މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 22

ފާޚާނާއިން ނުކުތް ނީނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނެއްކާވެސް އާޒިމް އެއައީ ކީއްކުރަންބާއޭ ހިތައް އެރިއެވެ. އާޒިމްގެ ސިކުނޑީގައި މިއަދު އޭނާގެ މަންމަ ބުނި ޖުމުލަ ގުގުމަންފެށިއެވެ. "މައިޝާ މަންމައަކަށްވަނީ" މައިޝާގެ ދިރިއުޅުން ނީނާގެ ސަބަބުން ހަލާކުވާކަށް އާޒިމް ފުރުސަތެއް ނުދޭނެއެވެ. ޒާހިރުގެ ހަޤީގަތް މައިޝާއަށް ނޭންގުނަސް، މައިޝާ ޒާހިރުދެކެ ލޯބިވާވަރު އާޒިމަށް އިހުސާސް ކުރެވެއެވެ. މާގިނައިން އާޒިމް އެކޮޓަރިއަށް އައުން ރަނގަޅު ނުވާނެކަން ނީނާއަށް ވިސްނުމުން، އަވަހަށް އާޒިމް ގާތަށް ގޮސް އެތަނުން ދިޔުމަށް އެދުނެވެ. އާޒިމް ނީނާއަށް ދައްކާލީ އާޒިމްގެ އަތުގައި އޮތް ކައިވެނި ފޯމެވެ. "މިއީ ކޯންޗެއް؟ މިއީތަ ނީނާ ބޭނުންވާ އެއްޗަކީ؟ ފައިސާ، ފައިސާ ދޯ.." ހީލާފައި މަލާމާތްކޮށްލާ ގޮތަކަށް އާޒިމް ބުނެލިއެވެ. އާޒިމްގެ މި ޖުމްލައިން ނިނާގެ ހަށިގަނޑަށް މީހަކު ވިހައިގެ ތޫނު ކަނޑިއަކުން ހަމަލާދިން ކަހަލައެވެ. މަޑުމަޑުން ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އެއްޗެއް ނުބުނެ އެހުރިގޮތައް ހުއްޓިގެން ހުރީ އާޒިމްގެ މޫނަށް ބަލަހައްޓައިގެންނެވެ. " އަހަރެންވެސް ނީނާ ބޭނުންވާ ވަރަށް ފައިސާ ދިނީމުސް، އަހަރެން ބޭނުންވީ ނީނާ ޒާހިރުގެ ކިބައިން ސަލާމަތްކުރަން، އެކަމަކު ނީނާ ބޭނުމެއް ނުވޭ އެހެން މީހެއްގެ އެހީތެރިކަމެއް، އެ ނުލަފާ ޒާހިރާއި ކައިވެނިކުރަން ނީނާ ބޭނުންވީ މިސަބަބާހުރެކަން އެނގިއްޖެ! ތިއީ ފައިސާއަށް ދަހިވެތިވެފައިވާ މީހެއްކަމެއް ކުރިއަކުން މަށަކަށް ނޭނގުނު.. " މިނާ ފަށަކުން އެއްބޮޅު ކަނޑާލީމާ ހުރިހާ ބޮޅުތަކެއް ފައިބައިންގެން ދާ އުސޫލުން އާޒިމްގެ ހިތުގައިވާ ހުރިހާ އެއްޗެއް ބޭރުކުރަމުން ދިޔައެވެ. އާޒިމްގެ އެ ބަސްތަކުން ނީނާއަށް ކުރަމުންދިޔަ އަސަރު އާޒިމަކަށް ވިސްނައެއް ނުލެވެއެވެ. ނީނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހޯސްލާފައި ފައިބާން ފަށައިފިއެވެ. " ތި ރޮނީ ކީއްވެ؟ ތި ހީކުރީ ތިއީ ވަރަށް މަޢުޞޫމު މީހެއްކަމަށްތަ؟ "އަނެއްކާވެސް އާޒިމް ވާހަކަދައްކަން ފެށިއެވެ. " ތިޔަ ރީތި މޫނާއި މައުސޫމު މޫނުގެ ފުރަގަހުގައި ފޮރުވިފައިވަނީ ފައިސާއަށް ދަހުވެތިވެފައިވާ މީހެއްކަން އަހަންނަކަށް ނޭނގުނު؟" އަނެއްކާވެސް ނީނާ ދެލޯ ބޮޑުކޮށްލާފައި އާޒިމާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ނީނާގެ ހަމަހިމޭންކަންމަތީ އެއްޗެއް ނުބުނެ އަދިވެސް ހުރީއެވެ. " އާޒިމްގެ ރުޅިވެރި، އޯގާތެރިކަމެއްނެތް ޖުމްލަތަކުން ނީނާގެ ހިތް މީހަކު ކޮށާ ކުދިކުދި ކުރާކަހަލައެވެ. " އެކަމަކު ބުނަން، އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ނީނާ ހަލާކު ކުރިޔަކަ އަހަރެން ނުދޭނަން،" އާޒިމްގެ މޫނު ނީނާގެ މޫނާއި ކައިރިކޮށްލާފައި ޝަހާދަތް އިނގިލި ނީނާގެ މޫނުގައި ޖައްސާލާފައި ދަތްކުޑިވިކާލާފައި އާޒިމް ބުނެލިއެވެ. އަދި އެރުޅިވެރިކަންމަތި ކޮޓަރީން ނުކުމެގެން އާޒިމް ދިޔައީއެވެ.

ކޮޓަރީން ނުކުމެ އާޒިމް ފޯނު ނަގައި މީހަކަށް ގުޅައިލިއެވެ. އަދި ކަމެއް ހަމަޖައްސާ ކަހަލަ ގޮތަކަށް ވާހަކަ ދައްކިއެވެ. ނީނާގެ ހަށިގަނޑު މީހަކު ފޮތިފޮތި ކުރާކަހަލަ އެވެ. އާޒިމްގެ ބަސްތަކުން ނީނާގެ ހިތް ނުހުއްޓި ހުރީ ކިރިޔާއެވެ. އެފަދަ ތުހުމަތެއް އެޅުވުމުގެ ކުރިން އެންމެ ފުރަތަމަވެސް ސުވާލުކޮށްލިނަމަ ކޮންފަދަ ހެއްޔެވެ؟ ނީނާގެ ހިތާއިހިތުން ޝަކުވާކުރަމުންދިޔައެވެ. އާޒިމް ހޮޓަލުން ނުކުމެގެން ދިޔައީ އޮފީހަށެވެ. ދިޔަ ބާރުމިނުގައި އާޒިމްގޮސް އޮފީސްތެރެއަށް ވަދެގެން ދިޔައިރު އޭނާގެ މުވައްޒަފުން ސަލާމްގޮވާލާ އަޑުވެސް އާޒިމަކަށް ނީވުނެވެ. އާޒިމްގެ ކެބިންއަށް ބާރުމިނުގައި ވެދެގެންދިޔަތަން އާޒިމްގެ އެސިސްޓެންޓު އަދި ގާތް އެކުވެރިޔެއް ކަމުގައިވާ މީރާއަށްފެނިފައި ހައިރާންވިއެވެ. ސަބަބަކީ މިއަދު އާޒިމް އޮފީހަށް ސަލާމް ބުނެފައިވެސް އޮފީހަށް އައީމައެވެ. މީރާގޮސް އާޒިމްގެ ކެބިންނަށް ވަނެވެ.                                                                                                                                                              

