މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ނުވީހޭ ނުވެވުނުނަމަ 6

އިމްނާއަށް ވަމުންދާގޮތަކާ ދޭތެރޭ ފިކުރު ހިންގާ މީހަކަށް އެއްކަމެއް ޔަޤީންވާނެއެވެ. ޑޮކްޓަރ ޝާއިންގެ ޑިއުޓީ ނޫންވިއްޔާ އިމްނާގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅެވެ. ނަމަވެސް ޝާއިން ފެންނައިރަށް އިމްނާގެ ނޭވާ އުފުރިދާކަހަލައެވެ. ރަނގަޅަށް ހުންނަ ވަގުތެއްގައި ވެސް ވާހަކަ ދައްކަން ދަތިކަމުން ވާގޮތް ކިތަންމެ ބުނަން ބޭނުންވިޔަސް ދޫ އެއްބާރުލުމެއް ނުދެއެވެ. އިމްނާގެ ހުރިހާ ހަކަތައެއް ހުސްވަމުންދަނީ ޝާއިން ފެނުމުން އިމްނާއަށް ކުރެވޭ އިޙްސާސް ބަޔާންކޮށްދޭން އުޅުމުގެ ތެރޭގައިއެވެ. ވެންޓިލޭޓަރުން ވާރޑަށް، ވާރޑުން ވެންޓިލޭޓަރަށް އިމްނާގެ ދުވަސްތައް ފުރޮޅެމުންދެއެވެ. އެއްވެސް ހިތްހަމަ ޖެހުމެއްނެތެވެ. ހައްޓަށް ދިރުމެއްލިބުމެއް ނެތެވެ. ސަނާ އާއި ސަރާވެސް ދެކުދިން ގަޑިތަކެއް ހަމަޖައްސައިގެން މަންމަ ގާތު ފޯރިމަރަމުންދެއެވެ. އައިސީޔޫގައި އޮންނަ ދުވަހެއް ވިއްޔާ ބޭރުގައެވެ. މަންމައަށް ކަމެއް ކޮށްދޭން ނުޖެހުނު ނަމަވެސް ކަމަކަށް އެދި ގޮވާލާއިރު އެއްދަރި މަންމަ ފެންނަ ހިސާބުގައި ހުންނަން ބޭނުންވެއެވެ. ޝާއިން އޮފް ޑިއުޓީގަޑި ތަކުގައިވެސް ހޮސްޕިޓަލަށް އައުން ގިނަވެއްޖެއެވެ. ސަރާގެ ހަމަހިމޭންކަމުން އުއްމީދު ގެއްލިފައިވީ އިމްދާދުގެއެވެ. ވަރަށް ހިތްވަރާއެކުވެސް ސަރާ އާއި ވާހަކަ ދައްކަން އިމްދާދުގެ ހިތެއް ނުރުހެއެވެ. ހިތުގެ ހަމަޖެހުން އެންމެންގެވެސް ވަނީ ގެއްލިފައެވެ. ވާނެ ގޮތެއް ބަލަން ތިބުންނޫން ގޮތެއްނެތެވެ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަށެވެ.

