މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ނުލަމެ ތިޔަ ލޯބި އޮޔާ

ލޯ ހުޅުވާލެވުނީ ކަހާލެވުނު ދޮރުފޮތިގަނޑުގެ އަޑަށެވެ. އަރަމުން އަންނަ އިރުގެ ދޯދިތަކުން ފޭދިފައިވީ މަޑުއަލީގެ ސަބަބުން ބޭނުން ނުވިއަސް ލޯ ހުޅުވުމަށް މަޖުބޫރުވީއެވެ. "ގްޑް މޯނިންގް" އަހަރެންގެ ކަންފަތް ދޮށުގައި ޖެހުނީ ލޯބިވާ އަނބިމީހާ ހެނދުނުގެ ތަހުނިޔާ ކިޔާލި ހިތްގައިމުއަޑަވެ. އަޑުގެ ޖާދުން ދުވަހުގެ ހަމަޖެހުން ގެނެސްދިނެވެ. އެނިޔަނެތި މޫނުން ދުވަހުގެ ފެށުން ތާޒާވެއެވެ. ދުޢާ އަކީ އުމުރުގެ ބާކީ ބައިވެސް މިގޮތަށް ދިރިއުޅުމެވެ. ހިތްހަމަޖެހުމާއި އުފާފާގަތި ކަމާއިއެކު ކުޑައިރު ތަޙައްމަލު ކުރި ހިތްދަތިކަން ހިތުން ފިލާވަރަށް ލޯބި ވުމެވެ. ލޯބި ދިނުމެވެ. އަޅާލުމާއި އޯގާތެރިކަމުން ދެހިތް ތާޒާވުމެވެ.

ދުނިޔޭގެ މި ހަނގުރާމައަށް އަހަރެން ކުރިމަތިލާން ޖެހުނީ ހަމައެކަނި މަންމަގެ އަތުގައި ހިފައިގެންނެވެ. އަހަރެން ދުވަހަކުވެސް އަހަރެންގެ ބައްޕައެއް ނުދެކެމެވެ. ދެކޭކަށް ބޭނުމެއްވެސް ނުމެ ނޫންމެއެވެ. އަހަރެންގެ މަންމަ ދުނިޔެއަށް ގިނަކުރި މީހަކަށް އަހަރެންގެ ހިތެއް ހެވެއްނުވާނެއެވެ. މަންމަގެ ދިރިއުޅުން ހަލާކުވީ މަންމައަށް އެޅުނު އެންމެ ނުކިއްސަރު ފިޔަވަޅެއްގެ ސަބަބުން ، ނަތީޖާއަކީ އަހަންނެވެ. މަންމަ ކުރި ކުށުގެސަބަބުން ލިބުނު ހިތި ހިތާމަ އާއި އެކު އަހަރެންގެ ދިރިއުޅުން އާރަސްތު ކުރުމަށް މަންމަ ހިތްވަރުކުރިއެވެ. ދުނިޔޭގެ ލަދު އެއްކިބާގައި އޮތްވާ މާމަމެންގެ ހިޔާވަހިކަމުންވެސް މަންމަ މަހުރޫމްވީ މީހަކަށް ނުކުރަންވާ ވަރަށް އިތުބާރު ކުރެވުމުންނެވެ. ޅަދުވަހުގެ ފޮނިމީރުކަން ހޫރެން އުޅޭ މަންޒިލް ނެތް މާބުރަކަށް ހަދިޔާ ކުރެވުނީ ހަމައެކަނި ތަޤުދީރުގެ ނިޔާއިންނޭ ބުނާ ހިތެއް އަހަރެން ނުވެއެވެ. ނަމަވެސް އެއީ މީހަކު މަންމައަށް ދިން ނުފިލާނެ ވަރުގަދަ ވިހައެކެވެ. މަންމަގެ މައުސޫމުކަމާއި ރީތިކަމުގެ ފައިދާ ނެގީ ލޯބީގެ ދަޅަ ދައްކައިގެންނެވެ. ލޯބި އެއީ އޭގެ ޒާތުގައި ކިތަންމެ ސާފު ތޯހިރު