މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 20

ރާޅުތަކުގެ ތެރޭގައި ފޮނުކަނޑަމުން ދުއްވަމުން ދިޔަ ލާންޗުގެ ފަހަތު ޝީޓުގައި އިން ޒުވާން އަންހެން ކުއްޖާގެ ނަޒަރު ހުއްޓިފައިވަނީ މާސިންގާ ބޮޑު ކަނޑުގައި ނަގަމުންދާ ބިޔަ ރާޅުތަކަށެވެ. އާދައިގެ ވަރަކަށް މަޑު ރޯޅިއަންނަ މޫސުން ރީތި ޗާލުދުވަހެކެވެ. ވައިރޯޅިތަކުގެ ސަބަބުން އޭނާގެ މޫނުގައި ފިރުމަމުންދާ ބުރުގާގެ ކަން އިރުއިރުކޮޅަކާ ރީތި ކޮށްލައެވެ. ފުން ކަނޑުހާ ފުން، އޭނާގެ ހިތުގައި ލެވިފައިވާ ޒަޚަމްތަކާއި ދޭތެރޭގައި ވިސްނާށެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން އޭނާ އެދަނީ އޭނާގެ ހިތުގައި އުފެދެމުންދާ ހައިޖާނުގަނޑާއި ހަނގުރާމަ ކުރަމުންނެވެ.

ގެސްޓު ހައުސްގެ ފެންޑާތެރޭގައި އެންމެން ތިބީ އިށީންދެލައިގެންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމާއި މާޔޫސްކަމެވެ. ޚާއްސަކޮށް އާޒިމާއި ފާތުންނެވެ. ކުއްލި ގޮތަކަށް ނީނާ ގެއްލެންވީ ކީއްވެ ހެއްޔެވެ؟ ނީނާ ނުފެނިގެން އުޅޭ ވާހަކަ ކޮންމެވެސް ވަރަކަށް ރަށު ތެރޭގައި ފެތުރެން ފަށައިފިއެވެ. އިރުކޮޅަކުން ސަލާމް ގޮވާލާފައި ގެއަށް ވަދެގެން އައީ ޔޫނުސް ގެ މަންމައެވެ. އެތެރެއަށް ވަދެގެން އައިސް ފާތުންގެ ގާތުގައި އިށިންދެލާފައި ފާތުންގެ ބޮލުގައި ފިރުމާލިއެވެ. އަދި ބުނެލިއެވެ. "ނީނާ މިއަދު ހެނދުނު ފުރި ލާންޗަކުން ދިޔައީ މާލެ" ހެނދުނު ހެނދުނާ އަހަރެން ގާތަށް އައީ ނާހިދުގެ ބައެއް ސާމާނުތަކާއި އަދި ގޭގެ ތަޅުދަނޑި ހަވާލުކުރަން، އެއްވެސް މީހެއްގެ ގާތުގައި ދާން އުޅޭ ވާހަކަ ނުބުނާ ވާހަކަ ބުނި، ދެން ބުނީ ފާތުން ހާސްވެގެން އުޅޭނަމަ ފާތުން ގާތުގައި މާލެ ދިޔަ ވާހަކަ ބުނުމަށް، އިތުރަށް އެއްވެސް މައުލޫމާތެއް ނުދޭ! އަހަރެން އެހިން ކާކުގެ އެހީތެރިކަމުގައިތޯ މާލެ ދަނީ، އެހެން އެހުމުން ނީނާގެ މޫނުމަތި މޯޅިވެގެން ދިޔައީ، އަހަރެންގެ އަތުގައި ހިފާލާފައި އެއްވެސް އެއްޗެއް  ނުބުނެ ނުކުމެގެން ދިޔައީ!"
