މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވަގުތު އޮންލައިން

މުސްލިމެއްތޯ ނުވަތަ ކާފިރެއްތޯ ކަނޑައަޅާ އިންފާރަކީ ނަމާދު - ޚުޠުބާ

ނަމާދަކީ ޝަހާދަތް ކިޔުމަށްފަހު ދެން އެންމެ އިސްކަމެއް ދޭންޖެހޭ އަޅުކަންކަމުގައްޔާއި އެއީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެއްކަމާއި މިފަރުޟު ފަސްނަމާދަށް ރައްކާތެރި ވެއްޖެނަމަ ދެދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބޭނެކަމުގައި މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

"ނަމާދު.... ދީނުގެ ތަނބު" މި މަޢުޟޫއަށް އިއްވިގެންދިޔަ ޚުޠުބާގައި އައްނިސާ ސޫރަތުގެ 103 ވަނަ އާޔަތުގައިވާފަދައިން ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެއްކަމާއި ރަށުގައި ހުންނަ މީހާއާއި ދަތުރުވެރިޔާއާއި ބަލިމަޑުކަމުގައިވާ މީހާއާއި، ބިރުވެރި ހާލަތުގައިވާ މީހާގެ މައްޗަށްވެސް ފަރްޟުވެގެންވާ އަޅުކަމެއް ކަމުގައިވަނީ ބަޔާންކޮށް ދެއްވާފައެވެ. އަދި އިސްލާމްދީނުގެ ފުރިހަމަކަމާއި ހުރިހާ ޒަމާނަކަށްވެސް އެކަށީގެންވާ ދީންކަން އެނގިގެންދަނީ ނަމާދު ކުރުމުގައި ކޮޅަށްހުރެ ކުރުމަށް ނުކުޅެދޭމީހާ އިށީއިނދެ ކުރުމަށާއި އިށީއިނދެ ނުކުރެވޭމީހާ އޮށޯއޮވެ ކުރުމަށާއި އޮށޯއޮވެގެންވެސް ނުކުރެވޭނަމަ އިޝާރާތުން ކުރުމަށްވެސް ބަޔާންވެފައިވާތީއެވެ. 

އެއްވެސް ޙާލާތެއްގައި ނަމާދު ދޫކުރެވޭނެ ގޮތެއްނެތްކަން ބަޔާންކުރައްވަމުން ޚުޠުބާގައި ފާހާގަ ކުރައްވާފައިވަނީ އަދުގެ ބައެއް މުސްލިމުތަކުން ކިރިޔާ ބައްޔެއް ވެލާއިރަށް އެންމެ ފުރަތަމަ ދޫކޮށްލަނީ ނަމާދުކަމާއި އެއީ ބުރައަކަށް ވެފައިވާ ކަމެއްކަމާއި ވަގުތުވީމާ ނުވަތަ ބަލިން ސަލާމަތްވީމާ ހުރިހާ ނަމާދެއް ޤަޟާކުރާ މީހުންއުޅޭކަމީ ހިތާމަކުރަންޖެހޭ ކަމެއްކަމުގައެވެ. މިފަދަމީހުން އެފަދައިން އެޢަމަލުކުރަނީ ވަރަށްބޮޑު އޮޅުމެއްގައިކަން ބަޔާންކުރައްވަމުން އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި މިފަދައިން ނަމާދު ކުރާމީހުންވަނީ އެމީހުންގެ ހަވާ ނަފްސަށް ތަބަޢުވެގެންކަމާއި އެކަމުގެ ހިތިރަހަ އެމީހުން ދެކޭކަމުގައެވެ. 