"އާޒިމް، ކިހިނެއް؟ ރަނގަޅުތަ؟" އާޒިމްގެ މޭޒާއި ކައިރިއަށް ހިނގައިގަންނަމުން މީރާ ސުވާލުކޮށްލިއެވެ. އިސްދަށަށް ޖަހައިގެން އިން އާޒިމްގެ ސިކުނޑީގައި އެނބުރެމުންދަނީ ނީނާގެ ހިޔާލުތަކެވެ. އޭނާއަށް ނީނާއާއި ދިމާލަށް ކިޔުނު އެއްޗެހިތެކެވެ. ނުރުހުމުގެ ބަސްތަކެވެ. އާޒިމަށް ރުޅި އާދެވުނު މިންވަރެވެ. ނަމަވެސް މައިޝާގެ ދިރިއުޅުން ހަލާކުވިޔަކަވެސް އާޒިމެއް ނުދޭނެއެވެ. މުއްކަވާލާފައި މޭޒުމަތީގައި ބާރަކަށް ޖަހާން ނެގި އަތް  މީރާގޮސް ހިފެހެއްޓިއެވެ.  " އާޒިމް" މީރާ ހަރުއަޑުން އާޒިމަށް ގޮވާލިއެވެ. " އަދި މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. " އާޒިމް އޯކޭ ތަ؟" އާޒިމްގެ ފަރާތުން ތަފާތު މިޒާޖެއް ފެނުމުން މީރާ ހުރީ ހައިރާންވެފައެވެ. އޯކޭ އޭ ބުނުމުގެ ގޮތުން އާޒިމް ބޯ ޖަހާލިއެވެ. އާޒިމްގެ ކޮނޑުމަތީގައި އަތް ޖަހާލާފައި ދާން ހިނގައިގަތް ވަގުތު އާޒިމް މީރާއަށް ގޮވާލާފައި މަޑުކުރުމަށް ބުންޏެވެ. ހީލާފައި މީރާއައިސް އިށީއިނުމުން އާޒިމް ވާހަކަ ދައްކަން ފެށިއެވެ. " އަހަރެން ބޭނުން އިއްބެމެންނަށް ކައިވެނި ޕާރޓީއެއް މިކޮޅުގައިދޭން، ހުރިހާކަމެއް ތައްޔާރުކޮށް، ހަމަޖައްސައިދީ! މިރެއަށް ތައްޔާރު ވެވޭ ވަރު ކުރަންވާނެ!" ވިސްނާލަން އިނދެފައި މީރާ ބޯ ޖަހާލީ އޭނާއަށް ހުރިހާ ކަމެއް ތައްޔާރުކުރެވޭނެ ކަމުގައި ބުނެފައެވެ. " ޕާރޓީ އަހަރެމެންގޭގައި އޮންނަ ގޮތައް ހަމަޖައްސާނީ، އިނގޭ؟ އޯކޭތަ؟ ވެރިޔަކު ސާހިބަކަށް ކަމެއް ހަވާލުކޮށްލާ ފަދައިން އާޒިމް މީރާއާއި ބޮޑު މަސައްކަތެއް ހަވާލުކޮށްލިއެވެ. މީރާ އަވަހަށް ތެދުވެގެން މަސައްކަތްތައް ރެޑީ ކުރުމަށް ދިޔައެވެ. މީރާ ދިޔުމުން އާޒިމް ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ. " ކޮބާ ހުރިހާ ކަމެއް ރެޑީތަ؟" އެކޮޅުން ވާހަކަ ދެއްކި މީހާކު ގާތު އާޒިމް އަހައިލިއެވެ. ފޯނު ބާއްވާފައި އާޒިމް އޮފީހުގެ މަސައްކަތައިގެން އުޅެންފެށިއެވެ. 

މާފަންނު ޠައިބާ ގޭގެ ތެރެއިން ފެންނަމުން ދަނީ ހަމަ ހިމޭންކަމެވެ. ގޯތި ތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބޮޑު ސިޓިންރޫމުގެ ސޯފާގައި ހަރިރާ އާއި ޒައިނަބު އިށީއިނދެލައިގެން ތިބީ އޮލަ ވާހަކައެއްގައެވެ. އެމީހުންގެ ފިރިން މިދުވަސްކޮޅު މާލާގައި ނެތެވެ. އިރުކޮޅަކުން ގޭގެ މައި ފޯނު ރިންގުވާން ފެށިއެވެ. މަސައްކަތްކުރަން އުޅޭ ޖާވިދު އައިސް ފޯނު ނެގިއެވެ.  