މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: މިހިތުގެ މަލިކާ - 5

ސައިކަލު ޕާކް ކޮށްފައި އަޒީމް ހިނގައިގަތީ ނިހާދުއަށް ގުޅަމުންނެވެ. ކަންފަތުގައި ފޯނު ޖަހައިގެން ހުރެ މަގުގެ ދެފަރާތަށް ބޯހޫރަމުން މަގަށް ނިކުތް އަޒީމް ވިއްސައިގެން ދިޔައީ ބާރު ދުވެލީގައި އައި ސައިކަލެއްގައި ޖެހިފައެވެ. މާދުރަށް ވިއްސައިގެން ގޮސް ޖެހުނުއިރު، ވަށައިގެން މީހުންތައް ހުއްޓުން އަރާފައި ތިއްބެވެ. ގެއިން ނިކުތް ނިހާދަށް އެމަންޒަރު ފެނި ބާރަށް ހަޅޭލަވައިގަނެވުނެވެ.

ޒައިނަބުގެ ހަޅޭކުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އޭނާއަށް ވިސްނުނު ގޮތުގައި އަޒީމް އައީ އޭނާ ވަރިކުރަން ރާވައިގެން، ސާރާއާއި އިންނަން ތައްޔާރުވެގެނެވެ. އެއްވެސް ކުށެއް ނެތް، އެ އަންހެން ކުއްޖާގެ ބޮލުގައި އެތައް ތުހުމަތުތަކެއް އަޅުވައި، އެއްޗެހި ކިޔަމުން ދިޔައީ އޭނާގެ ހުރިހާ ރުޅިއެއް ސާރާއަށް ބާލަމުންނެވެ. ޒައިނާގެ ޅަ ސިކުނޑިއަށް ކެތްނުވެގެން އެންމެ ފަހުން ހަޅޭލަވަން ފެށިއެވެ. "ހުއްޓާލާ! މަންމައަކަށް އެއްވެސް ޙައްޤެއް ނޯންނާނެ ތިހެން ވާހަކަ ދައްކާކަށް! އަމުދަކުން މިއީކީ ތި ހީކުރާ ކަހަލަ ކަމެއް ނޫން! ބައްޕައަކީ މަންމަ ކަހަލަ މީހެއް ނޫނޭ! ޕްލީޒް ދެން ދޭ މިތަނުން! ޕްލީޒް.." ޒައިނާއަށް މިވީހާ ދުވަހު ބައްޕަ ކުރާނެ ހިތާމައާއިމެދު ވިސްނައިނުލެވުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. މަންމަގެ އެރުޅިވެރިކަން އޭނާއަށް ނުފެންނަނީ ވަކިން އުޅޭތީތާއެވެ! ޒައިނާ އިނީ ލަދުންވެސް ހަލާކުވެފައެވެ. ކުއްލިއަކަށް ފޯނު ރިންގުވާ އަޑު އިވެން ފެށުމާއެކު ޒައިނާ ދުވެފައި ކޮޓަރިއަށް ދިޔައެވެ. 

"ކކޭ؟ ނިހާދުބޭ ކީކޭ؟ ކޮބާ ބައްޕަ؟" ބާރަކަށް ވާހަކަ ދައްކަމުން އައިސް ޒައިނާ ހިފީ ސާރާގެ އަތުގައެވެ. "ބައްޕަ.. ބައްޕަ އެކްސިޑެންޓް ވެގެން..އޭޑީކޭ. ހިނގާބަ ދާން..އަހްހް.." ޒައިނާ ހީވަނީ ނޭވާ ތާށިވެގެން އުޅޭހެނެވެ. ސާރާވެސް އަވަސް އަރުވާލާފައި ތެދުވިއެވެ. "ކިހިނެއްވީ މިހާރު؟" ޒައިނަބު ޒައިނާ ހުއްޓުވިއެވެ. "މަންމައަކާ ނުބެހޭނެ! މަންމައާއި ހެދި ބައްޕައަށް މިހެން މިވަނީވެސް.." ޒައިނަބުގެ އަތް ފޮޅާލާފައި ޒައިނާ ބޭރަށް ނުކުތެވެ.

