މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 17

އާޒިމާއި އެކުގައި ދާން ބޭނުން ނުވިޔަސް ނީނާއަށް މަޖުބޫރުވީ އާޒިމާއި އެކީގައި ގެއަށް ދާށެވެ. އެދެމީހުންގެ ތެރޭގައި މައްސަލައެއް ޖެހިގެން އުޅޭކަން ފާތުންއާއި އިއްބެއަށް އަންގާކަށް ދެމީހުންކުރެ އެކަކުވެސް ބޭނުމެއް ނުވެއެވެ. އެހެންކަމުން އެކީގައި ދިޔުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކިގެން ދެމީހުން ދިޔައީއެވެ.

މަގުމަތީގައި ހިނގާފައި ދިޔައިރު ދެމީހުންގެ ދޭތެރޭގައިވީ ހަމަހިމޭންކަމެވެ. ޖައްވު ސާފުވެފައި ހަމަހިމޭން ވައިރޯޅި އެއް ޖެހުން ފިޔަވާ އިތުރު ކަމެއް އެ ހަމަހިމޭން ދަންވަރުގައި ނުވެއެވެ. ހިސާބަކަށް ދެވެންދެން ފަނީގެ ގޮވުމުގެ އަޑު ނުކެނޑި ހުއްޓެވެ.  ގެއާ ހަމައަށް އާދެވުނު އިރުވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އިރުއިރުކޮޅާއި އެކަކު އަނެކަކު މޫނަށް ނޭންގޭ ގޮތަށް ބަލާލެވެއެވެ. 

ގޯތިތެރެއަށް ވަދެގެން ނީނާ ދިޔައިރު އާޒިމް ދޮރާށި ކައިރީގައި މަޑުކޮށްލައިގެން ހުރީއެވެ. ގޭގެ ދޮރާއި ހަމަވުމުން ނީނާ ފަސް އެނބުރި ބަލައިލިއެވެ. އާޒިމް ހުރިތޯ ބަލައިލާށެވެ. އާޒިމަށް އެއައި ކުއްލި ބަދަލާއި މެދު ނީނާގެ ހިތުގައި ބައިވަރު ސުވާލުތައް އުފެދިފައި ވެއެވެ. އެކަމާ ވިސްނި ވަރަކަށް ނީނާގެ ހިތަށާއި ސިކުނޑިއަށް އުނދަގޫތަކެއް ކުރުވައެވެ. އެހެންނަމަވެސް އެއީ ޖަވާބު ނުލިބޭނޭ ސުވާލުތަކެއްކަން ނީނާއަށް އެނގެއެވެ.  އާޒިމްވެސް ހުރީ ނީނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ދެޖީބަށް އަތް ޖަހާލައިގެން ނީނާއަށް ދިމާލަށް ބަލަން ހުރި ގޮތުން ނީނާގެ ހިތައް ތަފާތު އިހުސާސްތަކެއް ކުރުވިއެވެ. "ސީރިއަސް ލުކެއް" ގައި ބަލަން ހުންނައިރު އާޒިމް ހާދަހާ "ސްމާޓެވެ". ހަމަ އެ ސިކުންތުގައި ނީނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އާޒިމްގެ ހަރުކަށި ބަސްތައް ހިތައް އަރާފައެވެ. އިރުކޮޅަކަށް އާޒިމާއި ދިމާލަށް ބަލަން ހުރެފައި  މަޑުމައިތިރި ކަމާއި އެކީގައި މަޑުމަޑުން ނީނާ އެތެރެއަށް ވަދެގެން ދިޔައެވެ. ފަސްއެނބުރި ލޮލުގައިވި ކަރުނަތައް ފޮހެލިއެވެ. އާޒިމްވެސް ގެއާއި ދިމާލަށް ހިނގައިގަތީ ނީނާ އެތެރެއަށް ވަދެ ދޮރު ލެއްޕުމުންނެވެ.

