މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 26

އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ މަންމައަށް ކުރިމަތިވި ނުރައްކަލުން ސަލާމަތްވުމެވެ. އެހިޔާލުގައި ހިތްހަމަޖެހިގެންވާ މޫނަކާއިއެކު އާޒިމް ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އާޒިމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކޮޓަރިއާއި ކައިރިވެލާފައި ރަނގަޅަށް ކޮޓަރިތެރެއަށް ބަލައިލިއެވެ. އެނދުމަތީގައި އިށީންދެލައިގެން އިން ނީނާ އަތުގައި އޮތް ފޮޓޯ ލޯގަނޑަށް ބަލަހައްޓައިގެން އިންތަން ފެނިފައި އާޒިމްގެ ހިތަށް ގުޑުން އަރައިގެން ދިޔަ ކަހަލައެވެ. ނީނާ އަޅައިގެން އިން މަޑުމުށި ކުލައިގެން ބުރުގާގެ ދަތްދޮޅިދޮށުން ކަރުނައިން ތެމިފޯވެފައިވާ މަންޒަރު ފެނިފައި އާޒިމް ދެލޯ މަރާ ބާރުކޮށްލިއެވެ. ނީނާގެ ހިތާމަވެރި މޫނު ފެނިފައި އާޒިމްގެ ހިތުގައި މީހަކު ވިކާންފެށި ފަދައެވެ. ދެލޯ މަރައި ބާރުކޮށްލުމަށްފަހު އަތް މުއްކަވާލީ ހިތަށް ވަމުންދާ ތަދު ލުއިވޭތޯއެވެ. ބައެއްފަހަރު ނީނާއާއި ރީތިކޮށް ވާހަކަ ދައްކަން އޭނާގެ ހިތްއެދި ގޮވައެވެ. އަދި ނީނާއަކީ ފައިސާއާއި ހެދި އުޅޭ ކުއްޖެއް ނޫންކަން އޭނާގެ ހިތް އޭނާއަށް ބުނެދޭކަހަލައެވެ. އެހެން ހިތައް އަރާ ކޮންމެ ފަހަރަކު އޭނާގެ ލޯކުރިމަތީގައި ކައިވެނި ފޯމުގައިވާ ރަނުގެ އަދަދު ސިފަވާން ފަށައެވެ. އަދި ޒާހިރުއަކީ މީހެއްގެ ފިރިއެއްކަން އެނގިހުރެ، އަދި އެހާ އަނިޔާވެރި އިންސާނަކާ ކައިވެނި ނުކުރެވިގެން ނީނާ އުޅޭ ސަބަބެއް އާޒިމަކަށް ނުވިސްނެއެވެ. މިހުރިހާ ކަމެއް، އޭނާއަށް އުނދަގޫ ކުރެއެވެ. އަދި ނީނާދެކެ އިތުރަށް ރުޅިއާދެވި އެއްވެސް ރަހުމެއްނެތް މީހެއްފަދައިން ނީނާއާއި މުޚާތަބު ކުރެވެނީއެވެ. އޭނާގެ ކޮއްކޮގެ ދިރިއުޅުން އޭނާއަށް ވަރަށް މުހިއްމުވީމައެވެ.

އެނދުމަތީގައި އިން ނިނާ، ފޮޓޯގަނޑު ހިފައިގެން ތެދުވެ، އޭނާގެ ފޮށި ބައިދާންފައި އިން ދިމާލަށް ހިނގައިގަތެވެ.  އެވަގުތު ކޮޓަރީގެ ސޯފާ ކައިރީގައި އޮތް ކާޕެޓުގަނޑު މައްޗަށް އެރުނުތަނާ ކަހާލައިގެން ވެއްޓި ވަރަށް ބާރަށް އޭނާގެ ބުރަކަށި ބިންމަތީގައި ޖެހުނެވެ. ފާރުގައި  ލެނގިލައިގެން ހުރި އާޒިމަށް އެއްޗެއް ވެއްޓުނު އަޑު އިވިގެން އަވަހަށް ކޮޓަރިއަށް ދިމާލަށް ބާރަށް ދުއްވައިގަތެވެ. އެވަގުތު ބިންމަތީގައި އޮތް ނީނާ ފެނުނެވެ. ވީ ތަދުން ނީނާއަށް އައްދޯތް އޭ ކިޔާލެވުނެވެ. " ކިހިނެއްވީ" ނީނާ އޮތްގޮތް ފެނިފައި އާޒިމް ނީނާގެ ގާތަށް އައިސް އަހައިލިއެވެ. އޭރު ނީނާ ވަރަށް އުނދަގުލުން ތެދުވެ އިށީންދެލިއެވެ. " ކައްސާލައިގެން