"މާލެއޭ" ބޭ އިޚްތިޔާރުގައި އާޒިމަށް ބުނެވުނެވެ. ޔޫނުސްގެ މަންމަ ބޯ ޖަހާލިއެވެ. އެވަގުތު އެތާގައި ތިބީ ފާތުންނާއި އިއްބެއާއި އާޒިމް އެކަންޏެވެ. މައިޝާ އާއި ޒާހިރުވީ އެމީހުން ތިބޭ ގެސްޓުހައުސްގައެވެ. ޔޫނުސް ހޯދަން އުޅޭނެ ކަމަށްބުނެ، ފާތުންގެ ބޮލުގައި ފިރުމާލާފައި ޔޫނުސްގެ މަންމަ އެތަނުން ނުކުމެގެން ދިޔައީއެވެ. ސިކުންތު ކޮޅަކަށް މުޅިތަން ހަމަ ހިމޭންވިއެވެ. ވިސްނުމެއްގެ ތެރޭގައި ކަނާއަތުން ދަތްދޮޅީގައި ހިފަހައްތާލައިގެން އިނދެފައި، އިރުކޮޅަކުން އިއްބެ ބުނެލިއެވެ " ކީއްވެ މާލެ ދާންވީ، ކާކާ އެކީގައިބާ ދާނީ!" ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލާފައި ރުޅިވެރި ގޮތަކަށޮ ފާތުން ބުނެލިއެވެ" ޒާހިރު،  އެވަނީ ޒާހިރުގެ ކަމަކަށް" ހައިރާންވެފައި އިއްބެ ފާތުންގެ މޫނަށް ބަލާލިއެވެ. އަދި އަހާލިއެވެ. " ކީއްވެ ޒާހިރު، ޒާހިރު އެހުރީ މި ރަށުގައެއްނު!" އާޒިމްވެސް އިއްބެގެ ވާހަކަ ގަބޫލުކުރާފަދަ ގޮތަކަށް ބަލާލިއެވެ. އެކަމަކު މުޅިއަކުން ޒާހިރަކަށްވެސް އާޒިމް އިތުބާރެއް ނުކުރާނެއެވެ. " ހިންގާ މާލެދާން، އަހަރެން ބޭނުން ނީނާ ހޯދަން، އެކަނި މާލެ ގޮސް ނީނާ އުޅޭނީ ކިހިނެއް! އަހަންނަށް ހީވަނީ ނީނާ  ކަމެއް ފޮރުވަން އުޅޭހެން!" ހާސްވެފައި އިނދެ އަވަސްއަވަހަށް ފާތުން ބުނެލީ އާދޭސް ކުރާ ރާގަކަށެވެ.
އިއްބެ ބަލާލީ އާޒިމްގެ މޫނަށެވެ. އެވަގުތު އާޒިމްވެސް އިއްބެއާއި ދިމާލަށް ބަލާލި ފާތުންގެ ބަހަށް އެއްބަސްވާފަދަ ގޮތަކަށެވެ. އާޒިމް ބޯ ޖަހާލައި މާލެ ދާން ތައްޔާރުވުމަށް ބުނެލިއެވެ. އަދި މާލެއިން ލާންޗު ފޮނުވަން އޭނާގެ އެސިސްޓެންޓަށް ގުޅިއެވެ. 

