މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ޝަރްޢީ ރުޤްޔާއަކީ ދީނުގައި ކަނޑައެޅިފައިވާ ޝަރުތުތަކަކާއި އެކު ހުއްދަކަމެއް - ޚުޠުބާ

މާތް ﷲ އިންސާނުން ހައްދަވާ އެއިންސާނާގެ ޙަޔާތުގައި އުފަލާއި މަޖާ، ހިތމާ އާއި ދެރަ އަދި މޮޅިވެރިކަން ލެއްވި ސަބަބުތަކަށް ބަލައިލުމުންވެސް އިންސާނީ ޙަޔާތުގައި މުޞީބާތްތަކާއި އިމްތިޙާނުތައް ކުރިމަތި ކުރައްވާ އެކި ބާވަތް ބާވަތުގެ ބަލި ބައްޔާއި އުނދަގޫތައް ލައްވާފައިވަނީ އިމްތިޙާނު ކުރެއްވުމަށްކަން މިއަދު ޚުޠުބާގައި ފާހަގަކުރައްވައިފިއެވެ. މިގޮތުން "ރުޤްޔާގެ ޝަރްޢީ ހަމަތައް" މިމަޢުޟޫއަށް މިއަދު އިއްވިގެންދިޔަ ޚުޠުބާގައި ވަނީ ބަލިތަކުން ރައްކާތެރިވުމަށް ފަރުވާ ކުރުމަކީ ހުއްދަ ކުރައްވާފައިވާ ކަމެއްކަމާއި ޝަރްޢީގޮތުން ކަނޑައެޅިފައިވާ އެއްފަރުވާގެ ތެރޭގައި ރުޤްޔާ ހިމެނޭކަމުގައެވެ.

ރުޤްޔާއަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ޚުޠުބާގައިވަނީ "ރުޤްޔާކުރުމަކީ ބަލިމީހާއަށް ފަރުވާ ކުރުމުގެގޮތުން ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތިރަސޫލުﷲ ﷺ ގެސުންނަތުގައި ވާރިދުވެފައިވާ ދުޢާތަކުގެ ޒަރީޢާއިން ބައްޔަށް ޝިފާދެއްވުންއެދި ﷲގެ ޙަޟްރަތުގައި ދެންނެވުމެވެ."  އަދިހަމައެފަދައިން ޤުރްއާނާއި ސުންނަތުން ދަލީލުގެ އަލީގައި މިކަންވަނީ ބަޔާންކޮށްދީފައެވެ. މިގޮތުން ހިމާނާފައިވަނީ ފުއްޞިލަތު ސޫރަތުގެ 44 ވަނަ އާޔަތާއި އަލްއިސްރާ ސޫރަތުގެ 82 ވަނަ އާޔަތާއި އިމާމް މުސްލިމުގެ ރިވާޔަތެކެވެ. 

ޝަރްޢީ ރުޤްޔާއަކީ ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތަކަކާއި ޝަރުޠުތަކަކާއިއެކު އެކަމުގެ ޢިލްމު ލިބިގެންހުރި، އަމާނާތްތެރިމީހަކު އިންސާނިއްޔަތަށްޓަކައި ހުއްދަކުރައްވާފައިވާ، ސިހުރާއި ހާހޫރަ، ޙަސަދައާއި އެސްފީނާފަދަ ރޫޙާނީގޮތުން ކުރިމަތިވާ ބަލިތަކަށް ފަރުވާހޯދިދާނެ ކަމެއްކަމުގައިވެސްވަނީ ބަޔާން ކުރައްވާފައެވެ. އަދި ދީނުގައި ބަޔާންވެފައިވާ މިފަދަ ކަންކަމަށް މީސްތަކުންގެ ތެރޭގައި އުޅޭ މަކަރުވެރި، ދުނިޔަވީ މަންފާއެއް ހޯދުމަށް މީސްތަކުންނަށް ކެހިދީ، ބަލިމީހާއަށް އެކިކަހަލަ ނަފްސާނީ އަދި ޖިސްމާނީ އަނިޔާދޭކަމަށް ފާހަގަ ވެފައިވާކަމާއި ޝަރްޢީ ރުޤްޔާގެ ނަމުގައި ޖިންނީންނާއި ވަލީވެރިންގެ ކިބައިން ހިއްމަވައިދެއްވާތޯ ދެންނެވުން ފަދަ ކަންކަން ކުރާމީހުންގެ ސަބަބުންވަނީ ނުހަނުބޮޑެތި އޮޅުންތައް އަރަންފަށައިފައި ކަމުގައިވެސްވަނީ ފާހަގަ ކުރައްވާފައެވެ. 

