޭ ފޮޓޯތައް މައިޝާއަށް ނުފޮނުވުނީ ވެފައިވާ ވަރުބައްޔެއްގެ ސަބަބުންނެވެ. ފޮޓޯތައް ބަލަމުންދިޔައިރު އާޒިމަށް މައިޝާގެ ފިރިމީހާގެ ފޮޓޯއެއް އަދިވެސް ނުފެނެއެވެ. ހެވިފައި އިނދެ ފޮޓޯތަކަށް ބަލަމުންދިޔައީ މައިޝާ ފެންނަލެއް ފުރިހަމަ ކަމުންނެވެ. މައިޝާގެ ކައިވެނީގައި ބައިވެރިވެވުނު ނަމައޭ އާޒިމްގެ ހިތަށް އަރަމުން ދިޔައެވެ. އަދިވެސސް ފެންނަން ހުރީ މައިޝާއާއި އާއިލާ މީހުންގެ ފޮޓޯތަކެވެ. ދެން އިން ފޮޓޯ ސްކްރޯލް  ކޮށްލި ވަގުތު އާޒިމް ގަޔަށް މީހަކު އެއްޗެއް ހަރާލި ކަމުގެ އިހުސާސް ކުރެވުނެވެ. މައިޝާގެ އަނެއް ފަރާތުގައި ހުއްޓިލައިގެން އެހެރީ އޭނައެވެ. އާއެކެވެ. އެއި ޒާހިރުއެވެ. އާޒިމްގެ މޫނުމަތީގެ ޠަބީޢަތް ބަދަލުވިއެވެ. މޫނުމަތީގައި އަތްކާއްތާލެވުނީ ލިބިފައިވާ ހައިރާންކަމެއްގެ ސަބަބުންނެވެ. އަދި މަޑުމަޑުން ޒާހިރު އޭ ކިޔާލެވުނީ ބޭ އިޚްތިޔާރުގައެވެ. އާޒިމަށް އަދިވެސް ފޮޓޯއަށް ބަލަހައްތައިގެން އިނދެވުނީއެވެ. މައިޝާ މިއޮތް ހާދުވަހު ރައްޓެހިވެގެން އުޅުނީ ޒާހިރުއާ ހެއްޔެވެ. ބައްޕަގެ އޮފީހުގައި މަސައްކަތް ކުރި ޒާހިރު ކަނޑާލީ މައިޝާއާއި ރައްޓެހިވީމަ ހެއްޔެވެ؟ ޒާހިރު އެއީ މައިޝާ އާއި ބަލާފައި ހާދަ ބޮޑު މީހެކެވެ. މައިޝާ ހަމަ އަސްލުވެސް ޒާހިރު ދެކެ ލޯބިވަނީ ހެއްޔެވެ؟ ޒާހިރުގެ ހަގީގަތް މައިޝާއަށް އެނގޭބާވައެވެ؟ މައިޝާ އާއި ކައިވެނިކުރި އިރު ނީނާއާއި އިންނަން އެ އުޅެނީ ކީއްވެހެއްޔެވެ؟ ނީނާއަށް މިކަން އެނގޭބާވައެވެ؟ ޒާހިރު މައިޝާއާއި ކައިވެނި ކުރީ ހަމަ ލޯބިން ހެއްޔެވެ؟ އާޒިމްގެ ސިނކުޑި ފުރި ބާރުވަމުންދިޔައީ އެތައް ސުވާލުތަކަކުންނެވެ. މި ސުވާލުތަކުގެ ޖަވާބު އާޒިމް ހޯދަން ބޭނުންވިއެވެ. އެއްކޮޅުން ލޯބިވާ ކޮއްކޮ އަދި ގާތް އެކުވެރިޔާގެ ހަޔާތް ބަރުބާދުވެގެންދާތަން ބަލާކަށް އާޒިމަކަށް ކެތެއް ނުވާނެއެވެ. ފޮޓޯގައި މައިޝާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުންވެސް އަދި ކައިވެނީގެ ކުރިން މައިޝާ ދެއްކި ވާހަކަތަކުންވެސް ވަރަށް އުފާވެފައިހުރިކަން އެނގެއެވެ.އަދި މައިޝާ ޒާހިރުދެކެ ލޯބިވާ މިންވަރު އާޒިމަށް އަނދާޒާ ކުރެވުނެވެ. އަނެއްކޮޅުން އާޒިމް އެންމެ ލޯބިވާ ނީނާއެވެ. ނީނާއަށް މިކަން އެނގޭބާވައެވެ.؟ އެނގޭނަމަ ނީނާ ޒާހިރުއާއި ކައިވެނި ކުރާނެ ހެއްޔެވެ؟ އިރުކޮޅަކުން އާޒިމަށް ފޯނެއް އައެވެ. އެގުޅީ މައިޝާއެވެ. "އޭ ކޮބާ ރީތިތަ ފޮޓޯތައް؟" އާޒިމް އެއްޗެއް ނުބުނުމުން މައިޝާ އެގުޅި އާޒިމަށް ކަމުދިޔަތޯ ބަލާށެވެ. " އާ..އާން ވަރަށް ރީތި؟ އާގަންނަ ގޮތަކަށް އާޒިމ ބުނެލިއެވެ. "މިވަގުތު އިހަށް ބާއްވަނީ" މައިޝާ ކިޔާނެ އެއްޗަކަށް ނުބަލާ އާޒިމް ފޯނު ކަނޑާލިއެވެ. މިކަމާ މައިޝާވެސް ހިސާބަކަށް ހައިރާންވިއެވެ. އެހެންނަމެވެސް ބިޒީ ކަމަށް ހިތަށް އަރާފައި އަޅާނުލިއެވެ.
އިންތަނުން ތެދުވެގެން އާޒިމް ދިޔައީ ނީނާ ހޯދާށެވެ. ނީނާއަށް ހަގީގަތް ހާމަކުރަން އާޒިމް ބޭނުންވިއެވެ. ކައިވެނީގެ ތައްޔާރީތަކުގައި އެންމެވެސް ވަރަށް ބުރަކޮށް އުޅެތަން ފެންނަމުން ދިޔައެވެ. ފާތުން މެންގޭ ތެރޭ، ޕާޓީއަށް ކައްކާ މީހުންނާއިގެން މުޅިތަން އޮތީ ފުރިފައެވެ. އެ އެންމެން ތެރެއިން ނީނާ ހޯދަން އާޒިމަށް އުނދަގޫވިއެވެ. އެހެންކަމުން ނީނާގެ ފޯނަށް ގުޅޭތޯ އާޒިމް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ނީނާގެ ފޯނަކަށް ނުވެސް ގުޅެއެވެ. ފާތުންވެސް ފެންނަން ނެތުމުން ކައިރީގައި ހުރި ކުއްޖެއް ގާތުގައި ނީނާ ކޮބައިތޯ އާޒިމަށް ސުވާލުކުރެވުނުވެ. އެ ކުއްޖާއަށްވެސް ނީނާ ވީތަނެއް ނޭނގުނެވެ. ދެންގުޅީ ފާތުން އަށެވެ. ފާތުން އޭރު އުޅުނީ ކާއެއްޗެހި ތައްޔާރުކުރުމަށް ބަދިގޭގައެވެ. ފާތުންއަށް ގުޅުމުން ފާތުން ބުނީ ނީނާ ދިޔައީ ގެއަށް ކަމަށެވެ. ނީނާމެންގެއަށް ދިޔުމަށް ހިނގައިގަތް ވަގުތު އިއްބެގެ ގައިގައި އަޅައިސގަތެވެ. " އާޒިމް ، ކޮންތާކަށްތި ދަނީ. ހިނގާބަލަ، މިހާރު ކައިވެނި ކުރާ ވަގުތު ކައިރިވަނީއެއްނު....ހިނގާބަލަ އަހަންނާ އެއްކޮށް .. " އާޒިމަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އިއްބެ އާޒިމްގެ އަތުގައި ހިފައިގެން ގެންގޮއްސިއެވެ. އިއްބެ ތައްޔާރުވާވަގުތު އާޒިމް އިއްބެގެ ކައިރީގައި ހުރުމަކީ އިއްބެ އެންމެ ބޭނުންވާ ގޮތެވެ. އާޒިމްފިޔަވާ އިއްބެގެ ގާތް މީހެއް އެތާކު ނުވެސް ނެތެވެ. އިއްބެގެ މަންމައާއި ބައްޕަމެންވެސް އަދި ނުލަފައެވެ. ހަވީރު ފަހެއްޖަހާއިރު އަންނާނެ ކަމަށް މަންމަމެން ބުންޏެވެ. ކައިވެނި އޮތީ ރޭގަނޑު އަށްގަޑި ބައިގައެވެ. 