ފާތުން ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ. މާލެ ދިޔުމަށް ތައްޔާރުވުމަށެވެ. އަހަރެން މިދަނީ މަންމައަށް ހަބަރުދޭން. މިހެން ބުނެފައި އިއްބެވެސް އެތަނުން ތެދުވެގެން ދިޔައީއެވެ. ސޯފާގެ ތެރެއަށް ވެއްޓިގަނެފައި އާޒިމް ދެލޯ މަރާލިއެވެ. އަދި ހާސްކަމުގެ ފުންނޭވާއެއް ދޫކޮށްލިއެވެ. ރޭގައި ހިނގާދިޔަ  ކަންތައްތައް އާޒިމްގެ ހިތާއި ސިނކުޑި ކާންފެށި ކަހަލައެވެ. ޒާހިރުގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކާއި ނީނާ ކުރަމުންދިޔަ ހިތާމަ އާޒިމަށް އިހުސާސް ކުރެވެން ފެށިއެވެ. ނަމަވެސް އެފަދަ ބޮޑު ނިންމުމެއް ނިންމަން ނީނާއަށް މެދުވެރިވީ ކޮން ސަބަބެއް ބާވައެވެ. ޒާހިރު އަނެއްކާ ނީނާއަށް މަޖުބޫރު ކުރުވީ ބާވައެވެ. ނީނާ އޭނާއަށް ނުގުޅީ ނުވަތަ އޭނާގެ ގާތުގައި އެވާހަކަ ނުބުނީ އޭނާއަކީ މުހިންމު މީހެއްކަމުގައި ނުވާތީކަން އާޒިމްގެ ހިތައް އަރަމުން ދިޔައެވެ. ދީވާނާވެފައިވާ މީހަކު ފަދައިން ވިސްނަމުން ދިޔައީ ނީނާއާއި ދޭތެރޭގައެވެ. ލޯމަރާލިޔަސް ފެންނަނީ ނީނާގެ މާޔޫސްވެފައިވާ މޫނެވެ. ހިޔާލުތަކުގެ ތެރެއަށް ފީނަމުން ދިޔަ އާޒިމް ސިއްސައިގެން ދިޔައީ ފޯނު ރިންގުވާ އަޑަށެވެ. " ހަލޯ ބޮސް ހަވީރު ލާންޗު ފޮނުވާލައިފިން، ހަވީރު ފުރަން ރެޑީވޭ" އާޒިމްގެ އެސިސްޓެންޓު ސާލިހު މިހެން ބުނެފައި ފޯނު ކަނޑާލިއެވެ. ސާލިހު ފޯނު ކަނޑާލުމުން އާޒިމް ފޯނުނަގައި ނަމްބަރަކަށް ގުޅާލިއެވެ.

އެނދުމަތީގައި ވާހަކަ ފޮތެއް ކިޔަން އޮށޯވެލައިގެން އޮތް މައިޝާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ހަލޯއޭ ބުނެލުމާއެކު އާޒިމް ބުނެލިއެވެ " މައި، މާލެދާން މިއުޅެނީ، ރެޑީވޭ މާލެ ދާން." "ކީއްވެ ކުއްލިއަކަށް؟ ގޭގެ މީހަކަށް ކަމެއްވީތަ" ހާސްވެފައި މައިޝާ އަހާލިއެވެ. " ނޫން، މަންމަ މަތިން ހަނދާންވާތީ، މިކޮޅުގެ ހުރިހާ ކަމެއްވެސް ނިމުނީމަ އިއްބެއާއި ދެމީހުން ނިންމީ މާލެ ދާން! " ހަމަޖެހޭ ގޮތް ދައްކަމުން އާޒިމް ބުނެލިއެވެ. " އޯކޭ! އަހަރެން ޒާހިރު ގާތުގައި އެބަބުނަން" މައިޝާ މިހެން ބުނުމާއެކު އާޒިމް ދެފަރާތައް ބޯހުރާލީ ދަތްކުނޑިވިކާލާފައެވެ. އެނަން އަޑު އިވުނަސް އާޒިމް ފޫހިވެއެވެ. ރުޅި އާދެއެވެ. 

