މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 28

" އާޒިމަށް ކޮންކަމެއްތަ؟ އަހަންނަށް ކޮންމެ ގޮތެއް ވިޔަސް.؟ " ދެލޯ މަރާ ބާރުކޮށްލުމަށްފަހު ނީނާ ބުނެލިއެވެ. އަހަންނަކީ އާޒިމް އަންބެއްގެ ގޮތުގައި ބަލައިގަންނަ މީހެއް ނޫނެއްނު؟ އަހަންނާއި އާޒިމް ކައިވެނި ކޮށްގެން ތިއުޅެނީ ނަމަކަށް ނޫންތަ؟ އެހެންވީމާ އަހަންނަށް ކޮންމެ ކަމެއްވިޔަސް އާޒިމަށް އެއީ ބޮޑު ކަމަކަށް ވެދާނެ ކަމެއް ކަމަކަށް އަހަރެން ނުދެކެން" ފެންކަޅިވެފައިވާ ދެލޮލުގައިވާ މުތީތަކެއްފަދަ ކަރުތައް އަތުގެ ނުފުށުން ފޮހެލަމުން ނީނާ ބުނެލިއެވެ. ފުރަތަމަ ފަހަރަށް އޭނާގެ ހިތުގެ ބިންގަރާހުގައި އުފެދިފައިވާ ޝަކުވާތައް ބޭރުކޮށްލިއެވެ.

އެވަގުތު އާޒިމްގެ ހިތުގެ ވިންދާ ލޭގެ ހިނގުން ހުއްޓިގެން ދިޔަ ކަހަލައެވެ. އެހާތަނުން ދުނިޔޭގެ އެނބުރުން އަވަސްވެގެންދިޔަކަމުގެ އިހުސާސް އާޒިމަށް ކުރެވެން ފެށިކަހަލައެވެ. 
"އަހަރެންގެ ކުށެއް ނެތި ގަދަކަމުން އާޒިމް އަހަންނާއި ކައިވެނި ކުރި ދުވަހު އަހަރެންގެ އިހުސާސްތަކާއި މެދު ވިސްނާލިންތަ؟ އެދުވަހު ކީއްވެ ނޭހީ އަހަރެންގެ ހިތައް ކުރި އަސަރު، އަހަރެންގެ ބޮލުގައި ބޮޑު ބަދުނާމެއް އަޅުވައިގެން އަހަރެންގެ ކުށެއްނެތި ކައިވެނި ކުރިއިރު ތިޔަ އޯގާތެރިކަން ކޮބާ؟"
ޖެހިލުމެއްނެތި އާޒިމްގެ މޫނަށް ބަލަހައްޓައިގެން އިނދެ، ރުއިމާއި ހިތްހަމަނުޖެހުމާއެކީ ނީނާގެ ހިތުގައި އުތުރި އަރަމުންދިޔަ ގިލަންވެރިކަން ބޭރުކުރަމުން ދިޔައެވެ. ނީނާގެ ވާހަކަތައް އިވިފައި އާޒިމަށް ހީވީ މީހަކު އޭނާގެ ކޯތާފަތްމަތީގައި ހޫނު އެތިފަހަރެއް ޖެހި ހެންނެވެ. ކުރިންސުރެއް ހިތް ނުތަނަވަސްވެފައިވާ މޫނު މުޅިން މިލާ މޯޅިވެއްޖެއެވެ. ބުނާނެ އެއްޗެއް ނޭނގި، އަތް މުއްކަވާލާފައި ކައިރީގައި އިން ކުޑަ މޭޒުމަތީގައި އަތުން ޖަހާލާފައި ނުކުމެގެން ދިޔައީ ނީނާއާއި ދިމާލަށް ބަލާވެސް ނުލައެވެ. އެވަގުތު ނީނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގެން ދިޔައެވެ. އަދިވެސް އޭނާކުރާ އެއްވެސް ސުވާލަކަށް އާޒިމްގެ ފަރާތުން ޖަވާބެއްނުލިބެއެވެ. ނީނާ އެންމެ ހިތްދަތިވާންޖެހޭ އެއް ސަބަބަކީ އެއީއެވެ.

