މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 16

ނީނާ އަހަންނާއި އިންނާނަންތަ؟............................................. ނީނާގެ ލޮލަށް ބަލަހައްޓައިގެން އިނދެ ވަރަށް ސާފުކޮށް އާޒިމް ބުނެލިއެވެ. ނީނާގެ ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ. ހަށިގަނޑުގެ ލޭ ދައުރުވުން އަވަސްވިހެން ހީވިއެވެ. މުޅި ހަށިގަނޑަށް ހީވީ ތޫފާނެއް ވެރިވި ހެންނެވެ. ހިތުގެ ތެޅުންދިޔައީ ބާރުވަމުންނެވެ. ހުއްޓުން އަރާފައި އިރުގަނޑެއް ވަންދެން އިނދެވުނީ އާޒިމާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ދޭނެ ޖަވާބެއް ބުނާނެ އެއްޗެއް ނީނާއަކަށް ނުވިސްނުނެވެ. އާޒިމްވެސް އިންގޮތަށް ނީނާއާއި ދިމާލަށް ބަލަހައްޓައިގެން އިނީއެވެ. " ނީނާ" އާޒިމަށް ގޮވާލެވުނެވެ. ހިޔާލެއްގެ ތެރެއަށް ގެއްލިފައިއިން މީހަކު ސިހުނުފަދައިން ނީނާވެސް ދިޔައީ ސިއްސައިގެންނެވެ. އާޒިމް ބުނި އެއްޗަކާމެދު ދެވަނަ ފަހަރަށް ނީނާ ވިސްނާލިއެވެ. އޭނާފަދަ މީހަކާއި އާޒިމް އިންނަން ބޭނުންވާނެ އެއްވެސް ސަބަބެއް ނޯންނާނެއެވެ. " އެއްވެސް މީހެއްގެ ހަމްދަރުދީއެއް އަހަރެން ބޭނުމެއް ނުވޭ، އާޒިމް އަހަންނަށް ތި ކޮށްދޭ ކަންތައްތަކަށް އަހަރެންގެ ހިތުގެ އަޑިން ޝުކުރުވެރިވަން،އެހެންނަމަވެސް ތިޔަފަދަ ބޮޑު ނިންމުމެއް އަހަރެންގެ ދިރިއުޅުމަށް ނިންމާކަން އަހަންނަކަށް ނޭނގެ..އަހަރެންފަދަ މީހާކާއި ކައިވެނި ކުރާން ތިއުޅެނީ ކީއްވެ؟.. ޒާހިރު އަހަންނާއި ދެތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް ޒާހިރު ނޫން މީހަކާއި އަންހަންނަށް ކައިވެންޏެއް ނުކުރެވޭނެ... ރޮވިފައި ނީނާ ވާހަކަދެއްކުން ކުރިއަށް ގެންދިޔައެވެ. " ނީނާގެ ވާހަކައިގައި ޒާހިރުގެ ނަން އަދި އޭނާއާއި ކައިވެނިކުރާނެ ކަމަށް ބުނުމުން އާޒިމް ހިތްހަމަނުޖެހުނެވެ.

"ނީނާ، އެންމެ ރަނގަޅު...ދެން ހެޔޮ،، ނީނާއަށް އެނގޭތަ ނީނާއަށް ތި ކިޔޭ އެއްޗެއް، އާޒިމް ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. ޒާހިރުއެއީ އަހަރެންގެ ކޮއްކޮގެ ފިރިމީހާއޭ... ނީނާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން.. ނީނާގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުރެ އާޒިމް ވާހަކަދެއްކީ ނުރުހުންވެ ހުރެއެވެ. " އަހަރެން ދައްކާ ވާހަކަ އަޑުއަހާ " އަހަރެންގެ ކޮއްކޮގެ ދިރިއުޅުން، ކަލޭމެންދެމީހުން ހަލާކުކޮށްލާކަށް ފުރުސަތެއް ނުދޭނަން... އެހެންވީމާ ނީނާގެ ނުރުހުމުގައިވެސް އަހަރެން ނީނާއާއި ކައިވެނި ކުރާނަން..މާދަމާ ރަންކިޔަން އަހަރެން ހެކިވެރިން ފޮނުވާނަން...