ނިހާދުއާއި ސާރާ އައި.ސީ.ޔޫ ކައިރީގައި ކޮޅަށް ތިބިއިރު ޒައިނާ އިނީ ގޮނޑީގައި އިށީނދެގެން ގަބުވެފައެވެ. ލޮލުގައި ކަރުނަތައް ހުސްނުވެއެވެ. "ޑޮކްޓަރު ބުނީ ވަރަށް އަވަހަށް ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ޖެހެޔޯ ބޮލަށޯ ގެއްލުން ލިބިފައި ހުރީ ބޮޑަށް!" ނިހާދު ވާހަކަ ދެއްކީ ސާރާއާއިއެވެ. ސާރާ އިނީ ނުހަނު ކަންބޮޑުވެފައެވެ. މަންމަ ވަކިވެގެންދިޔަތާ އަދި މަހެއްވީއެވެ. އަނެއްކާ އަނެއް ހާދިސާއެވެ. މިއީ އޭނާއަށް ހުރި ގޮތް ހެއްޔެވެ؟ 

ހަ ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު އަޒީމް ހޭއަރާނެ އިރެއްގެ އިންތިޒާރުގައި އެންމެން ތިއްބެވެ. އޭނާގެ ޢާއިލާގެ މީހުން އައިސް ޒައިނާގެ ކައިރީގައި ތިއްބެވެ. ކޮންމެ މީހަކުވެސް ސާރާއަށް ބަލަނީ ތަފާތު ނަޒަރަކުންކަން އޭނާއަށް ފާހަގަވަމުން ދިޔައެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ދުވަހަކު ނުފެންނަ މީހަކު އައިސް ކަރުނަ އަޅާފައި ރުއިމަކީ އެމީހުންނަށް ކަމަކަށް ވާނެތާއެވެ! ޒައިނަބު ކޮންމެ އެއްޗެކޭ ބުންޏަސް އަޒީމްއަކީ ހެޔޮ ހިތެއްގެ ވެރިއެކެވެ. އެއްވެސް އަމިއްލަ އެދުމެއް ނެތި އޭނާއަށް އެހީގެ އަތެއް ދިއްކޮށްލާނީ އެހެންވެއެވެ. ނުވިތާކަށް އޭނާއަށް އަޒީމްގެ ޢާއިލާއިން ޖާގައެއް ދިނީ ހީވެސް ނުކޮށް ހުއްޓައެވެ. އެކަމަށްޓަކައި އޭނާ އަބަދުވެސް ޝުކުރުވެރި ވާނެއެވެ.

ހޭއަރާނެކަމަށް ޑޮކްޓަރުން ލަފާކުރި ގަޑި ފަހަނައަޅައި ދިޔައިރުވެސް އަޒީމްގެ ފަރާތުން ކުރިއެރުމެއް ނުފެނުމުން އެންމެންވެސް ތިބީ މާޔޫސްވެފައެވެ. "އޮޕަރޭޝަން ކާމިޔާބުކަން ނުވަތަ ނޫންކަން ބުނަން އެނގޭނީ ހޭއެރިއިރަކުން. ފަހަރުގައި ދެވަނަ އޮޕަރޭޝަނަކަށް ދާންޖެހޭފަދަ ކަމެއްވެސް ވެދާނެ. މިބުނީ ސިކުނޑީގެ އެފަދަ އޮޕަރޭޝަންތަކަކީ އެއްވެސް ވަރަކަށް ޔަޤީންކަން އޮންނަ ކަމެއް ނޫން. ލެޓްސް ހޯޕް ފޮރ ދަ ބެސްޓް. އެކަމަކު އެހެން މާގިނައިރު ހޭނާރައި އޮތުމަކީ ޕޭޝަންޓް ކޯމާއަކަށް ދިއުމުގެ ފުރުޞަތު ބޮޑު ކަމެއްް. ބީ ޕްރިޕެއަޑް..." ޑޮކްޓަރު ދިޔައީ އުންމީދު ކުޑަ ޖަވާބެއް ދީފައެވެ.

ސާރާގެ މާޔޫސްކަމާއި އެކަނިވެރިކަން ފެނި ނިހާދުވެސް ދެރަވިއެވެ. ނުދަންނަ ބައެއްގެ ތެރޭގައި ބީރައްޓެހިކަމުގެ ތެރޭގައި އެފަކީރު އިންނަން ޖެހުމުންނެވެ. އަޒީމްގެ ޢާއިލާއަކީ އޭނާކަހަލަ ހިތްތިރި ބައެއް ނޫނެވެ. ނިހާދު ބެލީ ސާރާ ގޮވައިގެން ދުރަށް ޖެހިލެވޭތޯއެވެ. އެވަގުތު އައި.ސީ.ޔޫގެ ދޮރު ހުޅުވުމުން އެންމެންވެސް އެދިމާލަށް ދިޔައެވެ. "ޕޭޝަންޓް ހޭއަރައިފި! ހޫ އިޒް ސާރާ؟" އެންމެންގެ މޫނުތައް ސާރާއަށް އަމާޒުވިއެވެ. "ސާރާއާއި ބައްދަލުކޮށްލަން ބޭނުންވޭ އެބަ ޕޭޝަންޓް.. އަޅުގަނޑުމެން ގޮވާލާނަން!" ޒައިނާއަށް ހީވީ އޭނާގެ ކަރުގައި މީހަކު ބާރަށް ހިފިހެނެވެ. އެހެންވީމާ ޙަޤީގަތުގައިވެސް ބައްޕަ ސާރާދެކެ ލޯބިވީތާއެވެ! އައިގޮތަށް މަންމަ ދޫކޮށްލީ އެހެންވެއެވެ. މިއަދު ބައްޕައަށް އޭނާ މުހިންމެއް ނުވިއެވެ. ޒައިނާގެ ހިތުގައި ފޫހިކަމާއި ރުޅީގެ ރާޅެއް އުފެދުނެވެ. ނުވާކަމަށް ހަދާފައި ސާރާގެ މޫނަށް

ބަލައިލީ އެމޫނުން އެއްވެސް އަސަރެއް ފެނޭތޯއެވެ. ސާރާ އިނީ ހާސްކަމާއިއެކުގައި އަތުގެ އިނގިލިތަކާއި ކުޅޭށެވެ. 

"ސާ..ސާރާ!" އަޒީމް އޮތް އެނދުގެ ކައިރީގައި ސާރާ މަޑުކޮށްލިއެވެ. "ޒައިނާ ކޮބާ؟ ޒައިނާ ރަނގަޅުތަ؟ އޭނާއަށް ވަރަށް އަޅާލައްޗޭ! ވަރަށް.. ދެރަވާނެ.. އަހަރެން މިހެން އޮއްވާ ފެނުނީމަ.." ހަމަޖެހިލަން މަސައްކަތް ކުރަމުން އަޒީމް ވާހަކަ ދެއްކިއެވެ. "ސާރާ! އަހަރެން.. އަހަރެންގެ.. ނޫން.." އަޒީމްގެ ކަނައަތް ހަރަކާތް ނުކުރެވުނެވެ. އެހިނދު ސާރާ ވަރަށް ބާރަށް ނަރުހުންނަށް ގޮވަމުން ދުއްވައިގަތެވެ.

"އަޒީމްގެ އެއްފަރާތް މުޅިއަކުން ހަރަކާތެއް ނުކުރޭ! ހީ އިޒް ޕެރަލައިޒްޑް.. އެކްސިޑެންޓްގައި ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައި ހުރީ.." "ދެން އަޒީމް ރަނގަޅު ނުވާނެތޯ؟ ތިހެން ނުހައްދަވާ! މަގޭ އަޒީމް..." އަޒީމްގެ ދޮންތަ ގިސްލާފައި ރޯން ފެށިއެވެ. "އިތުރު އޮޕަރޭޝަނެއް ކޮށްގެން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެ. ސަތޭކަ ޕަސެންޓް ކާމިޔާބު ވާނެއެކޭ ނުދެންނެވޭނެ.. އެކަމަކު ވިލް ޓްރައި އަވަރ ބެސްޓް..ޕޭޝަންޓް މިވަގުތު އޮތް ޙާލަތުން އަދި އޮޕަރޭޝަނަކަށް ތައްޔާރެއް ނޫން.. ކުޑަކޮށް ގަދަވީމަ.. ލެޓްސް ގޯ ފޮރ އިޓް!" ޑޮކްޓަރު އެހެން ބުނެފައި އެތެރެޔަށް ވަނެވެ.

އަޒީމްގެ ޢާއިލާއިން ބޭނުންވީ އޭނާ ގޮވައިގެން ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފުރާށެވެ. ޑޮކްޓަރުންނާއި ވާހަކަ ދެއްކުމަށްފަހު އެކަމުގެ ތައްޔާރީތައް ހަލުވިކަމާއެކު ކުރެވެމުންދިޔައެވެ. ސާރާ އިނީ ޒައިނާ ކައިރީގައި އިށީނދެގެނެވެ. ނިހާދު ފިޔަވައި އެކަކުވެސް އޭނާއަކާ އަނގައިންނެއް ނުބުނެއެވެ. ޒައިނާ ގާތުގައި އެއްޗެއް ކާންދާން ކިޔައިގެންވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. ސާރާ ހީކުރީ އަޒީމް އެޙާލުގައި އޮތުމުން ޒައިނާ ވާހަކަ ދައްކަން ބޭނުން ނުވަނީ ކަމަށެވެ. 

