މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 19

ކުރިމަތީގައި ހުރި އާޒިމް ފެނިފައި ނީނާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެންދިޔަހެންނެވެ .ޒާހިރު ހުރީ ފާޑަކަށް ހެވިފައި ބަލަހައްޓައިގެންނެވެ. އާޒިމް ދިޔަގޮތައްގޮސް ޒާހިރުގެ ގިރުވާނުގައި ހިފާ ބޭރަށް ނެރުމަށް ހިނގައިގަތެވެ. ހަމަ އެ ސިކުންތުގައި ޒާހިރުގެ ދެ އަތުން އާޒިމްގެ އަތުގައި ހިފާ ގިރުވާނުން އަތް ނައްޓުވާލިއެވެ. އާޒިމް ރުޅި އައިސްގެން ތުރުތުރު އަޅަނީއެވެ. ޒާހިރާއި ދިމާލަށް ލޯ އަޅާލާފައި ތުން ފިއްތާލައިގެން ހުރި ގޮތުން ހީވަނީ ހަމަ ދެންމެ ދެންމެ ޒާހިރު މަރާލާފާނެ ހެންނެވެ. އާޒިމް ރުޅި އައިސްގެން ހަމައިން ނުނެއްޓިހުރީ ހަމަ ކިރިޔާއެވެ. "ކަލޭ ނުޖެހޭނެ އޭނަ ގައިގަ އަތްލާކަށް، ކަލޭ ލަދެއް ނުގަނޭތަ... ތީ މަގޭ ކޮއްކޮ ފިރިމީހާ އޭ!..ހަނދާންކުރާތި އޭނަ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް ނިމުނީ!!!"އާޒިމްގެ ޝަހާދަތް އިނގިލި ޒާހިރުގެ މޫނުގައި ޖެހޭނުޖެހޭ ހިސާބުގައި ބަހައްޓަކައި ކަޅިއަޅައިލައިގެންހުރެ ޒާހިރާއި ދިމާލަށް ބުންޏެވެ. ނީނާ ހުރީ ހަދާނެގޮތެއް ނޭންގިފައެވެ. ޒާހިރު އަދިވެސް ހުރީ ފާޑަކަށް ހެވިފައެވެ. "ކަލެއަށް ކީއްކުރެވޭނީ..ކަލޭތީ އޭނަގެ ކާކު؟" ތުންފިއްތާލާފައި ޒާހިރުވެސް އެއްސެވެ. އާޒިމްވެސް ވަކި ޒާހިރުއަކަށް ދުލެއް ނުދެއެވެ. ހަމަ އެ ރުޅިގަނޑުމަތީ ޒާހިރަށް ރައްދު ދިނެވެ. " އަހަރެން ނީނާއާ ކައިވެނި ކުރާނަން ކަލެއަކަށް އެއްކަމެއްވެސް ނުކުރެވޭނެ.. އަދި ނުވެސް ހުއްޓުވޭނެ..ކަލޭގެ ކިބައިން އަހަރެން ނީނާ ސަލާމަތް ކުރާނަން... ނީނާ ހުރީ ބުނާނެ އެއްޗެއް ނޭންގި އާޒިމާއި ދިމާލަށް ބަލަން ހުއްޓުން އަރާފައެވެ. އާޒިމް އޭނާދެކެ ހަމަ އެހާ ލޯބިވޭބާއެވެ؟ ވީއިރު އާޒިމަށް އެހެން ހަދަން ހެޔޮވާނެބާވައެވެ؟ ނީނާގެ ހިތައް އަރާ ފައިބަމުންދާ ހައިޖާނުގަނޑު މައިތިރކުރަން ނީނާ ބޭނުންވެއެވެ.

އާޒިމްގެ ބަސްތަކުން ޒާހިރު ހިތްނުތަނަވަސްވާން ފެށިއަސް އެކަން ނުދައްކައި ބުނެލިއެވެ." އެއްކަމެއްވެސް ނުކުރެވޭނެ" މިހެން ބުނެފައި ނީނާއާއި ދިމާލަށް ރުޅިވެރި ގޮތަކަށް ބަލާލާފައި ޒާހިރު ނުކުމެގެން ދިޔައީ އެވެ. 