ވެއްޓުނީއެއްނު، އާޒިމަކަށް ނޭންގޭތަ ރަނގަޅު ކާރޕެޓެއްވެސް ކޮޓަރީގަ އަޅާކަށް" ވީ ތަދުން ނީނާ ނުރުހުންވެފައި އިންދެ ބުނެލިއެވެ. އެވަގުތު ނީނާގެ މޫނަށް ޖައްސަމުންދިޔަ ވައްތަރުންނާއި އަދި އޭނާއާއި ދިމާލަށް އަމުނާލި ފަތިވަރުން އާޒިމްގެ ގާތަށް ހިސާބަކަށް ހިނިވެސް އައެވެ. " ވެއްޓުމަކީ ނީނާއަށް އާ ކަމެއް ނޫނެވެ." އުނަގަނޑުގައި އެއްއަތް ވިއްދާލައިގެން، ހިނި އައިސްފައިހުރެ އާޒިމް ބުނެލިއެވެ. " ކީކޭ؟" ނީނާގެ ރުޅި އިތުރަށް ގަދަވިއެވެ. ނީނާގެ މޫނުމަތީން އޭނާގެ ބުރަކައްޓަށް ތަދުވެފައިވާ މިންވަރު އާޒިމަށް ވަޒަންކޮށްލެވުނެވެ. " ދެން ތެދުވޭ އަވަހަށް" މިހެން ބުނުމަށްފަހު އާޒިމްގެ އަތް ނީނާއަށް ދިއްކޮށްލީ ތެދުވަން އެހީތެރިވުމުގެ ގޮތުންނެވެ.  އާޒިމްގެ އަތުގައި ހިފަހައްޓައިލައިގެން ވަރަށް އުނދަގުލުން ނީނާ ތެދުވިއެވެ. އަދި އުނގަނޑުގައި އަތް ވިއްދާލާފައި މަޑުމަޑުން ކޮރު ޖަހަމުން ހިނގައިގަތީ އެނދާއި ދިމާލަށް ދިޔުމަށެވެ. އެވަގުތު އަނެއްކާވެސް ނީނާ އަރިއަޅައިލިއެވެ. ނީނާއާއި ދިމާލަށް ބަލަންހުރި އާޒިމް އެވަގުތު  ހުޝިޔާރުކަމާއެކު ނީނާގެ އުނަގަނޑުގައި ހިފެހެއްޓިއެވެ. ގުދު ހިތްލާލާފައި އާޒިމާއި ދިމާލަށް އެނބުރެލީ ވަގުތު އޭނާގެ ބުރުގާގެ ކަން ގޮސް އާޒިމްގެ މޫނުގައި ޖެހުނެވެ. އާޒިމްގެ މޫނުގައި ބުރުގާ ޖެހުނު ވަގުތު ނީނާގެ ބުރުގާއިން ދުވި މަޑު މީރުވަސް އޭނާގެ ހިތާއި ސިނކުޑިއަށް އަރާމު ކަމެއް ގެނެސްދިނެވެ. 
ނީނާގެ އުނަގަނޑުގައި ހިފައްހައްޓައިލައިގެން އަދިވެސް އާޒިމް އެ ހުރި ގޮތައް ހުރީއެވެ. އެކަން ނީނާއަށް ފާހަގަވެގެން އަދި ދެމީހުންނަށް ތިބެވުނުލެއް ކައިރިކަމުން އާޒިމާއި ދިމާލަށް ނީނާ އެނބުރެލީ އެ ގޮތުގައި ތާއަބަދަށް ދެމި ހުރެދޭށޭ ބުނާފަދަ ގޮތަކަށެވެ. އޭރު އާޒިމަށްވެސް ހުރެވުނީ ނީނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އާޒިމާއި ދިމާލަށް އެނބުރިގެން އިސްދަށަށް ޖަހައިލައިގެން ނީނާހުރީ ހަދާނެ ގޮތެއް ނޭންގިފައެވެ. އާޒިމް ގާތުގައި އޭނާގެ ގައިން ދޫކޮށްލާށޭ ބުނާކަށް ނީނާއަކަށް ނުކެރުނެވެ. އެގޮތައް އާޒިމް ހުރުންވީ ނީނާއަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ. މިއޮތްހާ ދުވަހު އޭނާއާއި ދިމާލަށް އެއްޗެހި ކިޔުން ނޫން ކަމެއް އާޒިމް ނުކުރެއެވެ. ނަމަވެސް މިއަދު އާޒިމަށް އައިސްފައިވާ ބަދަލާއި، އޭނާއާއި އެހާ ރީތިކޮށް ވާހަކަ ދެއްކުންވެގެން ދިޔައީ ނީނާއަށް ހައިރާންކަން ލިބުނު ކަމަކަށެވެ. ދެމީހުންނަށް ތިބެވުނުލެއް ކައިރިކަމުންނާއި އާޒިމް ބަލަހައްޓައިގެން ހުރި ގޮތުން ނީނާ ކަންބޮޑުވެ ލަދު ގަންނަންފެށިއެވެ. އެހެންކަމުން އިސްޖަހާލައިގެން ހުރެ އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި އާޒިމްގެ އަތް އޭނާގެ އެއްއަތުން ނައްޓުވައިލިއެވެ. އާޒިމަށް ހުރެވުނުގޮތް ރޭކާލީ އެވަގުތުއެވެ. އަވަހަށް ނީނާއާއި ދުރަށް ޖެހިލީ ސޮރީއޭ ބުނާފަދަ ގޮތަކަށެވެ. ޖަޒުބާތުގެ ހޫނުން ކެކެމުންދާ އާޒިމްގެ ހިއްސުތައް ހަމަޔަކަށް އެޅުވުމަށްޓަކައި އަނެއް ފަރާތައް އޭނާ އެނބުރެލިއެވެ. މެންދުރުގެ އެންމެ  ގަދަ ހޫނުގައި ހިލަތަކުގެ މަތީގައި  ހުސްފަޔާ ހިނގަމުންދާ ދަތުރުވެރިޔަކަށް ހިޔާދޭ ފިނި ހިޔާގަނޑަކަށް ވަދެވުނީމާ ލިބޭ ހިތްހަމަ ޖެހުން އެވަގުތު އާޒިމަށް ލިބެމުންދިޔައެވެ. ހަމަ އެ ސިކުންތުގައި ނީނާ މަޑުމަޑުން އެނދުގައި އިށީންދެލީ ބުނާނެ އެއްޗެއް ސިނކުޑިއަށް ނައިސްގެނެވެ. އެވަގުތު އޭނާގެ ބުރަކައްޓަން އެރި ތަދު އަނެއްކާވެސް އިހުސާސް ކުރެވެން ފެށިއެވެ. އަދި އުނަގަނޑުގައި މަޑުމަޑުން ފިރުމައިލިއެވެ.  " މިރޭ  މަންމަ ގާތަށް ދާން ތައްޔާރުވާތި!" އެހުރި ގޮތައް ހުރެ މިހެން ބުނެފައި އާޒިމް ނުކުމެގެންދިޔައީ، ދެވަނަ ފަހަރަށް އޭނާ ނީނާގެ މޫނަށް ބަލަން ނުކެރިގެން ހުރެއެވެ.
 
 
ޠައިބާގޭ ބަދިގެ ތެރޭގައި އުޅުނު މީސްތަކުންގެ މޫނުން ފެންނަމުން ދިޔައީ އުފާވެރި ކަމާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.  ފާތުންނާއި ޒައިނަބު އުޅުނީ ހަވީރުގެ ސައި ތައްޔާރުކުރުމުގައެވެ. ހަރީރާ ބަލީން ރަނގަޅުވުންވީ އެންމެންގެ ހިތައްވެސް ހިތްހަމަޖެހުން ގެނުވި ކަމަކަށެވެ. ބަދިގޭ ކަބަޑު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންދެލައިގެން ޖޫސް ތައްޓެއް ހިފައިގެން މައިޝާވެސް ހިނި އައިސްފައި އިނެވެ. އެވަގުތު މައިޝާގެ މަންމަ ރަޤީބާ ފެޝަން މެގަޒިންއެއް ހިފައިގެން  ހޯލުގެ ސޯފާގައި ފަރިގޮތަކަށް އިށީންދެލައިގެން އިނެވެ. ސިޑިން ފައިބައިންގެ އައި އާޒިމްގެ މިސްރާބު ހުރީ ބަދިގެއާއި ދިމާލަށެވެ.  ބަދިގެ ދޮރުމައްޗަށް އެރުމަށްފަހު ފާތުންނަށް ގޮވައިލިއެވެ. އެވަގުތު ޒައިނަބާއި މައިޝާވެސް އެއްފަހަރާ އެދިމާލަށް ބަލައިލިއެވެ. އަދި މައިޝާ އާޒިމަށް ގޮވައިލިއެވެ. އަދި ކޮފީ ތައްޓެއް ބޭނުންތޯ މައިޝާ ސުވާލުކޮށްލީ އާދައިގެން ގޮތަކަށެވެ. ނަމަވެސް މިވަގުތު އާޒިމަށް ކޮފީއަކަށްވުރެއް މުހިއްމުވީ ފާތުން ނީނާގެ ގާތަށް ކޮޓަރިއަށް ފޮނުވުމެވެ. އެހެންކަމުން ކޮފީ ބޭނުމެއް ނޫނޭ ބުނުމަށްފަހު ފާތުންގާތުގައި ކޮޓަރިއަށް ދިޔުމަށް އެދުނެވެ. އަދި ނީނާ ވެއްޓި އުނަގަނޑަށް ތަދެއް އަރައިގެން އުޅޭ ވާހަކަ މަޑުމަޑުން ބުނެލިއެވެ. މިވަގުތު ނީނާއަށް އެންމެ ބޭނުންވާނީ ފާތުންގެ އެހީކަން އާޒިމަށް އެނގެއެވެ. އެހެންކަމުން ނީނާއަށް އެހީތެރިކަމެއް ފޯރުކޮށްދޭން ފާތުން ފޮނުވުމަކީ އާޒިމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.  