"އަދި މަންމަމެން އަންނަތަނަށްވެސް ދާން ޖެހެނެ" އާޒިމްގެ އަތުގައި ހިފައިގެން ދަމުން އިއްބެ ބުނެލިއެވެ. "މަންމަމެން އާދޭތަ" ހައިރާންވެފައި ހުރެ އާޒިމް އަހާލިއެވެ. " އާން!!! އަހަންނަށްވެސް ލިބުނީ ޝޮކެއް! މަންމަމެން ލާންޗަށް އަރާފައިބުނީ އެބަދަމޭ ކައިވެންޏަށް....ފަހެއްޖަހާއިރު ލެފޭނެއޭ ބުނީ! މިހާރު ގަޑިން ހަތަރެއް ޖަހަނީ.. އާޒިމް ދާނަންދޯ މަންމަމެން ގެއަށް ގެންނަން..." އެކީ އެކައްޗަކަށް ހުރިހާ ވާހަކައެއް އެއްފަހަރާ އިއްބެ ބުނެލިއެވެ. " ވާހަކައިގެ ތެރޭގައި ގެއަށްވެސް އާދެވިއްޖެއެވެ. އިއްބެގެ ހުރިހާ ކަމެއްގައި އާޒިމަށް ޖެހުނީ އިއްބެގެ ކައިރީގައި މަޑުކުރާށެވެ. މަސައްކަތުގައި އުޅުނުއިރުވެސް އާޒިމަށް ހުރެވުނީ އެހެން ފިކުރެއްގައެވެ. ދޭތެރެއަކުން ނީނާއަށް ގުޅޭތޯވެސް އާޒިމް މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ނީނާގެ ފޯނަކަށް ނުގުޅެއެވެ. 

ކޮޓަރިތެރޭގައި ނީނާ އުޅެމުންދިޔައީ ކައިވެނީގެ ހަފްލާއަށް ދިޔުމަށް ރީތި ހެދުމެއް ހޯދުމަށެވެ. ނީނާގެ އަތުގައި މާބައިވަރު ހެދުމެއް ނުވެސް ހުރެއެވެ. އެހެންނަމަވެސް ޢީދު ކަހަލަ ހާއްސަ ދުވަސް ދުވަހު ލައިފައި ހުންނަ ހެނދުން ނީނާ ބަހައްޓާފައި ހުރެއެވެ. އެހެންކަމުން އެ އަހަރު ޢީދުގައި ލީ ހެދުން ލުމަށް ނީނާ ނިންމިއެވެ. ހެނދުން ހޯދައި ނިމުނުއިރު ގަޑިން ފަސްގަނޑިބައި ހައެއް ޖަހައިފިއެވެ. ގަޑި ބަލާލާފައި ތައްޔާރުވުމަށް ނީނާ އަވަސްވެގަތެވެ. ފާތުން ތައްޔާރުކުރަން ނީނާއަށް ދެވޭނީ އޭނާވެސް ތައްޔާރުވެގެންނެވެ. އެހެންކަމުން ފާހާނާއަށް ވަދެ ފެންވަރައިގެން ނުކުމެ ތައްޔާރުވާންފެށިއެވެ. އިރުކޮޅަކުން މީހެއްގެ ހިލަންވެގެން ނީނާ ކޮޓަރީން ބޭރު ބަލާލިއެވެ. ދޮރުމަތީގައި ހުރި މީހާ ފެނިފައި ނީނާ ހައިރާންވެ ދެލޯ ބޮޑުވިއެވެ.


(ނުނިމޭ)


(މިވާހަކައަކީ ހަފްތާއަކު އެޕިސޯޑެއް ނެރޭގޮތަށް ޝާއިޢު ކުރެވޭ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