ހަރީރާ އާއި ޒައިނަބު ތިބީ ގުޅީ ކާކުތޯ ބަލަން ކެތްމަދުވެފައެވެ. " މީރާ މެޑަމް ގުޅީ، މިރޭ މިގޭގައި ޕާރޓީއެއް ބާއްވަނީއޯ، ގެ ތައްޔާރުކުރަން މީހުން އަންނާނެޔޯ އިރުކޮޅަކުން ،، އާޒިމްބެގެ ފަރާތުން ބާއްވާ ޕާރޓީ އެކޯ" ވަރަށް އަދަބުވެރިކަމާއެކު ޖާވިދު ބުނެލިއެވެ. އެވަގުތު ފާތުން ސިޑިން ފައިބައިގެން އަންނަތަން ފެނުމުން ޒައިނަބު ފާތުންއަށް ގޮވައިލިއެވެ. ފާތުން އައިސް ޒައިނަބު ގާތުގައި މިރޭ ޕާރޓީއެއް އޮންނަ ވާހަކަ ބުންޏެވެ. އަދި ޕާޓީއަށް ތައްޔާރުވުމަށް ރީތި ހެދުމަކާ އެއްޗެހި ހޯދާ ވާހަކަ ދައްކަން ފެށިއެވެ. " ދެން މިޖެހުނީ ފާތުންގޮވައިގެން ފިހާރަތަކަށް ދާކަށްނުން، އަދި ފާތުން ލާން ރީތި ހެދުންކޮޅެއްވެސް އެބަޖެހޭ ގަންނަން" އޯގާތެރިކަމާއެކު ހަރީރާ ބުނެލިއެވެ. ހަރީރާއާއި ޒައިނަބުގެ ގުޅުން ވަރަށް ވަރުގަދައެވެ. ދެމީހުންނަކީ ވެސް އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ރީތި މިޒާޖު ގައިގައި އެކުލެވިފައިވާ ދެމީހުންނެވެ. ކުޑަކޮށް ގޮތެއް ހުންނާނީ މައިޝާގެ މަންމަ ގައިގައެވެ. މައިޝާގެ މަންމަ ރަޤީބާއަކީ މުއްސަދިކަމަށް ލޯބިކުރުމާއި ޒާތްކޮޅު ބޮޑުމީހެކެވެ. މިދުވަސްކޮޅު ރަޤީބާ ވަނީ ފިރިމީހާއާއި އެކީ ރިސޯޓުގައެވެ.  ބާރު ސްޕީޑެއްގައި އާޒިމް ގޭތެރެއިން ހިނގާފައި އައިސް ސިޑިން މައްޗައް އަރައިގެން ދިޔައީ ސޯފާގައި ތިބި މީހުންނަށް ބަލާވެސް ނުލައެވެ. ސޯފާގައި ހީ ހީފައި ވާހަކަ ދައްކަން އިން ހަރީރާއަށް އާޒިމް ކޮޓަރިއާއި ދިމާލަށް ދިޔަތަން ފެނުނެވެ. 

ބެލްކަނީ ދޮރުގައި ލެނގިލައިގެން ހުރި ނީނާގެ ސިކުނޑީގައި އެނބުރެމުންދާ ބާރުގަދަ ތޫންފާން ގުޅިފައިވަނީ ދާދި ދެންމެއަކު ހިނގާދިޔަ ހާދިސާއާއެވެ. 

މަޑުމަޑުން އައިސް ސޯފާގައި އިށީއިނދެލައިގެން  ނީނާ އިނީ ކައިވެނި ފޯމު އަތައް ނަގައިގެން އެއަށް ބަލާށެވެ. އަދި ޒާހިރުގެ ނުލަފާ ކަމާމެދު ރުޅިގަދަވެފައެވެ. ތެދުވެގެން ގޮސް އެނދުމަތީގައި އޮތް ފޯނު ނަގައި ޒާހިރުއަށް ގުޅައިލިތަނާހެން، މީހަކު ދޮރުގެ ތަޅުގައި ހިފިއަޑު އިވުނެވެ. ފަހަތް އެނބުރި ބަލައިލިއިރު ކުރިމަތީގައި އާޒިމް ހުރިތަން ފެނުނެވެ. އަނެއްކާވެސް އާޒިމް މިއައީ ކީއްކުރަން ބާވައެވެ.  " އާޒިމް ކީއްކުރަން އިރުއިރުކޮޅާ ތި އަންނަނީ؟، ޒާހިރު ކޮންމެ ފަދަ ވަގުތަކުވެސް އަތުވެދާނެ" ..