ނީނާ ދެކެ ލޯބި ނުވާކަމަށާއި، އަދި އޭނާގެ ހިތުން ނަފްރަތާއި ރުޅިވެރިކަން ކިތަންމެ ވަރަކަށް ދެއްކިޔަސް، އޭނާގެ ހިތުގައި ނީނާއަށްޓަކައި އޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ. އަދި އެފަދަ ގޮތަކަށް ނީނާ ވެއްޓި އަނިޔާއެއް ލިބި ފަރުވާ ނުލިބި ހުރުމަކީ އަޅައިނުލާ ހުރެވޭނެކަމެއް ނޫނެވެ. އެހެންކަމުން މިވަގުތު ފާތުން ނީނާގެ ގާތަށް ފޮނުވުމަކީ އޭނާއަށް މުހިއްމު ކަމެކެވެ. އާޒިމްގެ މި އަމަލުން، ފާތުންގެ ހިތައް ހަމަޖެހުން ލިބުނެވެ. އަދި އާޒިމް ނީނާދެކެ ލޯބިވާވަރު އޭނާއަށް ވަޒަންކޮށްލެވުނެވެ. އެހެންކަމުން ސިޑިން އަރައިގެން މައްޗަށް ދިޔައިރު ފާތުން ހުރީ ކުޑަކޮށް ހެވިފައެވެ. 
 
އިރުކޮޅެއްފަހުން ކާމޭޒު ކައިރިއަށް އެންމެން ޖަމާވީ ހަވީރުގެ ސަޔަށް އިންސާފުކުރުމަށެވެ. އޭރު ފާތުންވެސް ހެދިކާ ތަށިތައް މޭޒުމައްޗަށް ގެނެސް އަރުވަނީއެވެ. އިއްބެއާއި އާޒިމް އަދި ހަމީދުވެސް ގޮޑި ދަމާލާފައި އިށީންދެލިއެވެ. ތަށިތައް ގެނެސް ނިމި އެންމެންނަށް ސައި އެޅުމަށްފަހު ފާތުންވެސް އިއްބެ ގާތުގައި އިށީންދެލިއެވެ.  އާޒިމްގެ ގާތުގައި ނީނާ ފެންނަން ނެތްކަން ޒައިނަބަށް ފާހަގަވެގެން ނީނާ ކޮބައިތޯ އާޒިމްގެ ގާތުގައި އަހައިލިއެވެ. އެވަގުތު މައިޝާވެސް އެސުވާލުގެ ޖަވާބު ބޭނުންވެގެން އާޒިމްގެ މޫނަށް ބަލައިލިއެވެ. " ނީނާ" އެއީ ކާކު؟ ނީނާ އެއީ ކާކުކަން ނޭންގިގެން ރަޤީބާ ސުވާލުކޮށްލިއެވެ. ތެދެކެވެ. އޭނާ އެގެއަށް އައި ފަހުން އަދި ނީނާއަކާއި ދިމަލެއް ނުވެއެވެ. އެހެންކަމުން ނީނާއަކީ އާޒިމްގެ އަނބިމީހާކަން ރަޤީބާއަކަށްވެސް ނޭންގެއެވެ. " ނީނާ އެއީ އަހަރެންގެ އަނބިމީހާ" އާދައިގެ ގޮތަކަށް އާޒިމް ބުނެލިއެވެ. " ކުޑަކޮށް ބަލިކޮށް އުޅެނީ، ކައްސާލައިގެން ވެއްޓުނީ" ސައިތަށި ތުމުގައި ޖައްސާލަމުން އާޒިމް ބުނެލިއެވެ. " ކައްސާލައިގެން ކޮންތާކަށް ވެއްޓުނީ، މިހާރު ރަނގަޅުތަ؟ " ކަންބޮޑުވުމުގެ އަސަރު މޫނުމަތީން ދައްކަމުން މައިޝާ ސުވާލުކޮށްލިއެވެ. މައިޝާއަކީ ހިތްހެޔޮ ކުއްޖެކެވެ. އޭނާ ނީނާ ދެކެ ހިތްހަމަ ނުޖެހުނީ ކުއްލިއަކަށް އާޒިމާއި ކައިވެނި ކުރުމުންނެވެ. ފާތުންމެންގެ ކައިވެންޏަށް އެރަށަށް ގޮސް އުޅުނުއިރު މައިޝާއަށް ނީނާގެ ފާހަގަ ކުރެވިފައިވަނީ އަޚްލާޤް ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ. 
