މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 25

އެހުރިހާ ވާހަކަތަކެއް ނީނާއާއި ދިމާލަށް ކިޔާލުމަށްފަހު އާޒިމް އެދިޔައީ ކޮންފަދަ ރަހުމުކުޑަ ގޮތަކަށް ހެއްޔެވެ. "ދެރަވަނީ އާޒިމް އެކަނި ހެއްޔެވެ؟ ނޫނީ ހިތާމަ ކުރިމަތިވަނީ އާޒިމަށް އެކަނި ހެއްޔެވެ؟ އާޒިމްގެ ތޫނު ބަސްތަކުން ނީނާގެ ހިތް ޒަޚަމްވަމުން ދިޔައެވެ. އޭނާއަކީ ވެސް އިންސާނެކެވެ. ހަރު ހިލަގަނޑެއް ނޫނެކެވެ. މި ނޫންގޮތެއް އޭނާއަށް ނެތީ ހެއްޔެވެ؟ އާޒިމާއި ދިމާނުވިނަމަ ކޮންފަދަ ހެއްޔެވެ؟ މިހުރިހާ ޝަކުވާތައް ހިތާއި ކުރަމުން ގިސްލަގިސްލާފައި ނީނާ ރޮނީއެވެ.

ކޮޓަރީން ނުކުމެގެން ފެންޑާގެ އެންމެކޮޅަށްގޮސް ސިޑިއާއި ހަމަޔަށް ދެވުނު އިރުވެސް އާޒިމްގެ މޫނުމަތީގައިވާ ހިތާމަތަކާއި، ދެންމެ ނީނާއާއި ދިމާލަށް ބުނި ރުޅިވެރި ބަސްތައް އޭނާގެ ކަންފަތައް އިވިއިވި ހުއްޓެވެ. ސިޑިން ފައިބައިގެން ގޮސް ބަގީޗާތެރޭގައި މަޑުކޮށްލިއެވެ.  ބަގީޗާގެ ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔަވަރަކަށް އޭނާގެ ހިތްދަތިކަމާއި ނުތަނަވަސްކަން ބޮޑުވަމުން ދިޔައެވެ. އޭނާއަށް ހަމަ ޖެހުމެއް ލިބޭނީ ކޮން ގޮތަކުން ހެއްޔެވެ؟ އޭނާގެ ރޫޙު އޮތީ ޖަޒުބާތެއްގެ ތޫފާނުގައި ހައްޔަރުވެފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެއްކޮޅުން މަންމަ އޮތީ އައިސީޔޫގައެވެ. މަރުގެ ތުންފަތްމަތީގައެވެ.  މަންމަގެ ހާލަތު ހުރި ގޮތެއް އަދި އެކަކަށްވެސް ނޭނގެއެވެ. އަނެއްކޮޅުން އޭނާ ކައިވެނި ކޮށްގެން އެ ގެނައި އަންހެން ކުއްޖާއެވެ. މިކަމުގައި އޭނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ ކައިވެނިކުރަން މަޖުބޫރުކުރުވީ ޚުދު އޭނާއެވެ. އެފަދަ ބަސްތަކެއް ބުނުމުގެ ކުރިން ވިސްނާލިނަމަވެސް ރަނގަޅެވެ. މަންމަ ރުޅި އައީ އޭނާ ދެކެއެވެ. މީގައި ނީނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟  އާޒިމްގެ ފިކުރުތައް ކޮޅުން ލައިފިއެވެ. އެކަމަކު އޭނާއަށް އަމާންކަމުގެ އައްސޭރިއެއް ލިބޭނީ ކޮންގޮތަކަށް ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ދެންމެ އެކުރެވުނު ކަންތަކާމެދު އޭނާ ދެރަ ހީވާން ފެށިއެވެ. ގޮސް ނީނާގެ ގާތުގައި މާފަށް އެދެންވީ ބާވައެވެ. ނޫނީ އަޅާނުލާ ހުންނަންވީ ބާވައެވެ. ދެ ޚިޔާލެއްގެ ތެރޭގައި ޤައިދުވެ ހުރެފައި އާޒިމް ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ނީނާގެ ކިބައިން މާފަށް އެދޭށެވެ. 