ނީނާ އަނެއްފަރާތައް މޫނު އަނބުރާލާފައި އެނދާއި ދިމާލަށް ހިނގައިގަތެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ލޮލޮން އޮހޮރޭ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައި މުޅި ބުރުގާ އޮތީ ތެމިފައެވެ. މީ ކޮންކަހަ ދިރިއުޅުމެއްބާވައެވެ؟ ދެ ފިރިހެނުން އޭނާ ދެކޮޅަށް ދަމަން އޭނާއަކީ ކުޅޭ ކުޅޭ އެއްޗެއް ހެއްޔެވެ. އާޒިމްދެކެ ނީނާ ލޯބިވިޔަސް އޭނާ އާޒިމާއި ކައިވެނި ކުރާން ޖެހިލުން ވަނީއެވެ. ޒާހިރުއާއި ކައިވެނި ކުރަން މަޖުބޫރުވަނީ އެވެ. އެތަނުން އޭނާ ދާނީ ކާކުގެ ކައިރިއަށް ހެއްޔެވެ؟ ޒާހިރަކީ މީހެއްގެ ފިރިއެއް ނަމަވެސް ނީނާއަށް މިއަދު އެވަނީ ގޮތް ހުސްވެފައެވެ. 

ޒާހިރު ބޭރަށް ނުކުތުމާއެކު ފޯނު ރިންގުވާން ފެށިއެވެ. މައިޝާ އެވަގުތު ގުޅަނީއެވެ. "ހަލޯ ޒާހިރު! ކީއްތިކުރަނީ ހާދަ ގުޅައިފީމޭ..! ނުތަނަވަސް ހިތަކާއި އެކު މައިޝާ ސުވާލުކޮށްލިއެވެ. "ރައްޓެއްސަކާއެކު ކޮފީއެއްގައި އިނދެވުނީ ސޮރީ! މިދަނީ..." މިހެން ބުނެފައި ޒާހިރު ހިނގައިގަތީ ގެއާ ދިމާލަށެވެ. 

ކުއްލިއަކަށް އެއްޗެއް  ވެއްޓުނު އަޑަށް އާޒިމް ބަލާލިއެވެ. ބިންމަތީގައި ނީނާ އޮތްތަން ފެނިފައި އާޒިމް އަވަސް އަވަހަށް ނީނާގެ ގާތައް ދިޔައެވެ. އަތްދަނޑި މައްޗަށް ނީނާ ނެގުމަށްފަހު އެނދުމަތީގައި ބޭއްވިއެވެ. އަދި ދުވެފައިގޮސް ފެންތައްޓެއް ގެނެސް،އަތައް ފެންފޮދެއް އެޅުމަށްފަހު ނީނާގެ މޫނުގައި އުނގުޅާލިއެވެ. އަދި މަޑުމަޑުން ނީނާގެ ކޮލުގައި ޖަހާލުމަށް ފަހު ނީނާއަށް ގޮވާލިއެވެ. އެހެންނަމަވެސް ނީނާގެ ފަރާތުން އިޝާރާތެއް ނުލިބުނެވެ. އާޒިމް ވަރަށް ބޮޑަށް ހާސްވާންފެށިއެވެ. މެންދަމުގެ ވަގުތުކަމުން އެއްވެސް މީހަކަށް އެ ޚަބަރު ދޭކަށް އާޒިމަކަށް ނުކެރުނެވެ. އާޒިމް ގަޑި ބަލައިލިއިރު ގަޑިން 3:30 ވަނީ އެވެ. އަދިވެސް ނީނާގެ ހާލު ރަނގަޅެއް ނުވެއެވެ. ނީނާގެ ކައިރީގައި އާޒިމް އިށީންދެލިއެވެ.  އަދި މާޔޫސްވެފައިވާ ނަޒަރަކުން ނީނާއާއި ދިމާލަށް ބަލާލިއެވެ. 