އެރޭގެ ރޭގަނޑުގެ ވަގުތެވެ. ރޭގަނޑުގެ ކެއުން ހިފައިގެން ނީނާ ދިޔައީ ހަރީރާގެ ގާތަށެވެ. އެކީގައި އާޒިމްވެސް ދިޔައެވެ. ހަރީރާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނި ހިސާބުން ނީނާގެ ހާސްކަން ފިލައިގެން ނުދެއެވެ. އާޒިމްގެ މަންމަ އޭނާ ދަރިއެއްގެ ގޮތުގައި ބަލައި ގަންނާނެ ބާވައެވެ. ނޫނީ އޭނާ އާއި ދައްކާނީ ކޮން ވާހަކައެއް ބާވައޭ ހިތައް އަރަމުން ދިޔައެވެ. ދިގު ފެންޑާގެ ތެރެއިން ލާފައި ދެވެން އޮންނަ ކޮޓަރިއާއި ހަމަޔަށް އެރުމަށްފަހު އާޒިމް ދޮރު ހުޅުވައިލިއެވެ. އެވަގުތު މަންމަގެ ގާތުގައި އެނދުގެ މަގަތުގައި އިށީންދެލައިގެން މީރާ އިނެވެ. ދޮރު ހުޅުވައިލި އަޑަށް މީރާ ފަސް އެނބުރި ބަލައިލިއެވެ. އެވަގުތު އާޒިމްގެ ފަހަތުގައި ހުރި ނީނާ ފެނިފައި މީރާ އެނދުމަތީން ތެދުވިއެވެ. އަދި ހެވިލާފައި ހުރެ އާޒިމަށް ގޮވައިލިއެވެ. " ދަރިފުޅާ، " އެނދުގެ މަސަނދުގައި އިށީންދެލައިގެން އިން ހަރީރާ އޭނާގެ ދަރިފުޅަށް ގޮވައިލީ ލޮބުވެތިކަމާ އެކީގައެވެ. ހެވިލާފައި އާޒިމް އައިސް މަންމަގެ ގާތުގައި އިށީންދެލިއެވެ. ފަހަތުން ނީނާވެސް އައިސް، އަތުގައި އިން ތަބަށް އެނދުކައިރީގައި ހުރި މޭޒުމަތީގައި ބަހައްޓައިލިއެވެ. ނީނާގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން މީރާވެސް ކައިރީގައި ހުއްޓެވެ. އެނދު ކައިރީގައި އިން މޭޒާއި ދުރަށް ޖެހިލުމަށްފަހު ނީނާ ތަންކޮޅެއް ދުރުގައި ހުއްޓިލީ އާޒިމާއި އޭނާ މަންމައަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުންނެވެ. އަދި މީރާއާއި ދިމާލަށް ބަލައިލުމަށްފަހު ހިތްހެޔޮ ހިނިތުންވުމަކުން ހިނިތުންވެލިއެވެ. މީރާއާއި ނީނާގެ ހެނދުން އެޅުމުގައިވެސް ދެމީހުންގެ ތަފާތު ފާހަގަވާން ހުއްޓެވެ. މީހުން ބުނެއުޅެއެވެ. އެމީހަކު އަޅާ ހެދުމަކުންވެސް އެމީހެއްގެ އަޚްލާޤު ގިނަފަހަރަށް ފާހަގަވާން ހުންނާނެއެވެ. މީރާއަކީ ޒަމާނީ ވިސްނުން ހުންނަ ރީތި ފެޝަންތަކަށް ލޯބިކުރާ ކުއްޖެކެވެ. ނަމަވެސް ނީނާ އުޅެ ބޮޑުވި މާހައުލުން ނީނާއަށް ދަސްވެފައިވަނީ ތަފާތު ކަންތައްތަކެކެވެ. ފުރަތަމަވެސް މީރާ ވިސްނައިލީ، އާދައިގެ ބުރުގާއެއް އަޅައިގެން ގަޔަށް ދޫ ދޫ ހެދުމެއްލާފައިވާ އެ އަންހެން ކުއްޖާއަކީ ކިހާ ފެންވަރެއް ހުރި ކުއްޖެއްކަމާ މެދުއެވެ. އަދި އޭނާގެ ފޯރުންތެރިކަމާއި، ހައިބަތާއި މެދު އަމިއްލަ ނަފްސު ބޮޑާވެލިއެވެ. " ޗީ، އާޒިމަކާއި