މަޑުމައިތިރި ކަމާއެކު ހާސްވެފައިހުރެ ނީނާ ބުނެލިއެވެ. އެތެރެއަށްވަދެ އާޒިމް ދޮރު ތަޅުލިއެވެ. މިކަންވީ ނީނާގެ ހިތް އިތުރަށް ނުތަނަވަސްކުރުވި ކަމަކަށެވެ. އާޒިމް އައިސް ނީނާއަށް ދިއްކޮށްލީ ކައިވެނީ ފޯމެކެވެ. " އަން މި ފުރާ" ރުންކުރު ގޮތަކަށް އާޒިމް ބުނެލިއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރި ނީނާއަށް ކައިވެނީގެ އައު ފޯމެއް ފެނުމާއެކު ހީވީ އޭނާގެ ހިތައް މީހަކު ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. " އަން އަން، މި ހިފާބަލަ، އަހަރެން އަންނާނަން ހަވީރު ގާޒީއާއި ހެކިވެރިން ގޮވައިގެން،" ރުޅިވެރިކަމާއި ނަފްރަތާއެކު އާޒިމް ބުނެލިއެވެ. ނީނާ އަދިވެސް ހުރި ގޮތައް ހުރީއެވެ.  އިރުގަނޑެއް ވަންދެން ނީނާގެ ފަރާތުން ޖަވާބެއް ނުލިބި ހުއްޓެވެ. އާޒިމްގެ ކެތްތެރިކަން ކޮޅުންލަނީއެވެ. ބުދެއްހެން ނީނާ ހުރީއެވެ. " ނީނާ" ތުންފިއްތާލާފައި އާޒިމް ގޮވާލިއެވެ. "އާއެކޭ ނުވަތަ ނޫނެކޭ، ޖަވާބުދީބަލަ" އާޒިމް ނީނާއާއި ކައިރިވެލަމުން ރުޅިވެރިކަމާއެކު އަހާލިއެވެ. "ނޫން ނޫން، ނުވާނެ ތިކަމެއް، އަހަރެން އާޒިމަކާއި ނީންނާނަން، ނޫން،" ނީނާވެސް އަޑަށް ބާރުލާފައި ބުނެލިއެވެ. "ކީއްވެ!، ކީއްވެހޭ" ނީނާގެ މޫނާއި މޫނު ކައިރިކޮށްލާފައި އާޒިމް ހަޅޭލަވައިގަތެވެ. އެވަގުތު ނީނާ ދިޔައީ ސިއްސައިގެންވެސް ދިޔައެވެ. "ނީނާ ޖެހޭނީ މަށާ ކައިވެނިކުރަން، އަހަރެން ނީނާއާއި ގަދަކަމުންވެސް ކައިވެނި ކުރާނަން، ހަނދާންކުރާތި، މިކައިވެންޏާއި ދެކޮޅުހަދައިފިނަމަ އަހަރެންގެ ނުލަފާކަން ނީނާއަށް ދައްކާލާނަން" އާޒިމްގެ ރުޅިގަނޑު އިތުރަށް ގަދަވެގެން ދިޔައެވެ. އެވަގުތު  މޭޒުމަތީގައި އޮތް ނީނާގެ ވޮލެޓު ފެނުނެވެ. ބަލާކަށް ނުހުރެ ގޮސް ވޮލެޓު ނަގައި ހުޅުވައިލިއެވެ. ނީނާގެ އައިޑީ ކާޑާއި ވޮލެޓުގައި އޮތް ފޮޓޯ ހިފައިގެން ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ނީނާއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. އޭނާ އާޒިމާއި ކައިވެނި ކޮށްފިނަމަ ޒާހިރު އޭނާއަށް ކޮށްލާނެ ވަރު އިޙުސާސްވާން ފެށިއެވެ. އެވަގުތު ނީނާގެ ނޭވާ ހާސްވާން ފެށިއެވެ. ބޮލަށް އެނބުރުން އަރާގޮތްވާން ފެށުމުން މަޑުމަޑުން އެނދުމަތީގައި އިށީއިނދެލިއެވެ.