އިންތިޒާރުގެ ވަގުތުތައް ގުނަމުންދެއެވެ. ޝާއިން އާއި ސަރާގެ ގުޅުން އިތުރަށް ހަރުދަނާވެ ކުރިލާ މޫތައްފަޅަމުން ދެއެވެ. ހިތާމައަކީ އިމްނާއަށް ޝާއިންގެ ހަޤީގަތާމެދު ވަމުންދާ ސައްކެވެ. ވާހަކައެއް ނުދެއްކުނު ނަމަވެސް އިމްނާއަށް ސަރާ ހުރިހާ ވާހަކައެއް ކިޔައިދެއެވެ. ގޭގެ ކުލިން ލިބޭ ލާރިން މަންމައަށް އެކަށީގެންވާ ގޮތަކަށް ޚަރަދު ނުކުރެވޭތީ ސަނާ ވަޒީފާއަށް ދާވާހައެވެ. ސަނާ ޝާއިން ދެކެ އިންތިހާއަށް ލޯބިވާވާހަކައެވެ. ދުލުން ކިތަންމެ ބުނަން ބޭނުންވި ނަމަވެސް އިމްނާއަށް އެކަމެއް ވާކަށްނެތެވެ. އިމްނާގެ ހިތަށްމިވާ ޝައްކު ޔަޤީންނަށް ބަދަލުވެއްޖެ ނަމަ ސަރާގެ ހިތްހަލާކުވެދާނެއެވެ. ނަމަވެސް މަންޒަރު ދެކެން އޮތުން ނޫން އެހެން ގޮތެއް އިމްނާއަކަށް ނެތެވެ. މާލެ އައުމުގެ ހަޤީޤީ މަޤުސަދެއްވެސް ކިޔާ ދެވޭގޮތެއްނުވިއެވެ. ހުރިހާ ނުތަނަވަސްކަމަކުން އިމްނާގެ ހާލު ދަނީ ހައްތާ ސީރިއަސްވަމުނައެވެ. ކުރެވޭ ފަރުވާއަކުން ލިބުނު އެއްވެސް ޝިފާއްނެތެވެ. މިކަމުގެ ސަބަބުން ސަރާވެސް ހުންނަނީ ނާއުއްމީދުވެފެއެވެ. ޝާއިންގެ ފަރާތުން ލިބޭ އޯގާވެރި ބަސްތަކުން ހިތްހަމަޖެހުން ލިބުން ނަމަވެސް މާޔޫސްވާ ފަހަރު މަދެއްނޫނެވެ. ނުވިސްނަން ހުއްޓަސް ސަރާ މަންމަ އާއި ދޭތެރޭ ފިކުރުކުރާވަރަށް އެހެން ކުއްޖަކު ނުކުރާނެއެވެ. އަބަދުވެސް މަންމަ އާއި ހާއްސަގޮތެއް ސަރާ ބަހައްޓައެވެ. މަންމަވެސް ސަރާ އާއި ދޭތެރޭ އުއްމީދުތަކެއް ކުރިއެވެ. ސަރާ އަކީ ސަރާގެ ބައްޕަ ފިރިހެންކުއްޖަކަށް އުއްމީދު ކުރަނިކޮށް ލިބުން އަންހެން ދަރިފުޅެވެ.

އަބަދުވެސް ހަމަހޭއިން ނެއްޓިފަހުންނަ ގަޑިތަކުގެ ސާމިރުގެ ހުރިހާ ނަފްރަތެއް އަމާޒުވަމުން ދަނީ ކުޑަކުޑަ ސަރާއެވެ. ސަރާ ފިރިހެން ކުއްޖަކަށް ނުވުން އެއީ ސަރާގެ ކުށެއްހެއްޔެވެ. ސާމިރުގެ ހަރުކަށިކަމުން ސަނާގެ މިޒާޖަށް ވަރަށް ބޮޑެތި ބަދަލުތަކެއްއައެވެ. ކޮންމެ ފަހަރަކު ސަރާގެ ހިމާޔަތުގައި އިމްނާ ނިވާފަތްގަނޑަކަށްވެ އެދެމައިންގެ ގުޅުންވަނީ އިންތިހާއަށް ބަދަހިވެފައެވެ. އިމްނާ ސާމިރު ދެކެވީ ލޯބި ނަފަރަތަށް ބަދަލުވި މައިގަނޑު ސަބަބަކީވެސް މިއީއެވެ. އިންތިހާއަށް ލޯބިވި މީހެއްދެކެ އިންތިހާއަށް ނަފުރަތު ކުރަންވެސް މަޖްބޫރުވީ މައެއްގެ ހިތުގައިވީ ދަރިއެއްގެ ލޯތްބެވެ. އެއް ލޯބި ޤުރުބާން ކުރަންޖެހުނީ މައިވަންތަ ލޯބީގެ ބާރުންނެވެ. މަސްތުގެ ހާލުގައިވެސް އެހާ ބޮޑު ޤުރުބާނީއެއް ވެގެން ފަތަހަ ކުރި ހިތެއް ބީވެދާއިރު ބަލަންހުރެވޭނެއެވެ.