ނުވެސް ގުޅޭ، ކޮންތާކުން ހޯދި ކަޓު އަންހެންކުއްޖާގަނޑެއްބާ،،، އާޒިމަށް އަހަރެން މާ ކަމުދާނެ! ޔަގީން މަޖުބޫރުވީ އިންނަން" ހިތާއި ހިތާ މިހެން މީރާ ކިޔައިލީ ރަތްކުލަގަދަ އެ ބޮޑު ތުންފަތް ފިއްތާލަމުންނެވެ. " ނީނާ، އާދެބަލަ މިކޮޅަށް، " އެއްވެސް އަސަރެއް އެކުލެވިގެންނުވާ ފަދަ ގޮތަކަށް ހަރީރާ ގޮވައިލީ ކައިރިއަށް އައުމަށް އިޝާރާތް ކޮށްލަމުންނެވެ. ޖެހިލުންވެފައި ހުރެ މަޑުމަޑުން ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުން ނީނާ ގޮސް އެނދު ކައިރީގައި ހުއްޓެލައި ހަރިރާގެ މޫނަށް ބަލައިލިއެވެ. މަންމަ ބުނާނީ ކީކޭ ކަމެއް ނޭންގިފައި އާޒިމްވެސް ކަންބޮޑުވެލާފައި ހަރީރާގެ އަތުގައި ހިފައިލައިގެން ކުޑަ ކުއްޖެއް ފަދައިން އިސްދަށަށް ޖަހައިލައިގެން އިނެވެ. ނީނާގެ އަތުގައި ހިފާލާފައި މަޑުމަޑުން ނީނާ އޭނާގެ އިށީންދެލައިގެން އިން ދިމާލާއި ކައިރި ކޮށްލިއެވެ. އަދި އާޒިމްގެ އަތް ނަގައި ނީނާގެ އަތާއި ޖޯޑުކޮށްލިއެވެ. "މަންމަ ދުނިޔޭގައި ނެތަސް އާޒިމަށް ބަލާތި! މަންމައަށް އިހުސާސް ކުރެވިއްޖެ ތިޔަ ދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވާތީކަން އެހާ އަވަހަށް ކައިވެނިކުރީ، އެކަމަކު ކައިވެނި ސިއްރުން ކުރުން އެއީ މަންމައަށް އަދިވެސް އެހާ ފަސޭހައިން ހަނދާން ނައްތާލެވޭނެ ކަމެއް ނޫން! މަންމަ ބޭނުން އާޒިމްގެ ކައިވެނި އިއުލާންކޮށް ޕާޓީއެއް ބާއްވަން..މަންމަ އެކަން މި ހަވާލުކުރީ މީރާއާ...މީރާ އެކަން ކުރާނެ."  ހަރީރާ އޭނާގެ ރައުޔު ހާމަކުރީ މަޑުމައިތިރިކަމާއެކުއެވެ. ހަރީރާ އެ ކައިވެންޏާއި ގަބޫލުކަން އެނގުމުން އާޒިމްގެ ހިތައް ކުޑަ ނަމަވެސް ލުޔެއް ލިބިގެން ދިޔައެވެ. ނަމަވެސް އޭނާ ނީނާއާއި ކައިވެނި ކުރި ހާލަތަކީ ކޮބައިކަން އެނގޭ އެކަކުވެސް އެގޭގައި  ނުހުންނާނެއެވެ. ނީނާވެސް ގަދަކަމުން ހީލީ ހިތައް ލިބުނު ކުޑަ ހިތްހަމަ ޖެހުމާއެކުއެވެ. ފޮތުން އެއީ ދެމަފިރިންކަން އެނގެން އޮތަކަސް އާޒިމް އޭނާ އަތްބެއް ގޮތުގައި ބަލައި ނުގަންނާނެކަން ނީނާ އަށް އެނގެއެވެ. އާޒިމް ބޭނުންވާ ކަންތައް ފުރިހަމަވުމުން، އޭނާ ވަރިވެސް ކޮށްފާނެކަން ނީނާ ގަބޫލުކުރެއެވެ. އެކަން ވެގެންދާނީ ނީނާއަށް ލިބިގެންދާނޭ އިތުރު ހިތްދަތިކަމަކަށެވެ. އެހެންކަމުން އެކަން ފާޅުނުކޮށް ނީނާ ހީލީ އިތުރަށް ހަރީރާ ތަކުލީފެއް ދިނުމަށް ބޭނުންނުވާތީއެވެ.