 އާޒިމް ދެންމެ ކޮޓަރިއަށް އައިސް އޭނާއަށް ހުށަހެޅިކަންތަކަކީ ދިރިހުއްޓާ މީހަކު އޭނާ ވަޅުލުންހާ، ކުރަން އުނދަގޫ ކަމެކެވެ. އާއެކެވެ. އަންހެން ކުއްޖެއްގެ ހަޔާތުގައި އަންނާނޭ އެންމެ އުފާވެރި ދުވަހަކީ އޭނާ ކައިވެނި ކުރާނޭ ދުވަހެވެ. އެއީ ހިތްއެދޭ ބައިވެރިންނަމަ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުންހާ އުފާވެރި ކަމެކެވެ. ނަމަވެސް ނުރުހުމުގައި ކޮށްފިނަމަ މުޅި ދިރިއުޅުން ނަރަކައަކަށް ހަދައިލާ ވަރުކަމެކެވެ. އޭނާގެ ހިތުގައި އާޒިމަށްޓަކާ ލޯބި އޮތްކަމުގައި ވިޔަސް، އާޒިމްގެ ހިތުގައިވާ ނަފްރަތު ނީނާއަށް އިހުސާސްކުރެވުނެވެ. އެފަދަ މީހަކާ ކައިވެނިކޮށްގެން ނީނާ ތަހައްމަލު ކުރަންޖެހޭ ވޭން ނީނާއަށް އިޙުސާސްކުރެވެއެވެ. އޭނާގެ ޒަމީރު އެކަމާ ދެކޮޅު ހެދިކަމުގައި ވިޔަސް، އެކަމާ ދެކޮޅު ހެދޭނެ އެއްވެސް ޖާގައެއް އާޒިމް ނުދިނޭކަން ނީނާއަށް އެނގެއެވެ. އާޒިމަކީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ ރަށުގައި އުޅުނުއިރު އާޒިމްގެ އޯގާތެރިކަން ފެނިފައި އާޒިމްދެކެ ނީނާއަށް ލޯބިވެވުނީއެވެ. ނަމަވެސް މިހާރު ނީނާއަށް ފެންނަނީ ތަފާތު އާޒިމެކެވެ. ކުއްލިއަކަށް އާޒިމް ބަދަލުވާން ޖެހުނު ސަބަބެއް ނީނާއަކަސް ނުވިސްނެއެވެ.  އެއީ ހަމަ އާޒިމްބާވައެވެ. ނޫނީ  ކޮންމެ ދުވަހަކު އޭނާގެ ކޮޓަރިއަށް އެ އައިސް ވަންނަނީ އާޒިމްގެ ސިފައިގައި ހުރި އެހެން މީހެއް ބާވައެވެ.

މާފަންނު ޠައިބާ ގޭތެރެ ހީވަނީ ކައިވެނި ޕާރޓީއަކަށް ޒީނަތްތެރި ކޮށްލެވިފައިވާހެންނެވެ. ފިޔާތޮށިކުލައާއި ދަނބުކުލައިގެ ރީތިމާތެކެވެ. ހުދުކުލައިގެ ރީތި ބޮކިފަތިތަކާއި، ސާފު ހުދުކުލައިގެ ޗާންދަލިއާ ތަކެވެ. އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގޭތެރެ ޒީނަތްތެރިކޮށްލިލެއް ފުރިހަމަކަމުން އާޒިމް މީރާއަށް ތަޢުރީފުކޮށްލިއެވެ. ސިޑިން އަރައިގެން އާޒިމްގެ ކޮޓަރިއާއި ދިމާލަށް މީރާއާއި އާޒިމް ދިޔައެވެ. ހަރީރާއާއި ޒައިނަބާ އުޅުނީ ބަދިގެ ތެރޭގައި އަވަދިނެތިއެވެ. ޕާޓީއަށް އަންނަ މެހެމާނުންނަށް ކެއުން ތައްޔާރުކުރުމުގައި މަސައްކަތުގައި އުޅޭ ނޯކަރުންނަށް އެހީތެރިވުމުގައެވެ. ކައިރީގައި ފާތުންވެސް އުޅުނެވެ. އާޒިމް ގޮސް ކޮޓަރިއަށް