މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 15

ނީނާއިން ހާލުފެނިފައި އެދިމާލަށް އާޒިމަށް ދުއްވައިގަނެވުނެވެ. އަދި ބެޑްޝީޓު ނަގައި ނީނާގެ ގައިގައި އޮޅާލިއެވެ. ނީނާއާއި ވާހަކަދައްކަން އާޒިމް މަސައްކަތްކުރިއެވެ. ނަމަވެސް ގޮވާ ގޮވާ ނީނާގެ އަނގައިން ބަހެއް ނުބުންޏެވެ. "ނީނާ ކިހިނެއްވީ!! މިއީ ކާކު ކުރިކަމެއް!! އަދިވެސް އާޒިމްގެ ސުވާލުތައް ނުހުއްޓެއެވެ... އަދިވެސް ނީނާ އެ އިންގޮތަށް އިނީއެވެ. ނީނާ އަހަރެން މިއައީ ފާތުން ބުނެގެން...ނީނާ ވާހަކަދައްކަބަލަ" ފާތުން އުޅެނީ ނީނާއަށް ނުގުޅިގެން ކަންބޮޑުވެގެން..ފާތުންގެ ކައިވެނީގެ ވަގުތު ޖެހެނީ..އަދިވެސް ނީނާ އިންގޮތަށް އިނީއެވެ.."އާޒިމް އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް  ނީނާ އަޅާވެސް ނުލައެވެ.."ނީނާ" އާޒިމް ނީނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ... ނީނާގެ ރުއިމުގެ އަޑުގަދަވިއެވެ. އަޑުން އަޑުނަގާ ބާރުބާރަށް ރޯންފެށިއެވެ.އަދި އާޒިމްގެ ގައިގައި އޮޅުލައިގަތެވެ. "ޒާ...........ޒާ......ޒާހިރު ވަރަށް އުނދަގުލުން ނީނާއަށް ބުނެވުނެވެ.. 

ނީނާއަށް މިހެން ބުނެވުނު ވަގުތު ހީވީ އާޒިމްގެ މޫނުމަތީގައި މީހަކު ހޫނު އެތިފަހަރެއް ޖެހިހެންނެވެ. ނީނާގެ ރުއިން އަދިވެސް ނުހުއްޓެއެވެ. ނީނާއަށް ވިސްނާދެވޭތޯ އާޒިމް މަސައްކަތްކުރަން ފެށިއެވެ. ފާތުންއާއި އިއްބެގެ ކައިވެނީގެ ވަގުތު ކައިރިވެއްޖެކަމާއި އެދެމީހުންނަކީ އެތަނުގައި ތިބުން މުހިއްމު ދެމީހުން ކަމުގައެވެ. މިހެން ބުނި ކަމުގައިވީ ނަމަވެސް އާޒިމް އަށް ނީނާގެ ހާލާ ދޭތެރޭ ވަރަށް ވިސްނެއެވެ. ނީނާ އަދިވެސް އިނީ އިންގޮތަށެވެ. އާޒިމް ވާހަކަ ދައްކާ ދައްކާ ނީނާގެ ފަރާތުން ބަހެއް ނުލިބުމުން، ގޭގައި މަޑުކޮށްލުމަށްބުނެ އާޒިމް ތެދުވެ ހިނގައިގަންނަން ފިޔަވަޅު އަޅާލިތަނާހެން ނީނާ އާޒިމްގެ އަތުގައި ހިފިއެވެ. އަދި ކައިވެންޏަށް ދާނެ ކަމަގައި ބުނެލިއެވެ. ތައްޔާރުވެލައިގެން އަންނަންދެން އާޒިމް ބޭރުގައި މަޑުކޮށްލުމަށް ނީނާ އެދުނެވެ. މިވަގުތު ނީނާ ކައިވެންޏަށްދާން ބޭނުންވަނީ އާޒިމާއި އެކީގައެވެ. އާޒިމަށްވެސް ވިސްނުނީ އެއީ އެންމެ ރަނގަޅުގޮތް ކަމުގައެވެ. އެހެންކަމުން ނީނާ ނުކުންނަންދެން ބޭރުގައި މަޑުކުރުމަށް އާޒިމް ނިންމިއެވެ. އޭރުވެސް އިއްބެއާއި މައިޝާ އާޒިމް ނައިސްގެން ގުޅަނީއެވެ. އާޒިމަކީ ކައިވެނީގެ ހެކިވެރިއެއްކަމުން އެންމެންވެސް އާޒިމަށް މަޑުކުރަން ޖެހުނެވެ. 

