މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: މިހިތުގެ މަލިކާ - 6

އަޒީމްގެ ޙާލާއި ބެހޭގޮތުން މާބޮޑު އެއްޗެއް ސާރާއަކަށް ނޭނގެއެވެ. އޮޕަރޭޝަނަށްފަހު ފިޒިއޮތެރަޕީ ދެވުނުކަން އެނގެއެވެ. ފަހުން ވީގޮތެއް ނޭނގެއެވެ. އެއްވެސް މީހަކު އެވާހަކަ ނުދައްކާތީ ސާރާ ނިންމައިގެން ހުރީ ޙާލަތު ބަދަލު ނުވަނީ ކަމަށެވެ. އެހެންވެ އެއްޗެއް ބުނަންވެސް ނުކެރުނީއެވެ.

މެންދުރުގެ ކެއުމަށް ސުފުރާމަތި ތައްޔާރު ކުރަން އިން ސާރާ ސިއްސަައިގެން ދިޔައީ ގޭގެ ރަނގަބީލުގެ އަޑަށެވެ. އަޒީމްމެން އަންނަ ފްލައިޓު ލަސްވި ވާހަކަ ބުނެފައިވާތީ މިގަޑީގައި ދެން އަންނާނީ ކާކުބާއޭ ސާރާގެ ހިތަށް އެރިއެވެ. މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި އިނީ ކުރިން ސާރާއަށް ފެނިފައި ނުވާ އަންހެނެކެވެ. ބަލާބެލުމަށް އޭނާގެ މަންމަގެ ޢުމުރުގެ މީހެކެވެ. ސާރާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އެތެރެޔަށް ވަދެގެންގޮސް ސޯފާގައި އިށީނުމުން ސާރާވެސް ކަމަކަށް ނުހަދައި އެތެރެޔަށް ވަނީ އަޒީމްގެ ޢާއިލާ މީހެއްކަމަށް ނިންމައިގެނެވެ. 

"ނަޒީރާ! ނަޒީރާ! ޅަ ކުއްޖެއް ލިބުނީމަ އަރާމުގައި ޕާޓީ ކުރަނީދޯ؟! ބުނަންތަ ވާހަކައެއް! ތިހެން މަގޭ ދަރި ނެރެ އެއްލާލާފައި ހަމަޖެހިގެނެއް ނޫޅެވޭނެ ކަލޭމެންނަކަށް! އަހަރުމެންވެސް މީ ޤަދަރުވެރިން.. އަޒީމްގެ ހަރާންކޯރުކަމުން.. މަގޭ ދަރި މަގުމައްޗަށް ގިނަކޮށްލީ.. ނަޒީރާ!!" އެމީހަކު އައި ގޮތަށް ހަޅޭލަވަން ފެށުމުން މުޅި ގެޔަށް ހީވަނީ ކުއްލި ލޮޅުމެއް އެރިހެނެވެ. ސާރާއަށް އެއީ ޒައިނަބުގެ މަންމަކަން އެނގި، ބިރުގަތެވެ. ނަޒީރާވެސް ދުވެފައި ކަހަލަގޮތަށް ކޮޓަރިން ނުކުތެވެ. "ހޫންް... ބޭފުޅާ ހަމަ އުޑަށް ތިރިވޭ! ކަލޭމެން ހީކުރަނީ މަގޭ ދަރި އެއްލާލީމަ ރަސް ދުނިޔޭގައި އުޅެވިދާނެ ކަމަށްތަ؟ އަދި މި އަންހެނާ އެބަ އިނދެއެއްނު މާ ޞޯލިޙުކަމަށް ހެދިގެން!" އޭނާ ސާރާގެ އަތުގައި ހިފައި ދަމައިގަތްގޮތުން ސާރާ ދިޔައީ އެނބުރިގެންނެވެ. ސާރާއަށް އަތްދިއްޔޯ އޭ ކިޔައި ރޮއެގަނެވުނީ އަތުގެ ކުޑަހުޅަށްވީ ތަދުންނެވެ. 

"ޒިޔާދާ! ކަމުގެ ޙަޤީގަތް ނޭނގި އައިސް ކަރުގެ ނެތް ތަނަށް ހަޅޭލެވިޔަކަސް ނުވާނެ! އާން.. އަހަރެންގެ އަޒީމް ޒައިނަބު ގެއިން ނެރެލީ! މިތަނުން ޞާލިޙު ކަމަށް ހެދިގެން އުޅޭ މީހެއް އެނގޭނެ ނިކަން ގޮސް އެ ޒައިނަބު ކައިރީގައި އަހާބަލަ!"ނަޒީރާވެސް ވަކި ދުލެއް ނުދެއެވެ. 