އާޒިމް ސިޑިން ފައިބައިގެން ދިޔަ މަންޒަރު ހޯލުގައި އިން ހަރީރާއަށް ފެނިފައި ސުވާލު އުފެދުނެވެ. ބުރުގާއެއް ހިފައިގެން އޭގެ ދޮޅި މޮހެން އިން ހަރީރާ އެވަގުތު ގަޑިއަށް ބަލައިލާފައި ހައިރާންވީ އާޒިމް އެހާ ލަހުން އޮފީހަށް ދާތީއެވެ. މިއަދު ކަމެއްވީބާއޭ ހިތައް އަރައި، ނުތަނަވަސްވެފައިވާ ހިތާއެކު އާޒިމާއި އަރާ ހަމަކުރިއެވެ. 
" ދަރިފުޅާ" މިއަދު ހޭނުލެވުނީތަ!!  އޯގާތެރި ކަމާއެކު ހަރީރާ ސުވާލުކޮށްލިއެވެ. ހިނގަ ހިނގައި ހުރި އާޒިމަށް މަންމަގެ ސުވާލުން ސިއްސައިގެން ގޮސް ބަލައިލިއެވެ. " ލައްބަ، ކުޑަކޮށް ލަސްވީ" މަޑުމައިތިރކަމާއެކީ އާޒިމް ބުނެލިއެވެ. 
މަޑުމައިތިރި ކަމާއި ކިޔަމަންތެރި ކަމަކީ އާޒިމްގެ ކިބައިގައި ހުންނަ ހަރީރާ އެންމެ ހިތްހަމަޖެހޭ އެއް ސިފައެވެ. އެފަދ ދަރިޔަކު ލިބުނީތީ އެކަމާ ހަރީރާ އަބަދުވެސް ﷲއަށް ޙަމްދުކުރެއެވެ. 
 
 އާޒިމްގެ އެ ޖުމްލަ އިވިފައި ހޯލުގައި އިށީނދެލައިގެން އިން ފާތުން ހައިރާންވެފައި ބަލައިލިއެވެ. ކަމެއްވެއްޖެކަން މިހާ ހިސާބުން ފާތުންއަށް ޔަގީންވެއްޖެއެވެ. ގައިމުވެސް މީގެ އިރު ގަނޑެއް ކުރިން އޭނާ އެ ކޮޓަރިއަށް ދިޔައިރު އާޒިމް ހުރީ ރެޑީވެސް ވެގެންނެވެ. އާޒިމް ނުކުމެގެން ދިޔުމާއެކު އޭނާ މިސްރާބު ޖެހީ ނީނާ ހޯދުމަށް ކޮޓަރިއާއި ދިމާލަށް ދިޔުމަށެވެ.
އޮފީހަށް ދިޔުމަށް ނުކުތް އާޒިމް ކާރަށް އަރައި ކާރު ސްޓާރޓު ކޮށްލައި، ދޮރާށީން ބޭރަށް ކާރު ނެރެލިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އޭނާ އޮފީހަށް ނައިސްގެން މީރާ ގުޅަނީއެވެ. ފޯނަށް ޖަވާބު ނުދީ އާޒިމް އޮފީހާއި ދިމާލަށް މިސްރާބުޖެހިއެވެ.
 
