މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ:ކ ބޭންކް އޮފް މޯލްޑިވްސް

"ބޮޑު ޢީދުގެ އުފާ"

ޢަރަފާތްދުވަހެކޭ އެއްފަދައިން ނުވަތަ އެއަށްވުރެވެސް ބޮޑަށް މުސްލިމުން އުފާފާޅުކުރާ އެއްދުވަސްތަކަކީ ދެޢީދު ދެދުވަހާއި އައްޔާމުލްތަޝްރީޤު ( ހައްޖުމަހުގެ 11، 12، އަދި 13) މިތިން ދުވަހެވެ. މިދުވަސްތަކުގެ ތެރެއިން ހާއްސަކޮށް ޙައްޖުމަހުގެ 10 ވަނަ ދުވަސް ނުވަތަ އަޟްޙާ ޢިދުދުވަހަކީ އުފާވެރިކަން އިތުރުކުރުވާ ދުވަސްތަކެކެވެ.

ބޮޑުޢީދޭ ކިޔުނީ ކީއްވެކަން އެނގޭހެއްޔެވެ؟ މި އަޟްޙާޢީދަށް ބޮޑުޢީދޭ ކިޔުނީ އެހެން ދުވަސްތަކާއި ޚިލާފަށް ކުޅިވަރާއިމަޖާކުރުންތައް ރޭވިގެންކުރިއަށްގެންދާ ހާއްޞަދުވަސްވަރެއްގެގޮތުގައި ޒަމާނުއްސުރެ ކުރަމުން އަންނާތީއެއްނޫނެވެ. މިދުވަސްތައް ﷲގެ ޙަޟްރަތުގައި ޙައްޞަވެ މާތްވެގެންވަނީ " އެދުވަސް ޙައްޖުގެ މަތިވެރި ރުކުން ކަމަށްވާ ޢަރަފާތުގައި ހުރުމާއި ވިދިގެން އަންނަ ދުވަހަކަށްވެފައި އަދި އެދުވަހު ﷲއަށް ކުށްތަންވުމަށް ތަފާތު އެތައް އަޅުކަމެއް އެއްފަހަރާ ޖަމާކުރަން ޖެހޭތީއެވެ. އެހެންކަމުން " އަޟްޙާޢީދަކީ އިސްލާމްދީނުގައި އެންމެބޮޑު ދުވަހެވެ. އެންމެ މަތިވެރި ދުވަހެވެ. އެންމެމާތްދުވަހެވެ."  ނަމާދާއި ޞަދަޤާތައި ޠަވާފާއި ކެތްތެރިކަމާއި ޤުރުބާންކޮށް ނަޢަމްސޫފި ކަތިލުމާއި މިފަދަ އެތައް ކަމެއް އެދުވަހުކުރާތީއެވެ. " 


މިފަދަ މަތިވެރި ދުވަސްތަކެއް ބައްދަލުކުރާއިރު އެދުވަސްތަކުގައި ކޮށްލަން މުހިއްމު ކަންތައްތަކެއްގެ މަތިން ހަނދާންކޮށްލަދިނުމަކީ ބޭނުންތެރިކަމެއްކަމުގައި ދެކޭތީ އެކަންކަން ހިއްސާކޮށްލަމެވެ. ޢީދުގެ ކުޅިސަމާއެކޭ އެއްފަދައިން މިކަންކަންވެސް އެންމެން އެކުގައި ކޮށްލުމުންލިބޭނެ ހެޔޮކަން ބޮޑުކަމުގައި ވިސްނޭތީއެވެ. އެގޮތުން ޢީދު ދުވަސްތަކުގެ ތެރެއިން ބޮޑު ޢީދުގައިކުރުން ސުންނަތް ކަންތައްތައްވެސްވާކަން ދަނެ އެކަންކަން ދަސްކޮށް ޢަމަލީގޮތުން ކޮށްލަމާ ހެއްޔެވެ؟ ތިރީގައިއެވަނީ އެފަދަ ބައެއް ސުންނަތްތަކެވެ.

ޢީދުނަމާދަށްދާން ސުންނަތް ހިނައުމަކުން ހިނައިގަތުން

ޢީދުނަމާދުން އައިސް އެއްޗެއް ކެޔުން. ނަމަވެސް ފިޠުރުޢީދުގައި ޢީދުނަމާދަށް ދިޔުމުގެކުރިން ކެޔުން.

ރީތިވެ ނަލަހެދުމާއި ހުވަނދުލުން. 

ޢީދުނަމާދަށް ދާ މަގާއި، އެނބުރި އަންނަ މަގު ތަފާތުކުރުން: 

ޢީދުނަމާދަށްދާމަގު ނޫން މަގަކުން އައުން.

ޢީދުނަމާދު މައިދާނެއްގައިކުރުން. 