ޒާހިރު ގެއާ ހިސާބަށް ދެވުމާއެކު ފޯނުން ކޮންމެވެސް މީހަކާއި ގުޅާފާއި ވާހަކަދައްކާލިއެވެ. ހީވަނީ ބޮޑު ކަމެއް ނިންމާލިހެންނެވެ. ޒާހިރުގެ މޫނުމަތިން ފެންނަނީ ކެހިވެރިކަމެވެ. ނީނާގެ އެސްފިޔަތައް ތެޅިލިއެވެ. އަދި ނީނާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރު އާޒިމް އިނީ ނީނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ނީނާ ލޯ ހުޅުވާލުމުން ނީނާއަށް އާޒިމް ގޮވާލިއެވެ. އާޒިމާއި ދިމާލަށް ނީނާވެސް ބަލައިލިއެވެ. ނީނާގެ މޫނުމަތިން ހީވަނީ ވަރުބަލި ކަމުގެ ސާލެއް ލެވިފައިވާހެންނެވެ. ގިނައިރު ރުއިމުގެ ސަބަބުން ދެލޯކައިރިވަނީ ދުޅަވެ ރަތްވެފައެވެ. ތުންފަތް ހިކި ނޭފަތް ކައިރިވަނީ ވަނީ ރަތްވެފައެވެ. އާޒިމަށް އިނދެވުނީ ނީނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހަމަހިމޭން ކަމުގެ ފަރުދާއެއް ދެމީހުންގެ ދޭތެރޭގައި ލެވިފައިވެއެވެ. ނީނާގެ ލޮލުން އާޒިމްގެ ގާތު އެހީވެދޭށޭ ބުނާފަދައެވެ. އާޒިމްގެ ލޮލުން ހީވަނީ ދެންމެ ދެންމެ ނީނާދެކެ ލޯބިވާ ވާހަކަ ބުނެފާނެ ހެންނެވެ. ނީނާ އެނދުން ތެދުވަން މަސައްކަތްކުރިއެވެ. އާޒިމް އެވަގުތު ނީނާގެ ގައިގައި ހިފަހައްޓާލިއެވެ. ނީނާ މަޑުކުރާށޭ ބުނާފަދަ ގޮތަކަށް އަތް އުފުލާލިއެވެ. އާޒިމް ހުއްޓުނެވެ. ނީނާ ތެދުވެފައި ދެފައި ކުރުކޮށްލާފައި އެނދުގައި އިށީންދެލިއެވެ. "އާޒިމް ދެން ދޭ ގެއަށް..، ކުޑަކޮށް އަރާމުކޮށްލީމަ ރަނގަޅުވެދާނެ"  މޫނާއި ބޮލާއި އެއްކޮށް ދެއަތުން ފިރުމާލަމުން މަޑުމައިތިރި ކަމާއެކީގައި ނީނާ ބުނެލިއެވެ. ރޭގަނޑު ނުނިދާ ހުރުމުގެ ސަބަބުން ނީނާގެ ބޮލަށް ބަރުވެ ދެލޯ ވަނީ ވަރުބަލިވެފައެވެ. އާޒިމްގެ ވެސް ހާލަކީ ހަމަ އެއީއެވެ.  އާޒިމްގެ މޫނުމަތިންވެސް ފެންނަނީ ވަރުބަލިކަމެވެ. ނީނާ އެހެން ބުނި ކަމުގައި ވިޔަސް އާޒިމް އެތަނުން ދާކަށް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް ނީނާ އަރާމުކޮށްލަން ބޭނުންވާނެވަރު އާޒިމަށްވެސް އިހުސާސްކުރެވެއެވެ. އެހެންކަމުން ނީނާއާއި ދިމާލަށް މޮޅިވެރި ބެލުމަކުން ބަލާލައި ކުޑަކޮށް ހިނިތުން ވެލާފައި އެތަނުން ދާން ހިނގައިގަތެވެ. އިރުކޮޅަކުން އިވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ. އެނދުން ތެދުވެގެން ނީނާ ގޮސްވަނީ ފާހާނާއަށެވެ. ނީނާގެ ހިތައް ހަމަޖެހުމެއް ލިބޭނީ ނަމާދުކޮށްލީމާކަން ނީނާއަށް އެނގެއެވެ. ފަތިސް ނަމާދުކޮށްލައިގެން ނީނާ އެނދުގައި އޮށޯވެލީ ލިބިފައިވާ ވަރުބަލިކަމެއްގެ ސަބަބުންނެވެ. ޒަޚަމްވެފައިވާ އެހިތައް ކުޑަކުޑަ ވަގުތުކޮޅަކަށް  ނަމަވެސް ލުއިކަމެއް ލިބޭތޯއެވެ.

