މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު ހުކުރު މިސްކިތް - ފޮޓޯ: އިބްރާހީމް ފަހީމް

ބަލި ޙާލެއް މެދުވެރިވުމުން މުސްލިމުން ޢަމަލުކުރަންވީގޮތް – ޚުތުބާއިން ލިބިދޭ ފިލާވަޅު

ދުނިޔަވީ ދިރިއުޅުމުގައި އިންސާނުންނަށް ބޭނުންވާނެ ތަފާތު އެތަށް ފަސޭހަތަކަކާއި، ލުއިތަކެއް ލެއްވި ފަދައިން، މާތްﷲވަނީ އިންސާނުން އިމްތިޙާނުކުރެއްވުމަށްޓަކައި ދިރިއުޅުމުގައި އުނދަގޫ އެތަށް ޙާލަތްތަކެއް ލައްވާފައެވެ. އެގޮތުން އިންސާނުންނަށް މެދުވެރިވާ ބޮޑެތި ވަބާތަކާއި މުޞީބާތްތައް އަދި ބަލިމަޑުކަމަކީ މިދެންނެވުނުފަދަ ބައެއް ކަންކަމެވެ.

މިފަދަ ބަލިމަޑުކަން މެދުވެރިކުރުވާ ސަބަބުތަކުގެ ތެރެއިން، ލޮލަށް ނުފެންނަ އެތައް ޖަރާސީމުތަކެއް ބޮޑެތި ބަލިތަކުގެ އަސްލަކަށްވެފައިވާއިރު، މިފަދަ ޖަރާސީމު ދުނިޔޭގެ ބާރުތައް ކުޑަކަކޫ ޖައްސަމުން އެދާދިޔުމާއިމެދު ވިސްލާލިންތޯއެވެ. ދުނިޔޭގައި ބާރުވެރިކަމާއިއެކު ހަންފަތުރަމުންދިޔަ މިޤައުމުތައް މިއަދު އެވަނީ ހަމަ ސައިޒަށް ތިރިވެފައި ނޫންތޯއެވެ. ދުނިޔެ އަބަދު އަހަރެމެން އެދޭހާ ދުވަހަކު، އެދޭހާގޮތަކަށް އޮންނާނެތޯއެވެ. 

ވިސްނަމާ ހިނަގާށެވެ. އިންސާނުންނަށް ދިމާވާ އެންމެހައި އުނދަގޫ ޙާލަތްތަކުގައި ޢަމަލުކުރަންވީގޮތްވަނީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ބަޔާންކުރައްވާފައެވެ. ހަމަ އެއާއިއެކު މިފަދަ ޙާލަތްތަކުން، އަހަރެމެންގެ ވިސްނުމާއި ނަފްސު ހޭލައްވާ، ތަރުބިއްޔަތު ކުރުމަށްޓަކައި ﷲވަނީ އިމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން ކަނޑައަޅުއްވާފައެވެ. މުޞީބާތްތަކަކީ ﷲ ތަޢާލާގެ މިންވަރުފުޅުން ޖެހޭ ކަންކަމާއި އެކަންކަމުގެ ސަބަބުން މާޔޫސްނުވުމަށާއި، ﷲގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމަށް ދީނުގައިވަނީ ބާރުއަޅުއްވާފައެވެ. މިދެންނެވި ޙާލަތްތައް މެދުވެރިވުމުން ޢިބްރަތް ޙާޞިލްކުރާށެވެ. ޣާފިލްކަމުގެ ނިދިން ހޭލާށެވެ. ނުބައިކަންތައްތަކުން ދުރުހެލިވެ، މާތްﷲ ށް ކުއްތަންވުމަށް އައު ހިތްވަރެއް ލާށެވެ. ބަލި ހާލުގެ ވަގުތުގައި މުސްލިމުންނަކީ އަބަދުވެސް ނަމޫނާ ބަޔަކަށް ވަމާ ހިނގާށެވެ. އެބައިމީހުން، ﷲގެ ރަޙުމަތުން އުއްމީދު ކަނޑާނުލާނެއެވެ. ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ތިމާއާއި ތިމާވަށައިގެންވާ ތަނާއި މުޖުތަމަޢުގެ އަފްރާދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަރުދީގޮތުން ކުރެވެންހުރި ކަންކަން ކުރުމާއި، ކަމާއިބެހޭ އިދާރާތަކުން ދެއްވާ އިރްޝާދުތަކާއިއެއްގޮތަށް ޢަމަލުތައް ބަހައްޓަން ކުރާނެއެވެ. އަދި ކެތްތެރިވުމުގެ އަޖުރު ފޮނިކަން ދަނެ އެކަކު އަނެކަކަށް ސަލާމަތާއި ރައްކާތެރިކަމަށް މަގަށް މަގުދައްކާނެއެވެ. މިގޮތުން ބަލިފެތުރެމުންދާ ރަށްރަށާއި މީހުންގެ ގާތަށް ނުދިޔުމާއި އަދި އެފަދަ ބަލިމަޑުކަމެއް ޖެހިއްޖެނަމަ ކެތްތެރިކަމާއިއެކު ނަމާދު ވާގިހޯދާނެއެވެ. 

