މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

އޯލެވެލް ނަތީޖާ މާދަމާ! ބެލެނިވެރިން ވިސްނާލުން މުހިންމު ކަންކަން

މާދަމާއަކީ 2019 ވަނަ އަހަރުގެ އައި.ޖީ.ސީ.އެސްއީ އޯވެލް އަދި އެސް.އެސް.ސީ އިމްތިހާނުގެ ނަތީޖާ ލިބޭ ދުވަހެވެ. ނަތީޖާ ލިބެން ދާދި ކުޑަ ވަގުތު ކޮޅަކަށް ވެފައިވާއިރު، ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންވެސް ދާނީ އެނަތީޖާއާއިމެދު ވަރަށް ފޮނި އުންމީދުތަކެއް ކުރަމުން ކަމާއިމެދު ޝައްކެއް ނެތެވެ. 

ދަރިވަރުން، އެދަރިވަރިން ވޭތުވެދިޔަ 10 އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ، ހިތްނޭދޭ ގޮތަކަށް ލިބިގެންދާކަށް އެއްވެސް ދަރިވަރަކު ނޭދޭނެއެވެ. އެހެންކަމުން ދަރިވަރުންނާއިމެދު ޚާއްޞަކޮށް ބެލެނިވެރިން ވިސްނުން ބަހައްޓަންވީ މުހިންމު 3 ކަމެއް ފާހަގަ ކޮށްލާނަމެވެ. 

1. ދަރިވަރުގެ ނަތީޖާ އެހެން ދަރިވަރުންގެ ނަތީޖާއާއި އަޅާ ނުކިޔާށެވެ. 

ކޮންމެ ކުއްޖަކީވެސް ތަފާތު ޚުނަރުތަކާއި ޤާބިލިއްޔަތުތަކެއް ލިބިގެންވާނެ ކުއްޖެކެވެ. އެއްވެސް ކުއްޖަކީ ހުރިހާ ކަމަކަށް މޮޅު ކުއްޖަކަށް ނުވެދާނެއެވެ. އަދި ކޮންމެ ކުއްޖަކީ ކިޔެވުމަށް ނުވަތަ ތަޢުލީމީ ގޮތުން އެހާ ޤާބިލް ކުއްޖަކަށްވެސް ނުވެދާނެއެވެ. އަދި ތަޢުލީމީ ގޮތުން މޮޅު ކުއްޖެއްނަމަވެސް، ކޮންމެ ފަހަރަކު އެންމެ ބޭނުންވާފަދަ ނަތީޖާއެއް ހާސިލް ނުވެހިނގައިދާނެއެވެ. އެއީ ދުނިޔޭގެ އުޞޫލެވެ. 

ވުމާއިއެކު، އެހެންކުދިންގެ ނަތީޖާއާއި އަޅާކިޔުމުގެ ބަދަލުގައި އަމިއްލަ ދަރިފުޅުގެ ނަތީޖާއާއި މެދު ވާހަކަ ދައްކާށެވެ. އުފާވާ ނަތީޖާއެއްނަމަ އެކުދިންނަށް މަރުޙަބާ ކިޔާށެވެ. އަދި ދެރަވާފަދަ ނަތީޖާއެއްނަމަ އެކުދިންނަށް ހިތްވަރުދޭށެވެ. 

2. ދަރިވަރުގެ އިޙުސާސްތައް ދެނެގަންނާށެވެ. 

ކޮންމެ ކުއްޖަކީވެސް އެކުއްޖަކު އެންމެ އެދޭ ނަތީޖާއެއް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ހުންނާނެ ދަރިވަރެކެވެ. ކޮންމެ ދުވަހަކު އެތައްވަގުތެއް ސްކޫލްގައި ހޭދަ ކުރުމަށްފަހު ގެއަށް އައިސްވެސް އެތަށް ވަގުތެއް ހޭދަކުރަނީ ކިޔެވުމުގައެވެ. ބޭކާރުކޮށްލާ ވަގުތުތައް މަދުކޮށް އެކުދިން ގިނަ ވަގުތު ހޭދަކުރީ ގުރޫޕް ސްޓަޑީޒްގެ ގޮތުގައި، ނޫނީ ކޮންމެވެސް ކިޔެވުމާއި ގުޅުންހުރި ކަމެއްގައެވެ. ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ވަގުތުތައް ޤުރުބާންކޮށް އެކުދިން ރަނގަޅު ނަތީޖާއަކަށްޓަކައި ކުރި މަސައްކަތް އެންމެހާ ބެލެނިވެރިންނަށް ވާނީ ފެނިފައެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކީ އެކުރި މަސައްކަތާއި އެއްވަރުގެ ނަތީޖާއެއް ޙާސިލް ނުކުރެވިދާނެ ފަހަރެކެވެ. އެހެންކަމުން، ދަރިވަރަށް ލިބުނީ އުފާވާ ނަތީޖާއެއްކަމުގައިވިޔަސް ނުވަތަ ދެރަވާފަދަ ނަތީޖާއެއް ކަމުގައިވިޔަސް އެދަރިވަރާއިއެކު އެކަމުގައި ބައިވެރިވާށެވެ. އެހެންކުދިންނަށްވުރެ ދަށް ނަތީޖާއެއް ނުވަތަ އުންމީދު ކުރިވަރަށްވުރެ ދަށް ނަތީޖާއެއް ހޯދައިގެން ދަރިވަރު އައުމުން ހަމަ ކޮންމެ ބެލެނިވެރިޔަކުވެސް ދެރަވާނެއެވެ. މިފަދަ ހާލަތުގައިވެސް މައިންބަފައިން ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހެއެވެ. މައިންބަފައިންނަށް ނޭންގި ނަމަވެސް މިފަދަ ޙާލަތްތަކުގައި ބުނެވޭ ބަސްތަކަކީ އެކުދިންގެ ކުރިމަގަށް އެޅޭ ބޮޑު ހުރަހަކަށް ވެދާނެއެވެ. 