އުފާވެރި ފަތިހެކެވެ. މަސްތުކުރުވަނިވި މާހައުލެކެވެ. މަޑު ފިޔާތޮށި ކުލައިގެ އެނދުމަތީގައި ނިދާފައި އެތިބަ ދެ ޒުވާނުންނަށް އެރޭގެ މެންދަންވީ އުފާވެރި ވަގުތަކަށެވެ. ކައިވެނީގެ ފުރަތަމަ ރޭގެ އުފާވެރިކަމަކީ ހަޤީގީ ލޯބިވާ ދެމަފިރިއަކަށް ވަރަށް އަގުބޮޑު އެއްޗެކެވެ. ލޯބިން ފުރިފައިވާ ދެހިތް ބަންޑުންވެ ލޯބީގައި ޖަހާލެވުނު ގޮށް އާ ހަރުފަތަކަށް ގެންނަ ރެއެކެވެ. ފާތުންނަށް ހޭލެވުނީ ގަޑި ސޯނާވާންފެށިއަޑަކަށެވެ. މޯޅިއަކަށް ދެމިލާފައި ލޯ ހުޅުވާލިއެވެ. ފާތުންގެ އުނަގަނޑުގައި އަތް ވަށާލައިގެން އަރާމު ނިންޖަކުން ނިދާފައިވާ އިއްބެ ފެނުމުން ފާތުންގެ ހިތް އުފަލުން ފޮޅިލިއެވެ. އަދި މަޑު ހިނިތުންވުމެއް ފާތުންގެ އެ ރީތި ތުންފަތަށް ވެރިވިއެވެ. އިއްބެގެ މޫނަށް ބަލަހައްޓައިގެން ފާތުންނަށް އޮވެވުނު އިރެއްވެސް ނޭންގެއެވެ. އެ ރީތި މޫނަށް ބަލަހައްޓައިގެން އޭނާ އުމުރު ދުވަހުވެސް އޮވެދާނެއެވެ. ދިގު އިންތިޒާރެއްގެ ނިމުން ފޮނިވެ ފާތުންގެ ހަޔާތައް ވަނީ ބަހާރުމޫސުން އައިސްފައެވެ. އެހާވެސް ފާތުން އިއްބެދެކެ ލޯބިވެއެވެ.  މަޑުމަޑުން އިއްބެގެ އަތް ނެގުމަށްފަހު ފާތުން ތެދުވެ ފާޚާނައަށް ވަނެވެ. 