އެވަގުތަކީ ޒާހިރާއި މައިޝާ ދެމީހުން އެކީގައި އެ ކޮޓަރިއަށް ވަތް ވަގުތެވެ. ވަރަށް އުނދަގޫ ގޮތަކަށް ހިނގާލާފައި އައިސް ނީނާ ގާތުގައި މައިޝާ ހުއްޓެލިއެވެ. " މީހާރު ކިހނެއް؟" ހިނިތުންވެލާފައި މައިޝާ ސުވާލުކޮށްލިއެވެ. " ރަނގަޅު" މަޑުމަޑުން ނީނާ ބުނެލިއެވެ. އެވަގުތު ހަރީރާއަކަށް ވެގެން އުޅޭ ގޮތެއް ނުވިސްނެއެވެ. އެހެންކަމުން ސުވާލު މާރކުގެ ނަޒަރަކުން އެންމެނާ ދިމާލަށް ބަލައިލީ އެކަން އޮޅުން ފިލުވަން ބޭނުންވާ ކަހަލަ ގޮތަކަށެވެ. " ދަރިފުޅާ ނީނާ އަށް ކިހިނެއްވީ؟ބިރުގަންނަފަދަ ގޮތަކަށް އާޒިމް ގާތު ހަރީރާ އަހާލިއެވެ. " މާބޮޑު ކަމެއް ނުވޭ...ކައްސާލައިގެން ވެއްޓުނީ" އާޒިމް ޖަވާބުދިނުމުގެ ކުރިން ނީނާ އަވަސް އަވަހަށް ބުނެލިއެވެ. ދުރުގައި ހުއްޓިލައިގެން ހުރި ޒާހިރު ހުރީ ނީނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ނީނާ އެގެއަށް އައިސް އެގޭ މީހުންނާއި ގުޅިގެން އާޒިމްގެ ލޯބި ލިބިގެން އުޅޭތަން ބެލުމަކީ އޭނާއަށް ކުޅާދާނަ ކަމަކަށް ނުވާނެއެވެ. އޭނާ މައިޝާއާއި ކައިވެނި ކުރީ މަޖުބޫރު ވެގެންނެވެ. މައިޝާ ބަނޑުބޮޑުކަން ނޭންގުނު ނަމަ އޭނާ މައިޝާ ދޫކޮށްލާފައި ދާނެއެވެ. ނީނާ އާއި ޒާހިރުއާއި ދޭތެރޭ އޮންނަ ގުޅުން އާޒިމަށްވެސް މިހާރު އެނގެއެވެ. ޒާހިރުގެ ހަގީގަތް އާޒިމަށް އެނގުމަކީ ނީނާ އާއި ދޭތެރޭ އޭނާ ކުރިން ކަންތައް ކުރި ގޮތަށް ކަންތައް ކުރުމަށް ލިބުނު ހުރަހެއް ކަމުގައި ވާނެއެވެ. އަދި އާޒިމް ނީނާ އާއި ކައިވެނިކޮށްގެން އެ ހެދި ބޮލުގެ އެތިފަހަރު ޒާހިރުގެ ވިސްނުންތޫނު ސިނކުޑިއަށް ނަގައިގަންނާކަށް މާކަ އުނދަލެއް ނުވިއެވެ. ނަމަވެސް އެހާ ފަސޭހަކަމާއެކު އެގޮތުގައި ނީނާ އުޅޭކަށް އެޖާގައެއް އޭނާ ނުދޭނެއެވެ. ޒާހިރުގެ މަކަރުވެރި މޫނުމަތީން އޭނާގެ ސިނކުޑީގައި ރާވަމުން އެދަނީ އޭނާ އެންމެ ފުރަތަމަ ނީނާއަށް އަމާޒު ކުރާނެ ތީރަކާއި މެދުއެވެ. ޔަގީނުންވެސް އޭނާ ކޮންމެވެސް ގޮތަކުން ނީނާއަށް އުނދަގޫ ކުރަމުން ދާނެއެވެ. 
ޒާހިރުގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު ނީނާ ބިރުން ރޫރޫ އަޅައިގަނެއެވެ. ނަމަވެސް އާޒިމް ހުއްޓާ ޒާހިރުއަށް އޭނާއަށް އެއްވެސް ކަމެއް ނުކުރެވޭނެކަން ނީނާއަށް ޔަގީންވެއެވެ. އެ ހިތްހަމަޖެހުން އޭނާއަށް ލިބުނު ކަމުގައިވިޔަސް ޒާހިރަށް އޭނާ ދޭންޖެހޭ ރުފިޔާތައް އޭނާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އާޒިމް ގާތުގައި ބުނާކަށް ނުކެރޭނެއެވެ. މިހާރުވެސް އާޒިމް އޭނާއާއި ދޭތެރޭ ދެކެނީ ފައިސާއަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައެވެ. 
ރެގަނޑުގެ ހަމަހިމޭން ވަގުތެވެ. ފިނިފިނި ވައިރޯޅިތަކުން އަރާމުކަމާއި ތާޒާކަން ލިބެމުންދިޔައެވެ. ކޮޓަރީގެ ބެލްކަނީގެ ފާރުގައި އަތް އަޅުވައިލައިގެން ނީނާ ހުރީ އާޒިމް އަދިވެސް ގެއަށް ނާންނާތީއެވެ. އޭނާއަކަށް އެނދުގައި ނިދން އޮންނާނަކަށް ނުކެރޭނެއެވެ. މިއީ އާޒިމްގެ ކޮޓަރިއެވެ. އޭނާއަށް މިކޮޓަރީގެ ވެރިކަމެއް ނުކުރެވޭނެއެވެ. ހިޔާލުތަކުގެ ތެރެއިން ނުކުމެވުނީ ފޯނުން ވާހަކަ ދައްކަމުން އައިސް ކޮޓަރިއަށްވަތް އާޒިމްގެ އަޑަށެވެ. އަވަހަށް ކޮޓަރިތެރެއަށް ވަދެ ބެލްކަނީގެ ދޮރު ކައިރީގައި ހުއްޓލިއެވެ. އާޒިމްގެ ވާހަކަތަކުން އޭނާ ގުޅައިގެން އުޅުނީ އިއްބެއަށްކަން ނީނާއަށް އެނގުނެވެ. ދައްކަމުން ދިޔައީ ވިޔަފާރީގެ މުހިއްމު ވާހަކައެކެވެ. އިރުކޮޅެއްފަހުން ފޯނު ބާއްވާފައި އާޒިމް އެނބުރެލީ ނީނާއާއި ދިމާލަށެވެ. " ކިހިނެއްވީ، އަދިވެސް ނުނިދާ ތިހުރީ ކީއްވެ؟ " ހަރުގޮތަކަށް އާޒިމް އަހައިލިއެވެ. " އަހަރެން އޮންނަންވީ ކޮންތާކު" ބިރުން ހުރި ނީނާ އަޅައަޅައިގަންނަ ކަހަލަ ގޮތަކަށް އަހައިލިއެވެ. "ބޭނުންތާކު އޮވޭ" އަޅައިލުންކުޑަ ކަހަލަ ގޮތަކަށް އާޒިމް ބުނެލިއެވެ. "ނޭންގެ ކިހާދުވަހެއް ވަންދެންކަމެއް މިހެން ކެތްކުރަން ޖެހޭނީ" އަލަމާރީން ނިދާހެދުން ނަގަމުން މަޑުމަޑުން އާޒިމް ބުނެލިއެވެ. "ކީކޭ! އަހަރެން ބުނެގެންތަ މިމކޮޓަރިއަށް އަހަރެން ވެއްދީ" ނީނާ އަވަސް އަވަހަށް ހިނގަމުން އައިސް އާޒިމް ގާތުގައި ސުވާލުކުރީ އެބުނި އެއްޗަކުން ހިތްހަމަ ނުޖެހިގެންހުރެއެވެ.  މަޑުން ބުނިކަމުގައިވިޔަސް ނީނާއަށް އާޒިމްގެ އެ ބަސްކޮޅު އަޑު އިވުނެވެ. " އެއްޗެކޭ ނޫން!" 

(ނުނިމޭ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