ހިޔާލުތަކުގެ ތެރޭގައި ފީނަމުން ކޮޓަރިއާއި ދިމާލަށް ސިޑިން އަރައިގެން އާޒިމް ދިޔައީ ބާރު ހިނގުމެއްގައެވެ. އޭރު ގޭގައި އިންނަ ބޮޑު ގަޑިން މެދަމުން އަލިވެ ތިނެއްޖެހި ކަމުގެ އިންޒާރު ދިނެވެ. ގޭތެރޭގައިވަނީ ހަމަހިމޭން ކަމެވެ. ކޮޓަރިއާއި ދިމާލަށް  ހިނގާލާފައި ދިޔަ ދިޔުމުގައި އާޒިމްގެ ފިރިހެންވަންތަކަން ފާޅުވާން ހުއްޓެވެ. ލައިގެން ހުރި ގަމީހާއި އޮޅާލާފައިވާ އަތްކުރިން އޭނާގެ ހިތްގައިމުކަން ހާމަވާން ހުއްޓެވެ.  ކޮޓަރިއާއި ހަމަޔަށް އެރުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ސޯފާގައި ކުރުގެޅިގެން އޮތްކަހަލަ ގޮތަކަށް އޮށޯވެލައިގެން އޮތް ނީނާ އާޒިމްގެ ލޮލުގައި އަޅައިގަތެވެ. ބޯދަށަށް އެއް އަތްލައިގެން ކަކޫ ކުރުކޮށްލައިގެން އަނެއް އަތް މޫނުދަށަށް ލައިގެން އޮތް ނީނާ ފެނިފައި އާޒިމްގެ ހިތް މަޑުފުށްކޮޅެއްފަދައިގެން މަޑުވެގެން ދިޔަފަދައެވެ. މަޑު ހިނގުމެއްގައި ހިނގާފައި އައިސް ނީނާގެ ގާތުގައި ސޯފާ ކައިރީގައި އާޒިމް މަޑުކޮށްލިއެވެ. ނީނާގެ މޫނުމައްޗަށް ވެއްޓިފައި އޮތް  ބުރުގާގެ އެއްބައި އާޒިމްގެ އަތުން އެއްފަރާތް ކޮށްލިއެވެ. ބުރުގާ އަޅައިގެން އޮތުމުގެ ސަބަބުން ނީނާގެ ނިއްކުރީގެ އިސްތަށިތަކުގެ އެއްބައި ބޭރަށް ފެންނަން ހުއްޓެވެ. ކަޅުކުލަގަދަ އެ އިސްތަށިތަކުން ނީނާގެ މޫނުގެ ރީތިކަން އިތުރަށް ފާޅުވާން ހުއްޓެވެ. އެވަގުތު އާޒިމްގެ ހިތައް ފިނިވެގެން ދިޔައެވެ. އަދި ނީނާދެކެ އޭނާ އައިސްފައިވާ ރުޅި އެއްފަހަރާ ފިލައިގެންދިޔަ ކަހަލައެވެ.  ނީނާގެ މޫނަށް ބަލަހައްޓައިގެން އެހެން އިނދެވުނީ ކިހާ އިރެއްވަންދެން ކަމެއް އާޒިމަކަށް ނޭންގުނެވެ. ނީނާގެ ރީތިކަމާއި މާޔޫސްކަމުން ފުރިފައިވާ މޫނުން އާޒިމްގެ ހިތައް އިތުރު ޖަޒްބާތުތަކެއްވެރި ގެނުވިއެވެ. ނިދީގެ މަސްތުން ފުރިފައިވާ އެމޫނުން އާދަޔާ ޚިލާފު ވިދުވަރެއް ފެންނަން ހުއްޓެވެ. އެ ރީތި މޫނުގައި ހިތާމައިގެ އަސަރުތައް ފެންނަން ހުއްޓެއް ކަމަކު ދެންމެ ފޮޅިލި ފިނިފެންމަލެއްކަހަލައެވެ.