އެއްޗެއް ނަމަވެސް، އޭގަ ޖެހިއްޖެނަމަ އެމީހެއްގެ ހިތް ކިލަނބު ކޮށްލާ، ފާފަތަކަށް ހިތްވަރުދޭ އެއްޗެއްމެވެ. މަތިވެރި ސާފު ލޯބި ނަހަލާލު ގޮތުގައި ބޭނުންކޮށް އޮފް ކެނޑުނީމާ އެއްލާލަނީ އެއަށްވުރެ ލޯބިވާ އެހެން މީހެއް ފެނުނީމައެވެ. ލޯތްބަކީ ކަނު އެއްޗެއްކަންވެސް އޭގެ ޖާދޫގައި ކޮންމެ ފަދަ ކަމެއް ކުރެވިދާނެކަން އަހަންނަށްވެސް އެނގުނީ މުނާޝާ އަހަންނަށް އަލަށް ފެނުނުދުވަހުއެވެ. އެއީ އަޖައިބެއްފަދަ އިހުސާސެކެވެ. މިކަމެއް ލައިގަންނަންދެން އަހަންނަށްވެސް ހީވީ އެއީ ހަމައެކަނި ލަވަތަކުގައި ކިޔަން ގެންގުޅޭ މާނަ ރީތި ބަސްތަކެއްކަމެވެ. ފުރާވަރުގެ ދުވަސް ފާއިތުވީ ކިޔަވަންދޭ ސަމާލުކަމަށްވުރެ މުނާޝާގެ ހިތް ފަތަޚަ ކުރަން ހަދާނެ ގޮތެއް ރޭވުމުގައެވެ. މުދައްރިސް ނަގައިދޭ ފިލާވަޅުތައް ލިޔަން ދޮންބައްޕަ ގަނެދީފައި ހުންނަ ފޮތްތަށްވީ މުނާޝާގެ އާބަސްހޯދަން ލިޔަމުންދާ ސިޓީތަކުގެ ދާންކަމުގައެވެ.

ދޮންބައްޕަގެ ވާހަކަ މިހިސާބުން ހިއްސާކޮށްނުލާ ކުރިއަށް ނުދެވޭނެއެވެ. އެއީ، ވާ ލޯބިވެސް ވަރަށް ފާޑެއްގެ ގޮތަކަށް ދައްކާ ބައެކެވެ. އެމީހުންގެ ރުޅިއާ ނަފުރަތުގައިވެސް ވަނީ ފާޑެއްގެ ލޯތްބެކެވެ. މަންމަގެ ދިރިއުޅުމުގައި ފަނޑުވެފައިވި ކުލަތައް އުޖާލާކުރަން ދޮންބައްޕަ އާއި ހަވާލުކުރީ މަންމަ އެގޮތްބޭނުން ވެގެނެއްވެސް ނުމެނޫންމެއެވެ. ހަމަ އެހެންމެ އެކަމަށް ނުރުހުމެއްވެސް ނެތެވެ. ބޭނުންވާ ގޮތް ނުވީމާ ދެން އޮންނާނީ ވާ ކޮންމެ ގޮތަކާމެދު ރުހުމެވެ. އެއީވެސް ބައެއްމީހުން އުޅޭ ގޮތެވެ. ދޮންބައްޕަ އަހަންނަކަށް އަނިޔާއެއް ނުކުރެއެވެ. އަދި ފިރުމައެއްވެސް ނޫޅެއެވެ. އޭނައަށް ވީވަރަކުން އަހަރެންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނެވެ. އަހަރެންގެ ގާތުން އުނިވެފައިވާ ބައްޕައެއްގެ އޯގާތެރިކަމެއް ނުލިބެއެވެ. އެހެންނަމަވެސް ތަސައްރަފު ފުދި އަމިއްލަ ހާލައިގެން އުޅެވޭވަރަށް ކިޔަވައިދިނެވެ. މުނާޝާ ފެނޭތޯ ސުކޫލަށް ދިޔަ ނަމަވެސް ދޮންބައްޕްގެ މިންނަތް މަސައްކަތް ފެނަށް ދިޔަނުދީ މިއަދު މީހުން ޤަބޫލުކުރާ ޒިންމާދާރު މަޤާމެއްލިބިއްޖެއެވެ. އެކަމަކަށް މަންމަވެސް ފަހުރުވެރިވާ ޔުނިފޯމެއް ލިބިއްޖެއެވެ. މަންމަގެ ޒުވާން ދުވަސްވަރު އުފުލި ބުރަތަކާ އެއްވަރު ނުވިނަމަވެސް ކޮންމެވެސް ވަރަކަށް މަންމަގެ ހިތްހަމަޖެހުމުގެ އަސްލަކަށް އަހަރެންވިއެވެ. ވަރަށް ގިން ދުވަހުގެ މަސައްކަތުން އަހަރެން އަލަތު އަންބަކަށް މުނާޝާވިއެވެ. އަހަރެންގެ ގުޅުމަށް މުނާޝާވެސް އެއްބަސްވީ އެނޫންގޮތެއް އޭނާއަށް ނެތިގެނެއް ނޫނެވެ.އެހެންގޮތެއް ބޭނުންނުވީމައެވެ. މުނާޝާގެ ހިތް މިލްކުކޮށްގެން އެހާ ދުވަހު އުޅުނީ ދުރުމީހެއްވެސް ނޫނެވެ. އަހަރެންގެ އެއްމާބަޑު ގާތް މިތުރު އާޒިމެވެ. ކުރާނީވެސް ކީއްހެއްޔެވެ. މިއީ މީހަކު ކުރާނެ ކަމެއްނޫނެވެ. މުނާޝާގެ އަލަތު ލޯބި އޭނާގެ ދެއަތުން ކަފުންކުރީ އޭނާގެ މައިންބަފައިންގެ ނުރުހުން އާޒިމަށް ލިބުނީމައެވެ. އާޒިމް އަކީ މުނާޝާގެ ހަޔާތުގެ ކައްޕިއަށް އެކަށީގެންވާ މީހެއް ކަމަށް އަހަރެންގެ މައިދައިތައަށް ޤަބޫލު ނުކުރެވުނީތީއެވެ. އަހަރެންނަށް އާޒިމް އާއި މުނާޝާގެ ގުޅުން އެނގުނު ދުވަހުން ފެށިގެން މުނާޝާގެ ނަން ހިތުން ފޮހެލީމެވެ. އަދި މީހުންގެ މެދުގައި ޤަދަރު ހުރި ޒިންމާދާރު މީހަކަށް ވާން އަޒުމު ކަނޑައެޅީމެވެ. ފުލުހުންގެ ވަޒީފާއާ ގުޅި އަމަލީ ތަޖުރިބާ ނިންމާ އެތައް ދުވަސްތަކެއް ހޭދަވުމަށްފަހު ރަށްއައީ އެއްގޮތަކަށްވެސް މުނާޝާ ލިބޭނެ ކަމުގެ އުއްމީދުގައެއް ނޫނެވެ. ނަމަވެސް އަހަރެންވީ ވަރަށް ނަސީބު ގަދަ މީހަކަށެވެ. އެއްގޮތަކަށްވެސް އެކުވެރިޠ ލޯބި ބީވުމުން އުފާކުރަނީއެއް ނޫނެވެ. އަހަރެްނ ލޯބި އައުމުން ލިބުމުން ޝުކުރުކުރަނީއެވެ. އަހަރެން ބޭނުންވެގެން މިފަހަރު އައީ ޚުދު މުނާޝާގެ އާއިލާއިންނެވެ. އުފަލުގެ ކޮޅެއްނެތެވެ. އަހަރެން ވަގުތުން އާބަސްބުނީމެވެ. އަހަރެންނަށް މުނާޝާ އާޒިމްގެ ހަނދާންތައް ފިލާވަރަށް ލޯބި ދެވޭނެކަމަށް ޝައްކަެއްނެތެވެ. މީހުން ބުނާތީ އަހަމެވެ. އަލަތު ލޯބި ހިތަކުން ފިލުވައެއް ނުލެވޭނެ. އަހަރެން އެވާހަކައެއް