އިރުއަރައިފިއެވެ. ފަތިހުގެ ފިނި ރޯޅިތަކުގެ ތެމިފައިވާ ދާވަނި ހިކެމުންދާން ފަށައިފިއެވެ. ފަޒާގެ ޖާދޫވީ އަސަރުތައް މަޑުމަޑުން ގެއްލެން ފަށައިފިއެވެ. ކޮވެލިތަކާއި ބުލްބުލް ތަކުގެ ގޮވުން މަޑުމަޑުން ފަނޑުވެއްޖެއެވެ. ނަމަވެސް ހުދުކުލައިގެ ގަމީހެއް ލައިގެން އެ ފެހި ކުލައިގެ ފަޒާއިން ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބޭތޯ ގޮނޑުދޮށުގައި ބަހައްޓާފައި އިން ރުއްބުޑެއްގެމަތީގައި އިށީންދެލައިގެން އިން އާޒިމްގެ ހިތް އޭގެ ގައިދުޚާނާއަކުން މިނިވަނެއްނުވިއެވެ. އާޒިމް ތެދުވެއްޖެއެވެ. ޚިޔާލުތަކުގެ އޮޅުންގަނޑުގެ ތެރެއަށް ފިކުރުތައް ހުސްކުރަމުން ގެސްޓުހައުސްއާއި ދިމާލަށް އޭނާ ހިނގައިގަތެވެ.  ދޮރާށި ހުޅުވާލާފައި ގޭތެރެއަށް ވަންތަނާ ކޮންމެސް މިހަކު އާޒިމަށް ގޮވާލައިފިއެވެ. ފަހަތައް އެނބުރި ބަލާލިއިރު މައިޝާ ހުރީ ޖޫސްތައްޓެއް ހިފައިގެން ޖޫސްތަށި ބޯށެވެ.  އާޒިމްގެ ވަރުބަލިވެފައިވާ މޫނު ފެނިފައި މައިޝާ ހައިރާންވިއެވެ. އަދި ސުވާލުކޮށްލިއެވެ. " ރޭގަ ނުނިދަންތަ؟ " ނޫން! ފަތިހު ހޭލިގޮތައް،" އިތުރަށް އެއްޗެއް ނުބުނެ އާޒިމް ދިޔައީއެވެ. އާޒިމްގެ ޠަބީޢަތައް ބަދަލެއް އައިސްފައިވާކަން މައިޝާއަށް އިހުސާސްކުރެވުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އާޒިމް ދިޔަދިނީ އަރާމްކޮށްލަން ބޭނުންވެފައި ހުރެދާނެތީއެވެ. އެވަގުތު ޒާހިރު އައިސް ގޭތެރެއަށް ވަނެވެ. މައިޝާ ފެނުމާއެކު " ޖާނޫ ކިޔާފައި ގޮވާލިއެވެ. " ކޮޓަރިއަށް ވަންނަމުން ދިޔަ އާޒިމަށް މިއަޑު އިވިފައި އަތް މުއްކަވާލެވުނެވެ. އަދި ދޮރުކަނީގައި ބާރަކަށް ޖަހާލެވުނެވެ. " ކޮންތާކުން ތިއައީ" މައިޝާ ސުވާލުކޮށްލިއެވެ. "މިއައީ ކުޑަ މަސައްކަތެއް ނިންމާލާފައި " ޒާހިރު ބުނެލިއެވެ.     

ޒާހިރު އައުމުން ސައިބޯން ދިޔުމަށް މައިޝާ ދައުވަތު ދިނެވެ. ދެމީހުން އެކީގައިގޮސް ވަނީ ކާކޮޓަރިއަށެވެ. " ކާކޮޓަރިއަށް ވަތްއިރު އިއްބެވެސް ސައިމޭޒު ދޮށުގައި އިނެވެ. "ފާތުން ހުރީ އިއްބެއަށް ސައި ހަދާށެވެ. މައިޝާ ދިޔަގޮތަށްގޮސް އިއްބެއާއި ދިމާކޮށްލިއެވެ. ފާތުންވެސް ލަދުރަކި ގޮތުގައި ހެވިފައި ހުއްޓެވެ. " ކޮބާ އާޒިމް" މައިޝާ ކާމޭޒު ކައިރީގައި އިށީންދެލުމާއެކު އިއްބެ އަހާލިއެވެ. " ކޮޓަރީގައި، ފާޑަކަށް ހުރީ...މިހާރަކަށް އައިސް އާޒިމަށް ކިހިނެއްވެފައިތަ އެ ހުންނަނީ؟؟؟؟؟"  " ނޭންގެ ކަމެއް ވީތަ؟" އިއްބެވެސް ބުނެލިއެވެ. އެވަގުތު ފާތުން ސައިތަށިގެނެސް އިއްބެގާތުގައި ބައިންދާފައި އިއްބެގާތުގައި މިދަނީ ނީނާމެންގެއަށްކަން ބުނެލިއެވެ. އިއްބެ ބޯ ޖަހާލާފައި ސަމާސާ ގޮތަކަށް ބުނެލިއެވެ. "ނީނާގެ މޫނު ނުފެނި ސައެއް ނުބޮވޭނެ ދޯ،" ފާތުން ހެވިފައި ކާކޮޓަރިން ނުކުމެގެން ދިޔައެވެ. ފާތުން ގޮސް ނުކުންނަން ދެކަށް ޒާހިރު ފާތުންއާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން އިނެއެވެ.