މެންދުރުގެ ކެއުންތައްޔާރުކުރުމަށްޓަކައި ތަރުކާރީ ކޮޅު ހިފައިގެން ބަދިގޭ މޭޒު ކައިރީގައި އިށީނދެލައިގެން ނީނާއިނެވެ. ބަދިގެ ތެރެއަށް ވަދެގެންއައި ހަރީރާއަށް ނީނާ ފެނިފައި ، ދިޔަގޮތަށްގޮސް ކޮނޑުގައި އަތް ބާއްވައިލިއެވެ. އެވަގުތު ބިރެއްފެނުނުހެން ނިނާ ތެޅިގަނެފައި ސިއްސައިގެން ދިޔައެވެ. "ކިހިނެއްވީ؟ " ހައިރާންވެފައި ހަރީރާ ސުވާލުކޮށްލިއެވެ. " ކަމެއް ނުވޭ؟ " އާދައިގެ ގޮތަކަށް ޖެހިލުންވެފައި ހުރެ ނީނާ ބުނެލިއެވެ. ނީނާގެ ޖަވާބު އަހާފައި ހަރީރާ ބަދިގެއިން ނުކުމެގެން ހިނގައިގަތެވެ. އާޒިމާއި ނީނާގެ ކައިވެނި ކުރެވުނ ގޮތާއިމެދު އަދިވެސް ހަރީރާ ހިތްހަމައެއް ނުޖެހެއެވެ. އެހެންކަމުން ނީނާއާއި މާބައިވަރު ވާހަކަ ދެއްކުމަކީ އޭނާ އެހާ ކުރާ ހިތްވާ ކަމެއް ނޫނެކެވެ. ނީނާ ގޯސްވީމައެއްވެސް ނޫނެވެ. އަދި އޭނާގެ ހިތުގައި ރުޅިވެރިކަން އޮތީމައެއްވެސް ނޫނެކެވެ. އާޒިމަށް އެވަރުގެ ބޮޑު ކަމެއް ކުރުމަށް ހިތްވަރުދިން މީހަކީ ނީނާ ކަމުގައި ދެކޭތީއެވެ. އެގޮތަށް ކައިވެނިކުރަން ނީނާ އެއްބަސް ވީމައެވެ. ހަރީރާގެ ނަޒަރުގައި ކުށްވެރިއަކީ ނީނާއެވެ. ނަމަވެސް މިހާރު އޭނާ ނީނާއާއި މެދު ހިތްހެވެ. އޭނާގެ އުފަލައްޓަކައެއް ނޫނެވެ. އޭނާގެ ދަރިފުޅު ޚިޔާރުކުރި ކުއްޖަކަށްވާތީއެވެ. ދަރިފުޅުގެ އުފަލައްޓަކައެވެ. 

ހަރީރާ ނުކުމެގެންދިޔަ މަންޒަރު ބަލަން ހުރި ފާތުން އަވަސް އަވަހަށްގޮސް ބަދިގެއަށް ވަދެއްޖެއެވެ.
"ނީނާ!! ކުށްވެރިޔަކު ކުށެއްކޮށްގެން މީހަކަށް ގޮވާލާ ފަދައިން ފާތުން ނިނާއަށް ގޮވައިލިއެވެ. ސިހިފައި ނީނާ ފަސްއެނބުރި  ބަލައިލިއެވެ. " އެ ކީކޭ؟"   އާދައިގެ ގޮތަކަށް ނީނާ ބުނެލިއެވެ.  "ކިހިނެއް ވެގެން ތިއުޅެނީ، އާޒިމާ ދެމީހުން މައްސަލަ ޖެހުނީތަ؟" ނީނާގެ ލޮލަށް ބަލަހައްޓައިގެންހުރެ ފާތުން ސުވާލުކުރީ ކަމެއް އޮޅުންފިލުވަން ބޭނުންވާ ކަހަލައެވެ.  ފާތުންގެ މި ސުވާލުން ނީނާ ކުޑަކޮށް ޖެހިލުންވިއެވެ. ފާތުންއަށް ކޮންކަމެއް އެނގުނީބާއޭ ހިތާއި ހިތާއި އަހާލިއެވެ.  