"މިހިރަ ސުންޕާ، ވިހަގަދަ އަންހެނާ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމަށް ވިހަލީ! އަޒީމްގެ ބޮލަށް އެރިގެން ތި ހަލާކުކޮށްލެވުނީ ދެމަފިރިއެއްގެ ރީތި ދިރިއުޅުން! ޒައިނަބު ފަކީރު ރޯ ރުއިން.. މަޔެއްގެ ލަގޮނޑިއަށް ކެތްނުވެގެން މިއައީ.." ޒިޔާދާ ހީވަނީ ދެންމެ ދެންމެ ސާރާގެ ގައިގައި ޖަހާފާނެހެންނެވެ.

"މީ ކޮން ކަމެއް؟ ޒައިނަބުގެ މަންމަ މިގެޔަށް ވައްދައިގެން ތަޅާފޮޅަން ހުއްދަ ދިނީ ކާކު؟ ތިކިޔާ އެއްޗެއް އަދި ތަންކޮޅެއް ބާރަށް ކިޔާބަލަ!" ކުއްލިއަކަށް އަޒީމްގެ އަޑު އިވުމުން އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ. 

ސާރާ އިނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިފައެވެ. އަޒީމް ހުރީ ދެފައި މައްޗަށް ކޮޅަށް ތެދުވެއެވެ. ވީ އުފަލެއް ބުނެދޭންވެސް ސާރާއަށް ނޭނގުނެވެ. ދެންމެ ރޮވިފައި އިން މީހާ މި

ހާރު އިނީ ހެވި ދިލިފައެވެ. ނަޒީރާއާއި ޒައިނާ ދުވެފައި ގޮސް އަޒީމްގެ ގައިގައި އޮޅުލައިގަތެވެ.  

"ތިކިޔާ އެއްޗެއް އަހަރެންނާއި ދިމާލަށް ކިޔާ! ކުށެއްނެތް މީހަކަށް ތިމާގެ ރުޅިގަނޑު ބެލިޔަކަސް ކުރާނެ ފައިދާއެއް ނޯންނާނެ! އަދި ބުނަން! ސާރާއާއި ޒައިނަބާއި ދުވަހަކުވެސް އަޅާ ނުކިޔޭނެ.. އެޔަށްވުރެ މާ އަޚްލާޤު ރަނގަޅު، ކިޔަމަންތެރި ކުއްޖެއް ސާރާއަކީ! ގައިމުވެސް ފިރިޔެއްގެ ވާޖިބުތަކަކީ ކޮބައިކަމާއި ދަރިޔަކަށް ދޭންޖެހޭ ލޯބި ސާރާއަށް އެނގޭނެކަން ކަށަވަރު.. އަމިއްލަ މަންމަގެ އުނގުން ނުލިބުނު އަޅާލުން ޒައިނާ ހޯދީ ތިބުނާ ސުންޕާ އަންހެނާ ކައިރިން! ސާރާއެއް އެއްވެސް މީހެއްގެ ދިރިއުޅުމެއް ހަލާކެއް ނުކުރޭ! ޒައިނަބަށް އަދާނުކުރެވުނު މަންމައެއްގެ ޒިންމާ އަދާކުރަން ޒައިނަބުގެ ދަރި ގެނައި މީހެއް އެއީ!" އަޒީމް ހުރީ ރުޅި އައިސްގެން ގޮސް މުޅި މޫނުވެސް ރަތްވެފަައެވެ. "އަހަރެންގެ ކުށުން މިހެން މިވީ! އެއް އަތް ތެޅިޔަކަސް އަޑެއް ނުކިޔާނެކަން ޤަބޫލުކުރަން ބޭނުންނުވީ އަހަރެން! އަމިއްލަ އަނބިމީހާ ހެދިހާގޮތެއް ހެދިގެން ހުރީ އަހަރެން! ބޭވަފާތެރިވާން ދޫދިނީ އަހަރެން! އެކަމަކު މަގޭ ގޭގައި މަގޭ އެނދުގައި ހިލޭ ފިރިހެނެއްގެ އުނގުގައި އޮންނާކަށް އަހަރެން ޖާގައެއް ނުދޭނަން! އަމިއްލަ އުފާ ޤުރުބާން ކޮށްގެން ލައްކަ ދުވަހު ހުރެވިއްޖެ!" އަޒީމް ހުރިހާ އެއްޗެއް ކިޔައި ނިމުނުއިރު އެންމެން ތިބީ އިސްޖެހިފައެވެ.