އެހެންކަމުން، ދަރިވަރުންގެ ހިތްވަރު ގެއްލި އެކުދިންގެ ކުރިމަގަށް ހުރަސްއެޅޭފަދަ ބަސްތައް ބުނުމުން މައިންބަފައިން ދުރުވާންޖެހެއެވެ. ކޮންމެ ބޭފުޅަކީވެސް ދިރިއުޅުމުގައި އެތައް އިމްތިޙާނުތަކަކާއި ކުރިމަތިލާފައިވާ ބޭފުޅެކެވެ. އެއިމްތިޙާނުތަކުގައި އުފުލި ބުރަ އާއި އެކަމުން އަރައިގަތުމަށް ކުރި ހިތްވަރު ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ހަނދުމަފުޅުކޮށްލައްވާށެވެ. ތިޔަ ބެލެނިވެރިޔާގެ ދަރިފުޅުގެ ވަރަށް ޅައުމުރުގައި ކުރިމަތިލީ އިމްތިހާނާއިމެދު ފަޚްރުވެރިވާށެވެ.

3. ދަރިވަރުންނަށް ހިތްވަރު ދޭށެވެ. 

ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ނަތީޖާ އެންމެ ބޭނުންވާ ގޮތަށް ލިބުމަށް އުންމީދު ކުރާނެ ކުއްޖެކެވެ. ނަމަވެސް، ހުރިހާ ކުދިންނަށް އެންމެ އުންމީދުކުރި ނަތީޖާ އަދި އެންމެ އެދެވޭ ނަތީޖާ ނުލިބުމަކީ އެކަށީގެންވާ ކަމަކަށްވާއިރު، އެކުދިންނަށް ހިތްވަރުދީ ދެން އޮތް އިމްތިޙާނުތަކަށް ފުރިހަމައަށް ތައްޔާރުވުމަށް ބާރު އަޅާ ބަޔަކަށް ބެލެނިވެރިން ވާންވާނެއެވެ. ދަރިވަރުގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ މައިންބަފައިން އެކުދިންނަށް ދޭ ހިތްވަރެއްގެ މައްޗަށެވެ. ކޮންމެ ނަތީޖާއެއް ހިފައިގެން އައިކަމުގައިވިޔަސް އެކުދިންނާއި ހިނިތުންވުމާއިއެކު ކުރިމަތިލާ ވާހަކަ ދައްކާށެވެ.  އެކުދިންނަށް ހިތްވަރުދީ، ކުރިމަގުގައި ކާމިޔާބީއަށް މަސައްކަތް ކޮށްދޭށެވެ. 

ކޮންމެ ދަރިވަރަކުވެސް މަސައްކަތް ކުރާނީ އެދަރިވަރަކަށްޓަކައި އެދަރިވަރެއްގެ މަންމައާއި ބައްޕަ ކުރާ ފޮނި އުންމީދުތައް ހަޤީގަތަކަށް ހަދައިދިނުންކަމަށްވާއިރު، އެއުންމީދުތަކާއި ހުވަފެންތައް ހަޤީގަތަކަށް ހެދެން އަންނަނީ އެކުއްޖެއްގެ ޤާބިލިއްޔަތު ތަންދޭ މިންވަރަކުންކަން ކޮންމެ ބެލެނިވެރިޔަކުވެސް ހަނދާން ބަހައްޓަންވާނެއެވެ. 

ވުމާއިއެކު، އެދަރިވަރުންނަށް ބެލެނިވެރިން އެންމެ އެދޭ ފަދަ ނަތީޖާ ހޯދާ ނުދެވުނު ކަމުގައިވީނަމަވެސް، އެކުދިންނާއިއެކު މަސައްކަތްކޮށް ކުރިމަގުގައި ކާމިޔާބީއަށް ހިތްވަރުދޭ ބަޔަކަށް ކޮންމެ މަންމައަކާއި ބައްޕައެއް އަދި ބެލެނިވެރިޔަކުވެސް ވަމާތޯއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

12 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަފުސް 4 years ago

ރަގަޅު ނަތީޖާ ނެރެދިން 3 މީހުން އެއްފަހަރާ ފޮނުވާލީމާ އިނގޭ ދެން ރަގަޅު ނުވާނެކަން..

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަން 4 years ago

ކޮން؟

ޏަން 4 years ago

ކޮބާހޭ ނަތީޖާ؟ ގައިމު ފައިނު ކުދިން ވަރަށް މޮޅޯ..

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢަލިބެ 4 years ago

ޥަރަށްފުރިހަމަ ލިޔުމެއް...

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މަންމަ 4 years ago

ކޮބާ ނަތީޖާ ކިހިނެއް؟

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަހަ 4 years ago

ކަޑައޭ މޭން

އިންޝާ 4 years ago

ވަރަށް މުހިންމު ލިޔުމެއް.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ރަށު ލޯބި 4 years ago

ވަރަށް ރަނގަޅު ވާހަކަ ކޮޅެއް.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ކިންގު 4 years ago

ވަރަށްފުރިހަމަ ލިޔުމެއް..

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