ލާންޗު މާލެއާ ކައިރިވަމުންދާވަރަކަށް ނީނާގެ ހިތް އަވަސްވާންފެށިއެވެ. ނުދަންނަ ބަޔެއްގެ ގާތަށް އެކަނިމާއެކަނި ގޮސް އުޅޭނެގޮތަކާއި ފިކުރު ބޮޑުވާންފެށިއެވެ. މާލޭގެ ބަނދަރަށް ލާންޗު ކައިރިކޮށްލުމާއެކު ތެދުވެ ލާންޗުން ފައިބައި މަޑުކޮށްލިއެވެ. ނީނާ ދަންނަ އެކަކުވެސް ބަނދަރުމަތީގައި އެވަގުތަކު ނެތެވެ. އިރކޮޅަކުން ނީނާގެ ފޯނު ރިންގުވާންފެށިއެވެ. ނީނާގެ އަތުގައި އޮތީ ނީނާ ކުރިން ގެންގުޅު ފޯނެއް ނޫނެވެ. އެއީ ޒާހިރު އޭނާއަށް ދިން އައު ފޯނެވެ. ނީނާ މާލެ ގެނައީ ޒާހިރު މަޖުބޫރު ކުރުވައިގެންނެވެ. ނީނާގެ އެކުވެރިންނާއި އާޒިމަށް ނީނާ ވީތަނެއް އެނގުނަ ނުދިނުމަށް ކުރިކަމެވެ. ޒާހިރުގެ އަނިޔާވެރިކަމާއި މަކަރުވެރިކަމުން ނީނާ ޤައިދުކޮށްފައިވަނީ  ވިހަގަދަ ހަރުފައެއް ފަދައިންނެވެ.  އެ ޤައިދުކަމުން މިންޖުވާނޭ ދުވަހެއް ނީނާގެ ހިތަކަށް ތަސައްވަރުވެސް ކޮށްނުލެވެއެވެ. ނީނާ ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. ވާހަކަ ދެއްކީ ޒާހިރެވެ. "ކަލޭ ބަލާ އިއިސް އޮންނާނެ ރަތް ކުލައިގެ ކާރެއް، އެކާރަށް ގޮސް އަރާ،" އެހެން ބުނެފައި ނީނާ އެއްޗެއް ބުނުމުގެ ކުރިއަށް ޒާހިރުފޯނު ކަނޑާލިއެވެ. އެވަގުތު ނީނާ ދެކޮޅު ހޯދާ ބަލާލިއެވެ. މާދުރުނޫން ހިސާބެއްގައި އޮތް ރަތްކުލައިގެ ކާރު ނީނާއަށް ފެނުނެވެ. ނީނާ އެދިމާލަށް ހިނގައިގަތެވެ. ކާރާ އަރާހަމަވުމުން ޑްރައިވަރުގެ އަތުގައި އޮތްފޯނުގައި އިން ނީނާގެ ފޮޓޯއަށް ބަލާލިއެވެ. އެއީ ނީނާކަން އެނގުމުން ދޮރު ހުޅުވާލާފައި ނުކުމެ ނީނާގެ ދަބަސް ޑިކީއަށް އެރުވިއެވެ. އަދި ނީނާގެ ގާތުގައި ކާރަށް އެރުމަށް ބުނެފައި ޑްރައިވަރު ގޮސް ކާރަށް އެރިއެވެ. އެ މީހާގެ އިސްތަށިގަނޑު ދިގުވެފައި ކަރުގައި ފަށެއް އޮތެވެ. ލައިގެންހުރ ގަމީސް ދޫކަމުން ހީވަނީ އިލޮށްޓަކަށް ފޮތިގަނޑެއް މަހާލައިގެން ހުރި ހެންނެވެ. ހިކި އަނަރޫފަވެފައިވާ ހަށިގަނޑުން ހީވަނީ މީގެން ޒަމާނަކުވެސް ކާއެތިކޮޅެއް ނުލިބޭ މީހެއްހެންނެވެ، ބަލާބެލުމަށް ހީވަނީ ވިހި ތިރީސް އަހަރުގެ ޒުވާނެއް ހެންނެވެ. މަގުތަކުގައި ކާރު ދުއްވަމުންދިޔައިރު ނީނާއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ނީނާގެ ހަޔާތުން މާލެއައި ފުރަތަމަ ފަހަރު ކަމުން ނީނާއަށް މާލެވި އާތަނަކަށެވެ.  ކާރު ގޮސް މަޑުކޮށްލީ ވަރަށް  ރީތިކޮށް ހަދާފައިހުރި އިމާރާތެއްގެ  ކުރިމައްޗަށެވެ. ފެންނަފެނުމަށް ހީވަނީ ހޮޓަލެއް ހެންނެވެ.