ދަންވަރު އެކެއް ޖެހިފަހުން ސާރާ ގެޔަށް އައީ ނިހާދުއާއެކުގައެވެ. ނިހާދުވެސް ގެޔަށް ދިޔައީ ހެނދުނުގެ ފްލައިޓުން އަޒީމް ގޮވައިގެން ބޭރަށް ފުރާތީ އެހާއިރަށް އަންނާނެކަމަށް ބުނެފައެވެ.

އަޒީމްގެ ދޮންތަ ދިޔައީ ޒައިނާ ގޮވައިގެންކަމުން އެ ބޮޑު އެޕާޓްމަންޓްގައިވެސް އިނީ ސާރާ އެކަންޏެވެ. އެކަނިވެރިކަން މާ ބޮޑަށް އިޙުޞާސް ކުރެވުމުން ސާރާއަށް ރޮވުނެވެ. ނަމަވެސް ހިތްވަރުކޮށްފައި ބަދިގޭގެ ކަންކަން ހަމަޔަކަށް އަޅުވާލާފައި ޖޫސް ތަށްޓެއް ބޯލިއެވެ. ސާރާއަށް ސިފަވަމުން ދިޔައީ އަޒީމް އޮތް ގޮތެވެ. އޭނާގެ މަންމަވެސް ދިޔައީ އެހެން އޮވެފައެވެ. މެޝިންތަކާއި ވަރުވަރުގެ ހޮޅިތަކުން ފުރިގެންވާ ތަނެއްގައި އޮވެފައެވެ. މާ ބޮޑަށް ރޮވެން ފެށުމުން ނަމާދުކޮށްލާނަމޭ ހިތާ ސާރާ ވަނީ ކޮޓަރިއަށެވެ.

އަޒީމްއާއެކު މެލޭޝިޔާއަށް ދިޔައީ އޭނާގެ ދޮންތައާއި ދޮންބެއެވެ. އަޒީމްއަކީ އެޢާއިލާގެ ތިންވަނައަށް ހުރި އަދި އެންމެ ހަގު ކުއްޖާވެސް މެއެވެ. އަޒީމްގެ މަންމައާއި ބައްޕަ ބޭނުންވީ އަޒީމް ރަނގަޅުވަންދެން ޒައިނާ އެމީހުންގެ ގެޔަށް ބަދަލުވާށެވެ. ނަމަވެސް ޒައިނާ އެގޮތާއި ޤަބޫލު ނުވުމުން އެމީހުން އައީ އަޒީމް ދިރިއުޅޭ ގެޔަށެވެ. 

ފުރަތަމަ ދުވަހުވެސް އަޒީމްގެ މަންމަގެ ނުރުހުންތެރި ބަސްތަކާއި ސާރާ ކުރިމަތިލާން ޖެހުނެވެ. އަޒީމްއަށް އެޙާލު ޖެހުނީ ފާޑެއްގެ އަންހެނެއްގެ އަވައިގައި ޖެހިގެން ކަމަށާއި ޒައިނަބުވެސް ގެއިން ނެރެ އެއްލާލީ ސާރާކަމަށް ބުނެ ކުދި ކިޔެވެ. ސާރާ އިނީ އެތެރެއިން ރޯލަރޯލައެވެ. އޭނާގެ ކުށެއް ނެތަސް ކުއްލިއަކަށް އެހުރިހާ ކަމެއް ވެގެންދިޔުމުން އެންމެންނަށްވެސް އެންމެ ފަސޭހަ ހީކުރުމަކަށްވާނީ އެއީކަމުގައި ސާރާވެސް ޤަބޫލު ކުރެއެވެ. އަޒީމް ޒައިނަބު ވަރިކުރީތީ ހުދު އޭނާވެސް އެއިންނަނީ ހައިރާންވެފައެވެ. މާލެއަށް އައިގޮތަށް އަޒީމް ދެއްކި ވާހަކަތަކާއި އޭނާގެ އެޢަމަލު އެއްވެސް ވަރަކަށް ދިމާނުވާތީއެވެ.