"އަޒީމް! ދަރިފުޅާ! މަންމައަށް މަޢާފު.." ޒިޔާދާ ކުރިޔަށް ޖެހިލައި އަޒީމްގެ އަތުގައި ހިފިއެވެ. "އަހަރެންގެ ކިބައިން މަޢާފަށް އެދެންޖެހޭ މީހަކު މިތާކު ނެތް! މަޢާފަށް އެދެންވީ ސާރާގެ ކިބައިން.. އެއީ ތިއެންމެން ހީކުރާ ވަރަށްވުރެވެސް ރަނގަޅު ކުއްޖެއް! އަހަރެންނާއި ޒައިނާއަށް ލިބުނު ނަސީބެއް! ޒައިނަބުގެ މަންމަ ގޮަސް ދެންވެސް ޒައިނަބަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާ ކުރޭ!" އަޒީމް ވަރުބަލިވީއެވެ. މުޅި މީހާ ދާހިއްލަން ފެށުމުން ގޮސް ގޮނޑިއެއްގައި އިށީނެވެ. ސާރާއަށް ދުވެފައި އަޒީމްއާއި ދިމާލަށް ދެވުނީ ކީއްވެކަމެއް ނޭނގެއެވެ. އަވަހަށް ގޮސް ފެން ތަށްޓެއް ދިނީ ހަލުވިކަމާއެކުގައެވެ. "އަދި ވަރަށް ވަރުދެރަކޮށް އުޅެނީ! މާ ގިނައިރު ކޮޅަކަށް ނުހުރެވޭނެ އެހެން.." އަޒީމްގެ ދޮންތަ ބުންޏެވެ.

މެންދުރު ހިނގާދިޔަ ކަންތަކަށްފަހު އެކަކުވެސް އެކަމާ ބެހޭގޮތުން މާގިނަ ވާހަކައެއް ނުދައްކައެވެ. އަޒީމްވެސް ވަރުބަލިވާކަމަށް ބުނެ އޮށޯތީއެވެ. 

"ކަލޭގެ ހުންނަ ލަދުޙަޔާތް ކުޑަކަން ދެކިބަލަ! އަހަރެން މިއައީ އަމިއްލަ މީހާ ފަލީޙަތް ވާންޖެހިފައި އަޒީމްގެ ކުރިމަތީގައި. ހަމަ ކަލޭގެ ސަބަބުން. ހުރިހާ ނުބައެއް ހަދާފައި މިތަނަށް އައިސް ކޮން ކަރުނައެއް ތިބާލަނީ ނުކައި ނުބޮއެ އިނދެގެން؟" ޒިޔާދާ އައިސް އެނދުގައި ކުރުގެޅިގެން އޮތް ޒައިނަބުގެ އަތުގައި ހިފައި ނެގިއެވެ. "ކިހާ ދެރަކަމެއްތަ މަންމާ؟ މަމިތާ އޮތަ ދީބަލަ! މަގޭ މުޅި ދިރިއުޅުން ހަލާކުވީ މަންމަމެންނާ ހެދި.. ފާޑެއްގެ ނުވެސް ދަންނަ މީހަކާ މަ ދެވީ ކީއްކުރަންތަ؟ ކިޔަމަންތެރި ދަރިޔަކަށް ވެގެން މަ އިނީ! ދެން އަދިވެސް ސަލާމަތެއް ނެތް.. މަށެއް ބޭނުމެއް ނޫނޭ ޅަދަރި މަޔެއްހެން ގޭގައި އޮންނާކަށް. އެހެންނޫނަސް މަށެއް ލޯތްބެއް ނުވޭ އެ އަޒީމް ދެކެއެއް." ޒައިނަބު ހިތުހުރި އެއްޗެއް ކިޔަމުންދިޔައެވެ. "ދެން ޒައިނާއޯ؟ އެދަރިފުޅާމެދުވެސް ރަޙުމެއް ނެތީތަ؟ ތީ އަޅެ އިންސާނެއްތަ؟ އަމިއްލަ ބަނޑުން ވިހޭ ދަރިޔަށް އެޙާލު ޖައްސާފަ، މަގޭ ދަރިޔެކޭ ބުނަންވެސް ދެރަވޭ!" ޒިޔާދާ ބޮލުގައި ދެއަތުން ހިފަހައްޓާލީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. "ދެން އެންމެ ރަނގަޅު ގޮތޭ އެވީ! ޒައިނާއަށް މަންމައެއް ލިބިފައި އެ ހުރީ. ދެން އަހަރެންގެ ބޭނުމެއް ނުޖެހޭނެ. އަހަރެން ބޭނުމީ މިތަނުން ދާން." ޒައިނަބު ގޮސް ފާޚާނާއަށް ވަނެވެ. ޒިޔާދާ އިނީ ގުޑިލަންވެސް ނޭނގިފައެވެ. އަމިއްލަ ދަރިފުޅު އެދަރަޖައަށް އެދިޔައީ އޭނާގެވެސް އިޙުމާލުންނެވެ. އެދެމައިންގެ ގުޅުން ބަދަހި ކޮށްލާނެ ވަގުތެއް ޒިޔާދާއަކަށްވެސް ނުދެވުނެވެ. ދެން ކުރާނެ ކަމެއް ނެތެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައިރު އަޒީމްގެ ޙާލު ދިޔައީ ރަނގަޅު ވަމުންނެވެ. ސާރާގެ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް އަޒީމްއަށް ހުސްކުރިއެވެ. ސާރާގެ އަޅާލުން ފެނި، ނަޒީރާވެސް އިންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. ސާރާއާއި ދުރުން އުޅުނަސް ޒައިނާވެސް އެގާތްކަމަށް އެދެއެވެ. ކަންތައް ވެގެންދިޔަ ގޮތުން އެދެމެދުގައި އުފެދުނު ދުރުމިން ގާތް ކުރާނެ ހިތްވަރެއް އަދި ޒައިނާގެ ކިބައިގައި ނެތީއެވެ. 