އެގޮތުން،  ކުޑަކުދިންނާއި، އަންހެނުން ޙައިޟުގެ ދުވަސްވަރު ކަމުގައި ވިޔަސް ޢީދު ނަމާދަށް ނިކުތުމަށް އަމުރުކުރެއްވިއެވެ. އަދި އެބައިމީހުން ނަމާދުގައި ބައިވެރި ނުވިކަމުގައިވިޔަސް މުސްލިމުންގެ ދުޢާގައި ބައިވެރިވުމާއި ނަމާދު ކުރާތަން ދުށުމަށް އެތަނަށް ނިކުތުމަށް އެންގެވިއެވެ. (ބައްލަވާ البخاري (324) ومسلم( 890)

ޢުޟްޙިއްޔާ ކަތިލުން. އުޟްޙިއްޔާގެ ގޮތުގައި ބެލެވެނީ ގެރިބަކަރިފަދަ ނަޢަމްސޫފިއެކެވެ. 

ތަކްބީރުކިޔުން
ޢީދު ތަހުނިޔާ ކިޔުން

ޢީދުގެ އުފަލުގައި އަންހެން ބޭފުޅުން ބައިވެރިވުން:

ލޮބުވެތިކިޔުންތެރިންނޭވެ! ބަރަކާތްތެރި ޢަޟްޙާޢީދު ބައްދަލުކުރީއެވެ. ޢީދުގެ އުފާފާޅުކުރާށެވެ. ކުޅިވަރުކުޅޭށެވެ. ފޯރިނަގާށެވެ. ނަމަވެސް ދީނުގެ އިމުގެ ތެރޭގައެވެ. ﷲގެ ކަނޑައެޅުއްވި އިމުގެ ތެރޭގައެވެ. އަންހެނުންނާއި ފިރިހެން މަސްހުނި ނުވާގޮތަށެވެ. ޢީދުގެ ނަމުގައި ފިރިހެނުން އަންހެނުންގެ ގަޔަށް އަތްލައި ކުލަ އުނގުޅާ ފެންކުޅިގެ ނަމުގައި ފެންޖަހާ ނުހަދާށެވެ. އެއީ ބޮޑުޢީދުގެ "ބޮޑުކަން" ކެނޑި ރުޅިއާއި ނަފްރަތު ގެނުވާފާނެ ކަންކަމެވެ. މިފަދަކަންތައްތައްނުކޮށްވެސް އިހުގެ ކާބަފައިން ޢިދުގައިކޮށްއުޅުނު ކުޅިވަރުތައް ހިމަނާށެވެ. ވާދެމުމާއި، ބައިބަލާފަދަ ކުޅިވަރިތަކަކީ މާޖާވެފައި ފޯރިގަދަ ވާދަވެރިކަން ގެނުވާ ކުޅިވަރުތަކެކެވެ. 


ހަމަ އެއާއިއެކު ކުޅިވަރުތައް ކުޅެމުންވެސް ފަރްޟުނަމާދުތަކަށް ޖަމާޢަތުގައި ކުރާށެވެ. ލަވަޔާއި ކުޅިސަމާގެ އަޑެކޭ އެއްފަދައިން ތަކްބީރުގެ އަޑުގަދަކުރާށެވެ. ތަކްބީރުކިޔުމަކީވެސް ލަވައެކޭ އެއްފަދައިން ޖޯޝާއިފޯރި އަންނާނެކަންކަމެވެ. އެހެންކަމުން، އިމާމާއިއެކުގައި އެންމެން އެއްވަރަށް އެއްއަޑަކުން ތަކްބީރުގެ އަޑު ގުގުމާލާށެވެ. މިސްކިތުގެ ޖަމާޢަތުގައި އެކައްޏެއްނޫނެވެ. މަގުމަތީގައްޔާއި ބާޒާރުތަކުގައިވެސްމެއެވެ. ހަމައެއާއިއެކު، ޢީދު އަހަރެމެންނާއި ބައްދަލުކުރި މިވަގުތަކީ މުޅިދުނިޔޭގައިވެސް ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދުވަސްވަރެއްކަމުން ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އަޅުއްވާ، ކަމާބެހޭ ފަރާތްތަކުންދޭ އިރްޝާދުތަކަށް ތަބާޢަވެގެން ދީނުގެ ތަރަޙައިގެ ތެރޭގައި ޢީދުގެ އެންމެހައި ކަންކަން ބައްޓަންކުރާށެވެ.
އެންމެން ޢީދުގެ އުފަލުގައި ބައިވެރިވާށެވެ. ފިޠުނަވެރިކަމާއި ބައިބައިވުން ދޫކޮށްލައި، ކުޅިވަރާއި ފޯރިނަގައި، ޢާއިލީގުޅުން ހަރުދަނާކުރުވާ، މަޢާފްކުރުމާއި، އަޅާލުމާއި ލޯބިދިނުމާއި، ހާލުބެލުމާއި އެހީތެރިވުމާއި، އެކުވެރިކަމާއި އުފާވެރިކަން މިދުވަސްތަކުގައި އިތުރުކުރާށެވެ. މިފަދައިން ދީނުގެ ޝިޢާރުތައް ދަމަހައްޓާށެވެ. އޭރުން، ބޮޑުޢީދުގެ އުފާ ޙަޤީޤީގޮތެއްގައި ލިބިގެންދާނެއެވެ. 



އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