އިރުކޮޅަކުން ކޮޓަރީގެ ދޮރު ހުޅުވާލާފައި ނީނާ ނުކުތެވެ. ނީނާ ލައިގެން ހުރީ ކަޅުކުލައިގެ ދިގު ހެދުމެކެވެ. އަޅައިގެން ހުރީ ކަޅުކުލައިގެ ބުރުގާއެކެވެ. އެއްވެސް ޑިޒައިނެއް ނެތް މިހެދުމުގައި ނީނާ ފެންނަލެއް ވަރަށް ފުރިހަމައެވެ. އެހެންނަވެސް ނިނާގެ މޫނު މަތީގައި އެއްވެސް ތާޒާކަމެއް ނެތެވެ. މީހާގެ މޫނު ވަނީ މިލާ މޯޅިވެފައެވެ. ލޯ ކައިރި ދުޅަވެ  ގަދަޔަށް ރޮއިފައިހުރި ކަމުގެ ނިޝާންތައް ލޮލަށް ބަލާލި ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ. ނީނާގެ މޫނަށް ބަލަހައްޓައިގެން އާޒިމަށް ހުރެވުނީއެވެ. އެހެދުމުގައި އާޒިމަށް ނީނާ ސިފަކުރެވުނީ ޕަރީއެއް ފަދައިންނެވެ. ނީނާ އެހާވެސް ރިއްޗެވެ. " ހިނގާދާން" މަޑު މޮޅި ގޮތަކަށް ނީނާ ބުނެލިއެވެ. ދީވާނާވެފައިވާ މީހަކުފަދައިން ނީނާއާއި ދިމާލަށް ބަލަހައްޓައިގެންހުރި އާޒިމް ސިހުނީ ނީނާގެ މި ޖުމްލައިންނެވެ. ދެމީހުން އެކުގައި ހިނގައިގަތެވެ.
  
މައިޝާއާއި އިއްބެ އަދިވެސް ތިބީ އާޒިމް މެންގެ އިންތިޒާރުގައެވެ. އާޒިމް ނާންނަނީސް ކައިވެނި ކުރިއަށް ނުގެންދެވޭނެތީއެވެ. އާޒިމަކީ އެތަނުން އެއް ހެކިވެރިއެކެވެ. މައިޝާވެސް އިރުއިރުކޮޅާ އާޒިމްގެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރެއެވެ. މައިޝާ އާޒިމަށް ގުޅަމުންދިޔަ އިރު ޒާހިރުވެސް މައިޝާގެ ގާތުގައި މޫނުމަތީން ހާސްކަން ދައްކައިގެން ހުއްޓެވެ. ޕާރޓީގައި ތިބި ގިނަ މީހުންނަށް ޒާހިރު އެނގެއެވެ. އަދި އެއީ މައިޝާގެ ފިރިމީހާކަން އެނގުމުން ބައެއް މީހުން ވަރަށް ހައިރާންވިއެވެ. ސަބަބަކީ ރަށު ތެރޭގައި ޒާހިރު އިންނަން އުޅޭ ކުއްޖަކީ ނީނާ ކަމުގައިވާތީއެވެ. ޕާރޓީގައި ތިބި ބައެއް މީހުންއެކަމާ ބެހޭގޮތުން އެކަކު އަނެކެއްގެ ކަންފަތް ބުޑުގައި ވާހަކަ ދައްކަމުން ދިޔައެވެ. އެންމެންނަށް ޒާހިރުގެ ގޮތް އެނގެތީވެސް މެއެވެ.

