މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 21

ފެހިކުލައިގެ ރީތި ގަސްތަކުން ޒީނަތްތެރިކަން ދުރަށް ފާޅުކޮށްދޭ މާފަންނު ޠައިބާއަކި ދެކޭ މީހުންގެ ހިތްތަކަށް އޭގެ ހައިބަވަންތަކަން ދައްކައިދޭ ބޮޑު ކިއްލާއެއްފަދަ ރީތި ގެއެކެވެ. ގޭގެ ގޯތިތެރޭގައި ބަހައްޓާލެވިފައިވާ ބޮޑެތި ހިޔާ ދޭ ގަސްތަކެވެ. ވަޔާ ވިހުރުވާލެމުންދާ ކުލަކުލައިގެ އެކިއެކި މާގަސްތަކެވެ. ކޮންމެއަކަސް ދިރިއުޅުމެއް އުޅެން މިފަދަ ގެއެއް ލިބޭނީ ވަރަށްވެސް ނަސީބު ރަނގަޅު ބަޔަކަށެވެ. ހުދުކުލައިގެ ތަނބުތަކާއި، ރީތި ކުލަކުލައިން ޒީނަތްތެރިކޮށްލެވިފައިވާ ބެލްކަނި ފެންނަމީހެއްވެސް އަޖައިބުވާވަރުވެއެވެ. ކާރުން ފައިބައިގެން ގޮސް އިއްބެމެން އުޅޭގޭގެ ގޯތިތެރެއަށް ވަދެވުމާއެކު ފާތުންގެ ދެލޯ ބޮޑުވިއެވެ. މިހާ ރީތި ގެއެއް ހަޔާތުގައިވެސް ފާތުންއަށް ފެނުނު ފުރަތަމަ ފަހަރު ކަމުން އޭނާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ދަބަސްތައް ހިފައިގެން ގޭތެރެއިން ވަދެގެންއައި އިރު ހާމަޔަށް އޮތް ފެންޑާ ބޮޑުވެފައި ބަހައްޓާލެވިފައިވާ ސޯފާތަކުގެ ޝާހީކަން ފާޅުވާން ހުއްޓެވެ. ހަރީރާ ދަތްޕިލަ ދައްކައިލައިގެން ތިބީ އެމީހުން ދަރީން ގިނަ ދުވަސްތަކަކަށްފަހު އެނބުރި ގެއަށް އައުމުންނެވެ. މައިޝާ ދިޔަގޮތައްގޮސް ހަރީރާ ގައިގައި އޮޅުލައިގަތެވެ. ފާތުން ފެނުމާއެކު ހަރީރާ އައިގޮތައް އައިސް ބައްދާލިއެވެ. އަދި ފާތުންގެ ރީތިކަމަށް ތަޢުރީފުކުރިއެވެ. ގޭގައި މަސައްކަތްކުރަން އުޅޭ ޖާވިދު ކައިރީގައި ދަބަސްތައް ކޮޓަރިއަށް ގެންދިޔުމަށް ބުނެފައި އެންމެން އިށީއިނީ ސޯފާގައެވެ. އާޒިމް ފެންނަން ނެތުމުން ހަރީރާ ހައިރާންވެ އާޒިމް ކޮބައިތޯ ސުވާލުކޮށްލިއެވެ. އާޒިމް ދިޔައީ ކުޑަ ކަމަކު ކަމުގައި ބުނެފައި އިއްބެ ތެދުވީ ފާތުންނަށް ކޮޓަރި ދައްކާލަން ދިޔުމަށެވެ.