ބައިގަޑިއެއްހާއިރު އެގޮތައް ނީނާގެ މޫނަށް ބަލަހައްޓައިގެން އިން އާޒިމްގެ ހިޔާލަށް ކުއްލިއަކަށް އޭނާގެ މަންމަގެ ހާލު އަންނަން ފެށިއެވެ. އަދި އޭނާގެ މަންމައަށް އެހާލު މެދުވެރިވީ އޭނާގެ ސަބަބުން ކަން ހަނދާންވިއެވެ. އެވަގުތު އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. މަންމަ ރަނގަޅުވީ ނަމަވެސް މަންމަ އޭނާއަށް މާފުކޮށްފާނެ ހެއްޔެވެ؟  މަންމަ ރަނގަޅުވީހައި އަވަހަކަށް އޭނާ މަންމަގެ ފަރާތުން މާފަށް އެދޭނެއެވެ، އެވަރުން ނުފުދިގެން މަންމަ މާފު ނުކޮށްފިނަމަ ހަތީޔާރު ބަހައްޓައިގެން ނަމަވެސް ގޭގެ އެންމެންގެ ރުހުން އޭނާ ހޯދާނެއެވެ. ކޮންމެ ހާލެއްގައިވެސް މައިޝާގެ ކައިވެނި ސަލާމަތްކުރަން އޭނާ ބޭނުންވެއެވެ. ސަބަބަކީ މައިޝާ ބަނޑުބޮޑުވީމައެވެ. އެހެން ނޫންނަމަ ޒާހިރުގެ ހަގީގަތް ގޭގެ އެންމެންގެ ކުރިމަތީގައި  އޭނާ ހާމަކުރިތާ ކިތަންމެ ދުވަހެކެވެ.  އެ ހިޔާލުތަކުގެ ތެރެއިން އާޒިމްގެ ހިތުގައި ނީނާ އާއި ދޭތެރޭގައި ދެންމެ ހިނގި ޖަޒުބާތުތައް ފޫއަޅުވާލީ އޭނާ ނީނާއާއި ކައިވެނިކުރަން ޖެހުނު ސަބަބެވެ. ދެންމެ އޭނާގެ ހިތުގައި އުފެދުނު ޝުޢޫރުތައް ވިއްސި ވިހާލިވެގެން ދިޔައެވެ.  އަވަސް އަވަހަށް އެތަނުން ތެދުވެގެން އާޒިމް ނުކުތީ ކޮޓަރީން ބޭރަށެވެ. އޭރުވެސް ނީނާ އެ މަޢުސޫމު ކަންމަތީ ނިދިފައި އޮތެވެ.

ނުކުމެގެން ގޮސް އާޒިމް އިނީ އޮފީހުގައެވެ. ލޯމަރައިލާ އިރަށް ފެންނަނީ ނީނާގެ މަޢުސޫމުކަމުން ފުރިފައިވާ މޫނެވެ. އަނެއް ކޮޅުން ޒާހިރުއާއި ކައިވެނިކުރަން ފުރާފައިވާ ފޯމެވެ. އަނެއްކޮޅުން މައިޝާގެ އުފާވެރި މޫނެވެ. އޭނާގެ ސިކުނޑީގައިވާ ހިޔާލުތަކުން މިންޖުވެވޭނޭ ގޮތެއް ނުވެ އެތައް އިރެއްވަންދެކަށް އިންދާ އާޒިމަށް ނިދިއްޖެއެވެ. އިރު އެރީވެސް އާޒިމް އެގޮތައް ނިދިފައި އިންދައެވެ. އިރުގެ ދޯދިތައް، އާޒިމްގެ އޮފީހުގެ ބިއްލޫރިގަނޑުގައި ހަރުކޮށްލެވިފައިވާ ދޮރު ފޮތިތަކުގެ ތެރެއިން ފޫ އަޅުވާލާފައި އައިސް ސީދާ އެޅުނީ އާޒިމްގެ މޫނަށެވެ. މޫނަށް ހޫނުވާހެން ހީވެގެން އެއްލޯ އުނގުޅަމުން އަނެއްލޯ ހުޅުވައިލިއެވެ. އެ ލޮލުގައި ހިތާމަޔާއި، ރަނގަޅަށް ނިދި ނުލިބޭކަން ފާހަގަވާން ހުއްޓެވެ. ކުއްލިއަކަށް ދެލޯ ހުޅުވާލުމަށްފަހު މޭޒުމަތީގައި އިން ގަޑިއަށް ބަލައިލިއެވެ. ގަޑިން 8:45 ވީއެވެ. އޭނާ ރޭގަ ފަހުން މަންމަ ކައިރިއަށް ހޮސްޕިޓަލަށް ނުދާކަން ހަނދާންވިއެވެ. އަވަހަށް ފޯނު ނަގައި އިއްބެއަށް ގުޅާލަން ނަމްބަރު ހޯދާލިއެވެ. ހަމަ އެވަގުތު އަންހެން ކުއްޖެއްގެ ފައިވާނުގެ އަޑު އާޒިމްގެ ކަންފަތުގައި ޖެހުނެވެ. އެއިން ގޮތައް އިސްޖަހައިގެން އިނދެފައި ދޮރާއި ދިމާލަށް ކަޅިއެއް އެއްލިއެވެ. އެވަގުތު މީރާ އައިސް އޮފީހަށް ވަނެވެ.  " ގުޑް މޯރނިންގް މީރާ" ނިދި އަޑަކުން އާދައިގެ ގޮތަކަށް އާޒިމް ބުނެލިއެވެ. " މޯނިންގް" އާދައިގެ ގޮތަކަށް ބުނެލުމަށްފަހު  މީރާ އައިގޮތައް އައިސް އޭނާގެ އަތުގައި އޮތް ފޯނުގެ ސްކްރީން އާޒިމަށް ދައްކާލިއެވެ.   ފަރުވާކުޑަ ގޮތަކަށް ބަލައިލުމާއެކު " ކޯންޗެއް" އެއްމިޔަނަކުން ޗޮކެއް ކަނޑާލާފައި އާޒިމް ސުވާލުކޮށްލިއެވެ. އިއްބެގެ ނަމްބަރު ފެނުމާއެކު އާޒިމް އަވަހަށް އިއްބެއަށް ގުޅައިލިއެވެ. ފޯނު ކަންފަތުގައި ޖެހި އިރު ރިންގުވަނީއެވެ.  "ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލަމުން އަންނަ މަޝްހޫރު ޒުވާން ވިޔަފާރިވެރިޔާ އާދަމް އާޒިމް ކައިވެނި ކޮށްފިއެވެ"   ކަންފަތުގައި ފޯނު، ޖައްސައިގެން އިސްޖަހައިލައިގެން އިން އާޒިމް ކުއްލިއަކަށް މީރާ އާއި ދިމާލަށް ބަލައިލީ މީރާ ކިޔަމުންދިޔަ ބަސްތަކުންނެވެ.  އޭރު މީރާ ހުއްޓުމެއް ނެތި އެ ޚަބަރު ކިޔަމުން ދެއެވެ. ބުދެއްހެން ހުރި ގޮތައް އާޒިމް ކޮޅަށް ތެދުވެއްޖެއެވެ.  އޭރު އިއްބެ ފޯނު ނަގައިގެން   ހަލޯ ކިޔާތާ ކިތަންމެ އިރެކެވެ. "ކީކޭ، ތި ޚަބަރު ދައްކާލަބަލަ، މިއީ ކޮންބައެއް ކުރި ކަމެއް، އަހަރެން ކައިވެނި ކުރިކަން އެނގޭނީ ގޭ މީހުންނަށް އެކަނި،" ހަމަޖެހޭގޮތް ދައްކަމުން މީރާ ގާތުގައި އެހެން ބުނި ނަމަވެސް އެ ޚަބަރާމެދު ހިސާބަކަށް ވިސްނާލިކަން އޭނާގެ މޫނުމަތީން ފާހަގަވާން ހުއްޓެވެ. " އާޒިމް މީހަކާއިނީ ކޮން އިރަކު؟ ކީއްވެ އަހަންނަށް ނޭނގުނީ" ހިތްހަމަ ނުޖެހިފައި ހުރެ މީރާ ސުވާލުކޮށްލިއެވެ. "މަޑުކޮށްބަލަ، އާޒިމް ރޭގަ ނިދީ އޮފީހުގަތަ؟ " އެއްޗެއް ބުނަން އާޒިމަށް ފުރުސަތު ނުދީ، ކަމެއް ފާހަގަވެގެން މީރާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.  އާއެކެވެ. މިވަގުތު އާޒިމް ފެންނަ ކޮންމެ މީހެއްގެ ހިތުގައިވެސް ސުވާލު އުފެދޭނެއެވެ.  ހިތާމައިގެ އަސަރުތައް ހުރި ދެލޮލެވެ. ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑެވެ. ނިދި ހަމަނުވުމުގެ ސަބަބުން ރަތްވެފައިވާ އެރީތި ދެލޮލެވެ. ލައިގެން ހުރި ގަމީހުގެ މޭމަތީ ގޮށްތައް ހުރީ ނެއްޓިފައެވެ. ދެއަތުކުރި ދެވަރަށް އޮޅިފައި ހުއްޓެވެ. މީރާގެ ސުވާލަށް މިވަގުތު ޖަވާބު ދިނުން އާޒިމަކަށް މުހިއްމެއް ނުވިއެވެ. އެހެން ކަމުން މީރާގެ ސުވާލުތަކަށް ބެލުމެއްނެތި ފޯނާއި ކާރުގެ ތަޅުދަނޑި ހިފައިގެން އާޒިމް އޮފީހުން ނުކުމެގެން ދާން ހިނގައިގަތެވެ. " މީރާ، ތި ނޫހުގެ އިސްވެރިންނަށް ގުޅާފައި އެ ޚަބަރު ނަގަން ބުނޭ، އަދި އަހަރެން މިއަދު ސަލާމް." ދޮރާއި ހަމަޔަށް ގޮސްފައި މީރާއާއި ދިމާލަސް އެނބުރެލާފައި ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. އަދި މީރާ އެއްޗެއް ބުނަން ފުރުސަތު ނުދީ އާޒިމް ނުކުމެގެން ދިޔައީއެވެ.

