މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 8

ދޮންތާ!! ސިއްސައިގެން ގޮސް ނީނާއަށް ބަލާލެވުނީ ދޮރާއި ދިމާލަށެވެ. އެވަގުތު ނީނާގެ ކޮއްކޮ އައިސް ބުނި ވާހަކައިން ނިނާގެ މޫނުމައްޗަށް ނުތަނަވަސްކަމާއި މާޔޫސްކަންވެރިވިއެވެ. އާޒިމްގެ ހިތަށް ހީވީ މީހަކު ހޫނުފެންއެއްޗެއް އޮއްސާލިހެންނެވެ. ކަންބޮޑުވެފައި އިން ކަހަލަ ގޮތަކަށް އާޒިމް ނީނާގެ މޫނަށް ބަލާލިއެވެ. ނީނާ އިސްޖަހާލިއެވެ.

ކޮއްކޮ ގާތުގައި މިދަނީއޭ ބުނުމަށްފަހު ނީނާ ހިނގައިގަންނަން އުޅެލި ވަގުތު އާޒިމް ނީނާގެ އަތުގައި ހިފިއެވެ. "މަޑުކުރޭ!! ނީނާ އޭނަ އާ ކައިވެނި ކުރަނީތަ؟ " ކުޑަކޮށް ނުރުހުންވެ ހުރެ އާޒިމް އަހާލިއެވެ. "އާން" އެ ހުރި ގޮތަށް ހުރެ ނީނާ ޖަވާބު ދިނެވެ. އާޒިމްގެ ދެލޯ ބޮޑުވިއެވެ. "ކީއްވެ" ބޭ އިޚްތިޔާރުގައި އާޒިމްއަށް އަހާލެވުނެވެ.   "ކިހިނެއްވީ؟؟؟؟ ހައިރާންވެހުރެ އާޒިމާއި ދިމާލަށް އެނބުރިލާފައި ނީނާ އަހާލިއެވެ. އާޒިމްގެ ދެލޯ ފެންކަޅިވެފައިވާ މަންޒަރު ނީނާއަށް ވަރަށް ސާފުކޮށް ފެނުނެވެ. އެ މަންޒަރު ބަލަން ނީނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. 

އިރުކޮޅަކުން އަނެއްކާވެސް ނީނާގެ ކޮއްކޮ އެތަނަށް އައެވެ. އަދި އަވަހަށް އައުމަށް ނީނާގާތުގައި އެދުނެވެ. އާޒިމް ނީނާގެ އަތުން ދޫކޮށްލިއެވެ. އާޒިމާއި ދިމާލަށް ބަލަމުން ނީނާ ހިނގައިގަތެވެ. ކަޅި ޖަހާނުލާ އާޒިމަށް ނީނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނީނާ އާޒިމްގެ ލޯމަތިން ގެއްލެންދެކަށެވެ. ލޯބީގެ އޮއިގަނޑު އާޒިމްގެ ހިތުތެރޭގައި ދައުރުވަމުން ދަނީ ކެތްނުވާ ވަރަށެވެ. ނީނާ ޒާހިރު އާއި ކައިވެނި ކުރަން އުޅޭކަން އެނގުނު ހިސާބުން ހީވަނީ އާޒިމްގެ ހިތް ފުނޑު ފުނޑުވެގެން ހިގައްޖެހެންނެވެ. އެކައިވެންޏަކީ ނީނާ ކުރާ ހިތުން ކުރާ ކައިވެންޏެއްބާވައެވެ؟ ނޫނީ މަޖުބޫރުވެގެންބާވައެވެ؟  ކޮންމެއަކަސް ޖަވާބު އެނގެން ބޭނުންވާ އެތަށް ސުވާލުތަކެއް އާޒިމްގެ ހިތުގައި އުތުރި އަރަމުން ދަނީއެވެ. މީހާ މާޔޫސްވެ ހަދާނެގޮތް ހުސްވެއްޖެއެވެ. 