ހޮޓެލްގެ ދޮރު ލެއްޕެންދެން އާޒިމަށް ހުރެވުނީ ކަޅިވެސް ޖަހާނުލާ އެދިމާލަށް ބަލަހައްޓައިގެންނެވެ. އާޒިމް ހައިރާންވެ ހުރެ އިސްދަށަށް ޖަހާލިއެވެ. އެކޮޓަރީގައި ޒާހިރުގެ ކައިރީގައި އެހުރީ ނީނާއެވެ. ނީނާ އައީ ޒާހިރުއާއި އެކީގައިކަން އެނގުމުން އާޒިމް ރުޅި އަތުވެއްޖެއެވެ. މުޅިމީހާ ތުރުތުރު އަޅަނީއެވެ. ދަތްކުނޑި ވިކާލާފައި އެދިމާލަށް ބާރަށް ހިނގައިގަންނަން ފިޔަވަޅު އެޅިގަޑީ އާޒިމަށް ފަހަތުން މީހަކު ގޮވާލިއެވެ. އެނބުރި ބަލައިލިއިރު އާޒިމްއާއި އެކީ ވިޔަފާރިކުރާ ރައްޓެއްސެކެވެ. ހުރި ދިމާލަށް ފަހަތައް އެނބުރުމަށްފަހު ފުންނޭވާއެއްލިއެވެ. އަދި މީހާ ހަމަޔަކަށް އަޅުވާލުމަށްފަހު ޝާހިދުއާއި ސަލާމްކޮށްލިއެވެ. ޝާހިދުވެސް ހީލާފައި ހޮޓަލުގައި ކުރާކަމެއް އޮޅުންފިލުވާލިއެވެ. އާޒިމްވެސް ޖަވާބުގައި ކުޑަކަމެއްގައޭ ބުނުމަށްފަހު ނީނާއާއި ޒާހިރުމެން ތިބި ކޮޓަރިއާއި ދިމާލަށް ވަށްކަޅިން ބަލާލިއެވެ. ދެންދަނީއޭ ބުނެ ޝާހިދު އެތަނުން ހިނގައިގަތެވެ. އެވަގުތު އާޒިމްގެ ފޯނު ރިންގުވާން ފެށިއެވެ. އާޒިމް ގެއަށް ނައިސްގެން މަންމް ގުޅަނީއެވެ. ފޯނު ނަގައި ހަލޯ ބުނެލިއެވެ." ދަރިފުޅާ ، މިހާރު އެއޮށްގެން 7 ޖަހަނީ، އަދިވެސް ދަރިފުޅަށް ގެއަށް ނާދެވެއެއްނު" ހަރީހާ މާޔޫސްވެފައި ހުރެ ބުނެލިއެވެ. " އިރުކޮޅަކުން އަޅުގަނޑު މިދަނީ މަންމާ!" މިހެން ބުނެ ހަރީހާ އެއްޗެއް ބުނުމަށް ފުރުސަތު ނުދީ އާޒިމް ފޯނު ކަނޑާލިއެވެ. ކޮޓަރިއާއި ދިމާލަށް ނުގޮސް އާޒިމް ނިންމީ ގެއަށް އެނބުރި ދިޔުމަށެވެ. އަދި ނީނާއާއި ބައްދަލުކުރަން ފަހުން އަންނަން ހިތައް އަރައި އާޒިމް ކާރާއި ދިމާލަށް ހިނގައިގަތެވެ. ނީނާ އިނީ ޒާހިރު ގެނެސްދީފައި ހުރި ހެދިކާއިން ސައިބޯށެވެ. ފުން ވިސްނުމެއްގެ ތެރޭގައި އިނދެ މަޑުމަޑުން ކޭކު ކޮޅެއް ކަމުން ގެންދިޔައެވެ.އޭރު ޒާހިރު ފާހާނައިގައި އުޅޭ އަޑު އިވެއެވެ. ރަށުން އައިއްސުރެއް ނީނާ އަދި އެއްވެސް އެއްޗެއް ނުކައެވެ. ބަނޑުހައިވެފައި ހުރިވަރުން އޭނާ އަށް އެއްޗެއް ނުކައި ހުންނަން ނުކެރުނީއެވެ. ޒާހިރު ފާހާނައިން ނުކުތްއިރު ސިނގެރޭޓު ވަސްގަނޑު މުޅި ކޮޓަރިތެރޭގައި ފެތުރިގެން ދިޔައެވެ. ނީނާ ވީ ފޫހިން ކޭކުތަށި ބެހެއްޓިއެވެ. އަދި ވަރަށް ރުޅި އައިސްފައ އިނދެ ޒާހިރުއާއި ދިމާލަށް ބަލަން އިނެވެ. " މާދަމާ ކަލޭ ތައްޔާރުކުރަން އަންނާނެ ދެ ކުދިން، އަހަރެން ބުނާ ގަޑިއަކަށް ރެޑީވެގެން ހުންނާތި! " ނީނާ ދަތްދޮޅީގައި ގަދަކަމުން ހިފާލާފައި ޒާހިރު ބުނެލީ ނީނާއާއި ދިމާލަށް ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ. ނީނާ އިނީ ފެންކަޅިވެފައި ޒާހިރުގެ އަނިޔާވެރި ދެލޮލަށް ބަލަހައްޓައިގެންނެވެ. ނީނާގެ ތުންފަތް ތުރުތުރު އަޅަންފެށިއެވެ. އަދި ލޮލަށް ޖަމާވެފައިވާ ކަރުތައް ހޯސްލާފައި ބަންޑުންވިއެވެ. ނީނާގެ މޫނުން އަތް ނައްޓުވާލާފައި ނީނާގެ މޫނަށް ބަލަހައްޓައިގެން ހުރެ ނުކުމެގެން ދިޔައީއެވެ. އެ އިން ގޮތައް އިނދެ ނީނާ ރޯންފެށިއެވެ. ޒާހިރުގެ އެދުމަށް ނީނާއަށް މާލެއަންނަން މަޖުބޫރު ކުރުވީއެވެ.