 "ވެދާނެ މިކޮޅުގައި މާގިނަ ދުވަސް ވީކަމަށް ،އަހަންނަށް ފެންނަނީ ދެން  މާލެދާން، " ޒާހިރުވެސް ހިޔާލެއް ދިނެވެ. " އާން މިހާރު ގެސްޓުހައުސްގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމެނީ! ދެން ހުރީ ޑޮކިއުމެންޓްސް މަސައްކަތް؟" ސައިތަށި ތުނބުން ނައްޓާލަމުން އިއްބެވެސް ބުނެލިއެވެ. އެވަގުތު އާޒިމް އައިސް ކާކޮޓަރިއަށް ވަންނަނީއެވެ. އެމީހުންގެ ވާހަކަ އާޒިމަށް ކޮންމެވެސް ވަރަކަށް އިވުނެވެ. އަދި ޒާހިރު އޭނާ އެރަށުން ފޮނުވާލަން ކުރެވުނު ކަމެއް ކުރާނެކަން އާޒިމަށް އެނގެއެވެ. " އަހަރެން އަދި ބޭނުން މަޑުކުރަން، އިއްބެ އަދި ޖެހޭނެއެއްނު ފާތުންނާއި އެކީ މަޑުކޮށްލަން،،އަހަރެމެން ދާނީ އެއްކޮށް؟ ކުޑަ މަސައްކަތެއް ނިންމަންވެސް އެބަޖެހޭ" ގޮޑި ދަމާލާފައި އިށީންނަމުން އާޒިމް ބުނެލިއެވެ. އާޒިމް މިހެން ބުނެލީ ޒާހިރާއި ދިމާލަށް ބަލަހައްޓައިގެން އިނދެއެވެ. ޒާހިރު އެއްކަޅިން އާޒިމާއި ދިމާލަށް ބަލާލިއެވެ.  މައިޝާ އިނީ ހެވިފައި އާޒިމާއި ދިމާލަށް ބަލަހައްޓައިގެންނެވެ. "އަނެއްކާ އަހަރެން ފަހަރި ކިޔާނެ ކުއްޖެއް ހޯދަނީތަ؟ ސަމާސާ ރާގަކަށް ހެވިފައި މައިޝާ އަހާލިއެވެ. އަދި އިއްބެއާ ދިމާލަށް ބަލައިލުމަށްފަހު އެއްލޯ މަރާލިއެވެ.