އާޒިމްމެންތިބީ ފުރަންގޮސް ބަނދަރުގައެވެ. އެދަތުރުގައި މައިޝާއާއި ޒާހިރުވެސް ބައިވެރިވެއެވެ. އަދި އިއްބެމެންގެ ކައިވެންޏަށް މާލެއިން އައި އިއްބެގެ މަންމަވެސް މާލެ ދެއެވެ. ފާތުންގެ މަންމައާއި ބައްޕަމެންވެސް ބަނދަރުގައި ތިއްބެވެ. އިރުއިރުކޮޅާ ޒާހިރުގެ ފޯނަށް ފޯނު އަންނާތީ މައިޝާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ޒާހިރު ފޯނު ކަންފަތުގައި ޖަހައިގެން ދުރަށް ޖެހިލާ ކޮންމެ ފަހަރަކު އާޒިމް އެދިމާލަށް ވަށްކަޅިން ބަލާލައެވެ. އާޒިމަށް ކޮންމެވެސް ކަމަކާ ޝައްކުވާކަން ޔަގީނެވެ. ނީނާ ފޮރުވީ ޒާހިރު ކަމުގައިވަނީ ނަމަ އޭނާ އެކަން ހޯދާނެއެވެ. ނަމަވެސް ނީނާ ކަންތައް ކުރި ގޮތްވެސް އާޒިމަކަށް ކަމަކު ނުދެއެވެ. އެންމެ ކުޑަ މިނުން މެސެޖަކުންވެސް ބުނެލިނަމަ ކޮންފަދަ ހެއްޔެވެ؟ އެކަމަކު ނީނާގެ ހަޔާތުގައިވާ ކަންކަން އާޒިމާއި ހިއްސާ ކުރަންވީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެއީވެސް ނީނާ އަމިއްލައަށް ކުރި ކަމެކެވެ. އާޒިމްގެ ހުށައެޅުން ގަބޫލުކުރިނަމަ މިއަދު މިހެން ނުވީހެވެ.؟އާޒިމްގެ ހިތް ސުވާލުތަކުން ފުނި ޖެހެނީއެވެ. ނަމަވެސް ޖަވާބެއް ނެތް ސުވާލުތަކެކެވެ. ނީނާ ފެންނާނެ ކަމުގެ އުއްމީދުގައި އާޒިމް ހިތްހަމަޖައްސާލިއެވެ. ޒާހިރު ފޯނު ބާއްވާފައި އައިސް މައިޝާގެ އަތުގައި ހިފާލިއެވެ. އިރުކޮޅަކުން ލާންޗަށް އަރަން އެންގުމާއެކު އެންމެންތައް އެދިމާލަށް މިސްރާބު ޖެހިއެވެ. އޭރު ގަޑިން ހަތަރެއް ޖަހަނީއެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު ނީނާ ހުރީ އެ ކޮޓަރީގެ ދޮރު މަތިގައެވެ. ދޮރު ހުޅުވާލަދިން ޒުވާނާ ނީނާ ގާތުގައި އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. ޖެހިލުންވެފައި ހުރެ އެޒުވާނާއާއި ދިމާލަށް ބަލާލީ ނޫނެކޭ ބުނާފަދަ ފެންކަޅިވެފައިވާ ނަޒަރަކުނެވެ. "ހާސްނުވޭ، މިތަނުގައި ހުންނާނީ އެކަނި، އަހަރެންނަކީ ޒާހިރުގެ މުއައްޒަފެއް، މިއޮތީ ފޯނު ، އެއްޗެއް ނުވަތަ ކަމެއް