މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: މިހިތުގެ މަލިކާ - 4

މުޅި ދުވަހު އަޒީމްއަށް އިނދެވުނީ ޒައިނާ ބުނި ބަސްތަކާއިމެދު ވިސްނާށެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި އެއީ ރަނގަޅު ނިންމުމެކެވެ. ސާރާފަދަ ކުއްޖެއްގެ ޙަޔާތް އުޖާލާ ކުރުމަށް އެފަދަ ފުރުޞަތެއް މުހިންމެވެ. ޒައިނާގެ ކަންތައްތައް ކޮށްލައިދީ ހަދަން ސާރާއަކީ ރަނގަޅު ކުއްޖެއްކަން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހުދު ޒައިނާއަށްވެސް ފާހަގަ ވެއްޖެއެވެ. އަދި އެއީ ސާރާއަށް އާމްދަނީއެއްވެސް ހޯދޭނެ މަގެއްތާއެވެ! ކިޔަވައި، ދުނިޔެއަށް ލޯ ހުޅުވިފައިވާ މީހަކަށްވުމަށް ސާރާއަށް އެއީ ރަނގަޅު މަގެކެވެ. އެގޮތް ރަނގަޅު ނުވާނީ ޒައިނަބަށެވެ. ޒައިނަބުގެ ފަރާތުން ނުކުންނާނެ ނަތީޖާއެއް ބުނެދޭންވެސް ނޭނގެއެވެ. އެކަމާއިމެދު ވިސްނިވަރަކަށް އަޒީމްގެ ބޯ ހާސްވާ ގޮތްވިއެވެ.

"ހަލޯ" ނިހާދު ގުޅީ އަޒީމް އޭނާއަށް އެންމެ ބޭނުންވި ވަގުތުއެވެ. "އަހް! ގުޅަން އުޅެނިކޮށޭ ތިގުޅީ!" އަޒީމް ހިނިގަނޑެއް ޖަހައިލިއެވެ. "ތީއޭ! ހަމަ ބުނާނެ އެހެން. މަހެއްވަނީ ގުޅާލަން ނުކެރޭ! ކޮބާ ކިހިނެއްތަ ކަންކަން؟ ހަމަ އެހާ ބިޒީތަ ތިކޮޅުވެސް؟" ނިހާދު ޝަކުވާކޮށްލިއެވެ. "ރަނގަޅު ދެން ދޯ! ނޫނޭ އެހާވެސް ބިޒީއެއް ނޫން. ތިކޮޅު ކިހިނެއްވަނީ؟ މަ ނުލާ ލައްކަ މަޖާ ނަގަން ދޯ އެބަ!" ދުވަސްތަކަކަށްފަހު އެކުވެރިޔާއާއި ވާހަކަ ދައްކައިލެވުމުން އަޒީމްގެ ހިތަށް ފިނިވިއެވެ. "މަ އޯކޭއޭ! ކޮންކަމަކާ ތި ބޯ ގޮއްވަނީ މަގޭ މަތިން ހަނދާންކޮށްފައި؟" އަޒީމް ވާހަކަ ދައްކާ ރާގުންވެސް ކަމެއް ގޯސްކަން ނިހާދުއަށް އެނގެއެވެ. ހޮސްޕިޓަލް ކެންޓީނުން ނުކުމެ ގޮސް ދުރުގައި ހުރި ބެންޗެއްގައި އަޒީމް އިށީނެވެ.