ފާތުންއާއި އިއްބެގެ ހަޔާތުގެ ބަގީޗާގައި ރީތި މާތައް ފޮޅެމުންދަނީއެވެ. ލޯބީގެ ގުލްޝަނުގައި ދެހިތްލާމެހިގެންދިޔައީ އެއްވެސް ހުރަހެއް ނެތިއެވެ. ކައިވެނީގެ ފުރަތަމަރޭގެ ފޮނިމީރުކަން ދެމީހުން ލިބިގަންނަމުން ދިޔައީ އުފަލާއި އެކީގައެވެ. އަނެއްކޮޅުން ނީނާގެ ހިތް ފުޑުފުޑުވަނީއެވެ. އާޒިމްގެ ތޫނު ބަސްތަކުގެ ސަބަބުން އެދުމަތީގައި ރޯލަ ރޯލާ ނީނާ އޮތެވެ. ނީނާގެ ހާލަތު އާޒިމަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. އެހެންކަމުން އާޒިމް އެހާ ހަރުކަށިވާންވީ ސަބަބެއް ނީނާއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި އެމަޑު ހިތް، ހިލަ ހިތަކަށް ބަދަލުވެގެން ދިޔައީއެވެ. ގެއަށް ދިޔައީސުރެއް ނީނާއަށް ރޮވެނީއެވެ. އޭނާގެ ހާލަތު ދެކޭނެ އެކަކުވެސް ނެތެވެ. މާމަވެސް ކޮއްކޮވެސް ގެއްލުނީއެވެ. ނީނާގެ އެކަނިވެރިކަން މިރޭ ވަރަށް ބޮޑަށް އިހުސާސްވާން ފެށިއެވެ. ނީނާގެ ހިތައް އަދިވެސް ސިފަވަނީ އާޒިމްގެ ހަރުކަށި ބަސްތަކެވެ. ޒާހިރުގެ އަނިޔާވެރި ޢަމަލުތަކެވެ. 

އާޒިމްގެ ހާލުވެސް ވަކި ދެރައެއްނޫނެވެ.  "އެހާލުގައިވެސް ނީނާ ހުރިހާ ކަމަކާއި ކުރިމަތިލަމުން އެދިޔައީ ހިތްވަރާއެކީގައެވެ. ޕާރޓީގައި ޒާހިރުއާއި ކުރިމަތިލާނީ ހާދަހާ ކެތްތެރިވީމައެވެ. އެފަދަ ހިތްވަރެއް އެހެން އަންހެން ކުއްޖަކަށް ލިބޭނެ ބާވައެވެ." ސުވާލުތަކުގެ ތޫފާނެއް އާޒިމްގެ ސިކުނޑީގައި އެބުރެމުންދިޔައެވެ. ނިދަން އުޅެ އުޅެ އެއްގޮތަކަށްވެސް ނިދެނީއެއް ނޫނެވެ. ނީނާގެ ހިޔާލުތައް ވަގުތުކޮޅަކަށްވެސް އާޒިމްގެ ހިތާއި ސިކުނޑިން ފިލައިގެން ނުދެއެވެ. ނީނާއާއި ދޭތެރޭގައި އޭނާއަށް ކަންތައް ކުރެވުނުގޮތުން ދެރަވަނީއެވެ. ހަގީގަތުގައި މިރޭ އާޒިމް ކަންތައްކުރި ގޮތުން ނީނާ އާޒިމްދެކެ ފޫހި ވާނެބާއޭ ހިތައް އަރަމުންދިޔައެވެ. ނީނާއާއި ގަދަކަމުން އާޒިމް ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ. އާޒިމްގެ ހިތުތެރޭގައި އުފެދެމުން އަންނަ ސުވާލުތަކުގެ ތޫފާން އިތުރަށް ގަދަވަމުން އަންނަހެން ހީވާން ފަށައިފިއެވެ. ދެފަރާތައް ފުރޮޅި ފުރޮޅިލައި އާޒިމް އޮވެއެވެ. އެނދުން ތެދުވެއެވެ. ބާލީސް މޫނު މަތީގައި އަޅައެވެ. ފާހާނާއަށް ވަދެ މޫނުވެސް ދޮވެލައިފިއެވެ. އަދިވެސް އާޒިމްގެ ހިތަކަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. "ނީނާއާއި ބައްދަލުކޮށްފައި މާފަށްއެދެންވެސް ހިތްބުނެއެވެ.އެއްގޮތަކީ ރީތި ގޮތުގައި ނީނާއާއި ކައިވެނި ކުރުމެވެ. އަނެއްގޮތަކީ އެގޮތުގައި ހުރެ ނީނާއާއި ކައިވެނި ކުރުމެވެ. އާޒިމް ނީނާދެކެ ލޯބިވެއެވެ. އެހެންވިއްޔާ އޭނާ ނީނާއާއި ދޭތެރޭ އެގޮތައް ކަންތައް އެކުރަނީ ކީއްވެހެއްޔެވެ. ކޮއްކޮ ދިރިއުޅުން ސަލާމަތްކުރަން ހެއްޔެވެ. ކޮއްކޮއަށް ލިބެން އުޅޭ ދަރިފުޅާއި ދޭތެރޭގައި ވިސްނާފައި ހެއްޔެވެ." ސުވާލުތައް ހީވަނީ އާޒިމްގެ ސިކުނޑި ފަޅާލާފައި ނުކުމެދާނެހެންނެވެ. ވިސްނާ ވިސްނާ ހިތައް ހަމަޖެހުމެއް ނުލިބުމުން އެނދުން ތެދުވެ ގަމީސް ގަޔައް މަހާލައިގެން ނުކުމެއްޖެއެވެ. ބާރަށް ހިނގާފައި އެދަނީ ނީނާގެ ގާތަށެވެ. 