ކޮންމެއަކަސް ސާރާ ބެލީ ގޭގެ ކަންކަން އެންމެ ފުރިހަމައަށް ކުރެވޭތޯއެވެ. އަޒީމް އެޙާލުގައި އޮތްއިރު އޭނާގެ ޢާއިލާއަށް މިވަގުތު އަޅާލާނެ މީހަކަށް ހުރީ ސާރާއެވެ. ސާރާ އެންމެ ޙާލުގައި ޖެހުނު ދުވަހު އަޒީމްވީ އެހީއަށްޓަކައިވެސް އޭނާ އެކަން ކޮށްދޭނެއެވެ.

އަޒީމްމެން ފުރިތާ އެއް ހަފްތާ ވެގެންދިޔައިރު އެގެއިން ފެންނަނީ ފަޅު ކަމެވެ. ޒައިނާ ކޮޓަރިން ނުކުންނަނީ ކާން ގޮވައި ގޮވައި ވަރުބަލިވާ ފަހުންނެވެ. "ދެން އަބަދު ނުގޮވިޔަސް ކާނަމޭ! ސާރާ ދައްތަ ކައިގެން އިނީމަ އޯކޭވާނެ!" އެއީ ކޮންމެ ދުވަހެއްގެވެސް އާދައަށް ވެއްޖެއެވެ. ޒައިނާ އޭނާދެކެ ފޫހިވީ ކީއްވެބާއޭ ސާރާގެ ހިތަށް އަރައެވެ. 

ނިހާދުގެ ފަރާތުން އެނގުނު ގޮތުގައި އަޒީމްގެ އޮޕަރޭޝަން ކުރުން އޮތީ ޖެހިގެން އޮތް ހަފްތާގައެވެ. އޮޕަރޭޝަނަށްފަހު މަދުވެގެން އެއް މަސް ދުވަހު އެކޮޅުގައި މަޑުކުރަން ޖެހޭނެކަމަށްވެސް ނިހާދު ބުންޏެވެ. ނިހާދުއަކީ އަޒީމް ފަދައިން ހިތްހެޔޮ މީހެކެވެ. އަޒީމް ނެތްތަން ފޫބެއްދުމަށްޓަކައި އެޢާއިލާއަށް ކުދިކުދި ކަންކަން ކުރުމަށް ނިހާދު އެގެޔަށް އާދެއެވެ. އަދި ގެޔަށް ބޭނުންވާ ތަކެތީގެ އިތުރުން ސާރާއާއި ޒައިނާއަށްވެސް ފައިސާ ދިނެވެ. އެކަމާއި ސާރާ ކިތަންމެ ގަޔާނުވިޔަސް އަޒީމް އަންނަންދެން އެކަން އެގޮތުގައި އޮންނާނެކަމަށް ނިހާދު ބުންޏެވެ.

ގާތްގަނޑަކަށް ދޮޅުމަސް ދުވަސް އެގޮތުގައި ވޭތުވެގެންދިޔައިރު އަޒީމްގެ މަންމަގެ ގާތްކަން ކޮންމެވެސް ވަރަކަށް ސާރާއަށް ލިބުނެވެ. ކައްކަން އުޅޭ ވަގުތުގައި އައިސް މަދުމަދުން ވާހަކަ ދައްކައިލުން ޢާންމު ވެއްޖެއެވެ. ސާރާ އެކަމާއި އުފާވިޔަސް ޒައިނާގެ ފަރާތުން ލިބެމުންދާ ނަފުރަތުން އޭނާގެ ހިތް ރޮއްވަމުން ދިޔައެވެ. 

"އަޒީމްއާއި ދިމާވީ ކިހިނެއް؟" އަޒީމްގެ މަންމަ، ނަޒީރާގެ ހިތުގައި އޮތް ސުވާލު އެންމެ ފަހުން އޭނާ ސާރާއާއި ކުރިއެވެ. އިސްޖަހައިގެން އިނދެ ސާރާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ނަޒީރާގެ ހިތުގައިވެސް ސާރާއާއިމެދު ކުލުނު އުފެދުނެވެ. މިވީހާ ދުވަހު އެކުއްޖާއާއިމެދު ކަންތައް ކުރެވުނު ގޮތާއިމެދު ދެރަވިއެވެ.