ކޮންމެ ދުވަހެއްގެވެސް އިރުއަރަނީ އަޒީމްއާއި ސާރާ ހެދިގޮނޑުދޮށުގައި ތިއްބައެވެ. ފަތިހު އަޒީމް ގޮވައިގެން ހިނގަން ދިޔުމަކީ ސާރާ ވަރަށް ފަރުވާތެރިކަމާއެކު ކުރާ ކަމެކެވެ. އެގަޑީގައި ދުއްވާ އެއްޗެހި މަދުކަމުން ހިނގަންވެސް ފަސޭހަވާނެތީއެވެ. 

އާދައިގެމަތިން މިއަދުވެސް ހިނގާލާފަައި އައިސް ސާރާމެން މަޑުކޮށްލީ ހެދިގޮނޑު ދޮށުގައި ހުރި ގޮނޑިތަކުގައެވެ. "ސާރާ ކިހިނެއްތަ؟" އަޒީމް އަހާލިއެވެ. "ރަނގަޅު!" ސާރާގެ ޖަވާބު ކުރެވެ. "ކޮންމެ ދުވަހަކު އަންނައިރުވެސް މާގިނަ ވާހަކައެއް ނުދައްކަމެއްނު. އަސްލަށް ބުނެބަލަ! ކިހިނެއް؟" އަޒީމް ބޭނުންވީ ސާރާ އެއުޅެނީ ހިތްހަމަޖެހިގެންތޯ ބަލާށެވެ. "މީ.. އަސްލުވެސް. ރަނގަޅު. ވަރަށް ރަނގަޅު." ސާރާ އަޒީމްއަށް ބަލާލާފައި ހީލިއެވެ. ދެން އިސްޖަހާލިއެވެ. "އަހަރެންނަކަށް ނޭނގެ އަޒީމްއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. އެދުވަހު އަޒީމްއާއި ދިމާނުވިނަމަ މިހާރު އަހަރެންވެސް އޮންނާނީ ސަހަރާގަައި ކަންނޭގެ." ދުރު ބަލާލަމުން ސާރާ ބުންޏެވެ. "އޭތް! ދެން ތިކަހަލަ އެއްޗެއް ނުބުނައްޗޭ! ތިއީ އެއަށްވުރެ ހިތްވަރުގަދަ މީހެއް! އަހަރެން ވަރަށް އުފާވޭ ސާރާ އަހަރެންނާ އަހަރެންގެ ޢާއިލާއާއި ދޭތެރޭ ތިބަހައްޓާ ގާތްކަން ފެނިފައި. ދުވަހަކުވެސް ޒައިނަބުގެ ފަރާތުން ތިފަދަ އޯގާތެރި ކަމެއް އަހަރެންނަކަށް ނުލިބުނު. މިހާރު ބޭނުމީ މުޅިން އެހެން ލައިފްއެއް!" އަޒީމް އެދުވަސްތައް ހަނދާން ކުރާކަށް ބޭނުމެއް ނޫނެވެ.