އާޒިމް ގޭތެރައަށް ވެދެގެން އައިތަން ފެނިފައި ގޭގައި މަސައްކަތްކުރަން އުޅޭ ސީމާ އައިސް އާޒިމް އައި ޚަބަރު ހަރީރާއަށް ދިނެވެ. އޭރު ހަރީރާ ބަދިގެ ތެރޭގައި އުޅުނީ ރޭނގަޑުގެ ކެއުން ތައްޔާރު ކުރާށެވެ. ކައިރީގައި ފާތުންވެސް ހުއްޓެވެ. މޭޒުމަތި ތައްޔާރުކުރުމަށް ތަށިތައް އަތުރާން މައިޝާ ހުއްޓެވެ. ތަށިތައް އަތުރާ ރެޑީކޮށްލުމަށްފަހު ފޯނު ނެގިއެވެ. ޒާހިރުއަށް ގުޅަންވެގެން ފޯނު ކަންފަތުގައި ޖެހިތަނާހެން ޒާހިރު ގޭތެރެއަށް ވަދެގެން އައިތަން ފެނި މައިޝާ ފޯނު ތިރިކޮށްލިއެވެ. އަދި ޒާހިރުއަށް ގޮވާލާފައި އެދިމާލަށް ހިނގައިގަތެވެ. ސިޓިންރޫމްގައި އިން އާޒިމަށް މި މަންޒަރު ފެނިފައި ލޯ އަޅާލާފައި ޒާހިރާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ސިޑިން ފައިބައިގެން އައި އިއްބެއަށް އާޒިމް ފެނުނެވެ. އިއްބެއައިސް އާޒިމްގެ ކައިރީގައި އިށީންދެލިއެވެ. ޒާހިރާއި މައިޝާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމާއެކު އާޒިމް އިއްބެއާއި ދިމާލަށް ބަލައިލިއެވެ. "އޭ ކޮބާ ނިނާގެ ހަބަރެއް ބަލަން ދާކަށް ނުވޭތަ؟" ޒާހިރާއި ދިމާލަށް ބަލައިލަމުން އިއްބެ މަޑުމަޑުން ބުނެލިއެވެ.  "ތުންފަތުގައި އިނގިލިން އަތްއަޅާލުމަށްފަހު މަޑުން ބުނާށޭ ބުނާފަދައިން އާޒިމް އިޝާރާތެއް ކޮށްލިއެވެ. ޒާހިރުމެން ލޯމަތީން ގެއްލުމާއެކު އާޒިމް އިއްބެއާއި ދިމާލަށް އެނބުރެލިއެވެ. "ނީނާ ފެނިއްޖެ! އާޒިމް މަޑުމަޑުން އިސްދަށަށް ޖަހައިލައިގެން އިނދެ ބުނެލިއެވެ. " ކީކޭ؟ ކޮންތާކުން، ކިހިނެއް އާޒިމް ހޯދީ""  އަވަސް އަވަހަށް އިއްބެ ބުނެލިއެވެ. " ޒާހިރުގެ ހޮޓަލުގައި،" ހިތްނުތަނަވަސް ވެފައި އިނދެ އާޒިމް ބުނެލިއެވެ. " ދެން ކިހިނެއް ހަދަން ތި ވިސްނަނީ " އިއްބެ އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށް ފަހު އިސްތަޑިގަނޑާއެއްކޮށް ބޮލުގައި ފިރުމާލުމަށްފަހު މައްޗަށް ބަލައިލިއެވެ. އާޒިމްގެ ސިނކުޑީގައި އުފެދެމުންދާ ހައިޖާނު މައިތިރިކުރެވޭތޯ މަސައްކަތްކުރިއެވެ. އަދި ދެ ފަރާތައް ބޯހޫރާލުމަށްފަހު ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.   