ޤަބޫލެއް ނުކުރަމަވެ. އެހެންނަމަވެސް ލޮލަށް ފެނުމުން ޖެހޭނީ ޤަބޫލުކުރާށެވެ. އަހަންނަށް މުނާޝާގެ ޖިސްމު މިލްކު ކުރެވުނު ނަމަވެސް އެ ހިތެއް ނުލިބުނެވެ. އަދިވެސް އެވިންދުގައި ވަނީ އާޒިމެވެ. ލާކޮންމެ ނޭވާއެއް ގުޅިފައިވަނީ އާޒިމުއާއެވެ. އެކަން އެނގުނު ނަމަވެސް އަހަރެންގެ ކުޑަކުޑަ އާއިލާއަށްޓަކައި މިަހަރުވެސް ކުރިއަށް ނެގުނީ މަގޭ ހިތުގައި މުނާޝާއަށްޓަކައި ވި ލޯބެއްވެ. ދުވަހަކުވެސް ހިތުން ނުފިލާނެ ލޯއްބެވެ. ފާޅުގައި މުނާޝާގެ ބޭވަފާތެރިކަން އެނގުނީ އަހަރެންގެ ތިންވަނަ ދަރިފުޅު އުފަންވުމުގެ ކުރިންނެވެ. އަވަށްޓެރިންނާއި ރަށްޓެހިންގެ ވާހަކަ ތަކުން މުނާޝާގެ ވަފާތެރިކަމަށް ޝައްކުކުރެވުނެވެ. އެއްރޭ އަހަރެން ޑިއުޓީގައި ރަށުތެރޭ ބުރެއް ޖަހަން ނިކުމެ އުޅެނިކޮށް އާޒިމު އަހަރެމެން ގެއަށް ވަންނަތަން އަހަރެން ދެކުނީމެވެ. ނަމަވެސް އަހަރެންގެ ޔުނިފޯމް ހުއްދަ ދިން ނަމަވެސް މުނާޝާގެ ކަންތަކަށް ދެވުނީ ކަނުލޮލެކެވެ. ފަހުން ވާނެ ގޮތަކާއި މެދު ވިސްނާލާފައި ފަސްޖެހެވުނީ މުނާޝާއާއި ވަކިން އެންމެ ހިނދުކޮޅެއްވެސް އުޅެން އަހަރެން ބޭނުންނަވާތީއެވެ. އޭނަ ބޭނުން ގޮތަކަށް އުޅެވެން އޮވެއެވެ. އޭނަ ބޭނުން ކަމެއް ކުރަން ހުއްދަ އޮވެއެވެ. ކޮންމެ ގޮތަކަށް އޭނާ ކަންތަށް ކުރި ނަމަވެސް އަހަރެންނަކަށް މުނާޝާދެކެ ރުޅިއެއްނާދެވެއެވެ. އެއީ ބޭވަފާތެރި ވުން ނަމަވެސް މެއެވެ. މުނާޝާ އަހަރެންގެ ހިތަށް ކުރަމުންދިޔަ އަނިޔާ ، އަހަރެންވެސް ހެޔޮގޮތުގައި ބަދަލު ހިފީމެވެ. ހަޤީގަތް ރަނގަޅަށް ނޭންގިހުރެއެވެ. އަހަރެންވެސް އެހެން އަންހެން ކުދިންނާ ނަހަމަ ގުޅުންތައް ބޭއްވީމެވެ. ދެރެއަކު އެއްކުއްޖެއްގެ ގާތަކަށް ނުދަމެވެ. އަހަރެންގެ އެންމެ ހިނިތުންވުމަކުން އެކުއްޖެއްގެ އެނދުގެ އެއްފަޅި ވަގުތު ކޮޅަކަށް ނަމަވެސް އަހަންނަށް ލިބެއެވެ. މިގޮތުގެ މަތިން ތިންވަނަ ދަރިފުޅު އުފަންވަންދެން މުނާޝާއަށް ކަޅު ދޮންވެސް ނޭނގޭ ކަމަށް ހިތުން އަހަރެން ހީކުރީމެވެ. އެކޮޅުން މުނާޝާ ޖައްސާ ކުޅިގަނޑު މަށަށް ނޭންގޭނެ ކަމަށް ހީކޮށް އޭނާ ދައްކާނަގުލީ ކުލަތައް ދެްކުމުގައި އޭނާ ދެމިހުެއްޓެވެ. އަހަރެންވެސް އަހަރެންވާ ހަޤީގީ ލޯބި އޭނާއަށް ދިނުމުގައި ދުވަސްތައް ހޭދަކުރަމުން ދިޔައީމެވެ. ދެންއައި ދުވަސްތަކަކީ ބޭނުންނުވި ނަމަވެސް އަހަރެންނަށް އަހަރެންގެ ޖަޒުބާތުތައް މުނާޝާއަށް ނުދައްކާ ހުންނަ އުނދަގޫ ދުވަސްތަކެވެ. ހަގު ދަރިފުޅު އުފަންވީސުރެ އުޅުނީ ވަރަށްބަލިވެއެވެ. ވަރަށް ގިނަ ޓެސްޓުތަކެއް ހަދައިގެންވެސް ވާގޮތެއް އެނގުނީ އަހަރެންގެ ކެއްތެރިކަން ކޮޅުންލި ފަހުންނެވެ. އެޓެސްޓެއް ކުރަން ނުވެސްޖެހޭ ޓެސްތެއް ހެދުމުން އަހަރެންގެ ރުޅިގަނޑު ފާޅުގައި މުނާޝާއަށް ދައްކަން މަޖުބޫރުވިއެވެ. ނަތީޖާ ނުލިބުނުވެސްމެއެވެ. އަހަރެންނަކީ ނޯމަލް ނަމަވެސް މުނާޝާއަކީ ކެރިއަރެކެވެ. އެހެންވިއަސް އަހަރެންގެ ދަރިފުޅު ތެލިސީމިއާ ޓެސްޓް ހަދަންޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. އޭނަ ދެކެ ހިތްހަމަ ނުޖެހިފައި ހުރިވަރުން ދަރިފުޅުގެ އެއްވެސް ކަމެއްގައި އަހަރެން ބައިވެރިއެއް ނުވަމެވެ. ރަށާ މާލެ ދޭތެރޭ ކުރާ ހުރިހާ ދަތުރެއް ކުރީ ބަލި ދަރިފުޅު ގޮވައިގެން މުނާޝާ އެކަނިމާ އެކަންޏެވެ. އެހެންނަމަވެސް އަހަރެންގެ ހިތައް އެއްވެސް އެއްޗެއްނާރައެވެ. ހެދި އެންމެ ޓެސްޓަކާގެން އަހަރެންގެ ހިތް އަމިއްލަ ދަރިފުޅާ ދުރުކުރުވިއެވެ. ޝައްކުން އަހަރެންގެ ނަފުސު ފޯވެއްޖެއެވެ. އެކަނިވެރިކަން މުޅި މީހާ ވަށައިގެންވިއެވެ. އެހެދި ޓެސްޓްގެ ނަތީޖާ އަކީ ކޮބާތޯ ބަލުމަށްވެސް އަހަރެންގެ ޒަމީރު އެއްބަހެއްނުވިއެވެ. މުނާޝާ އާދޭހާއެކު ދެއްކި އެއްވެސް ވާހަކައެއް އަހަރެން ނާހަމެވެ. އަހަރެންގެ ހަލާކު އަހަރެން އަމިއްލައަށް ހޯދީއެވެ ކޮންފަދަ ނަސީބު ދެރަ މީހެއްތާއެވެ.