"ކަލޭ ދެން މުޅި ޢުމުރަށް ތިހެން ހުންނާނީތަ ޒައިނަބުގެ އަވައިގައި ޖެހިފައި؟ މަ ވަރަށް ސީރިޔަސްކޮށޭ މިކިޔަނީ! ދެން އެނގޭ ދޯ އޭނާގެ ގޮތްގަނޑު ބަދަލެއް ނުވާނެކަން! ދަރިޔަށްޓަކައި ރަޙުމެއް ނެތް މީހަކާއި އެއްކޮށް އުޅެ ތިހެން ޢުމުރު ބޭކާރުކޮށްލަނީ ކީއްކުރަން؟ ފަނަރަ އަހަރުވީއިރުވެސް އެއިންނަނީ ޒައިނާ ލިބުނީތީ އަަޒީމްއަށް ބަވަން.. އަޒީމްގެ އެކަނި ދަރިއެއްތަ އެއީ؟ ތިހެން އުޅުނީމަ ޒައިނާއަކަށްވެސް ވަކި އުފަލެއް ނުލިބެއެއްނު." ނިހާދު ބެލީ އަޒީމްއަށް ވިސްނައިދެވޭތޯއެވެ. "އެކަމަކު.. ޒައިނާ ބޭނުންވަނީ.." އަޒީމްއަކަށް ކިޔާނެ އެއްޗެއްވެސް ނޭނގެއެވެ. "ޒައިނާ ބޭނުންވަނީ މަންމައާއި ބައްޕަ އެއްކޮށް އުޅެން! އެކަމަކު ޒައިނާއަށްވެސް އަސްލު އެނގޭނެ ދެޓްސް ނޮޓް ޕޮސިބަލްކަން! ކޮންމެ ކުއްޖަކުވެސް ބޭނުންވާނީ އެގޮތް. އެކަމަކު އަސްލު ޒައިނާވެސް ބޭނުމެއް ނުވާނެ އަޒީމް ތިއަނދިރި ދުނިޔޭގައި ނިމިގެންދާކަށް! ދެން ޒައިނަބު ވާހަކަ ބާއްވާފައި ތި ސާރާ.. ކޮންމެގޮތެއްވިޔަސް ޒައިނާއަށް ސާރާ މުހިންމުވާތީ ދޯ އެހެން އެބުނީ! ކީއްވެ އައްޑުއަށް އައިއިރު ޒައިނަބު ގެންދަން ހިނގާށޭ ޒައިނާ ނުބުނީ؟ އެގޮތްވެސް އޮތްދޯ! މިކިޔާ އެއްޗެއް އެބަ ވިސްނޭތަ؟ މަށެއް ނުބުނަން ކަލޭ ގޮސް ސާރާއާއި އިންނާށެކޭ!" "އޭ އޭ ދެން ހުއްޓާ.." އަޒީމް ވަގުތުން ބުންޏެވެ. "ހަހަހަ ތީ ވާވަރަކީ.. ހަމަ ކަލޭ ސާރާއާއި އިންނަ ދުވަސްވެސް މަށަށް ފެނިދާނެ. އަވަހަށް އެމަންޖެ ފޮނުވާ މިކޮޅަށް. ޒައިނަބަކަށް ނުހެދޭނެ ގޮތެއް. ޒައިނާގެ ޗޮއިސް އެއީ! އެހެންނޫނަސް އޭނާ މާ ރީއްޗަށްތަ އެއުޅެނީ އަޒީމް ބިރުގަންނަނީ ތި؟ ޔަޤީނޭ މިހާރުވެސް އެފިރިހެނާ އުޅޭނީ އަޒީމްގެ ގޭގައި!" ނިހާދުގެ ވާހަކަ ކުރުކޮށްލުމަށް ބުނެފައި އަޒީމް ފޯން ބޭއްވިއެވެ. ނިހާދު ދެއްކި ވާހަކަތައް ހިތި ނަމަވެސް، އެއީ ތެދުކަން އަޒީމްވެސް ޤަބޫލު ކުރެއެވެ. 

ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ސާރާ ބައިވެރިއެއް ނުވެއެވެ. "ނިދިފައި އޮތީ! އަސްލު މަންމަމަތިން ވަރަށް ހަނދާންވާނެދޯ ބައްޕާ!" ޒައިނާ އެހެން ބުނިއިރު އެމޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. "މަންމަ ނެތަސް އަޅުގަނޑަކަށް މާބޮޑު ތަފާތެއް ނާންނާނެ ދޯ!" ޒައިނާއަށް އެހެން ބުނެވުނީ ބޭއިޚުތިޔާރުގައެވެ.