އަޒީމްގެ ޢާއިލާއަށް އޭނާ އުޅެމުންދިޔަ އެކަނިވެރި ދިރިއުޅުން ނޭނގޭކަން އެދުވަހު ސާރާއަށް އެނގުނެވެ. ޒައިނާއާއި ޒައިނަބުގެ ގުޅުން ރަނގަޅުނުވާތީ ސާރާ ގެނައީކަމަށް ބުނުމުން ނަޒީރާ އިނީ ވާނުވާގައެވެ. ވަގުތުން ޒައިނަބު ހޯދަންދާންވެސް އުޅުނެވެ. އެކަމަކު ސާރާ އެކަން ހުއްޓުވީ ކަންކަން ގޮސްފައިވާ ހިސާބެއް އެނގޭނީ އަޒީމްއަށް އެކަނިކަމަށްވާތީއެވެ.

"މަންމަ ނުގުޅާތަ؟ މަންމަ ވީތަނެއް އެނގޭތަ ދަރިފުޅަށް؟" ނަޒީރާ ޒައިނާގެ ފަރާތުން އިތުރަށް އެނގެން ބޭނުންވީއެވެ. "މަންމަ ނުގުޅާނެ އަޅުގަނޑަކަށް!" ޒައިނާގެ ޖުމްލަތައް ކުރެވެ. "ކީއްވެ ދަރިފުޅުމެން މާމަމެންނަށް ސިއްރު ކުރީ؟ މިހުރިހާ ދުވަހު މާމަމެން ހިތުން ދަރިފުޅު އުޅުނީ އުފަލުން!" ނަޒީރާ އިސްޖަހައިލިއެވެ. "ބައްޕަ ބޭނުންވީ ގޮތް އެއީ! އަޅުގަނޑު އިއްޔެއާ ހަމައަށް އުޅުނީ އުފަލުން. ބައްޕަ މަންމަ އެހާ ކުއްލިއަކަށް ވަރިކުރީ ކީއްވެކަން އަޅުގަނޑަށް ނޭނގެނީ! ކިތަންމެ މައްސަލައެއް ޖެހުނަސް ބައްޕަ މަންމަ ދޫކޮށެއް ނުލާނެ.. އަޅުގަނޑު ލޯބިވެޔޭ މަންމަ ދެކެވެސް... މަންމަ.. އަޅުގަނޑު ބޭނުންނުވިޔަސް.." ޒައިނާގެ އަރުބެދޭ ގޮތްވިއެވެ. މާމަ ދަރިފުޅުގެ ޙާލު ފެނުމުން ނަޒީރާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާގެ ދަރިފުޅު އަމިއްލަ ކަންކަން އޮޅުވާލަން ހާދަ މޮޅެވެ. މިހުރިހާ އަހަރެއް އެގޮތުގައި އެހޭދަކުރީ ކިހިނެއްބާއެވެ! ޢާއިލީ ހަފްލާތަކުގައި އެންމެ ގުޅޭ ޖޯޑަކީ އަޒީމްއާއި ޒައިނަބެވެ. ދުވަހަކުވެސް މަންމަމެން ކުރިމަތީގައި ރުޅިވެރިކަމެއް ނުދައްކައެވެ. ނަޒީރާއަށް ހަމަ ބުނާނެ އެއްޗެއް ނޭނގެއެވެ. 

ނިހާދުގެ ފަރާތުން ގިނަ ކަންތައްތަކެއް ސާރާއާއި ނަޒީރާއަށް އެނގުނެވެ. މާލެއައި ދުވަހު ކަންވީ ގޮތްވެސް މެއެވެ. އިތުރަށް ޒައިނަބު ހޯދަން މަސައްކަތް ކުރާކަށްވެސް ނަޒީރާމެން ބޭނުމެއް ނުވިއެވެ. ހުރިހާ ޙަޤީގަތެއް އޭނާއަށް އެނގިއްޖެއެވެ. 

މިއަދަކީ ތިން މަސް ދުވަހަށްފަހު އަޒީމް އެނބުރި މާލެ އަންނަ ދުވަހެވެ. މުޅި ގޭތެރެ އޮތީ ހަލަބޮލިވެފައެވެ. މިއަދު ބަދިގޭގެ ވެރިޔަކީ ނަޒީރާއެވެ. ސާރާ އަތްގާތްކޮށް ދިނުމަށް އުޅުނުއިރު ޒައިނާ ބެލްކަނީގައި އިނީ އުނދަގޫވެފައެވެ. ސާރާއާއި ހެދި މާމަ އުޅެނީ މާވަރަކުންނެވެ. އައްޑުއަށް ދެވުނުކަމޭވެސް ޒައިނާގެ ހިތަށް އަރައެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