 އިއްބެ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ އާޒިމާއި ނީނާ މައްޗަށް އަރައިގެން އަންނަތަން ފެނުމުން ފުން ނޭވާއެއް ދޫކޮށްލާފައި ފޯނު ތިރިކޮށްލިއެވެ. ޕާރޓީގައި ތިބި މީހުން އެކަކު އަނެކެއްގެ މޫނަށް ބަލާލީ ހާސްކަމާއި އެކީގައެވެ. ރޮވެފައިއިން ފާތުންނަށް ނީނާ ގާތަށް ދުއްވައިގަނެވުނެވެ. މައިޝާވެސް އާޒިމާއި ކައިރިއަށް ހިނގައިގަތެވެ. "އާޒިމް ކޮން އިރެއްތަ މިހާރު ނުގުޅިގެން އުޅޭތާ! ކޮންތާކުންތަ ތިއައީ؟ މައިޝާ ސުވާލުކުރަން ފެށިއެވެ. ކައިރީގައި ޒާހިރުވެސް ހުއްޓެވެ. "ނީނާ އެއްވެސް އެއްޗެއް ނުބުނެ ކައިރީގައި ހުއްޓިލައިގެން ހުރީއެވެ. " ކުޑަ ކަމެއް ދިމާވީ.. " އާޒިމް މިހެން ބުނީ ޒާހިރާއި ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ. އާޒިމްގެ ބެލުމުގައި ހުރި އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ޒާހިރުއަށް ފާހަގަވިއެވެ. އާޒިމްގެ ބެލުމުގައިވި ރުޅިވެރިކަމުގެ ސަބަބުން އެވަގުތު އާޒިމް ހުރިހާ ވާހަކައެއް ބުނެފާނެބާއޭ ޒާހިރުގެ ހިތަށް އަރަމުން ދިޔައެވެ. އެހެންކަމުން ޒާހިރުގެ މޫނުމަތީން ނުތަނަވަސްކަމުގެ އަސަރު ފެންނަން ފެށިއެވެ. އެހެން ނަމަވެސް އެފަދަ ކަމެއް މިފަދަ މުހިންމު ދަނޑިވަޅެއްގައި އާޒިމް ނުކުރާނެއެވެ. ކައިވެނީގެ ހަފްލާއްގައި ބޮޑު ހައިޖާނު ގަނޑެއް އާޒިމް ގަސްތުގައި ނުއުފައްދާނެއެވެ. އާޒިމްގެ އެންމެ ލަފްޒަކުން ފުނޑު ފުނޑުވާނީ އޭނާގެ އެންމެ ލޯބިވާ ކޮއްކޮގެ ދިރުއުޅުމެވެ. އުފެދިގެންދާނީ ނަފްރަތާއި ރުޅިވެރިކަމެވެ. މިހުރިހާ ކަމަކާ ވިސްނަން ހުރެފައި އާޒިމް ބުނެލިއެވެ. "ހިނގާ އަވަހަށް، ކައިވެނީގެ ކަންތައް ނިންމާލަން.. މިހާރުވެސް ވަރަށް ލަސްވެއްޖެއެއްނު" ނީނާވެސް ފާތުން ގާތުގައި ކަންބޮޑުނުވުމަށް ބުނެ ދެމީހުން ކައިވެނީގެ ކަންތައް އަވަސް ކުރުމަށް އެދުނެވެ. އިއްބެ އާއި ފާތުންނާއި، އެ ދެމީހުންގެ މައިންބަފައިން ތިބެ ކައިވެނީގެ މަޖިލިސް ފަށައިފިއެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެތަނުގައި ގަދަކަމުން ހީލައިގެން ހުރީ ނީނާއެވެ. ޒާހިރުގެ މޫނުމަތިންވެސް ފެންނަނީ ނުތަނަވަސްކަމެވެ. ކައިވެނީގެ ޚުތުބާ ކުރިއަށް ދިޔަ ވަގުތު އާޒިމަށް ބެލެނީ ނީނާއާއި ދިމާލަށެވެ. އެފަކީރުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ކިތަންމެ އުފާވެރި މާހައުލެއް ކަމުގައިވިޔަސް ނީނާއަށް އެއީ އޭނާގެ ހަޔާތައް އައި އެންމެ ހިތާމަވެރި ރެއެވެ. އޭނާގެ މުޅި ދިރިއުޅުން މިހެއްގެ އަނިޔާވެރިކަމުގެ ސަބަބުން ވެއްޔާ މޮޑެވުނީއެވެ. އޭނާގެ ހަށިގަނޑުގައި ފޮޅެމުންއައި މައު އަނިޔާވެރި މާނބުރެއްގެ ޝިކާރައަކަށްވީއެވެ. އެ ސިކުންތުގައި ނީނާ ވިސްނަމުން ދިޔައީ ކައިވެންޏާއި މެދުގައެވެ. ކައިވެނީގެ މަތިވެރި ގުޅުމާއި މެދުއެވެ. ކޮންމެ އަންހެންކުއްޖަކުވެސް އެ ކުއްޖެއްގެ  ހަށިގަނޑުގައިވާ އަގު ބޮޑު ޖައުހަރު ފޮރުވައިގެން ގެންގުޅެނީ ފިރިމީހާއަށްޓަކައެވެ. ނީނާއަކީވެސް އެފަދަ އަންހެން ކުއްޖެކެވެ. އެހެންނަމަވެސް ކުޑަކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ނީނާގެ އަތުން އޭނާގެ އަބުރު ބީވެގެން ދިޔައީއޭ ހިތަށް އެރިއެވެ. ދެން އޭނާއާއި ކައިވެނި ކުރާނީ ކާކު ހެއްޔެވެ؟ އެނާގެ އަތުގައި މީހަކަށްދޭނޭ ހާއްސަ އެއްޗެއް ނެތެވެ.  މި ހިޔާލުތައް ނީނާގެ ސިކުނޑި ވަށާ އެނބުރެން ފެށިއެވެ. ނީނާ ގެ ރީތި ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އިސާހިތަކު ނީނާގެ ލޮލުން ކަރުނަތައް ފައިބަންފެށިއެވެ. މި މަންޒަރު ކުރިމަތީގައި އިން އާޒިމަށް ވަރަށް ސާފުކޮށް ފެނުނެވެ. އާޒިމްގެ ހިތަށް އުނދަގޫވިއެވެ. އާޒިމްގެ ހިތުގައި ޒާހިރާއި ދޭތެރޭގައި އޮތް ރުޅިގަނޑު އިތުރަށް އަނދަންފެށިއެވެ. އަދި ނީނާގެ ދިރިއުޅުމަށް އެ ލިބުނު އުނިކަން ފިލުވައިދޭން ބޭނުންވިއެވެ. ނީނާއަށް ކޮންމެ ގޮތެއްވިޔަސް ނީނާގެ އެންމެ ގާތުގައި،ލިބޭ ކޮންމެ ހިތާމައެއްގައި ބައިވެރިވާން އާޒިމް ބޭނުންވިއެވެ. ކުރިން އާޒިމް ހީކުރީ ޒާހިރަކީ އަނިޔާވެރި މީހެއް ކަމަށެވެ. ނަމަވެސް މިހާ އަނިޔާވެރިވާނެ ކަމަކަށް ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ. އެފަދަ ވިޔާނުދާ މީހާކާ މައިޝާ ކައިވެނިކޮށްގެން އުޅޭކަށް އާޒިމް ބެނުމެއް  ނުވެއެވެ. 