"ދަރިފުޅާ! ބައްޕަ އެބަޖެހޭ ވަރަށް މުހިންމު ވާހަކައެއް ދައްކަން ދަރިފުޅާ.." އަޒީމް ޒައިނާގެ މޫނަށް ބަލައިލިއެވެ. "މިހާރު ދަރިފުޅުވެސް ބޮޑުވަނީ ދެން. ބައްޕަ ވަރަށް ދުވަހު ކެތްކޮށްފިން. މަންމަ ބަދަލުވާނެހެން ދަރިފުޅަށް ހީވޭތަ؟" ޒައިނާ އިނީ އިސްޖަހައިގެނެވެ. "އެއްވެސް ޙާލެއްގައި ބައްޕަ ދަރިފުޅު ދޫކޮށެއް ނުލާނަން. ދަރިފުޅާއި ނުލައި ބައްޕައަކަށްވެސް ނޫޅެވޭނެ. ކޮންމެ ގޮތެއްވިޔަސް ދަރިފުޅު އުޅޭނީ ބައްޕަ ކައިރީގައި، ބައްޕަގެ ގެޔަކީ ދަރިފުޅުގެ ގެ." އަޒީމް ވާހަކަ ހުއްޓައިލީ މަޑު ގިސްލުމެއްގެ އަޑު އިވުމުންނެވެ. އެވާހަކަ ފެށިއިރުވެސް ޒައިނާއަށް ކުރާނެ އަސަރު އަޒީމްއަށް އެނގެއެވެ. "އެކަމަކު ބައްޕަ ސާރާ ދައްތަ އަޅުގަނޑު ބޭނުން ގެންދަން. ޝީ އިޒް މޯ ލޯންލީ ދެން މީ!" އެވަގުތުވެސް ޒައިނާ ސާރާގެ ވާހަކަ ފާހަގަ ކުރުމުން އަޒީމް ހައިރާންވިއެވެ. ޒައިނާ ކޮޓަރިއަށް ދިއުމުން އަޒީމް ނުކުތީ ބޭރަށެވެ.

އެކަނިވެރިކަން ވަށައިގެން ފެންނަމުންދޭ
ހަނދުގެ އަލިކަން، ހަނދުވެސް ފަނޑުވަމުންދޭ
މާޒީގެ ފުން ހަނދާންތައް ގެނުވަމުންދޭ
އެހިތި އަސަރުން ހިތާ މޭ ރޮއްވަމުންދޭ

ހަފްތާ ބަންދުގައި ޒައިނާ ގޮވައިގެން މާލެ ދިއުމަށްޓަކައި އަޒީމް ތައްޔާރުވަމުން ދިޔައެވެ. ޒައިނާއަށް ތަފާތު ހަދިޔާތައް ތައްޔާރު ކުރުމަށް ސާރާ އުޅެމުން ދިޔައީ އަވަދިނެތިއެވެ. "ހާއި!" ސާރާ އެކަނިވީ ވަގުތު ބަލާފައި އަޒީމް ފުރުޞަތުގެ ބޭނުން ހިފިއެވެ. "ވާހަކައެއް ދައްކާލަން!" ސާރާ އެއްޗެއް ނުބުނެ އިނުމުން އަޒީމް ފެށިއެވެ. "މީ.. ޒައިނާ ދެއްކި ވާހަކައާއިމެދު ވިސްނިންތަ؟ އަހަރުމެން ދެކެނީ ތިއީ ހަމަ މިޢާއިލާގެ މީހެއްގެ ގޮތުގައި. އެނގޭ މާ ދުވަހެއް ނުވާކަން އެފަދަ ގުޅުމެއް އުފެދޭކަށް. އެކަމަކުވެސް.. އަހަރެންވެސް އެދެނީ ސާރާއަށް ރަނގަޅު ގޮތްވުމަށް. ތިއީ އަހަރެންގެ ބެލުމުގެ ދަށުގައިވާ ފަރާތެއް ހަމަ. ސާރާއަށް އުޅެވޭނެ ހަމަ އަހަރެންގެ ގޭގައި ބޭނުމިއްޔާ. ޒައިނާ ވަރަށް އުފާވާނެ އޭރުން." އަޒީމް ހުރީ ސާރާ އާނއެކޭ ބުނާނެ ކަމުގެ އުންމީދުގައެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ސާރާ ގެއްލޭކަށް އޭނާ ނޭދެއެވެ. 

"އަޅުގަނޑު.. އަޅުގަނޑު ނޭނގޭ ބުނަންވީ ކީކޭ ކަމެއްވެސް. ވިސްނިން. އެކަމަކު ހަދާނެ ގޮތެއް ނޭނގޭ. އަޅުގަނޑުގެ އެއްވެސް މީހަކު މިދުނިޔޭގައި ނެތް." ސާރާއަށް ރޮވުނެވެ. "ޝޫޝް.. ދެން ތިހެން ނުބުނައްޗޭ!" އަޒީމްއަށް ބޭއިޚުތިޔާރުގައި ސާރާގެ ކޮނޑުގައި ހިފުނެވެ.
 