ކައިވެނި ކުރި ފަހުން ނީނާގެ ހިތުގެ ރިހުން، އާޒިމަށް އިހުސާސްކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. މިއަދު އޭނާގެ ހިލަ ހިތް މަޑު އުއް ކޮޅަކަށް ބަދަލުވެއްޖެއެވެ. އޮފީހުގެ އެއްވެސް މަސައްކަތެއް ކުރާ ހިތެއްވެސް މިއަދު ނުވިއެވެ. މީރާގެ އޯގާތެރި ބަސްތަކަކުންވެސް އާޒިމްގެ ހިތަކަށް ލުޔެއް ނުލިބުނެވެ. އާވާރާވެފައިވާ މީހެއް ފަދައިން ކެބިންގެ ސޯފާގައި އިށިންދެލައިގެން އިނދެވުނީއެވެ. އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެނީއެވެ. ނީނާގެ އިހުސާސްތަކާއި މެދުގައި އޭނާ ފިކުރުކޮށްނުލީ ކީއްވެހެއްޔެވެ؟ އެއީވެސް މަހާއި ކަށިން ހައްދަވާފައިވާ އިންސާނެކެވެ. އޭނާގެ މޭގައިވެސް އާޒިމްގެ އޮންނަފަދަ ހިތެއް އޮންނާނެ ނޫންހެއްޔެވެ؟ ގެއަށްގޮސް ނީނާގެ ކިބައިން މައާފަށް އެދެން ވީ ބާވައެވެ؟ އޭނާ އެންމެ ލޯބިވާ އަންހެން ކުއްޖާއާއި މެދު އަޅާނުލާ ދޫކޮށްލެވެނީ އެވެ.؟ ގޮތް ދޫނުކުރުމާއި ހަރުކަށިކަން އޭނާގެ ހަށިގަނޑުގައި ހުންނަންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ނީނާއާއި މެދު ކުރެވުނީ ކުށްހީއެއްބާވައެވެ؟ ގައިމުވެސް ރަށުގައި އުޅުނުއިރު ނީނާ ޒާޙިރުއާއި އެކީ އުޅުނީ އުފަލުގައެއް ނޫނެކެވެ. ހަމަ އެ ސިކުންތުގައި އޭނާގެ ޚިޔާލަށް އައީ ފުރާފައިވާ ކައިވެނި ފޯމެވެ. ޒާހިރުއަކީ މައިޝާގެ ފިރިމީހާ ކަން އެނގިހުރެ އޭނާ ޒާހިރުއާއި ކައިވެނި ކުރަން ފޯމު ފުރަންވީ ކީއްކުރަން ހެއްޔެވެ؟  އަދި ރަނުގެ ގޮތުގައި އެހާ ބޮޑު އަދަދެއް ޖަހަންވީ ކީއްވެ ހެއްޔެވެ؟ ބޭޤަރާރު ކަމުގެ ތެރޭގައި ސޯފާއަށް ވެއްޓިގަނެގެން އާޒިމަށް އޮވެވުނު އިރެއްވެސް ނޭންގެއެވެ. ޚިޔާލުތަކުގެ ތެރެއިން ހޭލެވުނީ ގެއަށް ދިޔުމަށް އިއްބެއައިސް ގޮވާލުމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. އެންމެން ތިބީ ކާމޭޒުކައިރީގައި ރޭނގަނޑުގެ ކެއުމަށް އިންސާފުކުރުމަށެވެ. އާޒިމަށް ގެއަށް އާދެވުނީވެސް އެވަގުތުއެވެ. އޭނާ ސިޑިއާއި ދިމާލަށް ހިނގައިގަތްތަނާހެން އޭނާގެ މަންމަ އެދުނީ ކައިގެން ކޮޓަރިއަށް ދިޔުމަށެވެ. އެހެންކަމުން މަންމަ އެދުނުގޮތަށް ކަންތައް ކުރަން އޭނާ ބޭނުންވިއެވެ. ޒާހިރާއި މައިޝާ އާއި ފާތުންނާއި އިއްބެވެސް ކާމޭޒު ގާތުގައި ތިއްބެވެ. އާއިލާގެ އެންމެންވެސް ތިއްބެވެ. ނެތީ ނީނާ އެކަންޏެވެ.  ނީނާ ފެންނަން ނެތުމުން އާޒިމްގެ ހިތް ކުޑަކޮށް ތެޅިލިއެވެ. ބަދިގޭގައިވެސް ނީނާ އުޅޭހެނެއް ހިއެއް ނުވެއެވެ. އެއްވެސް މީހަކު ނީނާ ކޮބައިތޯ ސުވާލެއްވެސް ނުކުރެއެވެ. 