އިޙުޞާސް ވާގޮތް ނޭނގޭ ބުނެދޭން، ޔާރަކީ ތިއޭ
ހަނދުހެން އަލިވާ މޫނޭ ތިޔައީ، ހިތް މަގޭ ދޭ
ލޯބިވާއޭ، ތީއޭ މިހިތް އެދޭ މަންޒިލަކީ
ލޯބިވާއޭ، ތީއޭ ހިތަށް ލިބޭ ފިނިކަމަކީ

އަޒީމްއަށް އަބަދުވެސް ވިސްނެނީ ސާރާއާއި މެދުގައެވެ. އޭނާގެ ޙަޔާތަށް ބޭނުމީ އެފަދަ ކުއްޖެކެވެ. ޒައިނާއަށްވެސް ބޭނުންވާނީ އެގޮތެވެ. އެކަމަކު އެއީ ނުވާނެ ކަމެކެވެ. ސާރާއާއި ބަލާފައި އޭނާއަކީ ބޮޑު މުސްކުޅިއެކެވެ. އެހެން ހިތަށް އަރާފައި ބޮލުގައި ޖަހައިލެވުނެވެ. ކިތަންމެ ސިއްރުކުރަން އުޅުނަސް ސާރާގެ ޙާލަކީވެސް އެއީއެވެ. އޭނާއަށް ދުވަސްކޮޅަކުން އަޒީމް ގެއްލޭނެޔޭ ހިތާ ދެރަވެއެވެ. އެއްވެސް އުންމީދެއް ނެތި، މިސްރާބެއް ނެތި ދުވަސްތައް ވޭތުކުރަމުންދާ މީހެކޭވެސް ހިތަށް އަރައެވެ. އެންނެ ދެރަވަނީ ޒައިނާ ބަދަލުވުމުންނެވެ. މިހާރު އޭނާއަށް ވިސްނެވެ.ޒައިނާގެ މަންމަގެ މަޤާމު އެހެން މީހަކަށް ދޭން އޭނާ ބޭނުން ނުވަނީއެވެ. ސާރާ ޖެހޭނީ އަޒީމްއާއި ދުރުން އުޅޭށެވެ. ހިތުގައި ހިނގާ އިޙުޞާސްތަކުގެ މައްޗަށް ގަދަވެގަންނާށެވެ.
 
ފެނުމުން ކަލާ އަރައޭ ހިތަށް
ނުލިބޭނެބާ ތިއުފާ މަށަށް
ލޯތްބެއް ތިނޫން ދުވަހަކު ނުވޭ ހިތުގާ
ތި ހަނދާންތަކުން ނުދެވޭ ދުރަށް
މަޖުބޫރުވެފާ މިވަނީ ހިތަށް
ތިޔަ ނަން ފިލާ ދެން ނުމެދެޔޭ މި ހިތުން

އަޒީމްއާއި ސާރާ އުޅެނީ އެކަކު އަނެކަކަށް ފިލައިގެންނެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް މެނުވީ ނުދައްކައެވެ. ދެމީހުންވެސް ހީކުރަނީ ވާހަކަ ދައްކަން ބޭނުން ނުވަނީ ކަމަށެވެ. މިފަދަ ގޮތަކަށް ދުވަސްތައް ދަނިކޮށް އެއް ދުވަހަކު އަޒީމްއަށް ޒައިނަބުގެ ފޯނު ކޯލެއް އައެވެ. ވަރަށް ނުނަގާނަމޭ ހިތާ ހުރެފައިވެސް ފޯނު ނެގިއެވެ. "ބައްދަލުކޮށްލެވިދާނެތަ؟" ޒައިނަބުގެ އެދުން ހާމަކުރިއެވެ. އަޒީމް ފޯނު ބޭއްވީ ޒައިނަބާއި ބައްދަލު ކުރަން އެއްބަސް ވެފައެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަޒީމްގެ ދަރިފުޅުގެ މަންމައެވެ. އެދެމީހުންގެ ކައިވެނީގެ ގޮށް މޮހެވިފައިވިޔަސް މައި ބަފައިވަންތަކަމުގެ ގޮތުން އޮންނަންޖެހޭ ގުޅުމެއް ކެނޑިގެން ނުދާނެއެވެ. އަޒީމް ހުރީ ޒައިނަބަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާކޮށްލަ ކޮށްލައެވެ. އެދެމީހުންގެ ވަކިވުމަށްފަހު ޒައިނާއަށް އައިސްފައިވާ ބަދަލު އަޒީމްއަށް ރަނގަޅަށް ފެނެއެވެ. އެދަރިފުޅު ހަލާކުވެދާކަށް އޭނާ ނޭދެއެވެ.

މެންދުރުގެ ހޫނުގަދަ ގަޑީގައި ކޮފީ ޝޮޕެއްގެ ތެރޭގައި އަޒީން ހުރީ ޒައިނަބުގެ އިންތިޒާރުގައެވެ. މާގިނައިރެއްނުވެ ޒައިނަބު ދޮރުން ވަދެގެން އަންނަތަން ފެނުނެވެ. މިވީ ހަވަރަކަށް މަސް ދުވަހުގެ ތެރޭގައި ޒައިނަބަށް އައިސްފައިވާ ބަދަލު ފެނި އަޒީމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މީހާ ހިކިގެން ގޮސް ކަށިކޮޅަކަށްވަނީއެވެ. ދެލޯ ވަޅުވަދެފައިވާއިރު ދުވަހަކުވެސް ނިދި ނުލިބޭ މީހެއްފަދައެވެ. "ބަލީތަ؟" އަޒީމް ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. "އަހަރެން މިއައީ އަޒީމް ކައިރިން މަޢާފަށް އެދެން! އަހަރެން މިއީ މީހެއްގެ މަޢާފު ލިބުންވެސް ޙައްޤު ނުވާފަދަ މީހެއް. އެކަމަކުވެސް.." ޒައިނަބު ޙަޤީގަތުގައިވެސް ބަދަލުވީބާއޭ އަޒީމްގެ ހިތަށް އެރިއެވެ. "އަހަރެން އައި ވާހަކަ އެއްވެސް މީހަކު ގާތުގައި ނުބުނައްޗޭ! ކަންތައް ވީގޮތުން މަންމަމެންނާ އެއްކޮށް އުޅޭކަށްވެސް ބޭނުމެއް ނޫން. އެހެންވެ ވަކިން މި އުޅެނީ.." އަޒީމް ހުރީ ކިޔަންވީ ކީކޭކަން ނޭނގިފައެވެ. "ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެ! ކުށަށް ތަޢުބާވެ، ރަނގަޅަށް އުޅެން ފެށީމަ އިސާހިތަކު ދިރިއުޅުން އުފާވެރިވާނެ. މާތް ﷲ އީ ފާފަތައް ފުއްސަވާ، ހެޔޮ ރަޙުމަތް ލައްވާ އިލާހު!" އަޒީމް ހިނިތުންވެލިއެވެ. "އަޒީމް! އަހަރެން މީ ވަރަށް ވަރަށް ނުބައި މީހެއް. އަހަރެން އުޅުނީ... އަހަރެން އުޅުނީ އަހަރެންގެ ނުބައިކަން..އަހްއަހް.." ޒައިނަބު ކޮށިއަރާ ގޮތްވިއެވެ. އަޒީމް ފެން ތަށި ދިއްކޮލުމުން އަތުން ނޫނެކޭ އިޝާރާތްކޮށްލިއެވެ. އަޒީމް އެދުވަހު މާލެ ނައިނަމަ އަހަރެންގެ ޕްލޭން ކާމިޔާބުވީސް.. އެކަމަކު.. މިއީ އަހަރެންގެ ނުބައިކަން.." " ކޮން ޕްލޭނެއް؟" އަޒީމް ހުރީ ޒައިނަބު ބުނަން އުޅޭ އެއްޗެއް ނޭނގިފައެވެ. "އަޒީމް.. އަހަރެން ބަނޑު ބޮނޑު.." އަޒީމްގެ އަތް ޒައިނަބުގެ ބަނޑުގައި ޖައްސަމުން އެބުނެލި ޖުމްލައިން އަޒީމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވަގުތުން އަތް ދަމައިގަނެވުނެވެ. "ކިހި.. ކިހިނެއް؟ ނޫން! ނުބުނާތި.." އަޒީމް މޫނު އަނެއް ފަރާތަށް އަނބުރައިލިއެވެ. "އާނ އަޒީމް! އަހަރެން އުޅުނީ އަޒީމްގެ ބޮލުގައި މިކަން އަޅުވަން. އެކަމަކު.. މިއަދު އަހަރެންނަށް އަހަރެންގެ ނުބައިކަން އިޙުޞާސްވޭ! ޕްލޭން ފެއިލްވީމަ އިއްސެވެސް ފިލީ.. ނޭނގެ ވީ ކޮންތާކު ކަމެއްވެސް.. އަހަރެން މިޙާލަށް މުޅިން އެކަނިވެއްޖެ.. އެއް ދަރި ބޭނުންނުވި މީހާ ކިހިނެއް އެކަނި... އަހަރެން ގޮތް ހުސްވެއްޖެ. މިއަދު ލަދުވެސް ގަނޭ." ޒައިނަބު ގިސްލާ އަޑު އިވެއެވެ. އަޒީމްއަށް އެމޫނަށް ބަލަންވެސް ކުޅަދާނައެއް ނޫނެވެ. އޭނާގެ އަނބިމީހާގެ ގޮތުގައި އިނދެ އެފަދަ މުޑުދާރު ޢަމަލުތައް ކޮށްފައި އެވަރުން ނުވެގެން އެކަން އޭނާގެ ބޮލުގައި އަޅުވަންވެސް އުޅުނީއެވެ. މިއަދު އޭނާ އުފާވެއްޖެއެވެ. ޒައިނަބު ވަރިކުރުން އެއީ އޭނާ ނިންމި ރަނގަޅު ނިންމުމެއް ކަމުގެ އިޙުޞާސް ކުރެވިއްޖެއެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތުމުން އަޒީމް އެތަނުން ދިޔައީއެވެ. ތަޢުބާގެ މަގު އެބައޮތް ކަމުގައި ޒައިނަބަށް ހަނދާން ކޮށްދެމުންނެވެ.

