މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ކަންކަމަށްއޮތް ޙައްލެއްނޫން، ފިނޑިޢަމަލެއް - ޚުޠުބާ

މާތްﷲ އިންސާނުން ހައްދަވައި އެ އިންސާނުން މާތްކުރައްވާ މަތިވެރި ކުރައްވާ މަލާއިކަތުންނަށް ސަޖިދަކުރުމަށް އަމުރުކުރެއްވީ އެއިންސާނާގެ މަތިވެރިކަމުންކަން މިއަދުގެ ޚުޠުބާގައި އަލިއަޅުއްވާފިއެވެ. އެގޮތުން ސޫރަތު ޞާދުގެ 71 އާޔަތާއި 72 ވަނަ އަޔަތުގެ އިތުރުން އަލްއިސްރާ ސޫރަތުގެ 7ވަނަ އާޔަތުން ދަލީލު ނަންގަވާ ވިދާޅުވެފައިވަނީ އިންސާނުންނަށްޓަކައި މިދުނިޔޭގައިވާހައި އެއްޗެއް ﷲ ހެއްދެވިކަމާއި ޚަލީފާވެރިކުރެއްވިކަމާއި އިންސާނުން އެކަކު އަނެކަކަށް އަނިޔާވެރިވުން ނަޙީކުރެއްވިއެވެ.

މާތްﷲ އިންސާނާ މިފަދައިން މާތްކުރައްވާފައިވީ ހިނދުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެންމެ ބާރަށް ފެތުރޭ އެއްވަބާއަކީ އަމިއްލައަށް މަރުވުމުގެ ވަބާއެވެ. މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކަމެއްކަން އައްނިސާ ސޫރަތުގެ 29ވަނަ އާޔަތުން ދަލީލުކުރާކަމާއި އެއްވެސް ނަފްސެއް ޙައްޤާއި ނުލާ މެރުން ނުވަތަ ޤަޠުލުކުރުންވަނީ ޙާރާމްކުރައްވާފައިކަމާއި އަމިއްލަ ނަފްސަށްވެސް ގެއްލުންދިނުން ނަޙިކުރައްވާފައިކަން ބަޤަރާސުޜަތުގެ 195ވަނަ އާޔަތުން ކަށަވަރުކޮށްދޭކަން ވަނީ ބާޔާންކުރައްވާފައެވެ. 

ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުގެ އިތުރުން ކީރިތި ނަބިއްޔާ މުޙައްމަދު ﷺ ގެ ޙާޔާތްޕުޅުގައި އަމިއްލައަށް މަރުވާ މީހުންގެ ކަށުނަމާދުގައި ބައިވެރިވެ ވަޑައިނުގެންނެވީ އެފާފާއިގެ ބޮޑުކަމުންކަން ދަލީލުކުރާކަމާއި ނަމަވެސް ޖަނާޒާގެ ކަންކަން ކުރުމަށް އެހެނިހެން މުސްލިމުތަކުންނަށް އެނގެވި އެންގެވުމުން އަމިއްލައަށް މަރުވުމުގެ ނުބައިކަން ދޭހަވާކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އެކަލޭގެފާނުގެ ބަސްފުޅުތަކުން އެނގޭގޮތުގައި އަމިއްލައަށް މަރުވާ މީހުން، އޭނާ އަމިއްލައަށް މަރުވުމަށް ބޭނުންކުރި އެއްޗެއް ނުވަތަ ހަތިޔާރަކާއިއެކު ނަރަކައިގެ އަލިފާނުގައި އެއަނިޔާ ދެވިދެވި އޮންނާނެކަމާއި ޒަހަރު ބޮއެގެން މަރުވާ މީހާ އެބިވުނު ޒަހަރެއް ބޮއިބޮއި އޮންނާނެކަމާއި ތަނަކުން ފުއްމާލައިގެން މަރުވާމީހާ އޭނާ އެފުއްމާލިތަނަކުން ވެއްޓިވެއްޓި އޮންނަ ޙާލު ނަރަކައިގައި ވާނެކަމާއި ދަންޖެހިގެން މަރުވާ މީހާ ނަރަކައިގެ އަލިފާނުގައި ދަންޖެހިޖެހި އޮންނާނެކަމުގައިވެސްވަނީ ކަށަވަރުކޮށްދީފައެވެ. 