އަދި ހަމަ އެފަފަދައިން މިއަދުގެ ޙުޠުބާގައި ދީނުގައި ހުއްދަ ނުކުރައްވާ، ނުވަތަ ކިތައްމެކަމެއް ޝަރްޢީ ރުޤްޔާގެ ނަމުގައި ކުރާކަންވެސްވަނީ އަލިއަޅުއްވާލާފައެވެ. އެގޮތުން ޝަރްޢީ މިންގަނޑުން ބޭރުވެ، ޖިންނިނެރުމާއި، ސިޙްރު ބާޠިލްކުރުމުގެ ނަމުގައި މަޙްރަމަކާއިނުލައި އެކަހެރިކޮށް އަންހެނުންނާއި ބައްދަލުކޮށް އެކަނބަލުންނަށް ޖިންސީ އަނީޔާދޭކަމާއި ބަލިމީހާއާއި ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި ބަލިމީހާގެ ފުނާ، ނުވަތަ އިސްތައްޓެއް ނުވަތަ ބަލިމީހާގެ އަންނައުނެއް ހޯދުންފަދަ ކަންކަން ކުރާމީހުންނަކީ ސިހުރުވެރިންކަމާއި، ކީރިތި ޤުރްއާނުގެ އާޔަތްތައް ނުބައިކޮށް ކިޔުމާއި އިރުވަރު ބެލުމާއި، ފާލުބެލުމާއި، ބަލިމީހާގެ ހަށިގަނޑަށް ޖިންނި ވައްދައި އެޖީންގެ ކިބައިން ކަންކަން އޮޅުންފިލުވުމާއި ﷲގެ އިސްމުފުޅު ނަންނުގަނެ ޖަނަވާރާއި ދޫނިސޫފާސޫފި ކަތިލާން ބުނުން މިއީ ހުއްދަނޫން ކަންކަންކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ކަމުގައިވެސްވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއީ ޙަރާމް ކަންކަން ކަމުގައިވެސްވަނީ ބަޔާން ކުރައްވާފައެވެ. އަދި މިފަދަ ކަމެއް އެއްވެސް މީހަކު ނުކުރުމަށާއި އެއީ ތިމާގެ ހަވާނަފްސުގެ އެދުންތަކާއި ޣަރީޒާތައް ފުއްދުމަށް އޮތް ނުބައިވެގެންވާ މަގެއް ކަމުގައިވެސްވަނީ ނަސޭޙަތްތެރި ވެފައެވެ. އަދި އެކަންކަމުން ދުރުހެލިވެ ތަވުބާވުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

ލޮބުވެތި ކިޔުންތެރީންނޭވެ! ބަލިތަކާއި މުޞީބާތް ނުޖެހޭ ހަމައެކަކުވެސް އަހަރެމެންގެ ތެރެއަކު ނުހުންނާނެއެވެ. އަދި މިހާރުވެސް އެފަދަ އެތައް ބަޔަކު ތިބޭނެއެވެ. އަހަރެމެން ތަޙައްމަލްކުރާ ވަރަށްވުރެ ބޮޑު ވޭނެއް ތަޙައްމަލްކުރާ ބަޔަކުވެސް ތިބެދާނެއެވެ. ނަމަވެސް ދީނުގައި ޙުއްދަ ކުރައްވާފައިވާ ކަމަކުން ނޫނީ ފަރުވާއެއް ނުލިބޭނެކަން ދަންނާށެވެ. ޝަރްޢީ ރުޤްޔާކުރުމުގެ ނަމުގައި ދީނުގައި މަނާ ކުރައްވާފައިވާ ކަންކަން ކުރާ ފަރާތްތަކާއި މެދު ސަމާލުވެ އެފަދަ ފަރާތްތަކާއި ދުރުހެލިވާށެވެ. އެފަދަ މީހުންނަކީ މުޖުތަމަޢު ފަސާދަކުރާ ބައެއްކަން ދަންނާށެވެ. އަދި މިފަދައިން ދީނުގެ ބަޔާންކުރައްވާފައިވާ ޝަރްޢީ ރުޤުޔާގެ އަދަބުތަކާއި ޝަރުޠުތަކުގެ ބޭރުން ރުޤްޔާގެ ނަމުގައި ކަންކަން ހިންގާ ފަރާތްތަކާއިމެދު ފާރަވެރިވެ އެފަދަ ޒަރީމާ ހިންގާމީހުން ހުއްޓުވުމަށް ފަރުދީ ޒިންމާވެސް ނަގަމާ ހިނގާށެވެ. ސިހުރުވެރިންގެ ސިފަތަކާއި ފަންޑިތަވެރިންގެ ސިފަތަކާއި އެފަދަމީހުން ކޮށްއުޅޭ ކަންކަންވަނީ މިމާތްވެގެންވާ ދީނުގައި ބަޔާންކުރައްވާ އެފަދަ މީހުންގެ ކިބައިން ސަލާމަތް ވެވޭނެ މަގާއި ރައްކާތެރި ވެވޭނެ ގޮތްތައް ބުނެދެއްވާފައެވެ. އެކަންކަން އުނގެނި ދަސްކުރަމަކީ މިފަދަ މަކަރުވެރިންގެ ކިބައިން ސަލާމަތްވެވޭނެ ކަމެއްކަމުގައި ދެކެމެވެ. އަދި ހަމަ އެފަދައިން ޝަރްޢީ ރުޤްޔާއަކީ ކޮބައިކަމާއި އެކަންކުރުމަށް ދީނުގައި އަންގަވާފައިވާ ގޮތް އުނގެނި ދަސްކުރުމަކީވެސް މުހިއްމު ކަމެކެވެ. ނޫންނަމަ ސިހުރުވެރިންނާއި ފަންޑިތަވެރިންނާއި ޙަސަދަވެރިންނާއި މަކަރުވެރިންގެ ދަންތުރަތަކަކީ ކޮބައިކަން ވަކިނުވެ އެކަންކަމުން ސަލާމަތް ވުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ހެނދުނާއި ހަވީރުގެ ދުޢާތަކަކީ މިފަދަމީހުންގެ ކިބައިން ސަލާމަތްވުމަށް އޮތް ބާރުގަދަ ހަތިޔާރެއް ކަމުގައި ދެކޭށެވެ. އަދި މިދުޢާތައް ހެނދުނާއި ހަވީރުކިޔާ، ރައްކާތެރިކަން ހޯދަމާ ހިނގާށެވެ.

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