ެ ސާފު ހިތަކުން އަހަރެން ބަލައި ގެން ދިރިއުޅުން އާރާސްތު ކުރަން މުނާޝާ ކުރި ހުރިހާ މަސައްކަތެއް އެއްވެސް އަސާސެއްނެތް ކަމަކުން އަހަރެން އަލިފާންޖެހީއެވެ. އަހަރެންގެ ދިރިއުޅުމުގެ ވޮށް އަމިއްލަ ދެއަތުން ނިއްވާލީއެވެ. އަހަރެން އެހާ ހިތްހަރުވީ ކޮންއިރަކުހެއްޔެވެ. ބަލި ދަރިފުޅު ގޮވައިގެން މަހަކު އެއްފަހަރު ލޭއަޅަމުން، ލޭ ހޯދަން މުނާޝާ ސަލާން ޖަހާތަން ބަލަން އަހަރެން ކެތްވީ ކިހިނެތް ހެއްޔެވެ. އެންމެ ފަހަރަކުވެސް އެދަރިފުޅުގެ މޫނުން އެއީ އަހަރެންގެ ލޭކަން ނޭނގުނީ ކީއްވެހެއްޔެވެ. ލޮލަށް ފެނުނު މަންޒަރުތައް ކެހިދިނީ އަހަރެންނަށްކަން އެނގުނީ އެއްދުވަކު ރައްޓެއްސަކު ދިން ޚިޔާލަކުންނެވެ. އަހަރެންގެ ދަރިއެއްކަން ޔަޤީން ކުރަން އޭނަ ބޭނުންވީ ޓެސްޓް ހެދުމަށެވެ. އަހަރެން މުނާޝާއަށް އެވާހަކަ ބުނުމުން އޭނަ އެދުނީ ވަރިވުމަށެވެ. އެއްވެސް މާނައެއް ނެތް ގުޅުމެއްގައި އިތުރު އަނިޔާއެއްގައި ބަނދެވި ހުންނަން ބޭނުންނޫންކަން ރޮއި ގިސްލެވި އޭނަ ހާމަކުރިއެވެ. އޭނަގެ ވަފާތެރިކަމށް ޝައްކުކުރުމުން ދެން އިތުރަށް އުޅެންބޭނުން ނޫންކަމަށް ތަކުރާރުކޮށް ބުނަމުންދިޔައެވެ. ހަތްހުވައިން ހުވާކޮށްފައި ބުނަމުންދިޔައީ ޒަޔާންއަކީ އަހަރެންގެ ދަރިއެއްކަމަށެވެ. ހަށިގަނޑުގައި ލޭގެ ބައެއް ދަށްކަމަށްވާތީ އޭނާ އަކީ މަހުންމަހަށް ލޭ އަޅަންޖެހޭ ކުއްޖެއްކަމށެވެ. އެބަލީގެ ނަންވެސް ބުންޏެވެ. ބޭނުންނަމަ ރިޕޯޓްތަށްވެސް ބެލުމަށް އެދުނެވެ. ގޫގަލްސާޗް ކުރަންވެސް އެދުނެވެ. އާޒިމްއާ އެއްވެސް ގުޅުމެއް ކައިވެނީގެ ފަހުން ނެތްކަމަށްވެސް ބުންޏެވެ. އަހަރެންގެ ސިކުނޑި ރަންވެފައި ހުރިވަރުން އަހަރެމެންގެ ގޭގައި ކުއްޔައްދޭ ދެ ކޮޓަރި ހުރި ހަނދާންވެސް ކައްސާލިއެވެ. އެއިން ކޮޓަރިއެއްގައި އާޒިމްގެ ރައްޓެއްސެއްވެސް ބެހެއްޓީ ހުދު އަހަރެންނެވެ. މިހާރު އަހަރެންގެ ލޯ ހުޅުވިއްޖެއެވެ. އާއެކެވެ. ދަރިފުޅުގެ ބައްޔަކީ ވަރަށް ނާދިރު ހާލަތެއް މެދުވެރިވުމުން ވާ ބައްޔެކެވެ. އެދަރިފުޅަށް ބައްޕައެއްގެ އޯގާތެރިކަން އެންމެ ބޭނުންވިދުވަހު އަހަރެންނަކީ ނެތްމީހެކެވެ. އަހަރެން އެންމެނެ ކިބައިން މާފަށް އެދުނީމެވެ. އަލުން އާފެށުމެއް ފެށިމެވެ. ވަރަށް ލޯބިންނެވެ. ދުވަހަކުވެސް އެލޯބި އޮޔާ ދިޔަ ނުދޭނަމަވެ. (ނިމުނީ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