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ކުދި ބޮކިތަކެއްހެން ދިއްލެމުން ދެކޮޅަށް ދުވެ ދުވެ ހުރި ކާރުތަކަށް ބަލާން ނީނާ ބެލްކަނީގައި ހުރީ ހަށަންބަނދެލައިގެން ފުން ހިޔާލަކަށް ގެއްލިފައި ނީނާ ހުއްޓެވެ.  އޭނާގެ ބަދުނަސީބު ހަޔާތާމެދު ވިސްނާށެވެ. ޒާހިރުއާއި ކައިވެނި ކުރުން ފިޔަވާ އިތުރު އެއްވެސް ގޮތެއް ނީނާއަކަށް ނެތެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ނީނާ ހުއްޓިލައިގެން ހުއްޓާ ދޮރުގައި ބެލް އަޅާއަޑު އިވިއްޖެއެވެ. ސިހިފައި ނީނާ އަށް ވިސްނާލެވުނީ މިގަޑީގައި އަންނާނީ ކާކުބާއޭ ހިތާހިތާ ސުވާލުކޮށްލަމުންނެވެ. ޒާހިރުބާވައެވެ. ހިތް ނުތަނަވަސްވެފައިހުރެ ގޮސް ތަޅު އަނބުރާލާފައި ދޮރު ހުޅުވާލިއެވެ. ނީނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި ހުއްޓިގެންހުރި އާޒިމްފެނިފައި ނީނާގެ މުޅިގައިން ހީބިހި ނަގައިގަތެވެ. އަދި މީހާގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. ބަލާކަށްނުހުރު އާޒިމް އެތެރެއަށް ދެމިގަތެވެ. ނީނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަޅައިގަންނަ ގޮތަކަށް އާޒިމްގެ ނަމުން ގޮވާލިއެވެ. ހިތާމަޔާ ރުޅިވެރިކަން އާޒިމްގެ މޫނުމަތީން ފެންނާން ހުއްޓެވެ. ނީނާގެ މޫނުން ހާސްކަންނޫން އިތުރު އިހުސާސެއް ފެންނާކަށް ނެތެވެ. ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބީއެވެ. ނީނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއްޗެއް ނުބުނެ އިރުގަނޑެއް ވަންދެން ހުރުމަށްފަހު  އިށީންނުމަށް އެދި އާޒިމްގެ ގާތުގައި ނީނާ ބުނެލިއެވެ. ހަމަ އެ ސިކުންތުގައި އާޒިމްގެ ދެލޯ އެހެން ދިމާލަކަށް އަނބުރާލިއެވެ. ނީނާ ފެނުމާއެކު އާޒިމްގެ ރުޅިގަނޑުވެސް ފިނިވި ކަހަލައެވެ. އެހެންނަމަވެސް ވަރަށް މަސައްކަތުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލުމަށްފަހު ހިތްހަމަނުޖެހިފައިހުރެ ބުނެލިއެވެ. " ކީއްވެ ، ކީއްވެ އަހަރެމެން ކައިރީ ނުބުނީ؟" ދެލޯ އަޅާލާފައި އާޒިމްގެ މޫނު ނީނާގެ މޫނާއި ކައިރިކޮށްލުމަށްފަހު ތުންފިއްތާލައިގެން ހުރެ އެހިއެވެ. އިސްދަށަށް ޖެހިގޮތައް އެއްވެސް ޖަވާބެއް ނުދީ ނީނާ އެހުރިގޮތައް ހަމަ ހުރީއެވެ. "ކީއްވެ ؟ ކީއްވެ؟ " މިފަހަރު ތަންކޮޅެއް ބާރަށް އާޒިމް ބުނެލިއެވެ. އަދިވެސް ނީނާ އެހުރިގޮތައްހުރީއެވެ.ނަމަވެސް މިފަހަރު އާޒިމްގެ މޫނަށް ބަލަހައްޓައިގެންނެވެ. ނީނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. އެހުރިގޮތައް ރޮވިފައި ނީނާ ހުރީއެވެ. އާޒިމްގެ ދެއަތުން ބޮލުގައި ފިރުމާލިއެވެ. އަނެއްކާވެސް އާޒިމް ސުވާލުކުރަންފެށިއެވެ. "ނީނާގެ ޚަބަރެއް ނުވެގެން ފާތުން ހާސްވާނެ ވަރު ނީނާއަށް ވިސްނޭ ތަ.. ؟ އެންމެ ކައިރީގައި ހުރިހާކަމެއް ކޮށްދީގެން އުޅުނު އެންމެގާތް އެކުވެރިޔާއަށް ހަބަރެއްނުވެ ނީނާއަށް އަންނަންކެރުނީ ކީއްވެ! އަހަރެން ނީނާއާއި ދޭތެރޭ ވިސްނާނެ ވަރު، ނީނާ ނުފެނުނީމައި ހާސްވާނެވަރު ނީނާއަށް ނޭނގުނީތަ؟"  އާޒިމްގެ ފަހު ޖުމްލައިން ނީނާގެ ދެލޯ ބޮޑުވެ، ގައިގެ ހޯލިތައް ކޮޅަށްޖެހި، އެތެރެހަށީގައި ބާރުގަދަ ބޮމެއްގޮވި ކަހަލައެވެ. ދެވަނަ ފަހަރަށް އާޒިމްގެ މޫނަށް ބަލާކަށް ނީނާއަކަށް ނުކެރުނެވެ.  އާޒިމް އަދިވެސް އެ ހުރިގޮތައް ހުރީއެވެ. ނީނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ނީނާގެ އަތުގެ މުލައްދަނޑީގައި ހިފާ ތަޅުވާލިއެވެ. އަދިވެސް ނީނާ ޖަވާބެއް ނުދެއެވެ. ނީނާ ބަހެއްނުބުނެ ހުރުން އާޒިމަށްވީ އަދި މާ ވޭންދެނެވި ކަމަކަށެވެ. އެންމެފަހުން ނީނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އާޒިމް އެތަނުން ދާން ނިންމިއެވެ. ދޮރާއި ދިމާލަށް ހިނގައިގަނެފައި ނީނާއާއި ދިމާލަށް ދެވަނަފަހަރަށް ބަލައިލިއެވެ. ނީނާގެ ފަރާތުން އިޝާރާތެއް ނުލިބުމުން އާޒިމް ނުކުމެގެން ހިނގައިގަތެވެ. އާޒިމްގެ މޫނުމާތިން ފެންނަނީ މޯޅިކަމެވެ. އާޒިމް ނުކުތުމާއެކު ނީނާ ދޮރުގައި ތަޅުލައި ދޮރުގައި ލެނގިގަނެފައި ބާރަށް ރޯންފެށީ ހިތްމަތީގައި ބާރަށް އަތްއަޅައިގެން އިނދެއެވެ. 