މުޅި އެރޭވެސް އަޒީމް ހުރީ މޭ ނުބައިކޮށްފައެވެ. އޭނާގެ ޙަޔާތަށް މިއޮއްވީގޮތެއް ދޯއެވެ. ދިރިއުޅުމާއިމެދު ވިސްނާލުމުން ގަދަޔަށް ބޮލުގައި ރިއްސަން ފެށިއެވެ. މިހާރު އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެނބުރި މަސައްކަތަށް ނުކުންނަން ފަށާށެވެ. އެކަމަކު ޑޮކްޓަރު ބުނެފައިވާގޮތުން އަދި ދެ ހަފްތާ އަރާމު ކުރަން އެބަ ޖެހޭވިއްޔާއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތު އަޒީމްއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ދެ ލޯ ކުޑަކޮށްލާފައި ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. "ދަރިފުޅާ! ޒައިނަބު... ދަރިފުޅާ! ވަރަށް އަވަހަށް އާދެބަލަ!" އެއީ ޒައިނަބުގެ ބައްޕަގެ އަޑެވެ. އަނެއްކާ ކިހިނެއްވީބާއެވެ! ފުންމައިގެން އެނދުން ތެދުވެފައި އަޒީމް ހަލުވި ފިޔަވަޅުތަކެއްގައި ދިޔައެވެ.

ހޮސްޕިޓަލުގެ އެމަރޖެންސީ ބައިގެ ދޮރުމަތީގައި ޒައިނަބާއި އަޒީމްގެ ޢާއިލާ ތިބީ ހާސްކަމުގެ ތެރޭގައެވެ. ޒައިނަބު އޯވަރޑޯޒްވެގެން ގެނެވުނުއިރު ފުރާނަނެތް މަސްގަނޑެއްފަދައެވެ. އެންމެންވެސް ހައިރާންވީ ޒައިނަބުގެ ބޮޑުވެފައިވާ ބަނޑު ފެނިފައެވެ. އަޒީމް ނިންމައިގެން ހުރީ އެއްވެސް އެއްޗެއް ނުބުނުމަށެވެ. ވަގުތުގެ ނާޒުކު ކަމުންނެވެ. 