ހުކުރު ދުވަހު އިރުއެރީ އަޒީމްމެން އެއަރޕޯޓުގައި ތިއްބައެވެ. ފްލައިޓަށް އެރިއިރު ސާރާގެ ހިތް ބާރަށް ތެޅެއެވެ. އޭނާގެ ޙަޔާތުގެ މިސްރާބު ގޮތްނޭނގޭ ދިމާލަކަށް ބަދަލުކޮށް، އެދަނީ އެހަށް ދުވަހު ދިމާވި ބަޔަކާއި އެކީގައެވެ. ޒައިނާ ސާރާގެ އަތުގައި ހިފައިލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާކަހަކަ ގޮތަކަށެވެ. އެމަންޒަރު ބަލަން ދުރުގައި އަޒީމްއަށް ހުރެވުނީ ހިނިތުންވެވިފައެވެ. 

މާލެ އާދެވުމާއެކު އަޒީމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ފޮށިތައް ކާރަށް އަރުވާފައި އައިސް ޒައިނާ ކައިރީގައި ކުރިޔަށް އެރުމަށް ބުންޏެވެ. "ސާރާ! އަދި ނުބުނާ ވާހަކައެއް އޮތީމަ! ޒައިނާގެ ފަރާތުން އިވިފައި ކަންނޭގެ ހުންނާނީ އޭނާގެ މަންމަގެ ވާހަކަ. ޒައިނަބުގެ ކަންތަކަށް އަޅާނުލައްޗޭ! އެއްވެސް ކަމެއް އަހަރެންނަށް ސިއްރު ނުކުރައްޗޭ! އަހަރެންނާ ޒައިނަބުގެ ގުޅުމަކީ ދިރުމެއް ނެތް ގުޅުމެއް. އެނގޭ މިވާހަކަތައް ސާރާ ކައިރީގައި ކިޔުމަކީ ބޭކާރު ކަމެއްކަންވެސް. އެކަމަކުވެސް. ބުނެލަން ބޭނުންވަނީ ޒައިނަބު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން ސާރާއަށް އަބަދުވެސް އަޅާލާނަމޭ! އެހެންވީމާ ޒައިނާއަށް މިހާރުވެސް ތިބާއްވާ ގާތްކަން ބާއްވައިގެން އުޅުނީމަ ރަނގަޅުވާނެ. އިނގޭ!" ސާރާ ބޯ ޖަހައިލުން ފިޔަވައި އިތުރު ކަމެއް ނުކުރެއެވެ. 

ޒައިނަބުގެ ފަރާތުން ނުރުހުމުގެ ބަސްތައް އަމާޒުވާނެކަމީ އަޒީމްއަށް ޔަޤީން ކަމެކެވެ. އެހެންނަމަވެސް މިއަދު އޭނާވެސް އެހުރީ ދޫދޭގޮތަކަށް ނޫނެވެ. ޒައިނާއެކޭ އެއްފަދައިން ސާރާއަކީވެސް މިއަދު އޭނާގެ ޙަޔާތުގައި މުހިންމު މީހެއްކަމުގެ އިޙުޞާސް ކުރެވެނީ ކީއްވެކަމެއް ނޭނގެއެވެ. ނިހާދު ބުނިފަދައިން އެހިތުގައި އައު ވިންދެއް ޖަހަނީ ބާވައެވެ؟ ނޫނެކެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެއީ ވެގެންވާނެ ކަމެއްވެސް ނޫނެވެ.
 