ވަނެވެ. ފަހަތުން މީރާވެސް ވަނެވެ. އެނދުމަތީގައި ތައްޔާރުކޮށްލެވިފައި އާޒިމްގެ ގަމީހާއި ސޫޓު އޮތެވެ. އެއީ އެނާގެ މަންމަގެ ކަމެއްކަން އެނގުނެވެ. އާޒިމްގެ އަންނައުނުގެ ރީތިކަމާއި ސާދާކަމުން އެއަށް ތަޢުރީފުކޮށްލާފައި، މައިޝާ ކޮބައިތޯ މީރާ ސުވާލުކޮށްލިއެވެ. " މައި ކޮޓަރީގައި، ކުޑކޮށް ބަލިކޮށް އުޅޭތީ، ޕާޓީއަށްވާއިރަށް އަރާމުކޮށްލަނީ" އާދައިގެ ގޮތަކަށް އާޒިމް ބުނެލިއެވެ. " ތިހެން ވިއްޔާ އަހަރެންވެސް މިދަނީ މައި އަށް ގޮވާލާފައި، ޕާޓީއަށް ތައްޔާރުވާން،، އަހަރެން ފެނިފަ ފަހަރެއްގައި އާޒިމް މިރޭ އަނބުރައިވެސް ގަނެފާނެ" ހެމުންހެމުން މީރާ ކޮޓަރީން ނުކުމެގެން ދިޔައީއެވެ. މައިޝާގެ އެ ޖުމްލައިން އާޒިމް ގާތަށްވެސް ކުޑަކޮށް ހިނިއައެވެ. އެއީ އާޒިމް މިއަދު ހީލި ފުރަތަމަ ފަހަރެވެ. ހަމަ އެ ސިކުންތުގައި އާޒިމްގެ ފޯނަށް މެސެޖެއް އައެވެ. މެސެޖުގައި ވަނީ" ރެޑީ" މި އިބާރާތެވެ. އެބުނި އެއްޗެއް އާޒިމަށް ވަގުތުން ވިސްނުނެވެ. އަވަސް އަވަހަށްގޮސް ފާޚާނާއަށް ވަނީ ތައްޔާރުވުމުގެ ގޮތުންނެވެ. 

އެނދުމަތީގައި އޮށޯވެލައިގެން އޮތް ނީނާގެ ހިތް ބާރުބާރަށް ތެޅެނީއެވެ. ގަޑީން ހަވީރު ހަތަރުގަޑި ބައިވަނީއެވެ. ކޮންމެ ފަދަ ވަގުތެއްގައިވެސް އާޒިމް އެތަނަށް އަތުވެދާނެއެވެ. އިރުކޮޅަކު އިށީއިނދެލައެވެ. އެނދުން ތެދުވެއެވެ. ހިތް ނުތަނަސްކަން ސަތޭކައަށް އަރައިގެންދާ ކަހަލައެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. އަނެއްކާވެސް އެނދުމަތީގައި އިށީއިނދެލިއެވެ. އެވަގުތު ދޮރު ހުޅުވާލާފައި މީހަކު އައި އަޑަށް ސިއްސައިގެންގޮސް އެނދުން ތެދުވިއެވެ. އެއީ ޒާހިރެވެ. ޒާހިރު ފެނުމުން ނީނާގެ ދެލޯ ބޮޑުވިއެވެ. ޒާހިރު ހުއްޓާ އާޒިމް އައިސްފިއްޔާ ވާނީ ކިހިނެއްބާއެވެ. " ކައިފިންތަ އެއްޗެއް؟" އާދައިގެ ގޮތަކަށް ޒާހިރު ސުވާލުކޮށްލިއެވެ. " ކައިވެނި ފަސްކޮށްލަން ޖެހޭ އެބަ،މިއަންނަ ހަފްތާއަށް، މައިޝާ އުޅެނީ ކުޑަކޮށް ބަލިކޮށް" ފުރަތަމަ ފަހަރަށް ޒާހިރު މިހެން ވާހަކަ ދެއްކުމުން ނީނާ ހައިރާން ވިއެވެ. ޒާހިރުގެ ހަށިގަނޑު ތެރޭގައިވާ ޝައިޠާނު ކޮބައިބާވައެވެ. ނީނާ ވިސްނާލިއެވެ. އިރުކޮޅަކުން އަނެއްކާވެސް ޒާހިރު ވާހަކަދައްކަން ފެށިއެވެ. " އަހަރެން