ގެއާއި ދިމާލަށް ހިނގަމުން ދިޔަ ވަގުތު ނީނާގެ ސިނކުޑީގައި އެނބުރެމުން ދިޔައީ އާޒިމްގެ ހިޔާލުތަކެވެ. އާޒިމް ނީނާގެ އަތުގައި ހިފެހެއްޓި ވަގުތެވެ. ޒާހިރު ކޮއްޕާ ދުރަށްލީ ވަގުތެވެ. ކައިވެނި ކުރަން އުޅެނީ ކީއްވެތޯ ސުވާލުކުރި ވަގުތެވެ. އާޒިމްގެ ލޮލުން ފެނުނު ހިތާމައެވެ. މި ހުރިހާ ކަމެއް ނީނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ނީނާއަށް އެ ކައިވެނި ކުރުން ނޫން އިތުރުގޮތެއް ނެތީއެވެ. މަގުމަތީގައި ހިނގާފައި ދަނިކޮށް ކުއްލިއަކަށް ނީނާގެ މޫނު މައްޗަށް އަނދިރިވާން ފެށިއެވެ. ދެންވީގޮތެއް ނީނާއަކަށް ނޭނގެއެވެ. ކައިރީގައި ހުރި ނީނާގެ ކޮއްކޮ ދޮންތާއޭ ކިޔާފައި ބާރަށް ހަޅޭލަވައިގަތެވެ. ކޮއްކޮ ނާހިދު ދުވެފައިގޮސްވަނީ ގެސްޓު ހައުސްއަށެވެ. އަދި އާޒިމަށް ގޮވިއެވެ. އާޒިމް އައިގޮތަށް އައިސް ނީނާ ނަގައިގަނެގެން ދުއްވައިގަތެވެ. ހޭ އެރިއިރު ނީނާ އޮތީ އޭނާގެ ކޮޓަރީގައެވެ. ކައިރީގައި އާޒިމާއި، ނާހިދު އާއި މާމަ ތިއްބެވެ. ނީނާ ތެދުވަން އުޅުމުން އާޒިމް ނުތެވުމަށް އިޝާރާތް ކޮއްލިއެވެ. ފެންފޮދެއް ދިނުމަށްއެދި ނީނާ ފެން ޖަގާއިދިމާލަށް އިނގިލިން އިޝާރާތްކޮށްލިއެވެ.  މާމަ އައިސް ފެންތައްޓެއް ދިނެވެ. އަދި ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. މޫނުމައްޗަށް އަނދިރިވީކަން އެނގޭ ދެން ވީގޮތެއް ނޭންގެ.. ކުރު ގޮތަކަށް ނީނާ ބުނެލިއެވެ. އެހެން އެވަނީ މާގިނައިރު ނުކައި، ބުރަކޮށް އުޅޭތީކަމަށްބުނެ މާމަ ޝަކުވާ ކުރިއެވެ. އޭރު އާޒިމްވެސް ނީނާގެ ކައިރީގައި އިނެވެ. ނީނާ އާޒިމާއި ދިމާލަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. އާޒިމް އެތަނުގައި އެވަގުތު އިންނަންވީ ސަބަބު ނީނާއަށް ނުވިސްނުނީއެވެ. ކަންތައްވީ ގޮތް ނާހިދު ކިޔާދިނުމުން، ނީނާ އާޒިމަށް ޝުކުރުއަދާކުރިއެވެ. 