އިޙުޞާސް ވާގޮތް ނޭނގޭ ބުނެދޭން، ޔާރަކީ ތިއޭ
ހަނދުހެން އަލިވާ މޫނޭ ތިޔައީ، ހިތް މަގޭ އެދޭ
 
ޒައިނާގެ އެޕާރޓްމަންޓްއިން ފެންވަރައިގެން އަޒީމް ތިރިޔަށް ފޭބީ ޒައިނަބު ގޭގައި އުޅޭތޯ ބަލާލާށެވެ. މާދަމާ އެނބުރި އައްޑުއަށް ފުރުމުގެ ކުރިން ޒައިނަބު އާ ވާހަކަ ދައްކަން އޭނާ ބޭނުމެވެ. އަދިވެސް އެއްފަހަރު ޒައިނަބުގެ ވިސްނުން ބަދަލުވޭތޯއެވެ. ތަޅުދަނޑިން ތަޅު ހުޅުވާލާފައި އެތެރެޔަށް ވަތްއިރު ފެނުނީ އެއްވެސް ތަރުތީބެއް ނެތް ތަނެކެވެ. އަޒީމް އެކަމަކާ ހައިރާނެއް ނުވެއެވެ. އެއީ ގޭގެ ތަންތަން ސާފުކޮށް، ތަރުތީބު ކުރުމަކީ އަޒީމް ކުރާ ކަންކަމަށްވާތީއެވެ. ސޯފާ ކައިރީގައި ވެއްޓިފައި އޮތް ބާލީސް ނަގައި ސޯފާއަށް އެއްލަމުން އަޒީމް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލެވުނު ވަގުތު އަނެއް ފަރާތަށް މޫނު އަނބުރައިލެވުނީ ފެނުނު މަންޒަރަކުންނެވެ.

"ޒައިނަބު! ހުރި ނުބައިކަން ދެކިބަލަ!" އައި ރުޅިން ދޮރު ތަންމިނަށް ހުޅުވާލާފައި އަޒީމް ގޮސް ސިޓިންރޫންގެ މޭޒުމަތީގައި ހުރި ބިއްލޫރި ފުޅި ވައްޓާ ތަޅައިލިއެވެ. ޒައިނަބު އޭނާއަށް ބޭވަފާތެރިވާކަމުގެ އަޑުތައް އޭނާއަށް އިވެނީ މަދެއްކޮށެއް ނޫނެވެ. އަދި އޭނާއާއެކު ދިރިއުޅެން ބޭނުންނުވާކަންވެސް އެނގެއެވެ. އެކަމަކު ހަމަ ލޮލަށް އެފަދަ މަންޒަރެއް ފެނުނު މީ ފުރަތަމަ ފަހަރެވެ. ގޭގެ ދޮރުން ދުވެފައި ނުކުމެގެން ދިޔަ މީހާ ފެނިފައި ގޮށްމުއްކަވާފައި ފާރުގައި ޖެހުނީ ކިތައް ފަހަރު ކަމެއް އަޒީމްއަކަށް ނޭނގެއެވެ. "ނުބައި އަންހެނާ! ތިކުޅި ކުޅެން އަމިއްލައަށް އަހަރެން ކައިރިން ދުރަށް ދިޔަނަމަ! އަހަރެންގެ ޙައްޤުތަކަށް ފަރުވާލެއް ނެތި، މިހުރިހާ އަހަރެއް މިވޭތުކުރެވުނީ ތިހާ މުޑުދާރު މީހެއްގެ ފަސްބައިގައި އެލިގެން އާދޭސް ކުރަމުން. ކަލޭ ކައިރިން ދުރަށް ދާން މަވެސް ހާދަ ބޭނުމޭ! އެކަމަކު އެ މައުޞޫމް ދަރިގެ އުންމީދުތައް ފުނޑުފުނޑުކޮށްލާ ބައްޕައަކަށްވާކަށް އަހަރެން ނެތިން. ކަލޭގެ މައިންބަފައިން ކުރިމަތީގައި ކަލޭގެ އަގު ހިފަހައްޓައިގެން މަ އުޅުނީ. އެކަމަކު ދެނެއް ނުވާނެ. އަގެއް އޮތް މީހެއް ނޫންތީކީ!" ހުރިހައި އެއްޗެއް ކިޔުމުންވެސް ޒައިނަބު ފެށީ ހޭށެވެ. ބޯ ހާވާލައިގެން ހުރިއިރު އެއީ މޮޔައެކޭވެސް އަޒީމްއަށް ހީވިއެވެ. "ކަލޭގެ އަޑު ނުކުމެއްޖެ ދޯ! ދަރި ދަރި ދަރި! ތިނޫން އެއްޗެއް ކިޔާކަށް ނޭނގޭ. ކަލެޔަށް ދަރިވެސް ދީފައޭ އެއިނީ. ވަރިކޮށްބަލަ.. އާނ މަށެއް ނުގަނޭ ލަދެއް. މަގޭ އަގެއް ނެތީމައެއްނު ނުދަންނަ މީހަކާ މަގޭ ކައިވެނި ކުރުވީ. ބޮަޑު މުޞީބާތެއް މަ ބޭނުމީ މިނިވަންކަން.." "އާން ވަރިކޮށްފަ ތިހުރީ! ތިބޭނުންވާހެން މިނިވަންކޮށް އުޅެން ދޭ! މަގޭ ގޭގައި ތިގޮތަކަށް މުޑުދާރު ޢަމަލު ހިންގާކަށް ނުބަހައްޓާނަން." އަޒީމްގެ ރުޅިގަނޑު ފަޅައިގެންދާވަރުވިއެވެ. 