އާދުވަހަކަށް އިރުއަރައިފިއެވެ. އެނދުމަތީގައި އޮތް ނީނާ ވިސްނަމުންދިޔައީ މިއަދު އޭނާގެ ހަޔާތުގައި ދައްކާނެ ކުލަވަރަކާ ދޭތެރެއެވެ. ރޭގެ ދަންވަރުގެ ވަގުތުގައި ކައިވެނިކުރާ ފޯމު ޒާހިރުގެ ހޮޓަލުގައި މަސައްކަތްކުރާ މީހަކު ގެނެސްދިނެވެ. ފޯމުގައި ހުރިހާ އެއްޗެއްވަނީ ފުރާ ނިންމާފައެވެ. ނީނާގެ ބައިވެސް އޮތީ ފުރާ ނިންމާފައެވެ. ރަންކިޔާނެ އަދަދުވެސް ނީނާގެ ގާތުގައި އެހުމެއްނެތި ޒާހިރު ބޭނުން އަދަދެއް ޖަހާފައިވެއެވެ. މާފަންނު ޠައިބާ ގޭގައި ހެނދުނު ނާސްތާ ގަޑީގައި ހީވަނީ ޢީދެއް އައިސްގެން އުޅޭ ހެންނެވެ. ވާނީވެސް އެހެންތާއެވެ. ގިނަ ދުވަސްތަކަކަށްފަހު ހުރިހާކުދީން ގޭގައި އެއްކޮށް ސައިބޯ ފުރަތަމަ ދުވަސްވީމައެވެ. ސައިމޭޒުދޮށުގައި މައިޝާ ނެތުމުން އާޒިމް މައިޝާ ކޮބައިތޯ ސުވާލުކުރިއެވެ. މައިޝާވީ ޑަކުޓަރަށް ދައްކަން ގޮސްކަމުގައި އާޒިމްގެ މަންމަ ހެވިފައި ބުންޏެވެ. "މައިޝާވެސް މަންމައަކަށްވަނީ،ކުޑަ ކުއްޖެއްއައީމަ ހާދަ ފޫހިފިލާނެއޭ ދޯ" އިއްބެއަށް ދޯ ދެމުން ޒައިނަބު ބުނެލިއެވެ. ފާތުން ލަދުން އިސްދަށަށް ޖަހައިލިއެވެ. އެ ސިކުންތުގައި އާޒިމް ދިޔައީ ދެލޯ ބޮޑުވެގެންނެވެ. ވާންވީ އުފާ ކަމެއް، އަންނަންވީ ރުޅިކަމެއް އާޒިމަކަށް ނުވިސްނުނެވެ. އެއްވެސް އިހުސާސެއް މޫނުމަތީގައި ނުދައްކާ ޖޫސްތަށި އަވަހަށް ބޮއިލައިގެން އާޒިމް ނުކުމެގެން ދިޔައީއެވެ. މަންމަ ގޮވުމުންވެސް އަވަހަށް ދާންޖެހޭ ކަމަށް ބުނެ ނުކުމެގެން ދިޔައީއެވެ. އެވަގުތު އިއްބެއާއި ފާތުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ފަހަކަށް އައިސް އާޒިމްގެ އުޅުމަށް އަންނަމުންދާ ބަދަލު ފެނިފައި މަންމަ ހަރީރާ އެކަމާ ފިކުރުބޮޑުވެއެވެ. ދެފަރާތައް ބޯ ހޫރުވާލާފައި ހަރީރާ ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. 

އާޒިމް ހޮޓަލުގެ ތެރެއަށް ވަދެގެންގޮސް ނީނާގެ ރޫމްގެ ތަޅުގައި ހިފާލިއެވެ. ވަރަށް ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ.އަވަހަށް އެތެރެއަށް ދެމިގަނެފައި ތަޅިލިއެވެ. ފާޚާނައިގައި ނީނާ އުޅޭ އަޑު އިވުމުން މަޑުކޮށްލީ ސޯފާ ކައިރީގައެވެ. ކުއްލިއަކަށް އާޒިމްގެ ލޮލުގައި އަޅައިގަތީ ކައިވެނީ ފޯމެވެ. ތިރިވެލާފައި ފޯމުނަގައި އޭގައިވާ މައުލޫމާތުތަކަށް ރަނގަޅަށް ބަލައިލިއެވެ. އާޒިމްގެ ދެލޯ ބޮޑުވެގެން ދިޔައީ ރަނުގެ ގޮތުގައި ލިޔެފައިވާ އަދަދު ފެނުމާއެކުއެވެ. " ދެ ލައްކަ ރުފިޔާ" މަޑުމަޑުން ދުލުން އެ އަދަދު އާޒިމަށް ކިޔާލެވުނެވެ. އަދި އައި ރުޅީން ފާޚާނައިގެ ދޮރާއި ދިމާލަށް ނަޒަރު ހިންގާލެވުނެވެ. އެވަގުތު ނީނާ ދޮރުގެ ތަޅުގައި ހިފާ ދޮރު އަނބުރާލިއެވެ. 

(ނުނިމޭ)

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