ކައިވެނީގެ މަޖިލިސް ނިމުނުތަނާހެން އެންމެން އިއްބެ އާއި ފާތުންއަށް މަރުހަބާ ކިޔުމަށް އަވަސްވެގަތެވެ. ނީނާ އާއި އާޒިމްވެސް މެއެވެ. ދެން ފެށުނީ ކައިވެނި ޕާރޓީއެވެ. އެންމެންވެގެން ކެއުމަށް އިންސާފުކުރުމަށްޓަކައި ކާއެއްޗެހި ހުރި ދިމާލަށް ދާން ފެށިއެވެ. މީހުންގަނޑުގެ ތެރެއިން ނީނާ ފެނޭތޯ އާޒިމް ބަލަން ފެށިއެވެ. ދެންމެ ދެންމެހެން އޭނާގެ ލޯކުރިމަތީގައި ނީނާ ހުރިހެން ހީވިއެވެ. ނަމަވެސް މިހާރު ނީނާ ފެންނާކަށް ނެތެވެ. އާޒިމް ހާސްވާންފެށިއެވެ. މިވަގުތު ނީނާގެ ހާލު އެންމެ ރަނގަޅަށް ވިސްނޭ މީހަކީ އޭނާއެވެ. ނީނާ ހުރި ހާލަތުން ގޯސް ފިޔަވަޅެއް އަޅާފާނެ ކަމަށްޓަކާ އާޒިމްގެ މޭ ތެޅެން ފެށިއެވެ. ނީނާ ފެނޭތޯ އާޒިމް އަދިވެސް ހޯދަނީއެވެ. ފާތުން ގާތުގައިވެސް އަހައިފިއެވެ. ފާތުންއަށްވެސް ނީނާ ދިޔަ ތަނެއް ނޭންގެއެވެ. ސިޑިން ތިރިއަށް ފައިބައި ނިނާ ފެނޭތޯ ހިނގައިގަނެވުނެވެ. ގެސްޓު ހައުސްގެ މޫދާވީ ފަރާތައް ނީނާ ހޯދަމުން އާޒިމް ދިޔައެވެ. މާދުރަށް ނުދެވި ބީޗުގައި އިން ގޮނޑިއެއްގައި ނީނާ އިށީންދެލައިގެން އިން މަންޒަރު އާޒިމަށް ފެނުނެވެ. މަޑުމަޑުން ނީނާގެ ގާތަށް ދާން ފެށިއެވެ. ނީނާ ވިސްނަން އިންހެން ހީވެގެންނެވެ.  ކައިރިއަށް އައިސް ނީނާގެ ކޮނޑުގައި އާޒިމް އަތް ޖައްސާލިއެވެ. އާޒިމާއި ދިމާލަށް ނީނާ އެނބުރުނެވެ. އެވަގުތު ނީނާގެ މޫނުމަތިހުރި ކަރުނަތަކުގެ ސަބަބުން ނީނާ ރޮނީކަން އާޒިމަށް ޔަގީން ކުރެވުނެވެ. ނީނާގެ ހިތްހަމަޖައްސައިދޭން އާޒިމް ބޭނުންވެއެވެ. އާޒިމް ނީނާދެކެ ވާލޯބި މިވަގުތުވެސް ހާމަކުރަން ބޭނުންވެއެވެ. އެހެންނަމަވެސް ނީނާ ދެކޭނީ ކިހިނެއް ކަމެއް ނޭންގޭތީ ބުނަން ފަސްޖެހެނީއެވެ. 

އާޒިމާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން އިނުމަށްފަހު ނީނާ މޫނު އަނެއްފަރާތައް އަނބުރާލާފައި ކަރުނަތައް ފޮހެލިއެވެ. އޭނާ އާޒިމްދެކެ ކިތަންމެ ލޯބިވިޔަސް އެވާހަކަ ދެނެއް ނުބުނާނެއެވެ. އެފަދަ ހާދިސާއެއް އޭނާއާއި ދިމާވުމުން އަދި އަމުދުން އާޒިމް އޭނާއާއި ކައިވެނި ނުކުރާނެކަމަށް އޭނާގެ ހިތާހިތުން ނިންމިއެވެ. މިފަދަ ކޮންމެ ހިޔާލެއް ސިކުނޑިއަށް އަންނަ ވަގުތު ނީނާގެ ހިތް ޒަޚަމްވެގެން ދެއެވެ. ހިތާމައަކަށްފަހު ހިތާމައެއް ނީނާގެ ޙަޔާތައް އަންނަމުން ދަނީ ނީނާގެ އިޙްތިޔާރުން ބޭރުގައެވެ. އާޒިމް އޭނާއާއި ދެތެރޭ އެހާ ރަނގަޅަށް ކަންތައް ކުރަނީ ކީއްވެބާއޭ ނީނާގެ ހިތައް އަރައެވެ. އާޒިމް އޭނާދެކެ ލޯބިވެއޭ ހިވާފަހަރުވެސް އާދެއެވެ. ނަމަވެސް އެފަދަ ހިޔާލެއް ހިތައް އަންނަ ކޮންމެފަހަރަކު އޭނާގެ އަމިއްލަ ހިތައް ވިސްނައިދޭން މަސައްކަތް ކުރެއެވެ. ނީނާގެ މި ހިޔާލުތައް ފޫއަޅުވާލީ އާޒިމް ބުނި ޖުމްލައަކުންނެވެ. ފުންނޭވާއެއް ނީނާ ދޫކޮށްލިއެވެ. އާޒިމްގެ އެ ޖުމްލަ ނީނާ އަށް ސާފުނުވާފަދަ ގޮތަކަށް މޫނު ހަދާލާފައި އަނެއްކާވެސް އާޒިމާއި ދިމާލަށް ބަލާލިއެވެ.." ނީނާ އަހަންނާއި އިންނާނަންތަ؟............................................. ނީނާގެ ލޮލަށް ބަލަހައްޓައިގެން އިނދެ ވަރަށް ސާފުކޮށް އާޒިމް ބުނެލިއެވެ. ނީނާގެ ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ. 

(ނުނިމޭ)


(މިވާހަކައަކީ ހަފްތާއަކު އެޕިސޯޑެއް ނެރޭގޮތަށް ޝާއިޢު ކުރެވޭ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