އަދި އެފަދައިން ނަމާދަކީ ވަރަށްބޮޑު ޒިންމާއެއްކަމާއި ﷲ ގެ ޙަޟްރަތުގައި މަތިވެރި ޤަދަރު ލިބިގެންދާނެ ކަމެއްކަމާއި އަޅާއާއި ﷲ އާއި ދެމެދު ގުޅުވާލަދޭ ވަރުގަދަ ފާރެއްކަމާއި އަދި އެއީ ލޮލުގެ ފިނިކަންކަމުގައި ނަބަވީ ބަސްފުޅުތަކުގެ އަލީގައިވަނި ބަޔާންކޮށްދީފައެވެ. ނަމާދުގެ ޙާއްޞަކަން ބަޔާންކުރައްވަމުން ޚުޠުބާގައި އަލިއަޅުއްވާލާފައިވާ ގޮތުގައި ނަމާދަކީ އީމާންކަމުގެ ދެވަނަ ރުކުންކަމާއި އެއީ އިސްލާމެއްތޯ ނުވަތަ ކާފިރެއްތޯ ކަނޑައަޅާ އިންފާރުކަމާއި ނަމާދަށް ރައްކާތެރިވާ މީހާއަށް ﷲ ނޫރެއް، ބުރުޙާނެއް އަދި ނަޖާވުން ލައްވާނެކަމާއި އެކަމުގައި ފަރުވާކުޑަކުރާ މީހުންވާނީ ފިރްއަޢުނާއި ހަމާނާއި އުބައްޔުބުން ޚަލަފްފަދަ ނުބައި މުޖުރިމުންނާއި އެކުގައިކަމެވެ. މުދަލާއި ވިޔަފާރިއާއިހެދި ނަމާދު އަޅާމީހާވަނީ ޤާރޫނާއިއެކުގައި ކަމާއި ވެރިކަމާއި އަރާއިބާރާއި ދުނިޔޭގެ އެދުންތައް ފުއްދުމުގައި އުޅުމުގެ ސަބަބުން ނަމާދު އަޅާމީހާވާނީ ފިރްޢައުނާއި ހާމާނާއި އެކުގައިކަމާއި ނަމާދަށްވުރެ ދުނިޔޭގެ އުފަލާއި މަޖަލަށް އިސްކަންދީ ނަމާދު އެޅިމީހުންވަނީ ޢުބައްޔުބުން ޚަލަފްއާއި އެކުގައިކަން ނަބަވީ ބަސްފުޅުތަކުން އެނގެން އޮންނަކަމުގައިވަނީ ބަޔާންކުރައްވާފައެވެ. 