ލޮބުވެތި ކިޔުންތެރީންނޭވެ! ބަލިމަޑުކަމާއި ބޮޑެތި މުޞީބާތްތަކަކީ އެއާއިމެދު ފުންކޮށް ވިސްނާލުމުން، ﷲގެ ކުޅަދުންވަންތަކަން ހާމަވެ، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ބާރުލިބިގެންދާ ސަބަބެކެވެ. ހާސްވެ ކަންބޮޑުވެ، މާޔޫސްވެ، ﷲގެ ރަޙްމަތުން އުއްމީދު ކަނޑާލައި، މިފަދަ ކަންކަމުގައި މުސްލިމުން ޢަމަލު ކުރަންވީ ޝަރްޢީ ހަމަތައް ދޫނުކުރާށެވެ. ދުނިޔޭގެ ދިރިއުޅުމުގައި ތިމާ އެކަމަކަށް ހިތްނެދޭ ކިތަންމެ ކަމެއް ކުރިމަތިވި ނޫންހެއްޔެވެ؟ އެކަމަކުން ތިމާ ދިރިއުޅުން ފޫހިވާފަދަ ކިތަށްމެކަމެއް މެދުވެރިވެފައި ވޭންނޫންހެއްޔެވެ؟ އެހުރިހާ ޙާލަތެއްގައިވެސް ތިމާވަނީ ﷲގެ ރަޙުމަތުން އުއްމީދު ކަނޑައިނުލާ ހިތްވަރާއިއެކު ތިމާގެ ފަރުދީ ޒިންމާ އަދާކޮށްފައެވެ. އޭރުވެސް ހިތްވަރު ލިބި އެކަންކަމުން އަރައިގަނެވުނީ ﷲގެ ރަޙުމަތުންކަން ޤަބޫލުކުރަމާ ހިނގާށެވެ. މިފަދަ ޙާލަތްތަކުގައިވެސް އެހިތްވަރު ކަށިންނެރެ، ﷲގެ ދީނުގައި ޘާބިތުވާށެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމާއި، ޤުރްއާންކިޔެވުން ގިނަކުރަމާ ހިނގާށެވެ. ގިނަވަގުތު ވުޟޫމަތީގައި ހުރެވޭތޯ ބަލައި އެކަމަށް ތިމާގެ އަޙުލުންނަށްވެސް ބާރުއަޅަމާ ހިނގާށެވެ. ތިމާގެ ހަށިގަނޑާއި ފޭރާމާއި، އުޅޭތަން ސާފުކޮށް ބެލެހެއްޓުމަށް އަބަދުވެ މަސައްކަތްކުރާށެވެ. ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުކަން ދަނެ، އެދުޢާގެ ބޭނުންކުރާށެވެ. ބައްޔާއި މުޞީބާތްތަކަކީ ﷲ އެކަލާނގެ އަޅުތަކުން އިމްތިޙާނުކުރެއްވުމަށް ލައްވާފައިވާ ތަކެތިކަން ދަނެ، އެކަންކަމަށް ކެތްތެރިކަމާއި ހިތްވާރާއިއެކު ދީނުގައި ބަޔާންވެފައިވާ ފުރިހަމަ އުޞޫލްތަކާއިއެއްގޮތަށް ޢަމަލުކުރާށެވެ. މިފަދަ ދަތި ޙާލަތްތަކުގައި ނަމާދުތަކުގައި ކިޔެވެމުންދާ ޤުނޫތުގައި ބައިވެރި، ހިތްނިޔަތް ޙާލިޞްކޮށް ފަރްޟް ނަމާދުތަކާއި ސުންނަތްނަމާދުތައް ދޫނުކުރާށެވެ. ކޮންމެ ހާލެއްގައިވެސް މާތްﷲ އަށް ވަކީލުކުރާށެވެ. ހުރިހާ ބާރެއް މިލްކުވެ ވޮޑީގެންވަނީ ހަމައެކަނި ﷲއަށެވެ. 

އަބަދުވެސް ދަންނާށެވެ.  މާތްﷲ ބަލިމަޑުކަން ލައްވަނީ މުސްލިމުންވާ ރަޙްމަތެއް ކަމުގައެވެ. ވިސްލާށެވެ. ޢިބްރަތް ޙާޞިލްކޮށް ﷲ އާއި ކުއްތަންވަމާ ހިނގާށެވެ. ﷲ މެނުވީ އަހަރެމެން މިފަދަ ބަލިކަމުން ސަލާމަށްކޮށްދެއްވާނެ ފަރާތެއް ނުވެއެވެ. އަދި ގިނަގިނައިން ﷲއަށް ދުޢާކޮށް އިސްތިޣުފާރުކުރަމާ ހިނގާށެވެ. ފުއްސެވުމާއި ރުއްސެވުން ލިބިގެންދާނީ އޭރުންނެވެ.

އަޙްމަދު ޝަރީފް

Ahmed Shareef

އަޙުމަދު ޝަރީފަކީ ފައިނު ސްކޫލްގައި ވަޒީފާ ޢަދާ ކުރަމުންގެންދާ މުދައްރިސެކެވެ. އަދި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށު ފެންވަރުގައި އިސްވެ އުޅުއްވާ ފަރާތެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