ޒާހިރުމެން މާދަމާ މާލެ ފުރީމައި އަހަރެން ނީނާއާއި ކައިވެނި ކުރާނަން..އަދި މިވާހަކަ ޒާހިރު ގާތުގައި ބުނެފިނަމަ އަހަރެންނަކީވެސް ނުލަފާ މީހެއްކަން ދައްކާލާނަން" ރުޅިއައިސް ދެލޯ ބޮޑުކޮށްލާފައި މިހުރިހާ ވާހަކައެއް އެއްފަހަރާ އާޒިމް ނީނާގާތުގައި ބުނެލިއެވެ. ނީނާގެ ކޮނޑުގައި ހިފާ ކޮއްޕާލާފައި އެތަނުން އާޒިމް ހިނގައްޖެއެވެ. އާޒިމްގެ ކޮންމެ ޖުމްލައެއް ވަކި ވަކީން ނީނާގެ ހިތަށް ހަންޖަރެއްފަދައިން ހެރެމުންދިޔައެވެ. އާޒިމްގެ އެ ހަރުކަށި ޖުމްލަތަކުން ނީނާގެ ހިތް އިތުރަށް ޒަޚަމްވެގެންދިޔައެވެ. ހިތްފަޅައިގެން ގޮސް ހުރިތަނަށް ތިރިވެ ބާރުބާރަށް ރޮވެން ފެށުނެވެ. މިއީ ނީނާގެ އަމިއްލަ ދިރިއުޅުމެވެ. އެހެން މީހަކަށް ނީނާގެ ދިރިއުޅުމަކަށް ބާރެއް ނުފޯރުވެވޭނެއެވެ. އެހެންނަމަވެސް ބައެއްފަހަރު އެހެން މީހުންނަށް އެބާރުލިބިގެން ދަނީހެއްޔެވެ؟ މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ ސުވާލުތަކުން ސިކުނޑި ފަޅައިގެންގޮސް ނީނާގެ ހެޔަށްގޮތްވާން އުޅޭހެން ހީވާންފަށައިފިއެވެ. އެހެންކަމުން މަޑުމަޑުން ތެދުވެގެން އެތަނުން ދެވޭތޯ މަސައްކަތް ކުރިއެވެ. ދުރުގައި މަންޒަރުބަލަން އާޒިމް ހުއްޓެވެ. އާޒިމްގެ މޫނުމަތިން ފެންނަނީ ހިތްނުތަނަވަސް ކަމެވެ. ހަގީގަތަކީ އާޒިމް ބޭނުންވީ އެގޮތް ނޫންކަމެވެ. އެހެންނަމަވެސް ނީނާ އޭނާއާއި ކައިވެނި ނުކޮށްފާނެ ކަމަގެ ބިރައްޓަކާ އާޒިމް ހަރުކަށިވީއެވެ. ނީނާގެ ހިތުގައި ޖައްސާފައި އާޒިމަކަށް ދުރުގައި މަންޒަރުބަލަން ހުންނާކަށް ފަސޭހައެއް ނުވިއެވެ. 


ޕާރޓީގެ ހުރިހާ ކަމެއް ނިމި، ހުރިހާ މެހެމާނުން ގޮސް ހުސްވެއްޖެއެވެ. މިހާރު އެތަނުގައި ތިބީ އިއްބެ އާއި ފާތުން އަދި ދެފަރާތުގެ އާއިލާއާއި ދެތިން އެކުވެރިއެކެވެ. އެތަނުގައި ނެތީ އާޒިމާއި ނީނާއެވެ. މިހާރު ގަޑިން އެގާރަގަޑި ބައިވަނީއެވެ. މެހެމާނުން ގެނައި ހަދިޔާތައް ގެންދިޔުމުގެ މަސައްކަތުގައި މައިޝާއާއި ފާތުންގެ ދެތިން އެކުވެރިއަކު އުޅުނެވެ. ފާތުންގެ މަންމަމެންވެސް ލަސްވާތީ އެވާހަކަ ބުނެލާފައި ހިނގައްޖެއެވެ. ފާތުންއާއި އިއްބެ އެރޭގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ ގެސްޓުހައުސްގައެވެ. މައިޝާ ހުންނަނީ ޒާހިރުގެ ގޭގައެވެ. އިއްބެއާއި ފާތުންއާއި ސަމާސާ ކުރުމަށްފަހު މައިޝާވެސް ދިޔައީ ގެއަށެވެ. އިރުކޮޅަކުން ނީނާ މައްޗައް އަރައިގެން އަންނަތައް ފާތުންއަށް ފެނުނެވެ. ނީނާގެ ލޮލުން ވަރަށް ބޮޑަށް ރޮއިފައި ހުރި ކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ. އެހެންކަމުން ނީނާގެ ގާތަށް ގޮސް ވީގޮތެއް އޮޅުން ފިލުވާލަން ފާތުން ބޭނުންވިއެވެ. ފާތުން އަވަހަށް ނީނާގެ ގާތަށް ގޮސް ސުވާލުކުރިއެވެ. ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. އެއްވެސް ކަމެއް ނުވެއޭ ބުނެ ނީނާ ހީލިއެވެ. މީގެ އިރުކޮޅެއް ކުރިން ހިނގާދިޔަ އެއްވެސް ކަމެއް ފާތުންއަށް ކިޔާދޭކަށް ނީނާ ބޭނުމެއްނުވިއެވެ. މިރެއަކީ ފާތުންގެ ހަޔާތައް އައި ވަރަށް މުހިއްމު ރެއެއްކަމުން ފާތުން ހާސްވެ ކަންބޮޑުވާކަށް ނީނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން ނީނާ ހިނިތުންވެލިއެވެ. އަދި މާބޮޑުކަމެއް ނުވާކަން ދައްކަން ނީނާ ހުރީ ހީލައިގެންނެވެ. އަދި ދެތިން އެކުވެރިޔަކާ އެކީ ފާތުންއާއި ދިމާކުރުމުގައި އުޅުނެވެ. އިއްބެ ކަންބޮޑުވެގެން އުޅެނީ އާޒިމްގެ ފޯނަށް ނުގުޅިގެންނެވެ. އާޒިމްގެ ފޯނަށް ނުގުޅޭ ވާހަކަ ފާތުންގެގާތުގައި އިއްބެ ބުނެލިއެވެ. އެވަގުތު ނީނާގެ މޫނުމައްޗަށް ނުތަނަވަސް ކަމެއް ވެރިވިއެވެ. އާޒިމް ފެންނަ ހިސާބަށް ދާކަށް ނީނާ ބޭނުމެއްނުވެއެވެ. " އާޒިމް" ސިޑިން މައްޗައް އަރައިގެން އާޒިމް އަންނަތަން ފެނިފައި ފާތުން ގޮވާލިއެވެ. އެވަގުތު ނީނާވެސް އާޒިމާއި ދިމާލަށް ބަލާލިއެވެ. އާޒިމް ބަލާލުމުން ނީނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ހަޤީގަތުގައި ނީނާ އާޒިމް ދެކެ ކިތަންމެ ލޯބިވީ ކަމުގައިވިޔަސް އާޒިމްގެ ހަރުކަށި ބަސްތަކުން ނީނާ ހުރީ ފާޑަކަށް ފޫހިވެފައެވެ. އާޒިމާއި ދޭތެރޭ ނީނާ ދެކެމުން އައިގޮތް ބަދަލުވީއެވެ. އާޒިމް އެހާ ހަރުކަށިކޮށް ވާހަކަ ދައްކަންޖެހޭނެ ކަމަކަށް ނީނާ ގަބޫލެއް ނުކުރެއެވެ. އާޒިމްވެސް ނީނާ އާއި ދިމާލަކަށް ނުބަލައެވެ. އިއްބެއާއި ވާހަކަދައްކަން ފެށިއެވެ. ދެމީހުން އިރުކޮޅެއްވަންދެން ވާހަކަ ދައްކަން ތިއްބެވެ. ނީނާވެސް ފާތުންގެ ގާތުގައި ހުއްޓެވެ. އިރުކޮޅަކުން ނީނާ ލަސްވެގެން ގެއަށްދަނީ ކަމަގައި ބުނެލިއެވެ. އޭރު ގަޑިން ބާރަ ޖަހައިފިއެވެ. މުޅި ދުވަސް އެއްކޮށް އެންމެން ހޭދަކުރި ވަރަށް ބުރަކޮށެވެ. ނީނާއަށް ގިނައިރު ކޮޅަށް ހުންނަންވެސް އުނދަގޫވިއެވެ. ގިނައިރު ކޮޅަށް ހުރުމުގެ ހިތްވަރެއް ނީނާގެ ގައިގައިނެތެވެ. އެހެންކަމުން ގެއަށް ދިޔުމަށް ނީނާ ހުރީ ވަރަށް ބޭނުންވެފައެވެ. ގެއަށްދާން އެއްފިޔަވަޅު ކުރިއަށް ނީނާ އަޅާލިވަގުތު ފާތުން ބުނެލިއެވެ. " މަޑުކުރޭ، މިހާ ލަސްވީމަ އެކަނި ގެއަށް ދާކަށް އަހަންނަކަށް ނުފެނޭ، އާޒިމް ދާންވީނު ނީނާ ގެއަށް ގެންގޮސްދޭން" އާޒިމަށް ގޮވާލާފައި ފާތުން ބުނެލިއެވެ. އެވަގުތު ނީނާގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ދެލޯ ބޮޑުކޮށްލާފައި އާޒިމާއި ދިމާލަށް ބަލާލިއެވެ. 

(ނުނިމޭ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