ހިތްގައިމު ރޭގަނޑެކެވެ. ސަރާ ތައްޔާރު ވަމުންދަނީ ޝާއިންއާއި އެކު ފުރަތަމަ ފަހަރަށް ބޭރަށްދާށެވެ. ސަރާ ތައްޔާރުވެ ނިމިގެން ޝާއިން ފޯނަށް މެސެޖްކުރިއެވެ. އަލަށްދާ ފަހަރުކަމުން ސަރާ ހުރީ ވަރަށް ނުތަނަވަސްވެފައެވެ. އަދި މިނޫނިއްޔާ އެއްވެސް ފިރިހެނަކާ އެކު ސަރާ ބޭރަށް ނުދާތީ ކަންބޮޑުވެފައެވެ. ސަނާ ނަމަވެސް ގާތުގައި ހިތްވަރުދޭން ހުންނާނެނަމައޭ ހިތަށްއެރިއެވެ. އެހެންނަމަވެސް އަދި ސަނާއަށް ޝާއިން ތައާރަފް ކޮށްވެސްނުދެއެވެ. ސަރާ ބޭނުންވަނީ އިމްދާދު އާއި ސަނާގެ ގުޅުން އިތުރަށް ބަދަހިވުމުން ސަނާއަށް ޝާއިން ތައާރަފުކޮށްދޭށެވެ. އެހެން ނަމަވެސް ސަރާއަށް ނޭންގުނީ އެދެމެދުގައި އޮތް އެކުވެރިކަމުގެ ވާފަށްވެސް މިހާރު ކެނޑެންވެފައު ވާކަމެވެ. ސަރާގެ ލޯބޯގެ ބަގީޗާ ޗާލުމާތަކުން ޒީނަތްވެ ފަރިވަމުން ދާއިރު ސަނާގެ އެކުވެރިކަމުގެ ބަގީޗާ ސަހަރާއަކަށް ވެފައިވާކަމެވެ. އެއީ ދުނިޔޭގެ އާދައެވެ. އެކަކު ގިސްލާ ރޯއިރު އަނެކަކު ހިތްއުފާކޮށް މަޖާކުރަނީއެވެ. އިވެނީ އެކިރާގުގެ އެކިލަވައެވެ. ބައެއް ލަވަ ހިތަށް ދިރުންގެނެސްދޭ އާރޯކަން ގެނެސްދެއެވެ. ހަމަ އެގޮތަށް އަނެއްބައި ލަވަތަކުން ހިތް މާޔޫސްވެފައިވާވަރު އަންގައިދެއެވެ. އެކި ޖަޒްބާތުތަކުން އެކި މީހުންގެ ހަޔާތުގައި އެކި ފަހަރު ކުލަޖައްސަމުންދެއެވެ. އެއީ އެއްވެސް މީހެއްގެ ބާރުފޯރާ ކަންތަކެއްނޫނެވެ. އޮތް ހަމައެކަނި ގޮތަކީ ދިމާވާ ކަންތަކަށް ކެތްތެރިކަމާއެކެު ކުރިމަތިލުމެވެ. އެހިތްވަރު ހުރުމެވެ. އެއްވެސް މީހަކަށް އެމީހަކު ބޭނުންވާ ކުލައަކުން ކުލައެއް ނުޖެއްސޭނެއެވެ. ނަމަވެސް ފިހިގަނޑު އަތުގައި އޮންނައިރަކު ބޭނުން ގޮތެއްހެދެއެވެ. އެއީވެސް އެހާވަރު ބުއްދީގެ މައްޗަށް އަމިއްލަ އެދުން އިސްނުކުރާހާ ހިނދަކުއެވެ.

ސަނާ އިނީ ފޯނަށް ބަލަހައްޓައިގެނެވެ. ލިޔެފައިވާ ކުރުމެސެޖު ފޮނުވަންވިތޯ ނޫންތޯ ނިންމަން ނޭނގިގެންނެވެ. ފޮނުވާ އެންމެ މެސެޖެއްގެ ސަބަބުން ދިއުޅުން ފުންމިން ނޭނގޭ ވަޅަކަށްވެއްޓިދާނެއެވެ. ނޫނީ އާރަސްތުވެ އުޖާލާ ވެދާނެއެވެ. ސިކުޑިން ދެނީ އިންޒާރެވެ. ހިތުން ކުރަނީ އާދޭހޭވެ. އަހަންވީ ކޮން އަޑެއްކަމެއް ކުރަންވީ ކޮންކަމެއް ކަމެއް ނޭނގި ވިސްނަން އެތައް އިަރަކު އިނުމަށްފަހު ލިޔުނު މެސެޖް ފުހެލިއެވެ. އެތައް އިރަކު އެހެން އިނުމަށްފަހު އިމްދާދުގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ވަރށް އިރު ފަހުން ފޯނުނެގީ އަންހެން ކުއްޖެކެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