އެވަގުތު އާޒިމް ގެއަށް ދިޔުމަށްޓަކައި އެތަނުން ތެދުވިއެވެ. ތެދުވެގެން ދޮރުމައްޗަށް ނޭރިގެން އުޅެނިކޮށް ޒާހިރު އައިސް ކޮޓަރިއަށް ވަނެވެ. އާޒިމް އެތަނުން ފެނުމުން ޒާހިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ރުޅިވެރިގޮތަކަށް ހުރެ ނީނާއާއި ދިމާލަށް ބަލާލިއެވެ. ޒާހިރު ފެނުމުން އާޒިމްވެސް ކުޑަކޮށް ޖެހިލުންވިއެވެ. "ކަލޭ!! މިގެއަށް ނާންނާށޭ ބުނީމަވެސް އައީތަ؟ ކަލޭ ތިއުޅެނީ  ނީނާއާއި ހިތާވެގެންތަ؟ އިސްދަށަށް ޖަހައިގެން ހުރި އާޒިމް ކުއްލިއަކަށް ޒާހިރުއާއި ދިމާލަށް ބަލާލިއެވެ. އަދި އެއަށްފަހު ނީނާ އާއި ދިމާލަށް ބަލާލިއެވެ. އާޒިމްގެ ހިތުގައި ނީނާއާއި ދޭތެރޭގައި އުފެދިފައިވާ އިހުސާސްތައް އެއްވެސް މީހަކާއި ހިއްސާކޮށްފައެއް ނުވެއެވެ. ވީއިރު ޒާހިރު އެހެން އެބުނީ ނޭންގިގެން އެއްޗެއް ކިޔަންވެގެން ހަމަ ބުނެލީބާވައޭ ހިތުގައި ސުވާލު އުފެދުނެވެ. ނީނާވެސް މަޑުމަޑުން ތެދުވެ އެނދުގެ މަސަނދުގައި ލެނގިލިއެވެ. އަދި އާޒިމާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. އާޒިމަށްވެސް ނީނާއާއި ދިމާލުން ނަޒަރު ވަކި ކުރެވޭ ވަރެއް ނޫނެވެ. ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ތިބެވުނީއެވެ. އެދެމެދުގައިވާ ހަމަހިމޭންކަން ފޫ އަޅުވާލީ ނާހިދުއެވެ. އަދި ނީނާ އަނބުރައިގަތުމުން އާޒިމް ނީނާ ގެއަށް ގެނައުމަށް އެހީތެރިވެދިން ވާހަކަ ނާހިދު ބުނެލިއެވެ. އެވަރުންވެސް ޒާހިރުގެ ހިތެއް އާޒިމްގެ މައްޗަށް ރަނގަޅެއް ނުވިއެވެ. ވަރަށް ރުޅިވެރިގޮތަކަށް ނުކުމެގެން ދިޔުމަށް އިޝާރާތް ކުރިއެވެ. އެއްވެސް އެއްޗެއް ނުބުނެ އާޒިމްވެސް އެތަނުން ނުކުމެގެން ދިޔައީއެވެ. ހަގީގަތުގައިވެސް އާޒިމް ޒާހިރުދެކެ ވަރަށް ރުޅި އަތުވެއްޖެއެވެ. ނަމަވެސް އެއްޗެއް ބުނަން ބޭނުން ނުވަނީ ނީނާއާއި ދޭތެރޭ ވިސްނާފައެވެ. ނީނާ އާޒިމް ދެކެ ރުޅި އަންނަފަދަ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެން ނޫންނަމަ ޒާހިރުއަށް އޭނާގެ ހުރިވަރު ދައްކާލިހެވެ. އާޒިމަކީ އާދައިގެ މީހެއްނޫން ކަމެވެ. އާޒިމް ހަމަހިމޭނުން އެއްޗެއް ނުބުނެ ހުންނަނީއެވެ. ރުޅިއަށް ވުރެއް ބުއްދި އިސްކުރުން މުހިއްމުވާނެތީއެވެ. ހަމަގައިމުވެސް އާޒިމް ނީނާއަށް ލޯބި ހުށައަޅާނެއެވެ. އަދި ޒާހިރުއާއި ނީނާ ކައިވެނިކުރަން އުޅޭ ސަބަބުވެސް އޮޅުން ފިލުވާނެއެވެ. އަދި ނީނާގެ ހިތުގައި އާޒިމާއި ދޭތެރޭގައި އޮތީ ކޯޗެއްކަންވެސް އާޒިމް ހޯދާނެއެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ. އިރުގެ އަލި ދޯދިތައް މޫދަށް އެޅުމުން ރީތި ބެބުޅުމެއް ފެނެއެވެ. މާ ދުރުނޫން ހިސާބުގައި ޅަފުރައިގެ ކުދިން މޫދަށް އެރި މަޖާ ނަގަނީއެވެ. އިއްބެއާއި އާޒިމް އިނީ އަތިރިމަތީގައި ހުރި ޖޯލިފަތިގައި އިށީންދެލައިގެންނެވެ. ދެމީހުންގެ މަޝްވަރާ ކުރަމުން ދިޔައީ އިއްބެގެ ކައިވެނީގެ ކަންތަކުގައެވެ. ފާތުންގެ މައިންބަފައިން ބޭނުންވަނީ އެރަށުގައި ކައިވެނި ކުރާށެވެ. އަދި ކައިވެނި ކޮށްގެން އެރަށުގައި ދިރިއުޅޭށެވެ. އެހެންނަމަވެސް އިއްބެ ބޭނުންވަނީ ފާތުން ގޮވައިގެން މާލެ ދާށެވެ،ސަބަބަކީ އިއްބެ ވަޒީފާ އަދާކުރަމުންދަނީ މާލޭގައި ކަމަށްވާތީއެވެ. މިކަމާމެދު ފާތުންގެ މައިންބަފައިން ރުއްސާނެ ގޮތަކާމެދު ވާހަކަދައްކަން ތިއްބެވެ. އިރުކޮޅަކުން އާޒިމްގެ ފޯނު ރިންގުވާން ފެށިއެވެ. އާޒިމް ފޯނުނަގާ ކަންފަތުގައި ޖަހާލާފައި ހަލޯއޭ ބުނެލީ ޖޯލީން ތެދުވަމުންނެވެ. ހަމަ އެ ސިކުންތުގައި އާޒިމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އާޒިމްގެ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ، އަދި އަތުގައި އޮތް ފޯނު ވެއްޓުނީ ބޭ އިޚްތިޔާރުގައެވެ.

ނުނިމޭ)


(މިވާހަކައަކީ ހަފްތާއަކު އެޕިސޯޑެއް ނެރޭގޮތަށް ޝާއިޢު ކުރެވޭ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