ސޯފާގައި ނިދިފައި އޮތް ނީނާއަށް ކުއްލިއަކަށް ހޭލެވުނީ އަޅައިގެން އޮތް ބުރުގާ ތެމުނުކަން އިހުސާސްވާން ފެށުމުންނެވެ. ރޭގައި އޭނާ އަށް ނިދުނީ އޭރުއްސުރެއް ލައިގެން  ހުރި ހެދުމާއެކުއެވެ. ތެދުވެ ސޯފާގައި އިށިންދެލާފައި ނިތްކުރިމަތީގައިވާ ދާތައް އަތުގެ ނުފުށުން ފޮހެލިއެވެ. އާޒިމްގެ ކޮޓަރި ހަދާފައިވާ ގޮތުން ދުވާލު ގަޑީގައި މުޅި ކޮޓަރިއަށް ދުވާލުގެ އަލިކަން ވެރިވެފައި ހުރެއެވެ. މަގަށްވާ ގޮތައް ދިގު ބެލްކަންޏަކާ އަދި ބިއްލޫރު ދޮރެއް ވެއެވެ.  އާޒިމްގެ ކޮޓަރިއަށް ނީނާ ނަޒަރު ހިންގާލިއެވެ. ހުރިހާ އެއްޗެއްވެސް ވަނީ މަޑު، ޗަސް ފެހި ކުލައާއި އަޅި ކުލައިންނެވެ. ސޯފާގައިވެސް ވަނީ އަޅި ކުލައެވެ. ކޮޓަރި ތެރޭގައި މަޑު އަޅިކުލައިގެ ކުލަ ލެވިފައިވެއެވެ. ދޮރު ފޮތިތައްވެސް ހުރީ އަޅި ކުލައިގައެވެ. ބަލާބެލުމަށް އަޅިކުލަޔަށް ލޯބިކުރާކަން ނީނާއަށް ޔަގީންވިއެވެ. ބޮޑު ކިންގު ސައިޒުގެ އެނދެވެ. އެނދުމަތީގައި މަޑުމަޑު އަޅި ކުލައެއްގެ ބެޑްޝީޓެއް އަޅައިފައި ވެއެވެ. ބާލީހުގެ އުރަތައްވަނީ މަޑުމަޑު ވަޅު ފެހިކުލައިގައެވެ. މަގުމައްޗަށް ވާގޮތައް ދިގުކޮށް އިން ބެލުކަނީގައި ތަފާތު އެކި ވައްތަރުގެ ބަގީޗާގަސް ބެހެއްޓިފައިވެއެވެ. އެނދުގެ އަނެއްފަރާތުގައި ހުރި ހުދުކުލައިގެ އަލަމާރީން މުޅި ކޮޓަރި ތެރެއަށް އިތުރު ހިތްގައިމު ކަމެއް ގެނުވައެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލައިގެން އިން ނީނާގެ ލޮލުގައި އަޅައިގަތީ  އެއްވެސް ރުލެއްނެތް ރީތި އެނދުމައްޗެވެ. އެތަނުގައި މީހަކު ނިދައިފައިވީ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ އާޒިމް ރޭގައި ނުކުމެގެންދިޔަ ގޮތެވެ. އޭނާ ރޭގައި ގެއަށް ނާންނަނީ ބާވައެވެ. އެހެންވިއްޔާ އާޒިމް ރޭގައި ނިދީ ކޮންތާކުބާވައެވެ. މަންމަ ގާތަށް ހޮސްޕިޓަލަށް ދިޔައީ ނޫންބާވައެވެ. ފުން ވިސްނުމެއްގެ ތެރޭގައި އިން ނީނާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑަށެވެ. ބުރުގާ ރީތިކޮށްލަމުން، ލައިގެން ހުރި ހެދުން ހަމަޔަކަށް އަޅުވާލަމުން ނީނާ ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރީ މައިޝާއެވެ.  