ބޭނުންނަމަ މީގަ އިން ނަމްބަރަށް ގުޅާލާ" މިހެން ބުނެފައި އެ ޒުވާނާ ނީނާއަތަށް އާދައިގެ މޯބައިލް ފޯނެއް ދިނެވެ. ތުރުތުރު އަޅާ އޮތް އަތާއެކީ ނީނާ އެ ފޯނުގައި ހިފިއެވެ. އަދި އެއް ވާހަކަ މި ތަނުން ނުކުންނަން މަސައްކަތް ނުކުރާތި، ހުރިހާ ވަގުތަކުންވެސް ކެއުން ލިބޭނެ.." މިހެން ބުނެފައި އެޒުވާނާ އެތަނުން ދިޔައެވެ.  ކޮޓަރީގެ ތެރެއަށް  ވަނުމާއެކު ކޮޓަރީގެ ބޮޑު ކަމާއި ރީތިކަން ފެނި ނީނާ ހައިރާންވިއެވެ. މުއްސަނދީން ދިރިއުޅޭ ބޮޑު ގަނޑުވަރެއްގެ ކޮޓަރިއަކާ އެކޮޓަރިއަކާއި ތަފާތެއް ނެތެވެ. ކޮޓަރީގައި ކަނުގައި ބަހައްޓާލާއިފައި ހުރ ހަތަރެސްކަން ބޮޑު އެނދުގައި އަޅާލެވިފައިވާ ހުދުކުލައިގެ ބެޑްޝީޓުން ހީވަނީ ޝާހީ އެނދެއް ހެންނެވެ. އަދި އަރިމަތީގައި ހުރި ބޮޑު ސޯފާއާއި. ސޯފާ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ހުރި  އޯކިޑުމާ ޖަހާފައި ހުރި ޓުކުރިވެސް ޒީނަތްތެރިކޮށްލެވިފައިވާލެއް ވަރަށް ފުރިހަމަ ކަމުން އެތަނުގެ ހައިބަތު ހާމަވިއެވެ.  އަދި ވާތު ފާރުގެ ތެރެއަށް ވައްދާލެވިފައިވާ ބޮޑު އަލަމާރި ފެނިފައި ނީނާ ހުރީ އާޝޯހުވެފައެވެ. އެވަގުތު އަލަމާރި ހުޅުވާލަން ނީނާ މަސައްކަތް ކޮށްލިއެވެ. އެފަދަ ތަނަކަށް ނީނާ އަށް އާދެވުނުމީ ފުރަތަމަ ކަމުން ކަންތައްތައް ދަސްކޮށްލަން  ކުޑަ ވަގުތު ކޮޅެއް ނެގެއެވެ. އަތުގައި އޮތް ދަބަސް ސޯފާ މޭޒުމަތީގައި ބާއްވާލާފައި ފާޚާނާއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ކޮޓަރިއެކޭ އެއްގޮތަށް ފާޚާނާވެސް އެހާ ފުރިހަމައެވެ. ފެންވަރާ ބޮޑު ޓަބާއި، ވަކަން މޫނު ދޮވެލުމަށް ހަދާލާފައި ހުރި މޫނު ދޮންނަ ތަށިވެސް ވަރަށް ފުރިހައަށްވަނީ ޑިޒައިންކޮށްލެވިފައެވެ. ނަމަވެސް މިހުރިހާ ރީތިކަމަކުންނާއި އަރާމުކަމަކުން ނީނާއަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ފާޚާނާއަށްވަދެ މޫނު ދޮވެލައިގެން ނުކުމެ އެނދުމަތީގެ އެއް އަރިއެއްގައި އޮށޯވެލީ ވެފައިވާ ވަރުބަލި ކަމެއްގެ ސަބަބުންނެވެ. 