އަމިއްލައަށް މަރުވުމަކީ މިފަދަ ބޮޑު ނުބައިކަމެއްކަން އެނގިހެރެވެސް މިފާފައަށް އަރާގަންނަ މައިގަނޑު ސަބަބުތައް ބަޔާންކުރައްވަމުން ޚުޠުބާގައި ފާހަގަކުރައްވާފައިވަނީ ފިލްމުތަކާއި ކާޓޫނުތަކެވެ. އަދި ﷲގެ ނިޔާއަށް ނުރުހުމާއި އިމްތިޙާނުތަކުން ކެތްނުކުރެވި ފެއިލްވުމުންކަމުގައެވެ. ނަމަވެސް މުއުމިނު އަޅާގެ ޙާލަތު ބަޔާންކުރައްވަމުން ނަބިއްޔާ ހަދީޘްފުޅުތަކުން އެނގޭގޮތުގައި އެއަޅަކުވާނީ އޭނައަށް ދިމާވާ ހުރިހާ ކަމަކީވެސް ހެވެއްކަމުގައި ދެކިގެންނެވެ. އުފާވެރިކަމެއް މެދުވެރިވެއްޖެނަމަ ޝުކުރުވެރިވެގެންނެވެ. ހިތާމައެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެގެންނެވެ. އެހެންކަމުން ތިމާއަށް ލިބޭ ހިތާމަތަކަށް ކެތްނުކުރެވިގެން މަރުވުމަކީ ޙައްލެއްނޫންކަމާއި އެއީ ފާފައެއްކަމުގައި ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ. 

މިއަދުގެ ޚުޠުބާގައި ހިތާމައާއި މުޞީބާތުގައިވާ މުސްލިމުތަކުންނަށްވަނީ ހިތްވަރުދެއްވާ ކެތްތެރިވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން، ދުނިޔޭގައި ދިމާވާ ކަންކަމާއި ކުރިމާތިލުމަށާއި ހިތްވަރުގަދަ ކެރޭ، ކުޅަދާނަ އަދި ﷲގެ ނިޙާއަށް ރުހިގެން ހުރެއްޖެނަމަ އެކަމެއް ފަސޭހަވާނެކަމާއި ﷲގެ ރުހިވޮޑިގަތުމާއި ސާވާބާއި ދަރުމަ ލިބޭނެކަންވަނީ ހަނދާންކޮށްދީފައެވެ. 

މީގެ އިތުރުން ފާހަގަކުރައްވާފައިވަނީ ނަފްސާނީ ބައްޔަކީ އެހެން ބަލިތަކެކޭވެސް އެއްފަދައިން ފަރުވާ ހޯދަންޖެހޭ ބައްޔޭއްކަމާއި އެއީ މީހާ މޮޔަވުމެއް ނުވަތަ ދީންވެރިކަމާއި ގުޅިފައިވާ ކަމެއްނޫންކަމާއި ކިތައްމެ ދީންވެރި މީހަކަށްވެސް މިބަލި ޖެހިދާނެކަން ދަންނަންވާނެކަމުގައެވެ. މިފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި ފަސްނުޖެހުމަށާއި ފަރުވާ ނުހީއްދިއްޖެނަމަ އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ނުހަނު ކައިރީގައިވާ ކަމެއްކަމުގައިވެސްވަނީ ފާހަގަކުރައްވާފައެވެ.

ލޮބުވެތި ކިޔުންތެރިން! ދުނިޔަވީ ދިރިއުޅުމުގައި ދިމާވާ އެންމެހައި ކަންކަމުގައި ކެތެތެރިވާށެވެ. ތިމާއަށް ދިމާވާ ކޮންމެ ކަމަކީ ހެވެއްކަމުގައި ދެކޭށެވެ. ހިތްވަރުގަދަ ކެރޭ މީހަކަށް ވާށެވެ. ލިބޭ މާލާމާތަކަށް ފުރައްސާރައަކަށް މީހަކު ކިޔާފާނެ އެއްޗަކަށް ނުބަލާށެވެ. ﷲގެ ހަޟްރަތުން އެހީއާއި މަދަދަށް އެދޭށެވެ. ތިމާއަށްވީ މިންވަރަކުން ހިތާމައެއްގައިވާ މީހަކަށް އެހީތެރިވެދޭށެވެ. އެމީހެއްގެ ހިތަށް ތަސައްލީއެއް ދޭށެވެ. ދަތި ޙަލުގައިވާމިޙުންނަށް ލުއިކޮށްދޭށެވެ. ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީތެރިވާށެވެ. މުއުމިނުންގެ ހިތްތަކަށް ދަތި އުނދަގޫ ދިނުމުގެ ބަދަލުގައި ، އެމީހުންގެ ހިތްތައް ހަމަޖައްސައިދީ  ހިތާމާތައް ފިލުވައިދިނުމަށް ތިމާއަށްވީ މިންވަރަކުން މަސައްކަތްކުރާށެވެ. އެފަދަ މީހަކީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި މީހާކަމުގައި ނަބަވީ ބަސްފުޅުތަކުން އެނގެން އޮތުމުން މިކަމުގައި އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވުމަކީ އުފަލެއްކަމުގައި ހަދާށެވެ. އަބަދުވެސް ދަންނަންވީ ކަމަކީ އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި އަމިއްލައަށް މަރުވުމަކީ އެއްވެސް ކަމަކަށް އޮތް ޙައްލެއްނޫންކަމާއި އެއީ ވަރަށް ފިނޑި ޢަމަލެއްކަމުގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