މައިޝާ ފެނުމާއެކު ނީނަ ކުޑަކޮށް ހިނިތުންވެލިއެވެ. ނަމަވެސް މައިޝާގެ މޫނުމަތީގައިވަނީ އަދިވެސް ނުރުހުމުގެ އަސަރެވެ. " އާޒިމް ކޮބާ" މަޑުމައިތިރި ގޮތަކަށް ،މިހެން ބުނަމުން ކޮޓަރިތެރެއަށް މައިޝާ ނަޒަރު ހިންގާލިއެވެ. އެއްޗެއް ނުބުނެ ޖެހިލުންވެފައި ހުރެ މައިޝާއާއި ދިމާލަށް ބަލަހައްޓައިގެން ނީނާ ހުއްޓެވެ. " ރޭގަ ނިދާކަށް ނާދޭތަ؟" އަނެއްކާވެސް މަޑުމައިތިރި ގޮތަކަށް މައިޝާ އަހާލިއެވެ. މައިޝާ ބަލައިލުމުން ނުތަނަވަސްކަން ވެރިވެފައިހުރެ ބޯ ޖަހާލިއެވެ. އެވަގުތު މައިޝާއަށް ގޮވަމުން ޒާހިރު އަންނަ އަޑު އިވުނެވެ. މިއަޑު އިވިފައި ނީނާ ކުޑަކޮށް ޖެހިލުންވިއެވެ. މައިޝާއަށް ގޮވަމުން އާޒިމްގެ ކޮޓަރިއާ ހަމަޔަށް ޒާހިރު އައިސް ހުއްޓުނެވެ. " ދެންމެ ބޮޑުދައްތަ(ޒައިނަބު)  ގުޅި، މަންމަމެން އެބަތިބި އައިސް ހޮސްޕިޓަލުގައި" ކަމެއް އަންގަން ބުނާފަދަ ގޮތަކަށް ޒާހިރު ބުނެލިއެވެ.  ޒާހިރާއި ދިމާލަށް އެނބުރިލާފައި މައިޝާގެ ފޯނު ކަންފަތުގައި ޖައްސާލިއެވެ. " ޕިސް، އާޒިމް ފޯނެއް ނުނަގާ" ޗޮކެއް ކަނޑާލާފައި ނީނާ ބުނެލިއިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ނުތަނަވަސްކަމެވެ. އާޒިމްވީތަނެއް ނޭންގޭތީ އެކަމާއެވެ. " ހިންގާ ހޮސްޕިޓަލަށް، އަހަރެން ކާރު ރެޑީކުރަން ބުނެފިން، އާޒިމް ހުރެދާނެ ހޮސްޕިޓަލުގައި" ޒާހިރުގެ ވާހަކަ ދެއްކުމުގައިވި މަޑުމައިތިރިކަމާއި އޯގާތެރިކަންވީ ނީނާއަށް އައު ކަމަކަށެވެ. އޭނާދެކެ ލޯބިވާ އެހާ ވަފާތެރި އަންބެއް ލިބިފައިވާއިރުވެސް އޭނާ ނިނާ އާއި ކައިވެނިކުރަން އެހާވަރުން އެއުޅެނީ ކީއްވެބާއޭ ނީނާގެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. ޒާހިރު މިހެން ބުނުމާއެކު އޭނާގެ އަތުގައި ހިފާލައިގެން މައިޝާ ހިނގައިގަތެވެ. އެވަގުތު ޒާހިރު ރުޅިވެރި މޫނަކުން ނީނާއާއި ދިމާލަށް ބަލައިލިއެވެ. ޒާހިރުގެ ބަލާލުމުން ނީނާ ކުޑަކޮށް ޖެހިލުންވިއެވެ. ޒާހިރު އޭނާއަށް ކޮންމެފަދަ ގޮތެއްވެސް ހަދައިފާނެއެވެ. މުޅި ރަށުތެރެއަށް އޭނާ ބޭޒާރުވެސް ކޮށްލަފާނެއެވެ. ޒާހިރުގެ ރުޅިއާއި ހަރުކަށިކަން ނީނާއަށް ނިކަން ރަނގަޅަށް އެނގެއެވެ. އެރޭގެ ކަންތަކުގެ ވާހަކަ އޭނާ ރަށު މީހުންނަށް ކިޔައިދީފާނެބާވައެވެ. މިހުރިހާ ކަމެއް ނީނާގެ ހިތައް އައުމުން އޭނާގެ ހަށިގަނޑަށް ގުޑުން އެރިކަހަލައެވެ. އެބިރުވެރި ރޭގެ މަތިން ހަދާންވުމުން ނީނާގެ މުޅިގައިން ހީބިހިނަގައި ހޯލިތައް ކޮޅަށްޖެހުނެވެ. އިރުކޮޅެއްވަންދެން އެހެން ހުރުމަށްފަހު މަޑުމަޑުން ހިނގާފައި ގޮސް އަލަމާރި ކައިރީގައި އިން އޭނާގެ ދަބަސް ނަގައިގެން ފާހާނާއަށް ވަނެވެ.