"ވީ އަރ ވެރީ ސޮރީ! ދަ ޕޭޝަންޓް އިޒް ނޯ މޯ.." ޑޮކްޓަރުގެ ބަސްތައް އިވިފައި އެންމެންވެސް ހިމޭންވިއެވެ. އިރުކޮޅަކުން އިވުނީ ޒައިނާ އަޑުން އަޑު ނަގައި ރޯން ފެށި އަޑެވެ. މަންމަގެ ލޯބިން އެފަކީރު މުޅި ޢުމުރަށް މަޙުރޫމުވީއެވެ. ޒައިނަބުގެ މަންމަމެން ތިބީ ވީގޮތެް ނޭނގި ގަބުވެފައެވެ. އަޒީމް މަޑުމަޑުން ގޮސް ޒައިނަބުއާއި ދިމާވި ގޮތުގެ ވާހަކަ ކިޔައިދިނީ އެއީ އެންމެ މަޞްލަޙަތު ރަނގަޅު ގޮތް ކަމަށްވާތީއެވެ.

ޒައިނަބުގެ ކަށުކަމާކެމީގެ ކަންކަން ނިމި ވަޅުލާފައި އައިއިރުވެސް ޒައިނާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ވަރުބަލިވެސް ނުވާކަހަލައެވެ. ޒައިނާ މަސަލަސް ކުރަން މަސައްކަތް ކުރަމުންދިޔަ ސާރާއަށްވެސް ރޮވެނީއެވެ. އަޒީމް އައި ގޮތަށް އައިސް އެެދެ އަތުން އެދެމީހުންގއ ގައިގައި ވަށާލިއެވެ. "ޝޫޝް.. ދެން ނުރޯނެ..!" 

ކެތްނުވޭ މަގޭ ހިތަށް ކަލާ ރޯލުމުން
ކަރުނައިން މިދެލޯ ފުރެއޭ ތިބާ ދެރަވުމުން
ވީމާ ދެން ކަލާ ހިނިތުންވެލާށޭ ދެރަނުވޭ
 
އެތައް ވާހަކައެއް ދައްކައިގެން ޒައިނާ ހަމަޔަކަށް އެޅުނެވެ. ވަރުބަލިވެގެން ގޮސް ސާރާގެ އުނގުމަތީގައި ބޯ އަޅާލައިގެން އޮވެ ނިދާލިއިރު އެމައުސޫމުކަން ފެނި ހިތް ލޯބިން ފުރޭހާވެއެވެ. އަޒީމް ސާރާގެ އަތްތިލައިގައި ހިފާލިއެވެ. "ވަރަށް ފިލިއްޖެ! އެކަމަކު ދެން ބޭނުމެއް ނޫން. އަހަރެން ބޭނުން މުޅި ޢުމުރަށްވެސް ސާރާގެ ތި އަތުގެ އެހީތެެރިކަން. އަހަރެންގެ ޙަޔާތް އުޖާލާކޮށް ދެވޭނެ މީހަކީ ތީ! މުޅި ޢުމުރަށްވެސް ސާރާ އަހަރެންނާއެކު އުޅޭނަމޭ ބުނޭ!" އަޒީމް ހުރިހާ އެއްޗެއް ކީއިރު ސާރާ އިނީ ލަދުން ވިރޭވަރުވެފައެވެ. ބޯ ޖަހައިލުން ނޫން އިތުރު ކަމެއް އޭނާއަކަށް ނުކުރެވުނެވެ.
 
ހޯދޭ ރާނީ ތީ މަގޭ ހިތް އެނގޭހޭ
ބަހަރާ ދޭ ތިބާ ހީލުމުންނޭ
މި ލޭގައި ތިނަން ލިޔެފާ
ގުޅާލާނަމޭ ވިންދާ
 
އަޒީމް ސާރާ ކައިރީގައި އެނދުގައި އިށީނެވެ. އެއް އަތުން ޒައިނާގެ ބޮލުގައި ފިރުމާލަމުން ސާރާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

މިހިތުން ޖާގަވާ މިހިތުގެ މަލިކާއެވެ. އަބަދަށް މިހިތުގައި ރަސްކަން ކުރާށެވެ! މިޙަޔާތުގެ އުޖާލާ ބަހާރަކީ ތިއީއެވެ. މިލޮލުގެ ނޫރަކީވެސް ތިއީއެވެ. 

(ނިމުނީ)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