މިދަނީ، މާދަމާ އަންނާނަން. ނީނާ އެއްޗެއް ބޭނުންވަންޔާ ގުޅާލާ.." ހަރު ގޮތަކަށް މިހެން ބުނުމަށްފަހު ޒާހިރު ކޮޓަރީން ނުކުމެގެން ހިނގައްޖެއެވެ. ޒާހިރަކަށްވެސް އިތުރު ގޮތެއް ނެތެވެ. މައިޝާ އެހާ ބަލިކޮށް އުޅޭއިރު މައިޝާ ދޫކޮށްލާފައި އަންނަން ޒާހިރަކަށް ނުކެރުނެވެ. ސަބަބަކީ މައިޝާ ޝަކުވާ ކުރާނެތީއެވެ. ޒާހިރު ދިޔުމުން ނީނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ހާސްވެފައި އަނެއްކާވެސް ގަޑިއަށް ބަލައިލިއެވެ. އަދިވެސް އާޒިމް ނާދެއެވެ. ހިނގަމުންދާ ކޮންމެ ސިކުންތެއްވެސް ނީނާދަނީ ގުނަމުންނެވެ. އިރުކޮޅަކުން ދޮރުގައި މީހަކު ޓަކިދިން އަޑު އިވުނެވެ. ޔަގީނުންވެސް އެއައީ އާޒިމެވެ. ނީނާ އަމިއްލަ ނަފްސަށް ބުނެލިއެވެ. މަޑުމަޑުން ގޮސް ދޮރު ހުޅުވައިލިއިރު ހުދު ކުލައިގެ ގަމީހެއް ލައިގެން ތިބި ދެ ފިރިހެންނުން ތިއްބެވެ.  އެއީ ކޮންބައެއް ކަމެއް ނީނާއަކަށް ނޭނގެއެވެ. އެތެރެއަށް ވަނުމުގެ ހުއްދައަށް އެމީހުން އެދުނެވެ. އެމީހުންގެ އަތުގައި ހުދު ކުލައިގެ ގަނޑުތަކެއްވެސް ހުއްޓެވެ. އެތެރެއަށް ވަންނަން ހުއްދަ ދިނުމަށްފަހު ދޮރު ގާތްކޮށްލިވަގުތު އާޒިމް އައިސް ދޮރުގައި ހިފިއެވެ. އެވަގުތު ނީނާ ދިޔައީ ސިއްސައިގެންނެވެ. އާޒިމާއެކީ އިތުރު އެހެން ފިރިހެނަކުވެސް ހުއްޓެވެ. އެމީހާ ހުރީ ކަޅުކުލައިގެ ގަމީހެއް ލައިގެންނެވެ. އަދި އަތުގައި ސޫޓު ކޭހެއްވެސް އޮތެވެ.  އެތެރެއަށް ވަނުމާއެކު ސޯފާ ދައްކާފައި އިށީއިނުމަށް އާޒިމް އެދުނެވެ. އާޒިމް ނީނާއާއި ދިމާލަށް ބަލައިލިއެވެ. އަދި އިޝާރާތުން ކައިރިއަށް އައުމަށް އެދުނެވެ. ދޮރު ކައިރީގައި ނީނާ ހުރީ ހަދާނެ ގޮތެއް ނޭންގިފައެވެ. ކުޑަކުއްޖެއްހެން އަޅައިގެން ހުރި ބުރުގާގެ ކަން އޮޅައިލަ އޮޅައިލާ ނީނާ ހުއްޓެވެ. އެގޮތައް ބުނެގެން ނީނާ ނާންނާނެކަން އެނގުމުން އާޒިމް ނީނާގެ ކައިރިއަށް ގޮސް ނީނާގެ އަތުގައި ހިފިއެވެ. އެވަގުތު ނީނާ ފިނިވެފައިވާ މިންވަރު އާޒިމަށް އިހުސާސްވިއެވެ. އަތުގައި ހިފައިގެން ގެނެސް ނީނާ އޭނާގެ ގާތުގައި ބޭންދުމަށްފަހު، ގާޒީއަށް އިޝާރާތްކޮށްލިއެވެ. އެވަގުތު ކައިވެނީގެ ޚުތުބާ ފެށިގެންދިޔައެވެ.


(ނުނިމޭ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