އާޒިމްގެ ބައްޕަ ފިޔަވާ ޠައިބާގެ މުޅި އާއިލާ ހޮސްޕިޓަލުގައި ތިއްބެވެ. އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ ޑަކުޓަރުގެ ބަހަކަށެވެ. ހަރީރާގެ ފަރާތުން އިޝާރާތެއް ލިބުމުން ޑަކުޓަރުވީ ހަރީރާގެ އޮބްޒާރވޭޝަންއަށް އެތެރެއަށް ވަދެއެވެ. ދެކޮޅަށް ހިނގައިލަ ހިނގައިލާ އާޒިމް ހުއްޓެވެ. ޒައިނަބުގެ އަތްތިލައިގެ ތެރެއަށް އަތްލައިގެން ބުރަކަށީގައި ފިރުމައިލަ ފިރުމައިލާ ފާތުން އިނެވެ. މާޔޫސް ވެފައި ޒާހިރުގެ ކޮނޑުގައި ބޯ އަޅައިލައިގެން މައިޝާ އިނެވެ. މައިޝާގެ އަތުގައި ހިފާލައިގެން ޒާހިރުވެސް ފުން ވިސްނުމެއްގައި އިނެވެ. ރަޤީބާ އާއި ހަމީދުވެސް ފާރުގައި ލެނގިލައިގެން ތިއްބެވެ. އައިސީޔޫގެ ދޮރު ހުޅުވުނު އަޑަށް އެންމެން އެދިމާލަށް ބަލައިލިއެވެ. އެވަގުތު ޑަކުޓަރު ނުކުމެގެން އައިސް އާޒިމްގެ ކުރިމަތީގައި ހުއްޓުނެވެ. " އުފާކުރޭ! މަންމަގެ ހާލު މިހާރު ރަނގަޅު، ހޭވެސް އަރައިފި، އިރުކޮޅަކުން ވާރޑަށް ނެރޭނެ. އެއްދުވަސް ފަހުން ރަނގަޅުނަމަ ގެއަށް ދޫކޮށްލެވޭނެ" ހިނިތުންވުމަކާއެކު ޑަކުޓަރު ބުނެލިއެވެ. " އަލްޙަމްދުﷲ" އާޒިމަށް މަޑުމަޑުން ކިޔާލެވުނެވެ. ހަރީރާގެ ހާލު ރަނގަޅުވުމުން އެންމެންވެސް ﷲ އަށް ޙަމްދުކޮށް އެކަމާ އުފާކުރިއެވެ. " އަދި ބުނަން، ވީހާވެސް ބޮޑަށް މަންމަ ހިތްހަމަޖައްސައިގެން އުޅެވޭތޯ ބަލާތި" އާއިލާގެ އެންމެންނަށް އިޝާރާތް ކޮށްލަމުން ޑަކުޓަރު ބުނެލިއެވެ. ބޯޖަހާލުމާއެކު އެންމެން އުފަލުގައި މަންމަ ނެރޭނެ އިރަކަށް އިންތިޒާރު ކޮށްކޮށް ތިއްބެވެ. ފާތުންވެސް އަވަހަށް ފޯނު ނަގައި ގޭގެ މައި ފޯނަށް ގުޅައި ނީނާއަށް އެޚަބަރު ދިނެވެ. ހެވިފައި އިއްބެގެ ގައިގައި އޮޅުލައިގަނެގެން ހުރި އާޒިމްގެ ފޯނު އެވަގުތު ރިންގުވާން ފެށިއެވެ. "ހަލޯ، މީރާ ކިހިނެއްވީ" އާދައިގެ ގޮތަކަށް އާޒިމް ސުވާލުކޮށްލީ ޖީބަށް އެއްއަތް ޖަހާލަމުންނެވެ. " މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭ ވާހަކަ ކީއްވެ އަހަރެން ގާތު ނުބުނީ" މީރާ ޝަކުވާކޮށްލިއެވެ. "ހެހެ.. އަހަރެން ހަނދާން ނެތުނީ، އަލްޙަމްދުﷲ މަންމަގެ ހާލު މިހާރު ރަނގަޅު، އިރުކޮޅަކުން ވާރޑަށް ނެރޭނެ.." ހިނިތުންވެލާފައި އާޒިމް ބުނިލިއެވެ. " އޯކޭ.. ހަވީރުން އަހަރެން ދާނަން" މިހެންބުނެފައި މީރާވެސް ފޯނު ކަނޑާލިއެވެ.