ލޮބުވެތި ކިޔުންތެރިންނޭވެ. އަހަރެންގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެހައި ކިޔުންތެރިންނަށް ނަމާދަށް ރައްކާތެރިވުމަށް ވަޞިއްޔަތްކުރާޙާލު ބުނެލަމެވެ. ނަމާދުއެއީ ބުރަ ކަމަކަށ ހެދުމަށާއި ދުނިޔޭގެ ދިރިއުޅުން ޒީނަތްތެރިކޮށް ނަމާދާއި އަޅުކަމާއި ދުރުކުރުމަށް އިންސި ޝައިޠާނުންނާއި ޖިންނި ޝައިޠާނުން ކެނޑިނޭޅި މަސައްކަތްކުރާކަން ދަންނާށެވެ. ނަމާދު ވަގުތުފެށި ނިމިގެންދާއިރު ކޮފީމޭޒުތަކާއި ސައިހޮޓާތަކުގައްޔާއި ފިނިމައިޒާންތަކުގައި ތިބޭއިރު ތިބާއަށް ﷲ ދެއްވާފައިވާ 24 ގަޑިއިރުގެ ތެރެއިން ތިބާއަށް ތިޔަ ރީތިކަމާއި ތިޔަ އަރާއިބާރާއި އަގަކާނުލާއި ތިބާއަށް ދެއްވާފައިވާ ގުނަވަންތަކާއި އެނގިގެންނާއި ނޭނގިވެސް ތިބާއަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް އެންމެ 50 މިނެޓް ހުސްކޮށްލަމާހިނގާށެވެ. ބޭކާރުކަންކަމުގައި ރޭގަނޑުގެ ނިދި ނަގާލާފައި އުޅުމުގެ ބަދަލުގައި ފަތިސްނަމާދަށް ތެދުވެވޭތޯ ބަލާމާ ހިނގާށެވެ. ނަމާދު އަޅާފައި ނިދުމާއި ދުނިޔަވީ ކަންކަމުގައި އަވަދިނެތި ނޫޅޭށެވެ. ކިތައްމެ ބުރަކޮށް އުޅުނަސް ނަމާދު ވަގުތު ވަނުމުން އެކަމެއް ހުއްޓާލުމަށްފަހު ނަމާދަށް އިސްކަމެއްދެމާ ހިނގާށެވެ. ޖަމާޢަތަށް ނުދެވޭ ނުވަތަ ޖަމާޢަތުގެ ނަމާދު ނުލިބިދާނެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަވެސް ލަސްނުކޮށް ނަމާދުގެ ވާޖިބު އަދާކުރާށެވެ. ނަމާދަކީ ކުރެވޭ ކުދިފާފަތައް ޠާހިރުކޮށްދޭ ކަމަކަށް ވީހިނދު މިކަމަށް ސަމާލުނުވަނީ ތިބާގެ ވިސްނުމުގެ ކޮށިކަމުންކަމުގައި ދެކޭށެވެ. އަނިޔާއެއް ވެދާނެތީ ކުޅިވަރު ކުޅުމުގެ ކުރިން ކަސްރަތު ކުރުމަށް ސަމާލުކަން ދޭފަދައިންނާއި ގަޑިޖެހިއްޖެނަމަ ކުޅުމުގެ ފުރުޞަތު ނުލިބިދާނެތީ ކަންބޮޑުވާފަދައިން ނުވަތަ އެއަށްވުރެ ބޮޑަށް ނަމާދު އެޅުމުން ނަރަކައިގެ އަލިފާނުން ތިބާ އަންދާލެވޭނެތީ ބިރުވެތި ނުވަނީހެއްޔެއެވެ. ތިބާގެ ދުނިޔޭގެ ދަންފަޅިހަމަކޮށް އުޚުރަވީ ޙަޔާތަށްދާންޖެހޭއިރު ތިބާއަށް އެނަމާދުތައް ނުކުރެވިވާނަމަ ސުވަރުގެއިން ޖާގަ ނުލިބޭނެކަން އެނގިހުރެ އެކަމާއި ކަންބޮޑުނުވަނީ ކީއްވެހެއްޔެ؟ ވިސްނާށެވެ. އަދިވެސް ވިސްނާށެވެ. އެކަކު އަނެކެއްގެ ކިބައިން ހިތްވަރުހޯދާ، ކުރިއަރާދާންވީ މިފަދަ ނަމާދުކުރުމަކަށް ނޫންހެއްޔެ؟ ކުރަންހުރި ކަމެއްކޮށްނިއްމާފައި ދެން ވަގުތުވީއިރަކުން ކުރަން އޮތްކަމަކަށް ހަދަންވީ ނަމާދެއްނޫނެވެ. ތިބާމިއަދު ފުރާފުރިހަމަވެ، އަރާބާރު ލިބުނީ ތިބާ ތިމަސްޢޫލްވާ ކަންކަމަކީ ތިބާގެ ވެރިރައްބު ކަނޑައަޅާފައިވާ ބޮޑު އަމާނާތަކަށް ޙިޔާނާތްތެރިވެގެންހުރެ ކުރާކަމަކަށް ނުހަދާށެވެ. އިންޓެގްރިޓީ އަންނަންވީ ހަމައެކަނި ފައިސާގައެއްނޫނެވެ. ނަމާދުގައިވެސް ގެންނާށެވެ. ތިބާގެ މައްޗަށް އެހެންމީހުން ނަމާދުކުރުމުގެ ކުރިން ތިބާ، ތިބާގެ އަމިއްލަނަފްސަށްޓަކައި ނަމާދުތައް ފުރިހަމަކުރާށެވެ. 

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