" ދަރިފުޅާ ފާތުން ނީނާ ކޮބައިތަ؟ ނީނާ ފެންނަން ނެތުމުން ޒައިނަބަށް އަހައިލެވުނެވެ. އެކަކު އަނެކަކުގެ މޫނަށް ބަލަލާފައި ނޭންގެއޭ ބުނެލިއެވެ. " ކޮޓަރީގައި، ހަވީރު ސައިބޮއިގެން ހުރީމައި ބަނޑުހައި ނުވާކަމަށް ބުނީ" ބުނެލިއެވެ. ފާތުންގެ ޖަވާބުން އާޒިމަށް ކުޑަކޮށް އުނދަގޫ ވިއެވެ. ނީނާ ކާން ނައީ ގަސްތުގައިކަން އާޒިމަށް އެނގެއެވެ.  ނީނާ އަށް ވެގެން އުޅޭ ގޮތް ބެލުމަށް އާޒިމް ކެތްމަދުވަނީއެވެ. މިއަދުވެސް އާޒިމްގެ ސުވާލުތަކަކަށް ޖަވާބެއް ނުލިބުނެވެ. މިރޭ އޭނާ ނީނާއާއި ވާހަކަ ދައްކާނެއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ދެ ސޮލެއްވަރު ކާލައިގެން ތެދުވެގެން ދާން ހިނގައިގަތެވެ. " ހާދަ އަވަހަކަށް ނިންމާލީ" ހަރީރާއަކަށް މަޑަކުން ނީންދެވުނެވެ. ކުޑަ ގޮތަކަށް އާޒިމް ކާލައިގެން ދިޔުމުން ހަރީރާ ހިތްހަމަނުޖެހުނެވެ. ހަމަހިމޭން ކަމާއެކީ ކާކޮޓަރީން ނުކުމެގެން އާޒިމް ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.  ނީނާ އާއި ވާހަކަ ދައްކައި ވެގެން އުޅޭގޮތް އޮޅުންފިލުވަން އާޒިމް ކޮންމެހެންވެސް ބޭނުންވެއެވެ. އެފަދަ އަނިޔާއެއް މިގެއިން އޭނާއަށް ދޭނީ ޒާހިރު ނޫން ކާކު ހެއްޔެވެ؟ އެއީ ވެއްޓިގެން ލިބުނު ޒަޚަމުތަކެއް ނޫނެވެ. ވެއްޓިގެން މީހަކަށް އެހާވަރުގެ އަނިޔާއެއް ނުވާނެއެވެ. ޒާހިރު ނީނާއާއި ދިމާކުރަންފެށީބާވައެވެ.  ޚިޔާލުތަކުގެ ތެރޭގައި ކަނބަމުން އާޒިމް ކޮޓަރިއާއި ދިމާލަށް ހިނގަމުން ދެއެވެ. ވީ އެންމެ އަވަހަކަށް ނީނާގެ ގާތަށް ދިޔުމަށްޓަކައެވެ. 

ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަދެގެންދިޔައިރު ހަމަހިމޭންކަން ފިޔަވާ އިތުރުކަމެއްގެ އެތާނގައި ނުވެއެވެ. ކޮޓަރީގެ އެއްވެސް ދިމާލަކުން ނީނާގެ ހިލަމެއް ނުވިއެވެ. ނީނާ ފެންނާން ނެތުމުން ނޭނގޭ ބިރުވެރިކަމެއް އާޒިމްގެ ހިތައް ވެރިވެގެން ދިޔައެވެ. ކުޑަދޮރުން ނުކުމެގެން ބެލްކަނީގައި ދޮރާއި ކައިރިއަށް  ޖެހެލިއެވެ. ބެލްކަނީގެ ފާރުގައި އަތް އަޅުވާލައިގެން، އެއްވެސް ހިޔާލެއް ނެތި ހުއްޓިލައިގެން ހުރި ނީނާ އޭނާއަށް ފެނުނެވެ. ލައިގެން ހުރި ކަޅު ހެދުމާއި، ވައިރޯޅީގެ ލާނެއްކަމުން ކުރިމައްޗަށް  ވައްޓާލެވިފައިވާ ފިނިފެންމާކުލައިގެ ބުރުގާ މޫނުމަތީން އިރުކޮޅުކޮޅާ ތިރިކޮށްލާ ތިރިކޮށްލުންވީ އާޒިމަށް ވަރަށް ހިތްގައިމު މަންޒަރަކަށެވެ.  ހައިރާންކަމާއެކު އެމަންޒަރު ބަލަން އިރުކޮޅަކަށް އޭނާއަށް ހުރެވުނެވެ.  ނީނާ ފެނިފައި އާޒިމްގެ ހިތައް ބުނަންވެސް ނޭންގޭ ކަހަލަ މީރުކަމެއް ވެރިވެގެން ދިޔައެވެ.  އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނާގެ މޫނުމަތީން ހިތާމައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. 
 
ކުއްލިއަކަށް މީހެއްގެ ހިލަމެއްވީ ކަމުގެ އިހުސާސް ނީނާއަށް ކުރެވިގެން ފަސްއެނބުރި ބަލައިލިއެވެ. އޭރު އާޒިމް އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި މަންޒަރު ފެނިފައި ނީނާގެ ހަތަރެސްފައި ކުޑަކޮށް ފިނިވެގެން ދިޔައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