ޒައިނަބަށް ހޭވެރިކަންވީ އަޒީމް ގޮސް އެޕާރޓްމަންޓްގެ ދޮރު ލެއްޕި އަޑު އިވުމުންނެވެ. ޙަޤީގަތުގައިވެސް އަޒީމް އޭނާ ވަރި ކުރީ ހެއްޔެވެ؟ ޤަބޫލުކުރަން ދަތިވެފައި އޭނާ އިނީކީ ދެރަވެގެނެއް ނޫނެވެ. އަޒީމް ދުވެފައި ގެއިން ނުކުތީ ބޯ ހާސްވެގެނެވެ. ހިތް ފަޅައިގެންދާވަރު ވެއްޖެއެވެ. ސައިކަލަށް އަރައި ދުއްވައިލުމުގެ ކުރިން ދެލޯ ފުހެލާފައި މާ ނޭވާއެއްލީ ހަމަޖެހިލެވޭތޯއެވެ. ނިހާދުމެންގެޔަށް ދިއުމަށް ދުއްވައިލިއިރުވެސް އެ ދެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.
 
މިއައި ތޫފާނަކުން، ހިތަށް ލިބިވޭ ސިހުން
ފިލައިގެން ނުމެދެޔޭ، މިމޭގާވީ ރިހުން
މިހެންވީ ކީއްވެހޭ، ކުށެއް ހަމަވީމަހޭ؟
ފިކުރު ކުރެވޭމެޔޭ، ހިތަށް ކެތްވާނެހޭ

ޒައިނަބު ހީވަނީ ޢީދެއް އައިސްގެން އުޅޭހެނެވެ. ފޮށްޓަށް އަންނައުނުތައް ގަންނުވަމުން ފޯނުން ނަންބަރަކަށް ގުޅަމުންދިޔައެވެ. އިރުކޮޅަކުން ގޮސް ޒައިނާގެ އެޕާރޓްމަންޓަށް ވަނެވެ. އޭރު ޒައިނާއާއި ސާރާ ތިބީ ފޯރީގައި ހަދިޔާ ފޮށިގަނޑުތައް ކަނޑާށެވެ. "ހޫމް މީ ދޯ މިވީ ގޮތަކީ! ކަލޭގެ ބަފަޔަށް ދޮން އަންހެން ކުއްޖެއް ފެނިގެން ދޯ މާ ވަރުގަދަ ހިތްވަރެއް ލިބިގެން. ފިނޑި އެއްޗަކަށް ވަރިކުރަން ކެރުނީ އަދިކިރިޔާ! ކަލޭ ދެން އިނދޭ ހެވިދިލިފައި ސަތޭކައޭ ހިތަށް އަރުވައިގެން." ޒައިނާ އިނީ އަނގަ ހުޅުވުނު ގޮތަށް ލައްޕަން ނޭނގިފައެވެ. ބައްޕަ މަންމަ ވަރިކުރީ ހެއްޔެވެ؟ މާލެ އައި ގޮތަށް ކީއްވެ ހެއްޔެވެ؟ ޒައިނާގެ ހިތުގައި ރިއްސަައިލިއެވެ. ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ސާރާ އިނީ އިސްއުފުލައި ބަލައިލަންވެސް ނުކެރިފައެވެ. އެފަދަ ބަސްތައް އޭނާއާއި އަޒީމްއާއި ގުޅުވައިގެން ކިޔުމުންނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