މާލޭ ފަޅުތެރެއަށް ލާންޗު ވަދެގެން އައީ އިރުއޮއްސި ހައެއް ޖެހިފަހުންނެވެ. ރަސްމީ ފާލަމާއި ލާންޗު ކައިރި ކުރުމުގެ ކުރިއަށް އާޒިމް ކާރު ފޮނުވުމަށް ބުންޏެވެ. އެހެންކަމުން ބަނދަރުމަތީގައި މާގިނައިރުތަކެއް ވަންދެން އިންތިޒާރުކުރާކަށް ނުޖެހުނެވެ. ކާރަށް އަރައިގެން ގެއަށް ނައްޓާލިއެވެ. ނަމަވެސް ޒާހިރު މަޑުކުރީއެވެ. ތަނަކަށް ގޮސްފައި އަންނަމޭ ބުނެ އެހެން ކާރެއްގައި ޒާހިރު ދިޔައީއެވެ. ޒާހިރު ދިޔަ ދިޔުމާ، ރަށުގައި ހުރި ވަގުތު އޭނާގެ ފޯނަށް އައި ފޯނުތަކުން ކަމެއް ރަނގަޅު ނޫންކަން އާޒިމްގެ ދުރުވިސްނޭ ސިނކުޑި ރޭކާލިއެވެ. އެހެންކަމުން ވަކި ހިސާބަކަށް ކާރު ދުއްވާލިތަނާ ، ޑްރައިވަރު ގާތު ކާރު މަޑުކުރުމަށް އެދުނެވެ. އަދި އެހެންމީހުން ގެއަށް ދިޔުމަށްބުނެ ޒާހިރުގެ ފަހަތުން ޓެކްސިއެއްގައި އާޒިމް ދިޔައެވެ. މަގުތަކުގައި ދުއްވާ ތަކެތި ގިނަކަމުން އާޒިމް، ޒާހިރުގެ ފަހަތުން ދާކަން ޒާހިރަކަށް ރޭކާނުލައެވެ. ޔަގީނުންވެސް ނީނާވީތަނެއް ޒާހިރުއަށް އެނގޭނެއެވެ. އާޒިމްގެ ހިތައް އަރަމުންދިޔައެވެ.  ބޮޑުތަކުރުފާނު މަގުންލާފައި ގޮސް ހަނި ގޯޅިއެއްގެ ތެރެއިން ޒާހިރު ކާރު ދުއްވާލިއެވެ. މާދުރުނޫން ހިސާބެއްގައި އާޒިމް އަރައިގެން އިން ޓެކްސީ އޮތެވެ. ކާރު މަޑުކޮށްލާފައި ޒާހިރު ކާރުން ފޭބިތަން އާޒިމަށް ފެނުނެވެ. އަދި އެތާ ކުރިމަތީގައި ހުރި ހޮޓަލަށް ޒާހިރު ވަދެގެންދިޔަތަން އާޒިމަށް ފެނުނެވެ. އެއީ ރޯސް ގްރޭންޑް ކިޔާ ހޮޓަލެވެ. އެއީ ޒާހިރުގެ އަމިއްލަ ހޮޓަލެވެ. އާޒިމްވެސް ކާރުން ފައިބައިގެން ހޮޓަލުގެ ދޮރާށިއާއި ހަމަޔަށް ދިޔައެވެ. އެވަގުތު ޒާހިރުގޮސް ލިފްޓަށް އެރީއެވެ. ފަހަތުން އާޒިމްވެސް ގޮސް ލިފްޓަށް އަރާ ހުރިހާ ފޮލޯއެއްގެ ބަޓންއަށް ފިއްތާލިއެވެ. ފަހަރަކު ބަޔެއް ބަލަމުން ބަލަމުން ގޮސް ޒާހިރު ވަދެގެން ދިޔަ ކޮޓަރިއާއި ދިމާލަށް، އާޒިމްވެސް ދާން ފެށިއެވެ. އެވަގުތު ޒާހިރު ފަހަތައް އެނބުރެލިއެވެ. ނަމަވެސް އޭގެ ކުރިން އާޒިމްގޮސް އެތަނުގެ ތަނބެއްގެ ނިވަލުގައި މަޑުކޮށްލިއެވެ. ޒާހިރު ގޮސް ކާޑު ޖަހާލާފައި ކަޓަރިއަށް ވަނެވެ. އެ ކޮޓަރީގެ ދޮރު އެއްކޮށް ލެއްޕުމުގެ ކުރިން ހުށިޔާރުކަމާއެކު އާޒިމް އެތެރެއަށް ބޯދިއްކޮށްލިއެވެ. އެވަގުތު ފެނުނު މަންޒަރުން ހައިރާންވެ އާޒިމްގެ ދެލޯ ބޮޑުވިއެވެ.


ނުނިމޭ

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