އެނދުމަތީގައި ރޯން އޮތް ނީނާގެ ހިތައް އަރަމުންދިޔަ ކަންތައްތަކާއި މެދު އޭނާ ވިސްނަން އޮތެވެ. ދުނިޔޭގައި އުޅޭ މީހުންނަކީ ކެހިވެރި ނުލަފާ ބައެއްކަން ނީނާގެ ހިތައް ސިފަވަމުން ދަނީއެވެ. އޭނާއަށް އަޅާލާ އޯގާތެރިވާނެ މީހަކު ނެތެވެ. ހިނގާދިޔަ އެއްވެސް ހާދިސާއެއް ފާތުންނާއި ހިއްސާކުރާކަށް ފުރުސަތެއްވެސް ނުލިބުނެވެ. ހިއްސާކުރާކަށް ބޭނުމެއްވެސް ނުވިއެވެ. ހަގީގަތުގައި ނީނާ ދުނިޔޭގައި ހުރުމުގެ ބޭނުމެއް އޭނާއަކަށް އެވަގުތަކު ނުވިސްނެއެވެ. ލޯމަރާލިޔަސް ފެންނަނީ އަނިޔާވެރި ހަރުކަށި މީހުންނެވެ. އެހެންވިއްޔާ ނީނާ ދުނިޔޭގައި ހުރުމުގެ ބޭނުމެއް އޭނާއަކަށް ނުވިސްނެއެވެ. އެނދުން ތެދުވުމާއި އެކު ނީނާ މިސްރާބުޖެހީ ނުބައި ޢަމަލެއް ކުރުމަށެވެ. އެނދުމަތީގައި އޮތް ބެޑްޝީޓު ނަގައި ކޮޓަރީގައި އިން ގޮނޑި ފަންކާއާއި ދިމާލަށް ގެނައެވެ. އަދި ގޮނޑިމައްޗައް އަރާ ފަންކާގައި ބެޑްޝީޓު އޮޅާލިއެވެ. އަދި ބެޑްޝިޓުގައި މަޅިއެއް ހަދައި ކަރު އޭގެ ތެރެއަށް މަހައިލިއެވެ. 
ނުނިމޭ

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