އެދުވަހުގެ ހަވީރުގެ ވަގުތެވެ. އާޒިމާއި އާއިލާގެ ހުރިހާ މެމްބަރުން ހަރީރާ ގޮވައިގެން ގެއަށް އައެވެ. ހަރީރާގެ ހާލަތު ހިސާބަކަށް ރަނގަޅުވުމުން ޑަކުޓަރުގެ ހުއްދައާއެކު އާޒިމް މަންމަ ގެއަށް ބަދަލުކުރިއެވެ. ކޮޓަރީގެ އެދުމަތީގައި މަންމަ ބައިންދާލުމަށްފަހު މައިޝާ ގެނައި ފެންތަށި އާޒިމް އޭނާގެ މަންމައަށް ދިނެވެ. އާއިލާގެ ހުރިހާ މެމްބަރުން އެތަނުގައި ތިއްބެވެ. ނެތީ ހަމައެކަނި ނީނާއެވެ. މަންމަ އެކަނި ބާއްވާފައި އަރާމުކޮށްލަން ބުނުމަށްފަހު އެންމެން އެތަނުން ދިޔުމަށް އާޒިމް އެދުނެވެ. މަންމަ އޮށޯތުންމުން އާޒިމްވެސް ތެދުވެ ދާން ހިނގައިގަތް ވަގުތު ހަރީރާ އޭނާގެ އަތުގައި ހިފިއެވެ. " ދަރިފުޅާ" ވަރުބަލިވެފައިވާ ރާގަކަށް ހަރީރާ ބުނެލިއެވެ. " މަންމަ ބޭނުން ދަރިފުޅާ، ދަރިފުޅު ކައިވެނިކޮށްގެން ގެނައި އަންހެން........" މިހިސާބަށް ބުނެވުމާއެކު............... " ނީނާ" މަންމަ ދެއްކި ވާހަކައިގެ ކުރި ބައްދަމުން އާޒިމްބުނެލިއެވެ.  " ނީނާއާއެކު ބައްދަލުކޮށްލަން" ހަރީރާގެ ޖުމްލަ ފުރިހަމަކޮށްލިއެވެ. "މަންމާ، އިހަށް މަންމަ އަރާމުކޮށްލާ، އެއަށްފަހު އެކަމާ ވާހަކަ ދައްކާނީ" އޯގާތެރިކަމާއެކު ހަރީރާގެ އަތުގައި ފިރުމާލަމުން އާޒިމް ބުނެލިއެވެ.  ކުޑަކުއްޖަކު ފަދައިން ބޯޖަހާލާފައި ހަރީރާ ދެލޯ މަރާލިއެވެ. ކޮޓަރީން ނުކުމެގެން އާޒިމް އޭނާގެ ކޮޓަރިއާއި ދިމާލަށް ދިޔައީ ހިތްހަމަޖެހިގެން ހުރެއެވެ. އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ މަންމައަށް ކުރިމަތިވި ނުރައްކަލުން ސަލާމަތްވުމެވެ. އެހިޔާލުގައި ހިތްހަމަޖެހިގެންވާ މޫނަކާއިއެކު އާޒިމް ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އާޒިމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