ފާތުން ނީނާމެންގޭ ގޯތިތެރެއިން ވަދެގެން ދިޔައިރު ހިލަމެއް ބިލަމެއް ނުވެއެވެ. މާމައާއި ނީނާގެ ކޮއްކޮ މަރުވިފހުން ނީނާމެންގޭގެ ދިރުންވަނީ ގެއްލިފައެވެ. އާއްމުކޮށް ފަތިހު ފަތިހާ ރޮތިކޮށް ކުނިހަކާލެވިފައިވާ ގޯތިތެރެ މިއަދު އޮތީ ކުނިން ފުރިފައެވެ. ނީނާ އަނެއްކާ މިއަދު ހޭލާ ނޫޅެނީބާވައޭ ފާތުންގެ ހިތާހިތާ ސުވާލުކޮށްލިއެވެ. ފާތުން ގޮސް ގޭގެ ދޮރުގެ ތަޅުގައި ހިފާލިއިރު ދޮރުގައި ހުރީ ތަޅުލާފައެވެ. ބަދިގެއާއި ކާކޮޓަރިވެސް ހުރީ ތަޅުލާފައެވެ. ފާތުން ހާސްވާންފެށިއެވެ. އަވަހަށް ފޯނުނަގައި ނީނާގެ ފޯނަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ނީނާގެ ފޯނު އޮތީ ނިއްވާލާފައިކަމަށް ބުނަމުންދެއެވެ.  ރަށުގައި އުޅޭ ރައްޓެހި އެހެން ކުދިންނަށް ގުޅާ ނީނާ އުޅޭތޯ ބެލިއެވެ.  ހާސްވެފައިހުރެ ފާތުން ބާރަކަށް ގޯތިތެރެއިން ނުކުމެގެންގޮސް ނީނާމެންގެއާ ޖެހިގެން ހުރި ގޭގެ މީހުންނާއި، ނީނާ ކޮބައިތޯއާ ބެހޭގޮތުން ސުވާލުކުރިއެވެ. އެއްވެސް މީހަކާ ނީނާއާއި ދިމާނުވާކަމަށް ބުނަމުން ދިޔައެވެ. ދެން ފާތުން މިސްރާބުޖެހީ ގެއާއި ދިމާލަށެވެ. އާޒިމަށް ނީނާވީ ތަނެއް އެނގޭނެތޯ ބަލާށެވެ. ދިޔަ މަގުމަތީ އޭގެން މީހެއްގެ ފޯނަށް ގުޅޭތޯވެސް ފާތުން މަސައްކަތްކުރިއެވެ. ނަމަވެސް ދެމީހުންގެ ފޯނު ވަނީ ކޮޓަރީގައެވެ. މައިޝާއާއި އެކީގައި ކާމޭޒު ދޮށުގައި ދެމީހުން ތިބީއެވެ. ފާތުން ގެއާ ހިސާބަށް އެރިތަނާ ޒާހިރު ދޮރާށިން ނުކުމެގެން ވަރަށް ބާރަށް ދިޔަތަން ފާތުންއަށް ފެނުނެވެ. ނަމަވެސް އެކަމާ މާބޮޑަށް ވިސްނާން ނުހުރެ ފާތުން ދުވަފައި ގޮސް ނީނާ ގެއްލިއްޖެއޭ ކިޔާފައި ބާރަކަށް ގޮސް ކާކޮޓަރިއަށް ވެނެވެ. ހާސްވެފައިވާ ފާތުންއަށް ކޮޅަކަށް ނުވެސްހުރެވުނެވެ. ހުރިތަނަށް މީހާ ވެއްޓި ބިރުން ރޯންފެށީއެވެ. ނީނާއަކީ ހަމައެކަނި އޭނާ ގާތްއެކުވެރިޔާއެއް ނޫނެވެ. އޭނާގެ އެއްބަނޑުއެއްބަފާ ދައްތަކަމުގައި ފާތުން ދެކެއެވެ. ނީނާގެ މާމަ މަރުވަމުން އޭނާއަށް ކުރި ހަމައެކަނި ވަޞިއްޔަތަކީ ހެޔޮގޮތުގައި ނީނާ ބެލުމެވެ. އެހެންކަމުން ނީނާ ނުފެނުމުން އެކަމާ އެންމެ ހިތާމަކުރާނީ އޭނާ ނޫން ވަކި ކާކު ހެއްޔެވެ؟ އިއްބެ ދިޔަގޮތައްގޮސް ފާތުން ކައިރިއަށް ހުއްޓި ތިރިވެލާފައި ފާތުން ނެގިއެވެ. އާޒިމް ތެދުވެ ހުއްޓުން އަރާފައި ހުރެވުނީއެވެ!!!!!!!!!!!!!!! ނީނާ ގޭގައި ތަޅުލާފައި ނީނާ ދާނީ ކޮންތާކަށް ހެއްޔެވެ؟ އެންމެންގެ ހިތައްވެސް އަރަމުންދިޔައީ އެއް ސުވާލުތަކެކެވެ. 


ނުނިމޭ

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މަރިޔަމް 3 years ago

ވަރަށް އުފާވެެއްޖެ ވާހަަކަ އަލުން އައީމަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